13 Mar 2018

ފާރުގަނޑެއް ހުރި ނަމަ ކާނީ ކޮން އެއްޗެއް؟

By: Asiya Abdul Raheem (Dietician)

ފާރުގަނޑެއް ހެދިއްޖެ ނަމަ، އެ ފާރުގަނޑަށް ފަރުވާ ކުރުމަކީ ވަރަށް މުހިއްމު ކަމެވެ. ހަށިގަނޑުގައި ފާރު އުފެދެނީ ތަފާތު ސަބަބުތަކާ ހުރެއެވެ. ކަފައިގެން ގޮސްގެން، ހަކުރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، އޮޕަރޭޝަނެއްގެ ސަބަބުން ނުވަތަ އެހެން ވެސް ވަރަށް ގިނަ ސަބަބުތަކާ ގުޅިގެން އުފެދޭ ފާރުގަނޑަކީ އޭގެ ސަބަބުން މީހާގެ ނިޔުޓްރިޝަނަލް ސްޓޭޓަސް (ދުޅަހެޔޮ ކަމަށް) އަސަރު ކުރުވާނެ އެއްޗެކެވެ.

މި ފަދަ ފާރުގަނޑަށް ކުރާ ބޭހުގެ އިތުރުން އެ މީހަކު ކާ ތަކެއްޗަށް ވެސް ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ފާރުގަނޑު އަވަހަށް ފަސޭހަ ކުރުމަށާއި، ބޭހުގެ ފުރިހަމަކަން ގެނެސްދިނުމަށާއި ފާރުގަނޑުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ އުނިކަން ކުޑަކުރުމަށް ކެއުމުގައި އިތުރުކޮށްލަން ބޭނުންވާ ބައެއް ބާވަތްތައް ހުރެއެވެ.

ހަށިގަނޑުގައި ފާރުގަނޑެއް، ޚާއްސަކޮށް ފާރުގަނޑު ބޮޑު ނަމަ ޑައިޓީޝަނެއްގެ ފަރާތުން ނިޔުޓްރިޝަން ތެރަޕީ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ރާއްޖޭގައި ޑައިޓީޝަނުން މަދުވެފައި ޑައިޓީޝަނަކަށް ދެއްކޭގޮތް ނުވެއްޖެނަމަ ކެއުމުގައި އަމިއްލަ އަށް ސަމާލުކަން ދެވިދާނެ ބައެއް ކަހަލަ ކަންކަން ހުރެއެވެ. އެގޮތުން ހަށިގަނޑުގައި ފާރުގަނޑެއް ހެދިއްޖެ ނަމަ ހަކުރު މައްޗަށް ނުދާ މީހެއް ނަމަ ކެއުމުގައި މި ދަންނަވާ ކަންކަމަށް ސަމާލުކަން ދެއްވާށެވެ.

1. ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ މަދު ނުކޮށް ކާބޯތަކެތީގެ ފަސް ބާވަތް ހަމަކުރުން މި ބާވަތްތައް ހަމަކުރާނީ ކޮންމެ ދުވަހެއްގެ ކެއުމުގައި ގޮވާމާއި ފަލަމަޑިގެ ބާވަތްތައް، މޭވާ އާއި ތަރުކާރީ، ކިރުގެ ބާވަތްތައް، މަހުގެ ބާވަތްތައް ހިމަނައިގެން މަދުވެގެން ތިން ވަގުތަށް (ރަނގަޅު ގޮތަކީ ފަސް ވަގުތަށް) ބަހާލައިގެން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެއުމެވެ. ސީދާ ކާންވީ މިންވަރު ބިނާ ކުރާނީ އެ މީހެއްގެ ހުރި އިސްކޮޅާއި ބަރުދަނާއި، ފާރުގަނޑުގެ ބޮޑުމިނާއި އަދިވެސް ހަށިގަނޑުގައި ހުރި ތަފާތު އެހެން ކަންކަމަށް ބަލާފައި ކަމުން މިފަދަ ލިޔުމެއްގައި އެ މިންވަރު ލިޔުމަކީ ދަތި ކަމެކެވެ.

2. ޕްރޮޓީން ގިނަ ބާވަތްތައް އިތުރުކޮށްލުން

މައިގަނޑު ކާ ވަގުތުތަކުގައި (ހެނދުނު، މެންދުރު އަދި ރޭގަނޑު) އާއްމުކޮށް ކައި އުޅޭ މިންވަރަށްވުރެ އެއްފޮތި މަސް އަދި ދުވާލަކަށް އެއްތަށި ކިރު އިތުރުކޮށްލުން ރަނގަޅެވެ.

3. މަދު ނުވާ ވަރަށް ފެން އިތުރުކުރުން

ހަށިގަނޑުގައި ފާރުގަނޑެއް އިންނަމަ، ޚާއްސަކޮށް އެ ފާރުގަނޑުން ދިޔަ ނިކުންނަ ނަމަ ހަށިގަނޑުން އާއްމުކޮށް ބޭރުވާ މިންވަރަށްވުރެ ފެން ބޭރުވާ މިންވަރު އިތުރުވެދާނެ އެވެ. މިކަން ރަނގަޅު ކުރުމަށް ކަރުހިއްކައިގަނެގެން ނުހުރެ މަދުނުވާވަރަށް ފެން ބުއިން ވަރަށް މުހިއްމެވެ.

4. ވިޓަމިން ސީ ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް އިތުރު ކޮށްލުން

ވިޓަމިން ސީއަކީ ފާރުގަނޑު ފަސޭހަ ކުރުމަށް އެހީވެދޭ ކެވެނީގެ (ނިޔުޓްރިޝަންގެ) ބާވަތެކެވެ. ލުނބޯ، އޮރެންޖް، ފޭރު، ހެލެނބެލި، ބިލަމަގު، ގޯނބިލި، މުރަނގަ ފަތް، ކޮޕީ ފަތް ފަދަ ކާނާ ކެއުމުގައި ގިނަކޮށްލުމުން ވިޓަމިން ސީ ހަށިގަނޑަށް ލިއްބައިދެވޭނެ އެވެ.

5. ޒިންކް ގިނަ ކާނާ އިތުރުކޮށްލުން

ވިޓަމިން ސީ އެކޭ އެއްފަދައިން ޒިންކަކީ ވެސް ފާރުގަނޑު ފަސޭހަކުރުމުގައި އެހީވެދޭ ކެވެނީގެ (ނިޔުޓްރިޝަންގެ) ބާވަތެކެވެ. ކެއުމުގައި ޒިންކް ގިނަ ކާނާ ހިމެނުމަށް މުގު، ސަނާމުގު، މާ ކާނަމަދު (އަލްމަންޑް)، ބަރަބޯއޮށް، ކެޝޫނަޓް، ބްރައުން ހަނޑޫ، މަހުގެ ބާވަތްތައް އަދި ކިރުގެ ބާވަތްތަކުން ލިއްބައި ދެވޭނެއެވެ.

ހަށިގަނޑުގައި ބޮޑު ފާރުގަނޑެއް ޖަހައިފި ނަމަ ކެއުން ރަނގަޅު ކުރުމަށް ޑައިޓީޝަނެއްގެ ފަރާތުން ނިޔުޓްރިޝަން ތެރަޕީ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ މާނައަކީ ބޭހުގެ ބަދަލުގައި ބޭނުން ކުރެވޭނެ ކާނާގެ ވާހަކައެއް ނޫނެވެ. ޑޮކްޓަރުގެ ލަފައާ އެކު ބޭސް ބޭނުން ކޮށް އަދި ހޯދަން ޖެހޭ އެހެން ސިއްހީ ފަރުވާގެ ތެރޭގައި ހިމަނައިގެން ކެއުން ބައްޓަން ކުރުމަކީ ފާރުގަނޑު އަވަހަށް ފަސޭވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މި އާޓިކަލް ލިޔުނީ ޕްރެޝާ އަލްސާ ގައިޑްލައިންތަކެއްގެ މައްޗަށް ބިނާކޮށް.

Popular