10 Feb 2018

ދިވެހި ފިރިހެނުންގެ ބަރުދަން އިތުރުވާ ސަބަބުތައް

ދިވެހި ފިރިހެނުންގެ ބަރުދަން އިތުރުވާ ސަބަބުތައް

By: Asiya Abdul Raheem (Dietician)

ހަށިގަނޑުގެ ބަރުދަން އިތުރުވާން ދިމާވެދާނެ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. ހަމަ އެހެންމެ ބަރުދަން ލުއިކޮށްލަން އުނދަގޫ ވެދާނެ އެތައް ސަބަބުތަކެއް ވެސް ހުރެއެވެ. މި ހުރިހާ ސަބަބުތަކެއްގެ ތެރެއިން އަޅުގަނޑާ ދިމާވާ ދިވެހި ފިރިހެން ކްލަޔަންޓުންގެ ބަރުދަން އިތުރުވާން ދިމާވާ ސަބަބުތަކާއި އެކަމަށް ގޭތެރޭގައި ކުރެވިދާނެ ފަރުވާ ލިޔެލާނަމެވެ.

ތެޔޮ ހެދިކާ

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ދިވެހި ފިރިހެނުންނަކީ ރަޙްމަތްތެރިކަމުގެ ގުޅުން ވަރަށް ބަރާބަރަށް ދަމަހައްޓާ ބައެކެވެ. ރަޙްމަތްތެރިންނާ އެކު ކޮފީއަކަށް އަރާނުލާ ދުވަހެއް ސަޔަކަށް ނުދާ ދުވަހެއް މަދު އެތައް ފިރިހެނުންނެއް އުޅެއެވެ. މިހެން ރެސްޓޯރެންޓް ނުވަތަ ހޮޓާ ފަދަ ތަންތަނަށް ކޮފީ އަށް އަރާލާ ވަގުތުތަކުގައި ގިނަ ފަހަރަށް ހަމައެކަނި ކޮފީއަކުން ނިންމައެއް ނުލެވެއެވެ. ހާއްސަކޮށް ކޮފީ އަށް އަރާ ވަގުތަކީ ހަވީރުގެ ވަގުތަކާ ދިމާވެއްޖެ ނަމަ ތާޒާ ހެދިކާގެ އަވައިގައި ޖެހި ހެދިކާ ކާލެވޭއިރު އެއްފަހަރާ ދެ ހެދިކާއަކުން ނުވެސް ފުދެއެވެ. ހަތަރެއް ފަހެއްވަރު ނުވަތަ އެއަށް ވުރެ ވެސް ގިނައިން ކާލެވޭތަން އާދެއެވެ. ހެދިކާއަކީ އޭގައި ވަރަށް ހަކަތަ ގިނަ، ހަށިގަނޑަށް ފައިދާ ހުރި މާއްދާ މަދު އެއްޗަކަށް ވާތީ މިހެން މާ ގިނަގިނައިން ހެދިކާ ވާ ނަމަ ބަރުދަން އިތުރުވާނެ އެވެ.

ހެދިކާ ނުހުންނަ ގަޑިއެއް ނަމަ ދެން ކާލެވޭނީ ޕޭސްޓްރީ ކެބިނެޓުން ކޮންމެވެސް ބާވަތެއްގެ ޕޭސްޓްރީއެކެވެ. އަޅުގަނޑަށް ފެންނަ ގިނަ ޕޭސްޓްރީ ޝޮޕްތަކުގައި ހުންނަ ޕޭސްޓްރީއަކީ އެ ތައްޔާރު ކުރުމުގައި ވަރަށް ބައިވަރު ބަޓަރު ނުވަތަ މާޖެރިން ނުވަތަ އެހެން ކޮންމެވެސް ބާވަތެއްގެ ތެލެއް ނުވަތަ ހަކުރު ގިނަ ޕޭސްޓްރީތަކެކެވެ. އެއިން ޕޭސްޓްރީއެއް ކާލެވިއްޖެ ނަމަ ބޮޑު ބަތްތައްޓެއް ކާލުމަށްވުރެ ހަށިގަނޑަށް އެތެރެވާ ހަކަތަ ގިނަވާނެ އެވެ.

ރައްޓެހިންނާ އެކު ކޮފީއަށް އަރާލުން އަޅުގަނޑު ދެކޭގޮތުގައި ހަމަ ވަރަށް ރަނގަޅެވެ. ޚާއްސަކޮށް އަނބިމީހާ ގޮވައިގެން ކޮފީއަށް ދިޔުން އެއީ އަޅުގަނޑު ވަރަށް ސަޕޯޓް ކުރާ ކަމެކެވެ. އެކަމު މިހެން ކޮފީއަށް އަރާލާ ވަގުތު ހެދިކާ މަދުކޮށްލުން، ނުވަތަ ހެދިކާއާ ނުލާ ހަމައެކަނި ކޮފީއެއް ބޯލުން ރަނގަޅެވެ. އޭރުން ހަށިގަނޑަށް އިތުރު ހަކަތަ އެތެރެ ނުކޮށް ގުޅުން ބަދަހިކޮށްލެވެނެ އެވެ.

އެއްފަހަރާ މާ ގިނައިން ކެއުން

ދެން އެންމެ ގިނަ ފިރިހެނުން ބަރުދަން އިތުރުވާން ދިމާވާ ސަބަބެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ އެއްފަހަރާ މާ ގިނައިން ކެއުމެވެ. ބައެއް ފިރިހެނުން ބުނާ ގޮތުގައި އެއްފަހަރާ މާ ގިނައިން ކެވެނީ ގޭގައި އަންހެނުން ނުވަތަ މަންމަ ކައްކާލާފައި ހުންނަލެއް މީރުކަމުންނެވެ. ނުވަތަ ފުލުހުން ނުވަތަ ސިފައިން ފަދަ ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކު ބުފޭއިން ކާލެވެން އޮންނާތީ އެއްފަހަރާ ހުރިހާ ކާތަކެތި ފެނުނީމާ ހުރިހާ އެއްޗަކުން ރަހަ ބަލައިލުމުގެ ގޮތުން މާ ގިނައިން ކާލެވެނީ ކަމަށެވެ. ނޫނީ ރައްޓެހިންނާ އެކު ކެއުމަކަށް ގޮސްފައި ގެއަށް ވަންނަ ގަޑީގައި އަންހެނުން ކައްކާފައި ހުއްޓާ އަންހެނުން ދެރަވެދާނެތީ ނުވަތަ ރައްޓެހިންނާ އެކު ބޭރަށް ގޮސް ކޭކަން އެނގި އަންހެނުން ދެރަ ވެދާނެތީ ދެވަނަ ފަހަރަށް ގެއިން ވެސް ކާލެވެނީ ކަމެވެ.

މިކަން ރަނގަޅު ކުރުމަށް އަންހެންވެރިންނަށް ކުރެވިދާނެ ކަމަކީ ގޭގައި ކައްކާއިރު ބޭނުންވާ ވަރަށް ވުރެ އިތުރު ނުވާ ވަރަށް ކެއްކުމެވެ. ފިރިމީހާ ދެކެ ކިތަންމެ ލޯބި ވިޔަސް އިތުރަށް ކާންދީގެން ބަރުދަން އިތުރުވެ ލޯބިވާ ފިރިމީހާ އިތުރު ބަލިތަކަކަށް ހުށަހެޅުމުން ދެރަވާނީ ވެސް ހަމަ އަނބީނެވެ.

ގޭގައި ކައްކާއިރު މަދުން ކައްކާ ދުޅަހެޔޮކޮށް ފިރިމީހާ ބެހެއްޓުމަށް ބޭނުންވާ ކަހަލަ ގޮތަކަށް ކައްކައި ކާންދިނުން މުހިއްމެވެ. ދެން ކުރެވިދާނެ އަނެއް ކަމަކީ ފިރިމީހާ ގާތު ކޮންމެވެސް ވަރަކަށް ޝެޑިޔުލް އަހާލުމެވެ. ރައްޓެހިންނާ އެކު ބޭރުން ކާނަމޭ ބުނާ ދުވަހަކު ގޭގައި ކައްކާނީ ފިރިމީހާ އާ ނުލައެވެ. ނޫނީ ގެއަށް އައީމާ ގަދަކަމުން ކާން ދޭން ނޫޅޭނީ އެވެ. ނުވަތަ ކޮންމެހެން ވެސް ފިރިމީހާއާ އެކު ބައިވެރިވެލައިގެން އެއްޗެއް ކާލާ ހިތް އޮތިއްޔާ ހަކަތަ މަދު، ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ގިނަ ކާ އެއްޗެއް ތައްޔާރުކޮށްލައިގެން ހުންނާނީ އެވެ. އެގޮތުން ތައްޔާރު ކޮށްލެވިދާނެ ހަކަތަ މަދު، ހަށިގަނޑަށް ފައިދާ ހުރި ތަކެތީގެ ތެރޭގައި ފްރުޓް ސެލެޑް ފަދަ ތަކެއްޗަކީ ގިނަ ބަޔަކަށް އަނގައަށް ވެސް މީރު ތަކެއްޗެވެ.

ފިރިމީހާއަށް ކުރެވިދާނެ ކަމަކީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކާން ނުދިނުމަށް ރީތިކޮށް ލޯބިން އަނބި މީހާ އަށް ވިސްނައިދޭނީ އެވެ. ކިތަންމެ މީރުކޮށް ކައްކައިފައި ހުއްޓަސް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ނުކާށެވެ. މަދުން ކެއީ ކާތަކެތި ނުބައިކަމުން ނޫންކަން، އެކަމަކު ސިއްހަތަށް ވިސްނާތީކަން ބުނެދޭށެވެ. ނޫނީ ބޭރަށް ގޮސް ރައްޓެހިންނާ އެކު ކާ ފަހަރަކު އަނބިމީހާ ގާތު ގެއިން ނުކާނެކަން ކުރީބައިގައި އަނގާލާށެވެ. ނޫނީ ބޭރަށް ދާ ފަހަރަކުތަކުގައި އަނބިމީހާ ވެސް ގޮވައިގެން ދާށެވެ. އޭރުން އެކަކު އަނެކުގެ ރައްޓެހިންނަށް ވެސް ތައާރަފް ވެލެވޭނެ އެވެ.

ހަރަކާތްތެރިވެވޭލެއް މަދުވުން

އަޅުގަނޑާ ދިމާވާ ވަރަށް ގިނަ ފިރިހެން ކްލަޔަންޓުން އަނބީމީހާ ދެކެ ލޯބިން އަނބި މީހާ ދުޅަހެޔޮ ސިއްހަތުގައި ބެހެއްޓުމަށް ކަސްރަތު ކްލާސްތަކަށް ފޮނުވައި، ޖިމަށް ފޮނުވާ، ދުވަން ފޮނުވައި، އަޅުގަނޑު ކައިރިއަށް ކާންވީ ތަކެތީ އަހަން ގެނެސް ވަރަށް ހިތްވަރުކޮށްދެއެވެ. އެކަމު އަމިއްލަ ނަފްސުގެ މަތިން ހަނދާން ނައްތާލަނީ އެވެ. އަނބިން ދުޅަހެޔޮކޮށް ހުރުމަށް ފިރިން ބޭނުން ފަދައިން ފިރިމީހާ ދުޅަހެޔޮކޮށް ހުރުމަށް އަނބިން ވެސް ބޭނުންވާނެ އެވެ.

ކަސްރަތު ކްލާހަށް އަނބިމީހާ ފޮނުވާހެން ދެމަފިރިން އެކުގައި ދިޔުން އިހުތިޔާރު ކޮށްލާށެވެ. ޖިމަށް ނުވަތަ ދުވަން ދިޔަޔަސް އެކުގައި ދިޔުމުން ދެމަފިރިންނަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވާނެ އެވެ. އޮފީހުގައި ބުރަކޮށް އުޅޭ ނަމަ ހާއްސަކޮށް ގިނައިރު އިށީންދެ އިނދެގެން މަސައްކަތް ކުރަން ޖެހޭ ނަމަ ދޭތެރެ ދޭތެރެއިން ކޮޅަށް ތެދުވެ ހިނގާލާ ހެދުމުން އުނަގަނޑުގައި ސަރުބީ ޖަހާލެއް ކުޑަވާނެއެވެ. ގެއިން ބޭރަށް ދާ ކޮންމެ ފަހަރަކީ ސައިކަލުގައި ނުވަތަ ކާރުގައި ނިކުންނަ ފަހަރަށް ހެދުމުގެ ބަދަލުގައި ބައިސްކަލް ނުވަފަ ފައިމަގު އިޚްތިޔާރު ކޮށްލުމުން ހަކަތަ އަނދާވަރު އިތުރުވެ މީހާގެ ސިއްހަތު ރަނގަޅުވާނެ އެވެ.

މި ލިޔުމުގައި މި ބަލައިލީ ބަރުދަން އިތުރުވާން ދިމާވާ ސަބަބުތަކެއް ކަމުގައި އެމެރިކަން އެކަޑަމީ އޮފް ނިޔުޓްރިޝަން އެންޑް ޑައިޓަޓިކްސްގެ ގައިޑްލައިންގައި ބަޔާން ކޮށްފައިވާ ސަބަބުތައް ތެރެއިން އަޅުގަނޑަށް ދިމާވާ ދިވެހި ފިރިހެން ކްލަޔަންޓުން ކިބައިން ފެންނަ ސަބަބުތަކަށެވެ. މި ނޫން އެހެން ސަބަބުތައް ވެސް ބައެއް މީހުންގެ ބަރުދަން އިތުރުވާން ދިމާވެދާނެއެވެ.

Popular