11 Mar 2018

ސައޫދީ އަރަބިއްޔާގެ ދިވެހިރާއްޖެ

ސައޫދީ އަރަބިއްޔާގެ ދިވެހިރާއްޖެ

ސައޫދީ އަރަބިއްޔާގައި އޮންނަނީ ހަނަފަސް ސަހަރާތައް އެކަންޏެއް ނޫނެވެ. ތެލަށް ބަރޯސާވެގެން އޮތް ސައޫދީގެ އިގްތިސާދަށް ނުރައްކާ ކުޑަކުރުމަށް ޓޫރިޒަމްގެ ތެރެއަށް ވަނުމުގެ މަސައްކަތް ކުރާއިރު މިއީ މުހިންމު ވާހަކައެކެވެ.

އެއްބަޔަކު ސިފަކުރަނީ މިއީ "ސައޫދީ އަރަބިއްޔާގެ ދިވެހިރާއްޖެ" ކަމަށެވެ. ސައޫދީ އަރަބިއްޔާގެ އައްސޭރި ފަހުގެ ހިސާބެއް ކަމަށްވާ "އުމްލުޖް" ގައި ސާފު ހިމުން ވެލީގެ ގޮނޑުދޮށް އެބަ އޮތެވެ. ދުރު ނޫން ހިސާބެއްގައި ރަށްތަކެއް ވެސް އެބަހުއްޓެވެ. އެ ރަށްރަކުގެ ފޮޓޯތަކަށް ބެލުމުން އެއީ ސައޫދީ އަރަބިއްޔާ ކަމަކަށް އެއްބަހެއް ވެސް ނުވެވެ އެވެ. ދިވެހިރާއްޖޭގެ ރީތިކަން ފެނިފައި ހުރި ކޮންމެ މީހަކަށް މި ދެ ތަން އަޅާކިޔޭނެ އެވެ.

ސައޫދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ މި ރީތި ސަރަހައްދު 147 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވެ އެވެ.

މިފަހަރު މި ރީތިކަމުގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް ގެނައީ ފޮޓޯގްރާފަރެއް ކަމަށްވާ ނާސިރު އަބްދުﷲ އަލް ޚަތީރީ އެވެ. އޭނާ ސިފަކުރީ އެއީ "ސައޫދީ އަރަބިއްޔާގެ ދިވެހިރާއްޖެ" ކަމަށެވެ.

އުމްލުޖްގެ ރަށެއްގެ ގޮނޑުދޮށުގައި ދޫނި

"ކިތަންމެ ކުޑަޔަސް އެއީ ސައޫދީ އަރަބިއްޔާގައި ޓޫރިޒަމަށް އެންމެ އެކަށީގެންވާ ތަން،" އޭނާ ބުންޏެވެ.

ސައޫދީ އަރަބިއްޔާގެ އުމްލުޖްގެ ރަށެއް

އެ ތަނުގެ އެކި ހިސާބުގައި އަދި އެކި ރަށްތަކުގައި ވެލީގެ ކުލަ ތަފާތެވެ. ބައެއް ރަށްތަކުގައި ފަރުބަދަ ހުރި ނަމަވެސް ހުދު ވެލީގެ ރަށްތައް ވެސް އެބަހުއްޓެވެ. މޫދުގައި އެކި ކުލަކުލައިގެ މަހެވެ. ކޯމަސް ވެސް އުޅެ އެވެ.

ސައޫދީ އަރަބިއްޔާގެ އުމްލުޖް ސަރަހައްދުގެ ރަށެއް

އުމްލުޖުން ފެށިގެން 10 މޭލު ދުރުގައި ހުރި ރަށްތަކާއި އެ ސަރަހައްދަކީ ތާރީޚާއި ތަގާފަތާ ގުޅުން ހުރި ތަންތަނެވެ. އިރު އޮއްސޭ މަންޒަރު ވަރަށް ހިތްގައިމުކޮށް މި ހިސާބަށް ފެންނަ ކަމަށް ފޮޓޯގްރާފަރު ބުނެފައިވެ އެވެ.

ސައޫދީ އަރަބިއްޔާގެ އުމްލުޖް ރަށެއްގެ ގޮނޑުދޮށް

ސައޫދީގެ ޓޫރިޒަމް ޕްރޮޖެކްޓާ އެކު މި ރަށްތަކުގެ މަޝްހޫރުކަން ވަރަށް ބޮޑުވެގެން ހިނގައިދާނެ އެވެ. -- އަލްއަރަބިއްޔާ

Popular