23 Feb 2018

7 ސުވާލު، ވަރަށް ޒުވާން ޑްރައިވަރަކަށް

އެންމެން އަދާކުރަން ޖެހޭނީ އެއް ވައްތަރެއްގެ ވަޒީފާއެއް ނޫނެވެ. މި ޒުވާނާ އަކީ ޑްރައިވަރެކެވެ. ތަފާތެއް ނޫންހެއްޔެވެ؟

އެންމެން އަދާކުރަން ޖެހޭނީ އެއް ވައްތަރެއްގެ ވަޒީފާއެއް ނޫނެވެ. މި ޒުވާނާ އަކީ ޑްރައިވަރެކެވެ. ތަފާތެއް ނޫންހެއްޔެވެ؟

By: Aishath Mihna Nasih

ހެޔޮގޮތުގައި ކުރާ ކޮންމެ މަސައްކަތަކީ ވެސް ރަނގަޅު މަސައްކަތެކެވެ. ޑްރައިވަރުންނަކީ ވެސް މުހިންމު މަސައްކަތެއް ކުރާ ބައެކެވެ.

މި ހަފުތާގެ 7 ސުވާލު މި ކުރަނީ ހދ. މަކުނުދޫއަށް އުފަން ޒައިން މުހައްމަދަށެވެ. ރަށު ސްކޫލުން ގްރޭޑް 10 ނިންމާލުމަށް ފަހު އުމުރުން 17 އަހަރުގައި އޭނާ މާލެ ބަދަލުވީ ފުޓުބޯޅައިން ކުރިއަށް ދިއުމަށެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ 21 އަހަރުންދަށުގެ ޓީމަށް ކުޅެން ފެށި ނަމަވެސް އާމްދަނީގެ ގޮތުން މިއީ ޒައިންއަށް އެކަށީގެންވާ މަސައްކަތަކަށް ނުވިއެވެ. އެހެންވެ އޭނާ ވަޒީފާއެއްގެ ގޮތުގައި ލެކިއުޓްގެ ޑިސްޓްރިބިއުޝަން ސެންޓަރާ ގުޅުނެވެ. ނަމަވެސް، މަސައްކަތުގެ މާހައުލުން އޭނާ ޝައުގުވެރިކޮށްދިނީ އެހެން ދާއިރާއަކަށެވެ. އުމުރުން 22 އަހަރުގައި މިއަދު ޒައިންއަކީ މޯލްޑިވް ގޭސްގައި މަސައްކަތްކުރާ އެންމެ ހަގު ޑްރައިވަރެވެ.

ޒައިން މުހައްމަދު ވެހިކަލްގައި. -- ފޮޓޯ: ހުސެއިން ވަހީދު

މި މަސައްކަތް އިޚްތިޔާރުކުރީ ކީއްވެ؟

ލެކިއުޓްގައި މަސައްކަތްކުރިއިރު ގިނަވަގުތުތަކެއް ހޭދަކުރަންޖެހެނީ ވެހިކަލްތަކުގައި ޑްރައިވަރުންނާ އެކު. ދެން އެމީހުންގެ މަސައްކަތް ފެނިފައި ހިތަށް އެރި މިއީ ވަރަށް ހިތްހަމަޖެހިލައިގެން ހުރެ ކުރެވޭނޭ މަސައްކަތެކޭ. އެހެންވެ ބޭނުންވީ ޑްރައިވިންގެ ދާއިރާއިން ކުރިއަށްދާން. އެންމެ ފުރަތަމަ ދިޔައީ ޑްރައިވިން ސްކޫލްތަކަށް. ގޮސް ދުއްވަން ދަސްކޮށް މަސައްކަތް ކުރީވެސް އެތަނުގައި. އެކަމު ފަހުން ބޭނުންވީ ޓެކްސީކުރަން. އެކަން ކުރަން ބެލިއިރު ގިނަ ބަޔަކު ބުނީ ޓެކްސީ ކުރާށޭ އެހެން ވަޒީފާއަކަށް ދަމުން. އެހެންވެ މަސައްކަތުގެ ގަޑިތަކާއި ހުރިހާ ކަމަކަށް ބަލައި މޯލްޑިވް ގޭސްއާ ގުޅުނީ. ދެން ޑިއުޓީ ނިންމާފައި ޓެކްސީ ކުރަނީ.

ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ލަދު ގަންނަން ޖެހޭވަތުގެ ކަމެއްތަ؟

ނޫނޭ. ލަދުގަންނަން ޖެހޭ ކަމެއް ނޫން މިއީކީ. އަސްލު އަޅުގަނޑު ވަރަށް ފަޚްރުވެރިވޭ މޯލްޑިވްސް ގޭސްގައި އެންމެ ކުޑަ ޑްރައިވަރަށް ވީމަ. ދެން އުޅޭނީ ގާތްގަނޑަކަށް 10 ނޫނީ 12 އަހަރު މިކަމުގެ ތެރޭގައި އުޅޭފައި ތިބި މީހުން. އަސްލު މާލޭގައި އެހާ ރީތިކަމެއްގެ ގޮތުގައެއް ނުދެކޭ ޕިކަޕަށް ގޭސް އަރުވައިގެން ދުއްވުމެއް. ގިނަ ފަހަރަށް މީހުން ހީކުރަނީ ވެސް ދުއްވަން އިންނަނީ ބޭރު މީހެއް ކަމަށް. ވަރަށް ޖެއްސުން ވެސް ކުރޭ ބައެއް މީހުން. އުނދަގޫވެސްމެ ދުއްވަން. އެކަމަކު މިހާރު ގޭސްގައި 15 ވަރަކަށް މީހުންގެ ތެރެއިން ދެމީހުން ފިޔަވައި އެހެން އެންމެންހެން އެއީ ދިވެހިން.

ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާތީ އާއިލާ އާއި ރަށްޓެހިން ކީކޭ ބުނަނީ؟

އަސްލު އާއިލާ މީހުންނަށް ނުވެސް އިނގޭނެ ވަޒީފާއަކަށް ދާ ކަމެއް ވެސް. އެއީ އެހާ ޑިސްކަސްއެއް ނުކުރަން ޖޮބަށް ވަން އިރަކު. އެއީ ނުބައި ނޫނީ ގޯސް މަސައްކަތެއް ނޫނިއްޔާ ފެމިލީ އަށް ރަނގަޅުވާނެ އެ ކަމެއް. ޚާއްސަކޮށް އަޅުކަމަށް ވަގުތުދެވޭ ކަމެއް ވެއްޖިއްޔާ ރަނގަޅު ގޮތުގައި ކުރާކަށް އެއްވެސް މީހަކު ހުރަހެއް ނާޅާނެ. ދެން ރައްޓެހިން.. އެމީހުން އެއްބައި ފަހަރު ކިޔާނޭ ޑްރައިވަރޭ ވެސް. އެކަމު އަނެއްހެން އެއްވެސް ކަހަލަ ނެގެޓިވް ކޮމެންޓެއް ނާދޭ!

މަސައްކަތުގައި ދުވަހެއް ހޭދަވަނީ ކިހިނެއް؟

މިހާރު ހެނދުނު ޑިއުޓީއެއް އޮންނަ ދުވަހެއްވެއްޖިއްޔާ ހެނދުނު އަށަކުން ފަށާނީ. ދެން ލިބޭނެ ބައިގަޑިއިރުގެ ބްރޭކެއް. އެއީ ލޯޑުކުރަން ދާ ގަޑި. ދެން 1:30 ގައި ލިބޭނެ ބްރޭކް. ގެއަށް ގޮސް ފެންވަރާލައިގެން ދެން ގަޑިއެއްހާއިރު ރެސްޓްކޮށްލާފައި ދެން ދަނީ. ދެން ހަވީރުވެފަތާ އޮންނާނީ. ދެން އަނެއްކާ ފައިބާނީ ދެ ނަމާދު ދޭތެރެއަށް. އެއަށް ފަހު އަނެއްކާ ވެސް މަސައްކަތުގައި އުޅޭނީ. އޮފީހުގައި އިތުރު ކަމެއް ނެތިއްޔާ މިއީ އާންމުކޮށް ދާ ގޮތް.

މިއީ އާމްދަނީގެ ގޮތުން ބަލާއިރު ކުރުން ރަނގަޅު މަސައްކަތެއްތަ؟

އާނ. ރަނގަޅު އެއްޗެއް ލިބޭ. އާންމު މަސައްކަތްތަކުގައި އެވްރެޖް ފެންވަރުގެ ސްޓާފުންނަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ރަނގަޅު އެއްޗެއް ލިބޭ. އަނެއްކާ ހާޑްވެއާ ފިހާރަ ނޫނީ ވެމްކޯ ކަހަލަ ތަންތަނުގައި ޑްރައިވަރުންގެ ވަޒީފާއަކީ ހަމަ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް.

މި މަސައްކަތުގައި އެހާ ގިނައިން ޒުވާނުން ހަރަކާތްތެރިވާތަނެއް ނުފެނޭ، އެއީ ކީއްވެ؟

އަޅުގަނޑު ދެކޭގޮތުގައި ގިނަ ކުދިން މިކަމުގެ ތެރެއަށް ނުވަންނަނީ ދުއްވަން ނުކެރެއޭ ކިޔާފައި. އެއީ 2014 ވަނަ އަހަރުންސުރެ އަޅުގަނޑުވެސް މިހުންނަނީ މިކަމަށް އިންޓްރެސްޓް ޖެހިފައި. އެކަމު މިކަމަކީ ކުރެވޭނެ ކަމެއްކަން އެނގުނީ ޑްރައިވިން ސްކޫލަށް ގޮސް އެކި ވެހިކަލްތައް ދުއްވަން ދަސްކޮށް އުޅުނީމަ. އެހެންވެ ކަންނޭނގެ އެއީ. ރަނގަޅަށް ދަސްކޮށްފިއްޔާ އަދި ކުޑަކޮށް ކެތްތެރިވެލަނިކޮށް މި މަސައްކަތް ކުރެވޭނެ އެންމެނަށް ވެސް.

ޒައިން މުހައްމަދު. -- ފޮޓޯ: ހުސެއިން ވަހީދު

މި މަސައްކަތުން ލިބޭ އެންމެ ބޮޑު އުފަލަކީ ކޮބާ؟

އެހާ ބުރަކަމަކަށް ނުވެފައި މަސައްކަތް ނިންމާލެވޭތީ އެންމެ އުފާވަނީ. އެހާ ހުތުރުކަމެއް ވެސް ނޫން މިއީކީ. ދުއްވަން އެނގުނީމަ މިކަން ކުރެވޭނެ. އަނެއްކާ އަޅުގަނޑު އެންމެ ކުރާހިތްވާ ކަމަކީ ފުޓުބޯޅަ ކުޅުން. މިހާރުވެސް އޮފީސް އެކިއެކި މުބާރާތްތަކަށް ކުޅެވޭ.

ޓެކްސީ ޑްރައިވަރުން ޒުވާނުން ވަޒީފާ މޯލްޑިވް ގޭސް

Popular