12 Mar 2018

ތަލަވިޔަސް ދެރަވާނެ ކަމެއް ނެތް!

ތަލަވިޔަސް ދެރަވާނެ ކަމެއް ނެތް!

By: Aishath Mihna Nasih

އަބަދުވެސް ހީވެފައި އޮންނަނީ އިސްތަށިގަނޑު ރީތިކުރަން އުޅެނީ އަންހެންކުދިން ކަމަށެވެ. އެކަމަކު ހަގީގަތަކީ މިކަމުގައި ފިރިހެނުން ވެސް ވަކި އަންހެނުންނަށް ދުލެއް ނުދެއެވެ. މޮޅެތި އެކި ގޮތްގޮތަށް އިސްތަށިގަނޑު ކޮށުމާއި ސްޓައިލްކުރުމަކީ މިހާރު ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. މި ހުރިހާ ކަމަކާ އެކު ވެސް އިސްތަށިގަނޑު ތަލަވާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ.

ތަލަވުމަކީ އެއްބަޔަކަށް ވަރަށް ބޮޑު ހިތާމައެކެވެ. ޑޮކްޓަރަށް ދައްކައި ބޭސްކޮށް، ދެން ވެސް ބަޔަކު ރިކޮމެންޑްކުރާހާ ކްރީމެއް ހާކައެވެ. އެކަމަކުވެސް ބޭނުންވާ ވަރުގެ ނަތީޖާއެއް ލިބެނީ ހާލަކުން ފަހަރަކުއެވެ. އަނެއްބަޔަކަށް ތަލަވިޔަސް ނުވިޔަސް ފަރުވާލެއް ނެތެވެ. ލަދުގަންނަންވީ، ފަސްޖެހެންވީ ނުވަތަ ޖެހިލުންވާންވީ ސަބަބެއް ނެތެވެ. ތަލަވުމަކީ ހަމަ ކުޑަވަރެއްގެ ނަސީބެކެވެ.

ޑޭވިޑް ބެކަމް ތަލަ ހެއާ ސްޓައިލެއްގައި

ތަލަވުމަކީވެސް ރީތި ސްޓައިލެއް

ޑޭވިޑް ބެކަމްގެ ވާހަކަ ދައްކަން ހިނގާށެވެ. އެއް އިރަކު އެއީ ދެވަނަ އެއް ނެތް މޮޅު ކުޅުންތެރިއެކެވެ. އޭނާގެ މޮޅު ކުޅުމާ އެއްވަރަށް އޭނާގެ ފެޝަން ސްޓައިލްތަކަށް އެތައް ބަޔަކު ލޯބިކުރާއިރު ބެކަމްއަކީ ވެސް މިކިޔާ ތަލަ ސްޓައިލް ގެންގުޅުނު ސެލެބްރިޓީއެކެވެ. މީގެ އިތުރުން ޒޭން މަލިކާއި ކާންޔޭ ވެސްޓް ފަދަ ކާމިޔާބު ލަވަކިޔުންތެރިންނާއި ބާސްކެޓް ބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން އާއި ފިލްމީ ތަރި ވިން ޑީސަލް އާއި އެޕަލް ކުންފުނީގެ އެއް ބާނީ ސްޓީވް ޖޮބްސް އަކީ ވެސް ހަމަ ތަލަކޮށް ތިބި ނުވަތަ ކޮންމެވެސް އެއް އިރެއްގައި ތަލަ ސްޓައިލް ގެންގުޅުނު ފަންނާނުންނެވެ. ތަލަވެގެން އެ މީހުންނަށް ގެއްލުނީ ކޮން ކަމެއްހެއްޔެވެ؟

ވިން ޑީސަލް އޭނާގެ އަނބިމީހާއާ އެކު

ސައިންސް ބުނާގޮތުން މިއީ އަންހެނުން ހިތްކިޔާ ސިފައެއް

މިދިޔަ އަހަރު މެގްޒިމް ނިއުސް އިން ޝާއިއު ކޮށްފައިވާ ޔުނިވާސިޓީ އޮފް ޕެންސްލަވޭނިއާގެ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ތަލަވުމަކީ ފިރިހެނުންގެ ކިބައިގައި ހުންނަ އަންހެނުން ހިތްކިޔާ ސިފައެކެވެ. މި ދިރާސާ ކޮށްފައިވަނީ އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރިކޮށްގެނެވެ. އެހެންކަމުން ކޮންމެހެން ބޮޑު އަގު ދީފައި، އިސްތަށިފަޅުވާ ޝޭމްޕޫ އާއި ތެލާއި ކްރީމްތަކުގެ ބޭނުމެއް ނެތްތާއެވެ. އިސްތަށި ފައިބާ ތަލަވާން އުޅޭހެން ހީވާ ނަމަ މިތިބަ ފަންނާނުންހެން ރީތިގޮތަކަށް ބޯ ބާލަންވީއެވެ.

ހުރިހާ ގޮތަކުންވެސް ބޮޑު ލުޔެއް!

ނިކަން ވިސްނާލާށެވެ. އިސްތަށިގަނޑު ދިގުނަމަ ހަފުތާއެއްގެ މައްޗަށް، މަދުވެގެން ދެތިންފަހަރަކު ރަނގަޅަށް ޝޭމްޕޫ އަދި ކޮންޑިޝަނާ ބޭނުންކޮށްގެން ދޮންނަން ޖެހެއެވެ. ނުވިތާކަށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އިސްތަށިގަނޑު ކޮށަން ޖެހެއެވެ. އަދި ނިމުނީއެއް ނޫނެވެ. ހެއާ ޓްރީޓްމަންޓަކީ ވެސް މިހާރު ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އިސްތަށިގަނޑު އެއްކޮށް ތަލަވެއްޖެ ނަމަ މި ހުރިހާ ކަމަކުން ވެސް ޚަރަދު ކުޑަވީއެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް މިޑިލްޓަންގެ ކައިވެނީގެ ހަފުލާގެ ތެރެއިން

މިއީ އަދި މަދު ސަބަބުތަކެކެވެ. ތަލަވާތީއޭ ބުނެ ކޮންމެހެން ހާސްވެ ކަންބޮޑުވާނެކަމެއް ނެތެވެ. އިނގިރޭސި ތަޚްތަށް ދެވަނައަށް އެންމެ ކައިރީގައި ހުންނެވި ޕްރިންސް ވިލިއަމް އޭނާގެ ކައިވެނީގެ ހަފުލާގައި ވެސް ހުރީ ހަމަ އޭނާގެ ނެޗުރަލް އިސްތަށިގަނޑާ އެކުއެވެ. އެމީހަކަށް ލިބިފައިވާ ރީތި ސިފައެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަކުން ލިބޭނޭ ގެއްލުމެއް ވަކި ނޯންނާނެ ތާއެވެ.

Popular