14 May 2018

ދިވެހި ދެ ޒުވާނެއްގެ ކަނޑުއަޑީގެ ކައިވެނި: ހުވަފެން ހަގީގަތަކަށް

ދިވެހި ދެ ޒުވާނެއްގެ ކަނޑުއަޑީގެ ކައިވެނި: ހުވަފެން ހަގީގަތަކަށް

By: Aishath Maahaa

ކައިވެނީގެ ހެދުމުގައި ތިބި ދެ ޒުވާނުން، އެއް ނަންބަރު ފާލަމުގައި އޮތް ދޯންޏަކަށް އެރި އެވެ. އަލަތު ކައިވެނީގެ ޖޯޑާއި އާއިލާގެ މެމްބަރުން އަދި ރައްޓެހިން ދެން މިސްރާބު ޖެހީ، މާލޭގެ ހުޅަނގު ފަރާތުގައި އަޅާފައި އޮންނަ ވޭލް ސަބްމެރިންއާ ދިމާއަށެވެ. ކައިވެނިކުރުން ވެސް އަދި ކައިވެނީގެ ފޮޓޯތައް ވެސް ނެގުން އޮތީ ކަނޑު އަޑީގަ އެވެ.

މުހައްމަދު މަފްޒުލް މައުރޫފާއި ރާނިޔާ އަޝްރަފް މުހައްމަދު ރަޝާދުގެ ކައިވެނި ކަނޑު އަޑީގައި ކުރުމަކީ، ދެ ޒުވާނުންގެ މެދުގައި ލޯބި އުފެދުނީއްސުރެ ދެކެމުން އައި ހުވަފެނެކެވެ. ދެ މީހުންގެ ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ކަނޑު އަޑީގެ މަންޒަރުތަކާ ވަނީ ގުޅިފަ އެވެ.

އެ ހުވަފެން ހަގީގަތަކަށް ހަދަން އިއްޔެ ވޭލް ސަބްމެރިންގެ ޕްލެޓްފޯމަށް ދިޔަ އިރު މުޅި ތަން އޮތީ ޒީނަތްތެރިކޮށްފަ އެވެ. އާއިލާ އާއި ގާތް ރައްޓެހިންނާ އެކު ފުރަތަމަ އޮތީ ސެލްފީ އާއި ފޮޓޯ ނެގުމެވެ.

ދެން ފެނުނީ ރާނިޔާގެ އަތުގައި ހިފާލައިގެން ހުރެ މަޒްފުލް ގޮސް ސަބްމެރީން އަށް އެރި މަންޒަރެވެ. އާއިލާ އާއި ގާތް ރަހުމަތްތެރިން ވެސް އެރި އެވެ. ކުޑައިރުކޮޅެއްގެ ތެރޭ ސަބްމެރީން އޭގެ ދަތުރު ފަށާ ގުދުރަތީ ރީތި އަދި ހިތްގައިމު މަންޒަރެއްގެ ތެރެއަށް "ގެނބިގެން" ދިޔައީ އެވެ.

ކައިވެނީގެ މަޖިލިސް ގާޒީ ފެއްޓެވީ ކަނޑު އަޑީގަ އެވެ. މިއީ ކަނޑު އަޑީގައި ދިވެހިންގެ ބަޔަކު ކުރި ދެ ވަނަ ކައިވެންޏެވެ.

ކައިވެންޏަށް ފަަހު ސަބްމެރިން މައްޗަށް އެރިއިރު ޕްލެޓްފޯމް އެއްވަސްކޮށްލާފައި އޮތީ ބޮނޑިބަތާއި ކުޅިމަހުގެ މީރު ވަހުންނެވެ.

މި ދެ ޒުވާނުން ވެސް ޑައިވްކުރެ އެވެ. މަފްޒުލް އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޑައިވަރުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ޑައިވަރު ހަސަން މަނިކު (ލަކުޑިބޯ)އާ ތިމާގެ ޒުވާނެކެވެ. އޭނާ މަސައްކަތްކުރަމުން އަންނަނީ ވެސް ލަކުޑިބޯގެ ޑައިވިން ސެންޓަރު މަލްޓިމެރިން ސާވިސްގަ އެވެ.

"ދެ މީހުން ވެސް ޑައިވް ކުރާތީ އައިސްފައި އިން ހިޔާލެއް މިއީ ވަރަށް ކުރިން ފެށިގެން. ދެން ހުރިހާ ކަމެއް ވެސް މިދިޔައީ އެކްސްޕެކްޓް ކުރި ވަރަށް ވުރެ ވެސް ފުރިހަމަކޮށް،" ކައިވެންޏަށް ފަހު ދިން އިންޓަވިއުއެއްގައި މަފްޒުލް ބުންޏެވެ.

ކައިވެނީގެ ފޮޓޯތައް ނަގަން ރާނިޔާ މޫދަށް ފައިބަނީ. -- ފޮޓޯ: ހުސެން ވަހީދު

"ދެން އަނެއްކާ ދެ މީހުންގެ ޕްރޮފެޝަން އެކައްޗަކަށް ވެފައި ބޭނުންވީ އެހެން މީހުން ނުކުރާ ތަފާތު ގޮތަކަށް ކުރަން."

ސަބްމެރިން ތެރޭގައި ކައިވެނިކުރުމަކީ ހަފުލާގެ އެއް ބަ އެވެ. އަނެއް ބަޔަކީ ކަނޑު އަޑީގައި ދެމަފިރިންގެ ފޮޓޯ ނެގުމެވެ. ލަކުޑިބޯ އާއި އޭނާގެ ޓީމު އޭރު ވަނީ އެކަމަށް ތައްޔާރުވެފަ އެވެ. މަފްޒުލް އާއި ރާނިޔާ އަށް ހާއްސަކޮށްފައި އޮކްސިޖަން ދެ ފުޅި އޮތީ މަލުން ޒީނަތްތެރިކޮށްފަ އެވެ.

ވެޑިން ޑްރެސްއާ އެކު ދެ ޒުވާނުން ކަނޑަށް ފޭބީ ކައިވެނީގެ ކޭކާ ވެސް އެކުގަ އެވެ. ދެ މީހުން އެކަކު އަނެކަކު އަތުގައި އަނގޮޓި އެޅީ ވެސް ކަނޑު އަޑީގައި ސަބްމެރީންގެ މަތީގަ އެވެ. އެ ފޮޓޯ ނެގުމުގައި ދެ ޒުވާނުން ކަނޑުގެ އަޑީގައި ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ހޭދަކުރި އެވެ.

ކަނޑުއަޑީގައި އިއްޔެ ކައިވެނިކުރި މަފްޒުލް އަދި ރާނިޔާ. -- ފޮޓޯ: ހުސެން ވަހީދު

ކަނޑު އަޑީގައި އެންމެ ފުރަތަމަ ދެ ދިވެއްސަކު ކުރި ކައިވެނީގެ މަންޒަރުތައް ވެސް ނެގީ، އިއްޔެ ވެސް އެކަމުގައި އުޅުނު ޓީމެވެ. އެފަހަރު ކައިވެނިކުރީ ލަކުޑިބޯގެ ދޮށީ އަންހެން ދަރިފުޅެވެ. މިފަހަރު އޭނާ ފުރިހަމަ މިކޮށްދިނީ އޭނާގެ ތިމާގެ ކުއްޖެއް ކަމަށްވާ މަފްޒުލް އާއި ރާނިޔާގެ ހުވަފެނެވެ.

Popular