18 Feb 2018

ގެރިކިރު: އެހާ ރަނގަޅެއް ނޫން!

By: Asiya Abdul Raheem (Dietician)

ގެރިކިރަކީ 1980 ގެ އަހަރުތަކުގައި ދިވެހިންނަށް ތައާރަފްވެފައިވާ އެއްޗެކެވެ. އަޅުގަނޑުމެން ގެރިކިރޭ މިކިޔާ އެއްޗަކީ ފުރަތަމަ ކޮންޑެންސްޑް މިލްކްގެ ގޮތުގައި ރާއްޖެ އެތެރެ ކުރި އެއްޗެކެވެ. މިހާރު ވެސް ބައެއް ދަޅުދަޅުގެ ބޭރުގައި ކޮންޑެންސްޑް މިލްކް ޖަހާފައި ހުރި ނަމަވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފުޑް ކްލެސިފިކޭޝަންގައިވާ ގޮތުން އަޅުގަނޑުމެން މިހާރު ބޭނުންކޮށް މިއުޅޭ ގެރިކިރަކީ ފިލްޑް މިލްކެވެ.

ގެރީގެ ދިޔާ ކިރު ކައްކައި އޮލަކުރަމުން ގޮސް ކިރުގައި އެކުލެވޭ ފެނުގެ 60 ޕަސެންޓުން އާތްވަށް ހެދީމަ އެއަށް ކިޔަނީ އިވަޕޮރޭޓަޑް ކިރެވެ. މި ބާވަތް ވެސް ރާއްޖޭގެ ގިނަ ފިހާރަތަކެއްގެ ހަރުތަކުންް ފެންނަން ހުރެއެވެ. މިހެން އޮލަ ކުރުމަށްފަހު އެއަށް ކޮންމެ ކިރު ޖޯޑަކަށް ވާވަރަށް ހަކުރު ޖޯޑެއް އަޅާ ކައްކައިގެން ފޮނިރަހަ ޖެއްސުވީމަ ކިޔަނީ ކޮންޑެސްޑް މިލްކެވެ. މިހާރަކަށް އައިސް ގިނަ ފެކްޓްރީތަކުގައި ހަދާ ގޮތަކީ ކިރު އޮލަކުރުމުގެ ކުރިން އޭގައި ހުންނަ ސަރުބީގެ ބައި ވަކިކޮށް އެއަށް ޕާމް އޮއިލް (ކާށި ތެޔޮ ފަދަ ބާވަތެއް) އަޅަނީ އެވެ. އެޅުމަށްފަހު ހަމަ ކޮންޑެންސްޑް މިލްކް ތައްޔާރު ކުރާ ބީދައިން ހަކުރު އަޅައި ފޮނި ކުރަނީ އެވެ. މިއަށް ކިޔަނީ ފިލްޑް މިލްކެވެ. އަޅުގަނޑުމެން ގެރިކިރުގެ ނަމުގައި ގަންނަ ދަޅުދަޅުގެ އިންގްރީޑިއަންޓް ލިސްޓަށް ނަޒަރު ހިންގާލައިފި ނަމަ އެންމެ ކުރީގައި ހުންނާނީ ހަކުރެވެ. ދެން މިލްކް ސޮލިޑެވެ. ދެން ޕާމް ނުވަތަ ވެޖިޓަބަލް ތެލެވެ.

ކޮންޑެންސްޑް ނުވަތަ ފިލްޑް މިލްކަކީ ކާބޯތަކެތީގެ ރަހަ މީރުކޮށްލަދޭ މީރު ފޮނި އެއްޗެކެވެ. ސޫޖީ، ޕިރިނީ، ޕުޑިން ފަދަ ތަކެއްޗަށް ފުރިހަމަކަން ގެނެސްދެއެވެ. ނަމަވެސް ސިއްހީގޮތުން އެހާ ރަނގަޅެއް ނޫނެވެ.

ގެރިކިރުގައި އެންމެ ގިނައިން އެެކުލެވެނީ ހަކުރު ކަމުން ހަކުރު މައްޗަށް ދާ މީހަކު މި ބޭނުން ކޮށްފިނަމަ ހަކުރު މަތިވުން އެކަށީގެންވެއެވެ. އަދި ލޭގައި ޓްރައިގްލައިސަރައިޑް އޭ ކިޔާ ކޮލެސްޓްރޯލާއި އެލްޑީއެލް އޭ ކިޔާ ކޮލެސްޓްރޯލް ވެސް މަތިވުން ގާތެވެ. މި ދެ ބާވަތަކީ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލެވެ. ހަފްތާއަކު އެއްދުވަހު ނުވަތަ އެއަށްވުރެ މަދުން ބޭނުންކޮށްލުން އޯކޭ ވިޔަސް ކޮންމެ ދުވަހަކު ބޭނުންކުރާ ނަމަ ބަރުދަން ވެސް އިތުރުވެދާނެ އެވެ.

ނަމަވެސް މިހާ މީރު އެއްޗެއްގެ ބަދަލުގައި ރަހައަށް ބަދަލެއް ނުގެނެސް ޕުޑިންނެއް ނުވަތަ ރޯސް ސިރަޕް ތައްޓެއް ނުވަތަ ޕިރިނީއެއް ތައްޔާރު ކޮށްލާނެ ގޮތެއް ވެސް ހޯދަން ރަނގަޅު އެއަށްވުރެ ސިއްހީގޮތުން ރަނގަޅު އެއްޗެއް ވެސް ހޯދުން ރަނގަޅެވެ. އަޅުގަނޑު ކުރީ ދުވަހަކު ލިޔެފައިވާ ފަދައިން އިވެޕޮރޭޓަޑް ކިރު ވެސް ލިބެން ހުރެއެވެ. ގެރިކިރުގެ ބަދަލުގައި އިވެޕޮރޭޓަޑް ކިރު ބޭނުންކޮށް، ކޮންމެހެން އަޅަން ޖެހިއްޖެނަމަ ހަކުރުކޮޅެއް އެޅުން މާ ރަނގަޅެވެ. ހަކުރު އަޅާ ނަމަ ހަކުރު ބޭނުން ކުރެވޭ މިންވަރު އަމިއްލަ އަށް އިހުސާސް ކުރެވި ހަކުރު މަދުކުރަން ހިތްވަރަކަށް ވާނެއެވެ. މައުލޫމާތު ހޯދީ އެމެރިކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބް ސައިޓުން

ކިރު

Popular