17 Feb 2019

ހަކުރު ގިނަ ބުއިމެއް ނުބުޔަސް ހަކަތަ ލިބޭނެ

ހަކުރު ގިނަ ބުއިމެއް ނުބުޔަސް ހަކަތަ ލިބޭނެ

By: Asiya Abdul Raheem (Dietician)

މޯލްޓަޑް ޑްރިންކްގެ ބާވަތަކުން މުޅި ދުނިޔޭގައި ވެސް ގިނަ ގައުމުތަކެއްގައި މާކެޓްކޮށް އިޝްތިހާރު ކުރާ ހަކުރުން ފުރިފައިވާ ބައެއް ކަހަލަ ބުއިންތައް މަޝްހޫރުކުރަމުން ދަނީ ހަކަތަ ލިއްބައިދޭ، ގައިގައި ވަރު ޖައްސައިދޭ ބުއިންތަކެއްގެ ގޮތުގަ އެވެ. މިފަދަ ބުއިންތަކަކީ އޭގެ ރެޑީޓުޑްރިންކްގެ ބާވަތްތަކުގައި ޚާއްސަކޮށް ގިނަ މިންވަރަކަށް ހަކުރު އެކުލެވޭ ބާވަތްތަކެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިލްތިމާސް ކުރަނީ މައިމީހާގެ ބަނޑުން ފެށިގެން މަރު ދުވަހާ ހިސާބަށް ވެސް ފްރީ ޝުގާ ނުވަތަ ގުދުރަތީގޮތުން އެކުލެވޭ ހަކުރުގެ އިތުރަށް ކާބޯތަކެއްޗަށް އަޅާ ހަކުރު މަދު ކުރުމަށެވެ.

މިފަދަ ތަކެތި އުފައްދާ ފަރާތްތަކުން މަސައްކަތް ކުރާނީ އެ މީހުންގެ އެ އުފެއްދުން ވިއްކާލުމަށްޓަކައި ޢާއްމުންގެ ސިކުނޑި އާ ކުޅެވޭތޯ އެވެ. އެގޮތުން އެ ތަކެތި އިޝްތިހާރު ކުރުމުގައި ގިނަފަހަރު އިޝްތިހާރު ކުރާނީ މަޝަހޫރު ކުޅުންތެރިއެއް ބޭނުންކޮށްގެނެވެ. ކުޅުންތެރިން ކުޅެން މޮޅުވާން ކެވެނި (ނިޔުޓްރިޝަން) އަކީ ވަރަށް މުހިއްމު އެއް ތަޅުދަނޑި ކަމުގައި ވިޔަސް ކުޅުމުގެ ފަންނަކީ ވާރުތަވެގެން އަދި ގިނަ ދުވަހުގެ ޕްރެކްޓިސް އާއި ތަޖުރިބާ އާ އެކު ލިބޭ ހުނަރެކެވެ. އެއީ ވަކި ވައްތަރެއްގެ ބުއިމެއް ބޮއިގެން ލިބޭ ހުނަރެއް ނޫނެވެ.

ހަކަތަ ލިއްބައިދޭ މާ މޮޅު ބުއިމެއް ކަމަށް އެއްޗެއް މަޝްހޫރު ކުރަނީ ނަމަ ފުރަތަމަ އޭގެ އިންގްރީޑިއަންޓް ލިސްޓަށް ބަލައިލާށެވެ. އިންގްރީޑިއަންޓް ލިސްޓުގެ ކުރީކޮޅުގައި އެއްވަނަ، ދެވަނަ ނުވަތަ ތިންވަނަ އަށް ހިމެނެނީ ސުކްރޯސް، ޝުގާ ނުވަތަ ހަކުރުގެ ބާވަތެއް ނަމަ އެ އެއްޗެއްގައި ހަކުރު އެކުލެވޭ މިންވަރު ގިނަވުން އެކަށީގެން ވެއެވެ. ދެން އޭގެ ނިޔުޓްރިޝަން ފެކްޓަށް ބަލައިލާށެވެ. އޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންމެ ސާވިންއެއްގައި (އޭގެ މާނައަކީ ކޮންމެ ޕެކެޓެއްގައި) އެކުލެވޭ މިންވަރުގައި ކޮންމެ ފަސް ގްރާމް ފްރީ ޝުގާ ނުވަތަ ސުކްރޯސްއަކީ ސަމްސަލެއްހާ ހަކުރެވެ. އާއްމުކޮށް މަޝްހޫރު ކުރާ ބައެއް ކަހަލަ މޯލްޓަޑް ޑްރިންކްތަކުގައި ހަކުރު އެކުލެވޭ މިންވަރު ޖެހުމުގައި ކާބޮހައިޑްރޭޓް އެކުލެވޭ މިންވަރު ޖަހާފައި އޮންނަނީ ޢާއްމުންނަށް އޮޅުވާލަން ކަމަށް ވެސް ވެދާނެ އެވެ.

ގިނައިން ހަކުރު އެކުލެވޭ ބުއިންތައް ކުޑަކުދިންނަށް ދެވޭ ނަމަ އެކުދިންގެ ކޮގްނިޝަން (ވިސްނުމުގެ ފެންވަރު) ދަށްވުން، ދަތްފަނި ކެއުން، ދުޅަހެޔޮ ނޫން ބަރުދަން އިތުރުވުން ފަދަ ކަންކަމާއި ކުރިމަތި ވެދާނެ އެވެ. މިފަދަ ބުއިންތަކަކީ ޢާއްމުކޮށް ބޯން ކަމުދާ ބުއިންތަކެއް ނޫނެވެ.

ދުޅަހެޔޮ ދިރިއުޅުން ފައިދާހުރި ކާނާ ޑައެޓް ކާނާ

Popular