22 Feb 2018

ދުނިޔޭގެ ރެކޯޑް ފޮތުގައި ދިވެއްސެއް

ދުނިޔޭގެ ރެކޯޑް ފޮތުގައި ދިވެއްސެއް

By: Aishath Mihna Nasih

ދިވެހިރާއްޖެއަށް އޮންނަ ޔަގީން ރެކޯޑަކީ އެންމެ ގިނައިން ވަރިކުރުމެވެ. އެކަމަކު މި ނޫނަސް އެހެން ބައެއް ރެކޯޑްތައް ރާއްޖެއަށް އެބަހުއްޓެވެ. ރެކޯޑް ހަދަން އެއްބަޔަކު އާދަޔާ ޚިލާފް ކަންތައްތައް ކުރާއިރު އަނެއް ބަޔަކަށް ރެކޯޑް ހެދެނީ ގުދުރަތީ ގޮތުން ލިބިފައިވާ ހާއްސަ ކަމަކުން ނުވަތަ ސިފަޔަކުންނެވެ. މިއީ މިފަދަ ރިކޯޑެއް އޮތް ދިވެއްސެއްގެ ވާހަކަ އެވެ. ރެކޯޑް ވެސް އާދަޔާ ޚިލާފެވެ. މިއީ އެންމެ ދިގު "މިލްކް ޓޫތު" ގެ ރެކޯޑެވެ. މި ރެކޯޑް އޮތީ ދިވެހި ޒުވާނެއް ކަމަށްވާ އަހްމަދު އަފްރާހު އިސްމާއީލަށެވެ.

މި ރިކޯޑް ރަސްމީކޮށް އަފްރާހަށް ލިބުނީ އޭނާގެ އުމުރުން 17 އަހަރުގައެވެ. އޭނާގެ އުމުރުން 25 ވީ އިރު ވެސް އެ ރެކޯޑް އެހެން މީހަކަށް އަދި ނުލިބެ އެވެ. ނަމަވެސް ދެރަ ކަމަކީ އަފްރާހު މި ރެކޯޑާ އެކު ވެސް އާންމުންނަށް އޭނާގެ މޫނު ދައްކާލަން ވެސް ބޭނުން ނުވާތީ އެވެ. އެހެންވެ އޭނާގެ ފޮޓޯއެއް މި ލިޔުމާ އެކު ޖަހާލަން ވެސް ފުރުސަތެއް ނުލިބުނެވެ.

ދުނިޔޭގެ ރެކޯޑްތަކުގެ މައުލޫމާތަށް އަފްރާހަށް ލޯ ހުޅުވުނީ އޭނާގެ 12 ވަނަ އުފަންދުވަހު ލިބުނު ހަދިޔާއަކުންނެވެ. މަންމަގެ ތިމާގެ މީހަކު އޭނާއަށް ދިނީ 2004 ވަނަ އަހަރުގެ ގިނިސް ވޯލްޑް ބުކް އޮފް ރެކޯޑްސް އެވެ. ފޮތް ކިޔައިލި އިރު އޭނާއަށް ފެނުނީ މީހަކަށް ލިބިފައި އޮތް އެންމެ ދިގު، މިލްކް ޓޫތުގެ ރެކޯޑެވެ.

"ހަނދާންވާ ގޮތުން ނަމަ އޭރު ރެކޯޑް ހެދި މީހާގެ ހުންނަނީ 1.2 ސެންޓިމީޓަރު ވަރު. ދެން އަފްރާހުގެ ދަތުގައި 2.3 ސެންޓިމީޓަރު ހުރޭ. އެހެންވެ މި ރިކޯޑް ބްރޭކް ކޮށްލެވޭނެތީ ހިތަށް އެރީ ފޮނުވާނީއޭ އެކޮޅަށް،" އަފްރާހު މި ރިކޯޑަށް ކުރިަމތިލި ގޮތް "ދޯ" އަށް ކިޔައިދިނެވެ.

ދުނިޔޭގެ އެންމެ ދިގު މިލްކް ޓޫތުގެ ރިކޯޑް ހޯދާފައިވާ އަހްމަދު އަފްރާހު އިސްމާއިލްގެ ދަތް އުފުރާލުމަށްފަހު ނަގާފައިވާ ފޮޓޯއެއް

ދުނިޔޭގެ ރިކޯޑެއް މުގުރަން ބޭނުންވާ ނަމަ ނުވަތަ އާ ރިކޯޑެއް ގާއިމްކުރާ ނަމަ ކުރަންޖެހޭ ކަންކަން އެފޮތުގައި ބުނެދީފައި ހުރެ އެވެ. އެހެންވެ ޑޮކްޓަރުގެ ލިޔުންތައް ހޯދައި، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާ އެކީ ހުރިހާ އެއްޗެއް ގިނިސް ވޯލްޑް ރެކޯޑްސް އަށް ހަމަ އެއަހަރު އޭނާގެ މަންމަ ފެކްސް އަކުން ފޮނުވިއެވެ. ނަމަވެސް އެ ލިޔުންތަކަށް ޖަވާބެއް ލިބުނީ 2009 ވަނަ އަހަރުއެވެ.

"،މަންމަ އެއްދުވަހު އައިސްބުނި މިއޮތީ އެންވެލޯޕް އެކޭ އަފްރާހު އަށް. ދެން އޭގެ ބޭރުގައިހުރި ގިނިސް ވޯލްޑް ރެކޯޑްސް އޭ ވެސް ޖަހާފައި. އެކަމު އަސްލު އެހާ އުންމީދެއް ނުކުރަން މިކަން ވެދާނެ ކަމަކަށް. އެއީ ފޮތުގައި ވެސް އެމީހުން ބުނެފައި އޮވޭ ދުނިޔޭގެ އެކި ގައުމުތަކުގެ ބައިވަރު މީހުން ފޮނުވާ ރެކޯޑްސްތަކެކޭ މިއީ. ދުވަސް ނަގާނޭ ޖަވާބެއް ދިނުމަށް. ނޫނީ ނުލިބި ވެސް ހިނގައިދާނޭ،" އަފްރާހު ބުންޏެވެ.

ރެކޯޑް ހެދި ދަތުގެ ދިގުމިނަކީ 2.3 ސެންޓިމީޓަރެވެ. ކްރައުން ލެންތުގައި އެއް ސެންޓިމީޓަރު އަދި ރޫޓް ލެންތުގައި 1.3 ސެންޓިމީޓަރު ހުންނަކަމަށް ގިނިސް ވޯލްޑް ރިކޯޑްސް އިން ބުނެއެވެ.

ދުނިޔޭގެ އެންމެ ދިގު މިލްކް ޓޫތުގެ ރިކޯޑް ހޯދާފައިވާ އަހްމަދު އަފްރާހު އިސްމާއިލްގެ ދަތުގެ އެކްސްރޭއެއް

އޭނާގެ މަތީ ދަތްޕިލާގެ ދަތެއްގެ ފަހަތުގައި ފެޅި މި ދިގު ދަތަކީ އިތުރަށް ފެޅި ދަތެކެވެ. މި ޚާއްސަ ދަތް އުފުރާލުމަށް ފަހު އަދިވެސް ފޮރުވާފައި އެބަ އޮތް ކަމަށް އަފްރާހު ބުންޏެވެ.

ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން އެންމެ ދިގު މިލްކު ޓޫތުގެ ރިކޯޑް އަފްރާހް މުގުރާލާފައިވަނީ 28 ޑިސެމްބަރު 2000 ގައެވެ. އެއީ އަފްރާހު އެ ދަތް އުފުރާލި ދުވަސް ކަމަށް އޭނާ ބުންޏެވެ.

ގިނިސް ވޯލްޑް ރެކޯޑްސް ދަތް ދުނިޔޭގެ ރެކޯޑް

Popular