22 Jan 2018

އެއްފަހަރާ ބަރުދަން ލުއިކޮށްލުމުން ލިބޭ ގެއްލުންތައް

އެއްފަހަރާ ބަރުދަން ލުއިކޮށްލުމުން ލިބޭ ގެއްލުންތައް

By: Asiya Abdul Raheem (Dietician)

ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށްޓަކައި ކެއުން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާލި ބަދަލު ކުރަން ކުރާ މަސައްކަތަކީ ވަރަށް މިންނެތް އަދި ވަރަށް އަޒުމާ އެކު ކުރެވޭ މަސައްކަތެކެވެ. އިސްކޮޅާ އެކަށީގެންވާވަރަށް ވުރެ ބަރުކޮށް ހުރުމަކީ ގައިންގަޔަށް ނާރާ ބަލިތަކުން ދިފާއުވެ ހުރުމަށް ޓަކަައި ވެސް ކުރަން ޖެހޭ ކަމެކެވެ.

ދުޅަހެޔޮ ބަރުދަނަކަށް ބަރުދަން ލުއިކޮށްލުމުގައި ބޭރުގެ ބޮޑެތި ގައިޑްލައިންތަކުގައި ވަނީ މީހާ ކިތަންމެ ބަރުކޮށް ހުރިކަމުގައި ވިޔަސް ބަރުދަން ލުއިކުރަން ވާނީ ވަކި ހައްދެއްގެ މަތިންކަމަށެވެ. އެމެރިކާގެ އެކަޑަމީ އޮފް ނިޔުޓްރިޝަން އެންޑް ޑައިޓަޓިކްސް އަދި އެމެރިކާގެ ނެޝަނަލް ހާޓް، ލަންގް އެންޑް ބްލަޑް އިންސްޓިޓިޔުޓް، އަދި ޑައިޓަޓިކްސް އެންޑް ނިޔުޓްރިޝަން ތެރަޕީ ޕްރޮގްރާމްތަކުގައި ބުނެދީފައި ވަނީ ކެއުންބުއިމާއި ކަސްރަތު އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ހެޔޮ ބަދަލާ އެކު ވެސް ބަރުދަން ލުއި ކުރަންވާނީ ހަ މަސްދުވަހުގެ މުއްދަތަކަށް ބަހާލައިގެން އެންމެ ގިނަވެގެން ވެސް ފަށާ ބަރުދަނުގެ 10 ޕަސަންޓް ކަމަށެވެ. އެއީ ސަތޭކަ ކިލޯއިން ފަށާ މީހެއް ނަމަ 90 ކިލޯއަށް ތިރިކޮށްލުމެވެ. އަދި އެއާ އެކު ދެން ބުނެދީފައިވާ ގޮތުން ހަފްތާއެއްގެ ތެރޭ ލުއިކޮށްލަންވާނީ އެންމެ ގިނަވެގެން ވެސް ކިލޯއެއް ކަމެވެ. މަހެއްގެ ތެރޭ 4 ކިލޯއަށްވުރެ ބޮޑަށް ލުއިކޮށްލުމަކީ (ކެއުން ބުއިމާއި ކަސްރަތާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ވިޔަސް) ސިއްހީ ގޮތުން ވަރަށް ގިނަ ގެއްލުންތަކެއް ކުރިމަތި ވެދާނެ ކަމެކެވެ. އެގޮތުން އެއްފަހަރާ މާ ބޮޑަށް ލުރިކޮށްލުމުން ލިބިދާނެ ބައެއް ގެއްލުންތައް ތަފްސީލު ކޮށްލާނަމެވެ.

ފިތުގައި ހިލަ އުފެދުން

ހަށިގަނޑުން ސަރުބީ ވިރޭ އިރު ބައެއް ސަރުބީ އަނދައިގެން ނޭވާ ބޭރުކުރާއިރު ނޭވަޔާ އެކު ބޭރުވެގެން ދެއެވެ. ނަމަވެސް އެއްފަހަރާ މާ ގިނަ ސަރުބީ އަނދާނަމަ ކިތަންމެ ބާރު ބާރަށް ނޭވާ ލިޔަސް މި ސަރުބީ ނޭވަޔާއެކު ބޭރެއް ނުވާނެއެވެ. އެއްފަހަރާ މާ ގިނަ ސަރުބީ އަނދާނަމަ އެ ސަރުބީތައް ލައިޕޮ ޕްރޮޓީން ކިޔާ ލޭގެ ސަރުބީއަކަށް ބަދަލުވެ ލޭ ހޮޅިތަކުން ލާފައި ގޮސް ޖަމާވާނީ ފިތް (ގޯލްބްލެޑާ) އަށެވެ.

ގޯލްބްލެޑާއަކީ ހަށިގަނޑުން ސަރުބީ ބޭރުކުރާ އެއް ގުނަވަނެވެ. ގޯލް ބްލެޑާއިން ސަރުބީ ބޭރުކުރަނީ ބައިލް ކިޔާ ނުވަތަ ދިވެހިން ކިޔާ އުޅޭ ފިތުގެ ފެހިކުލައިގައި ހުންނަ ދިޔައިގެ ގޮތުގައި ކާތަކެއްޗާ އެކުވެ ގޮހޮރުތެރެއިން ބޮޑުކަމުދާ އެއްޗެތީގަ އެވެ. ބައިލްއަކީ ސަރުބީ ހިމެނޭ ކާނާ ހަޖަމުކުރުގައި އެހީވެދޭ އެއްޗެކެވެ. ކެއުން މާބޮޑަށް މަދުކޮށްލައިފިނަމަ ހަށިގަނޑުން ބައިލް ބޭރުވާ މިންވަރު މަދުވާނެއެވެ. އަދި ކެއުން މަދު ކުރުމާއި އެކު ހަށިގަނޑުން އެއްފަހަރާ މާބޮޑަށް ސަރުބީ ވިރޭނަމަ ވަރަށް ގިނަ މިންވަރަކަށް ކޮލެސްޓްރޯލް ފިތުގެ ތެރެއަށް ޖަމާވާނެއެވެ. މި ކޮލެސްޓްރޯލްތައް ހަށިގަނޑުން ބޭރު ނުކުރެވުމުން ދެން ބަދަލުވާނީ ކޮލެސްޓްރޯލް ކްރިސްޓަލްސް ނުވަތަ ކޮލެސްޓްރޯލް ހިލަޔަށެވެ. މިގޮތަށް ފިތުގައި މާގިނައިން ހިލަ އުފެދިއްޖެނަމަ އޮޕަރޭޝަން ކޮށްގެން ނަގަންޖެހޭފަހަރުވެސް އާދެއެވެ.

ކުރީގެ ބަރުދަނަށް އަލުން އިޔާދަވުން

ކުއްލިއަކަށް ބަރުދަން ލުއިކޮށްލެވޭނީ އެބަޔަކު ކެއުމަށް އާއްމުކޮށް ގެންގުޅޭ އުސޫލުތަކާ ވަރަށް ބޮޑަށް ދުރުވެގެންނެވެ. އަޅުގަނޑާ ދިމާވާ ބައެއް ކްލަޔަންޓުންގެ މެންދުރު ކެއުމަކަށް އެހެން އެއްވެސް އެއްޗެއް ނުކައި ކިޔުކަމްބާ ނުވަތަ ބޯވެލި ފަތުގެ ޖޫސްތައްޓެއް ހަދާލައިގެން ބޭނުން ކޮށްފާނެއެވެ. ނުވަތަ އަގުބޮޑުކޮށް ތަފާތު ބާވަތްތަކުގެ ކާތަކެތި ގަނެލައިގެން ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް މިކަންކަމަކީ ދިގު މުއްދަތަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެން އާންމު މީހަކަށް ލިބޭ މުސާރައިން ކުރަންޖެހޭ އެހެން ޚަރަދުތަކަށް ނުކަތާވަރަށް ޑައިޓް ސާމާނު ގަންނަން ވެއްޖެޔާ ދިގު މުއްދަތަކަށް މިކަމެއް ނުކުރެވޭނެއެވެ. ބަރުދަން ލުއިކުރަންވާނީ އެ މީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން ކެއުމަށް ބޭނުންވާ މާއްދާތައް ވެސް ހަމަކޮށްގެނެވެ. އެހެންނޫނީ ކުރިން ހުރި ބަރުދަނަށް އަނެއްކާ އިޔާދަ ވާނީއެވެ.

ހިތުގެ މަސްތައް ތުނިވެ ހިތުގެ ބައްޔަށް މަގުފަހިވުން

ކުއްލިއަކަށް ބަރުދަން ލުއިކޮށްލާއިރު އަނދައިގެން ދާނީ ހަމައެކަނި ސަރުބީއެއް ނޫނެވެ. ހިތްފަދަ މުހިއްމު ގުނަވަންތަކުގައި ހުންނަ ލީން މަސްލްސް ނުވަތަ ހަރުމަސް ވެސް އަނދައިގެން ދާނެއެވެ. މަހެއްގެ ތެރޭ ނުވަތަ ހަފްތާއެއް ތެރޭ ކުއްލިއަކަށް ބަރުދަން ލުއިކޮށްލާއިރު މިގޮތަށް ހިތްފަދަ މުހިންމު ގުނަވަންތަކުގެ މަސްފަށަލަ ތުނިވުމުގެ ސަބަބުން ހިތުން ހަށިގަނޑަށް ލޭ ފޮނުވާލަންޖެހޭ ބާރު މިނުގައި ލޭފޮނުވުމަށް އުޒުރުވެރިވެއެވެ. އަދި ހިތުގެ މަސްފަށަލަ ތުނިވުމުގެ ސަބަބުން ކާޑިޔޯމަޔޯޕަތީ ފަދަ ކަންކަން މެދުވެރިވެއެވެ. މިހެން ބޮޑަށް ދިމާވަނީ ކާންވާ މިންވަރަށް ނުކެވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ނެތުމުގެ ސަބަބުން އަދި ބަރުދަން ލުއިކުރަން ތަފާތު ބޭސްބޭހާއި ސަޕްލިމެންޓް ބޭނުން ކުރާ މީހުނަށެވެ.

މަލްޓި ނިޔުޓްރިއަންޓް ޑެފިޝަންސީއަށް ދިޔުން

ބަރުދަން ލުއިކުރަން ބައެއް މީހުންގެ ކެއުން މަދުކޮށްލަން ޖެހެއެވެ. އެކަމު އެއީ އާންމުކޮށް ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކެވޭ ނަމަ އެވެ. އަޅުގަނޑުމެން ދިވެހިންގެ ގިނަބައެއްގެ ބަރުދަން އިތުރުވަނީ އިތުރަށް ކެވިގެނެއް ނޫނެވެ. ކެއުމުގައި ބަހައްޓަންޖެހޭ ނިޔުޓްރިޝަނަލް ބެލެންސް ނެތުމާ އެކު ފޮނިކާތަކެތި މާ ގިނައިން ބޭނުން ކުރެވުމާއި، ކާންވާ މިންވަރަށް ނުކެވުމާއި ހަރަކާތްތެރި ވާންޖެހޭ މިންވަރަށް ހަރަކާތްތެރި ނުވެވުމުގެ ސަބަބުންނެވެ. މިފަދަ ހާލަތްތަކުގައި ކެއުން މާ ބޮޑަށް ދަށްކޮށްލީމަ ވާނީ ގޯހެވެ. ޚާއްސަކޮށް ކެއުމުގައި ހިމަނަން ޖެހޭ ބާވަތެއް އެއްކޮށް އުނިކޮށްގެން ކުރާ ޑައިޓަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް އުނިވެގެންގޮސް މީހާއަށް ގެއްލުން ވެދާނެ ފަދަ ޑައިޓްތަކެވެ. އަޅުގަނޑުމެނަށް ބައެއްފަހަރަށް ބޭނުން ކުރެވޭ ޑައިޓްތަކުގައި ގޮވާމުގެ ބައި އެއްކޮށް އުނިކޮށްލާއިރު ގޮވާމަކީ ބީ ވިޓަމިންގެ ތަޔަމިން ފަދަ ބައެއް ވިޓަމިންތައް އެންމެ ގިނައިން ލިއްބައިދޭ ބާވަތްތަކެވެ. އަދި މިއީ ކޮންމެ ދުވަހަކުހެން ކެއުމުގައި ހިމަނަން ޖެހޭ ބާވަތްތަކެވެ. މި ނޫނަސް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބޭގޮތަށް ކެއުން އުނިކޮށްގެން ކުރާ ޑައިޓްގެ ސަބަބުން މަލްޓިނިޔުޓްރިއަންޓް ޑެފިޝަންސީ (ހަށިގަނޑަށް ބޭނުންވާ މާއްދާތައް އުނިވެބަލިވުން) ގެ ސަބަބުން ވަރުބަލިވުން، ބޯ އެނބުރުން، ބޮލުން އިސްތަށި ފޭބުން، އަނގައިންނާއި ދުލުން ހަނފޮޅުން، ގޮހޮރުގެ މައްސަލަޖެހުން، އަދި ލޭ މަދުވުން ފަދަ ކަންކަމާ ކުރިމަތި ވެދާނެއެވެ.

މި ލިޔުމުގައި މި ބަލައިލީ އެއްފަހާ މާ ބޮޑަށް ބަރުދަން ލުއިކުރުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސަބަބުތަކަށެވެ. މި ނޫނަސް ލިބޭނެ އެތައް ގެއްލުންތަކެއް ހުރުމާ އެކު އެއްފަހަރާ މާ ބޮޑަށް ބަރުދަން ލުއި ނުކުރުމަށް އަޅުގަނޑު ގޮވާލަމެވެ.

މި ލިޔުމުގައި މައުލޫމާތު ހޯދީ އެމެރިކަން އެކަޑަމީ އޮފް ނިޔުޓްރިޝަން އެންޑް ޑައިޓަޓިކްސްގެ އެޑަލްޓް ވެއިޓް މެނޭޖްމަންޓް ގައިޑްލައިންގެ އިތުރުން އެމެރިކަން ނެޝަނަލް ހާޓް ލަންގް އެންޑް ބްލަޑް އިންސްޓިޓިއުޓްގެ އޮންލައިން ރިކޮމެންޑޭޝަންސް، ހިތުގެ ޑޮކްޓަރެއްގެ މަޝްވަރާ އަދި ފިޒިކަލް ޓްރޭނިން އިންސްޓްރަކްޓަރުންގެ އިތުރުން އަޅުގަނޑުގެ ކްލަޔަންޓުން ދެއްވި މައުލޫމާތުގެ އެހީގައެވެ. މި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.

ސިއްހަތު ފައިދާހުރި ކާނާ ޑައެޓް ކާނާ ބަރުދަން ލުއިކުރުން

Popular