10 Feb 2019

ބަތް ކައްކަން މިއީ ފައިދާ ބޮޑު ގޮތެއް

ބަތް ކައްކަން މިއީ ފައިދާ ބޮޑު ގޮތެއް

By: Asiya Abdul Raheem (Dietician)

ދިވެހިންނަކީ މައިގަނޑު ކެއުމަކަށް ބަތް ކައިގެން އުޅޭ ބައެކެވެ. އާއްމުކޮށް ބަތް ކައްކާ އުޅެނީ ހަނޑޫތައް ދޮވެލުމަށް ފަހު އޭގެ ތެރެއަށް ފެން އަޅައި ކުޑަ ލޮނުކޮޅަކާއި ތެޔޮފޮދެއް ނުވަތަ ކާށި ކިރު އަޅައިގެންނެވެ. މިހެން ބަތް ކެއްކުމުގެ ބަދަލުގައި ތަފާތުކޮށް، ނިޔުޓްރިޝަނަލް ވެލިޔު މަތިވާ ފަދަ ގޮތަކަށް ބަތް ކެއްކިދާނެ ގޮތެއް ހިއްސާ ކޮށްލާނަމެވެ.

ބޭނުންވާ ތަކެތި

½ ޖޯޑު ރީނދޫ މުގު

½ ޖޯޑު ހުދު ހަނޑޫ

ބޮޑު އެއް ފިޔާ

2 ލޮނުމެދު

3 ސްޓާއަނިސް

1 އިންޗި ފޮނިތޮށި

2 ކާފޫރު ތޮޅި

1 ބޭ ލީފް ނުވަތަ 3 އިންޗި ރާނބާ ފަތް

ރަހަ ލާވަރަށް ލޮނު

އޮލިވް އޮއިލް

ކައްކާނެ ގޮތް

މުގުކޮޅު ސާފުވާ ވަރަށް ދޮވެލުމަށް ފަހު މުގުގެ ގާތްގަނޑަކަށް ދެ ގުނަ ހުންނަހާ ފެން އަޅައިގެން މުގުކޮޅު މަޑުކޮށްލާށެވެ. މުގުކޮޅު މަޑުވާއިރު ފެން ނުހިންދި ހުރި ނަމަ މުގުކޮޅު ލުހެލާށެވެ. ލުހެލާއިރު މުގު ކެއްކި ފެންގަނޑު އުކައިނުލާ އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ހަނޑޫގަނޑު ސާފުވާވަރަށް ދޮވެލުމަށް ފަހު މުގު ކެއްކި ފެންގަނޑު އަޅައިގެން، އަދި އަޅަން ޖެހިއްޖެ ނަމަ އިތުރު ފެން އަޅާ ކުޑަ ލޮނުކޮޅެއް ލައިގެން ހިންދާލާށެވެ. ފިޔާ ވައްފޮއްޗަކަށް ކޮށައި، ލޮނުމެދު ފޮތިކޮށް، ފިޔާ އާއި، ލޮނުމެދާއި، ބާކީ ހުރި ތަކެތި ކުޑަ ތެޔޮފޮދެއްގައި މީރުކޮށްލާށެވެ. ދެން ބަތާއި މުގު އެއްކޮށްލުމަށް ފަހު އޭގެ ތެރެއަށް މީރުކުރި ފިޔާލޮނު މެދު އަޅާ އެއްކޮށްލާށެވެ.

މި ރެސިޕީ އަކީ ބަލިވުމަށް ފަހު ބަލިން ރަނގަޅުވުމަށް އަދި ބަރު އުފުއްލާ، ބޮޑީ ބިލްޑް ކުރުން ފަދަ ކަސްރަތު ކުރާ މީހުންނަށް އިތުރު ޕްރޮޓީން ލިއްބައިދިނުމަށް ރަނގަޅު އެއްޗެކެވެ.

Popular