21 May 2018

އީމާ: ބާސްކެޓްގައި އުންމީދީ އާ ތަރިއެއް

އީމާ: ބާސްކެޓްގައި އުންމީދީ އާ ތަރިއެއް

By: Aishath Maaha

މޭކްއޯވާގެ މި ސެގްމަންޓް ވެސް އަހަރުމެން ބޭނުންވީ ތަފާތުކޮށްލާށެވެ. ތަފާތު މޫނެއް ގެނެސްދީ ތަފާތު ވާހަކައެއް ގެނެސްދޭށެވެ. އެ މަސައްކަތުގެ ތެރެއިން މި ފަހަރު އަހަރެމެން ނިންމީ ވަރަށް ޒުވާން ބާސްކެޓް ކުޅުންތެރިއެއް ގެނެސްދޭށެވެ.

މި ހަފުތާގެ މެހެމާނަކީ އުމުރުން އެންމެ 17 އަހަރުގެ އީމާ އަހްމަދެވެ. އެންމެ ފުރަތަމަ އީމާ އަހަރުމެންނަށް ފެނުނީ މިކަހަލަ އެހެން ސެގްމަންޓެއްގެ ޝޫޓިން ތެރެއިންނެވެ. އޭރު ވެސް އޭނާ ހުރީ ބާސްކެޓް ކުޅެން ދަނޑަށް އަރަ އެވެ. އީމާގެ ކުޅުމާއި ހަރަކާތްތަކަށް ބަލާފައި އީމާ އަކީ މޭކްއޯވާގެ މި ސެގްމަންޓުގެ މެހެމާން ކަމަށް ހިތުން ނިންމާފައި އީމާގެ ނަމްބަރު ހޯދައިގެން ގުޅީ އޭގެ ހަފުތާއެއް ފަހުންނެވެ.

އީމާގެ މޭކްއޯވާ: ވީޑިއޯ: އަފްޝީން ނަސީރު

ބާސްކެޓް ބޯޅައާ އެކު ކޯޓު ތެރޭގައި އެ އުޅޭހާ އަވަސް ހަލުވި މިނުގައި ނޫނަސް ވަރަށް އަވަހަށް މި ސެގްމަންޓަށް އަރަން ނިންމައި ފޮޓޯ ޝޫޓުގައި ބައިވެރިވާން ވެސް އީމާ އެއްބަސްވެއްޖެ އެވެ. އެހާ ހިސާބުން އީމާ ހަވާލުކުރީ އަހަރުމެންގެ ސްޓައިލިސްޓް ނޫރާ ރަޝީދު އާ އެވެ. އީމާ ގޮވައިގެން ނޫރާ ދިޔައީ ހެންވޭރުކޮޅުގައި ހުންނަ "ސެރެއިން" ފިހާރަ އަށެވެ. ޝޫޓަށް ބޭނުންވާ ހެދުމާއި ފައިވާން ހޯދީ އެތަނުންނެވެ.

ފޮޓޯގްރެފީ: މަސްރަހް

ސެގްމަންޓުގެ އިތުރު ތައާރަފަކަށް ދާއިރު މި ހަފުތާގައި ވެސް މޭކްއޯވާ ސެގްމަންޓުގެ ފޮޓޯތައް ނަގައިދީފައިވަނީ މަސްރަހް ނަސީމެވެ. މޭކަޕް ކޮށްދިނީ ގުރެއިޝާ އެވެ. އަދި ވީޑިއޯކޮށް އެޑިޓްކޮށްދިނީ އަފްޝީން ނަސީރެވެ.

ފޮޓޯގްރެފީ: މަސްރަހް

ދެން އީމާގެ ވާހަކަ އެވެ. އޭގެކުރިން އަހަރުމެންނަށް އީމާ ސިފަވި ގޮތް ކިޔާލަދޭނަމެވެ. އީމާ ވަރަށް މަޑުމައިތިރި އެވެ. ހަމަ ވަރަށް ވެސް މަޑުމައިތިރި އެވެ. ސަކަރާތްޖެހުމަކީ އީމާ ދަންނަ ކަމެއްހެނެއް ހިއެއް ނުވެ އެވެ. މޭކްއޯވާގެ މި ޝޫޓަށް ގާތްގަނޑަކަށް ހަތް ވަރަކަށް ގަޑިއިރު ހޭދަވިއިރު އީމާ ހީލި އަޑުވެސް އިވުނީ ދެތިން ފަހަރަކު އެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނިއްޔާ ނުބުނެ އެވެ. މަޑުމައިތިރި އެހާވެސް ބަސް މަދެވެ. އިންޓަވިއުގައި ހޭދަވި ވަގުތުތަކުގައި ވެސް އީމާ ވާހަކަ ދެއްކިލެއް މާމަދު ހެން ހީވެ އެވެ.

އީމާ ރައްޓެހިންނާއެކު. -- ފޮޓޯ: މަސްރާހް

އީމާ އަކީ ހއ. ތަކަންދޫ ކުއްޖެކެވެ. ނަމަވެސް ކުޑައިރުން ފެށިގެން އުޅެމުން އައީ މާލޭގަ އެވެ. ޕްރީސްކޫލުން ފެށިގެން އޯލެވެލްއާ ހަމައަށް ކިޔެވީ ވެސް މާލޭގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

ބާސްކެޓްގެ ތެރެއަށް އީމާއަށް ވަދެވުނީ ސްކޫލްގެ ތެރެއިންނެވެ. އާންމުކޮށް، ކިތަންމެ މަޑުމަޑުން ހުއްޓަސް ކުޅިވަރުގެ ކޯޓުތަކުގައި ނިކަން ހަލުވި ކުއްޖެކެވެ. އީމާ ބުނީ ގޭގައި ބޭބެ ވެސް އަދި ކޮއްކޮމެން ވެސް ކުޅޭތީ އޭނަ ވެސް އެކި ކުޅިވަރުތަކަށް ޝައުގުވެރިކަން އުފެދުނީ ކަމަށެވެ. ނަމަވެސް އާއިލާގައި ބާސްކެޓް ކުޅުންތެރިއަކީ ހަމައެކަނި އީމާ އެވެ. ދެންތިބި ކުދިން ކުޅެނީ ފުޓުބޯޅަ އަދި ހޭންޑްބޯލް އެވެ. ގްރޭޑް ހަތަރަކާ ހަމައަށް އައިއިރު ބާސްކެޓްގެ އިތުރުން ނެޓްބޯޅަ އަދި ހޭންޑް ބޯލް ވެސް އީމާ ކުޅެ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

"ގްރޭޑް ހަތަރެއްގައި އުޅެނިކޮށް ޖެހުނީ އެ ހުރިހާ ކުޅިވަރެއް ތެރެއިން އެކަތި ޗޫޒްކުރަން. އެހެންވެ ނެޓްބޯލް އާއި ހޭންޑްބޯލް ދޫކޮށްލީ ބާސްކެޓް ކުޅެންވެގެން. އޭގެފަހުން ކުޅެނީ ބާސްކެޓް،" އީމާ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

ގްރޭޑް ހަތަރެއްގައި އުޅެމުން ބާސްކެޓް ޗޫޒްކޮށް އޭނާ ދުއްވައިގަތް ގޮތަށް ހަމަޖެހިލީ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމުން ވެސް ޖާގަ ހޯދައިގެންނެވެ. ސްކޫލް ހުރިހާ މުބާރާތެއް ކުޅެމުން އެއް އަހަރު ގައުމީ ޓީމަށް ވެސް ހިދުމަތް ކޮށްދިނެވެ. އޭގެ އިތުރުން އެތުލެޓިކްސްގައި ވެސް އީމާ އަކީ ތަރިއެކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

"ފުރަތަމަ ފެށިއިރު ކުޅުނީ ހަމައެކަނި ސްކޫލް މުބާރާތްތައް. އޭގެފަހުން އަނެއްހެން ބާއްވާ މުބާރާތްތަކުގައި ވެސް ކުޅެން. ރޯދަމަހު އޮންނާނެ ވަރަށް ގިނަ ތްރީ އޮން ތްރީ ޓޯނަމެންޓުތައް."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

ގައުމީ ޓީމަށް ކުޅެ ސްކޫލް ވެސް ނިމުމުން މިހާރު އީމާ ކުޅެމުން އަންނަނީ ޖިބިއްލިއާ ބާސްކެޓް ކްލަބަށެވެ. މި ރޯދަމަހު ވެސް މުބާރާތެއް އެބަ އޮތެވެ. މިހާރު ވެސް އަންނަނީ އެއަށް ޕްރެކްޓިސް ކުރަމުންނެވެ. ގައުމީ ޓީމަށް ކުޅުނު އިރު ރާއްޖެއިން ބޭރަށް ގޮސް ރޭންކިން މެޗުތަކެއްގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު އީމާއަށް ލިބުނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

ބާސްކެޓް ކުޅެމުން އަނެއްކާ ވެސް ކިޔަވަން އީމާ އަންނަނީ ތައްޔާރުވަމުންނެވެ. އޯ ލެވެލް ނިންމުމަށްފަހު ހައެއްކަ މަހުގެ ބްރޭކެއް ނަގާފައި އީމާ އެ އުޅެނީ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ދާއިރާއިން މަތީތައުލީމް ހާސިލްކުރާށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

އީމާގެ އަބަދުވެސް އެންމެ ކުރިއަށް ދާން ބޭނުންވާ ދާއިރާ އަކީ އެއީ އެވެ. އޭނާ ބޭނުންވަނީ ރާއްޖޭގައި ހުރެގެން ކިޔަވާށެވެ. އީމާ ބުނީ ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދިޔަ ނަމަވެސް ބާސްކެޓް ބޯޅަ އޭނަގެ އަތުން ދޫނުވާނެ ކަމަށެވެ. "ބާސްކޭޓް ކުޅޭނަން ކޮންމެ ތާކަށް ދިޔައަސް. ކުޅެވޭނެ ކަމަށް މި ބަލަނީ ވެސް."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

ކިޔަވަން ފަށަން ތައްޔާރުވަމުން އަންނާތީ އަދި އެއްވެސް ވަޒީފާއަކަށް އީމާ ނުދެ އެވެ. ހެނދުނު ހޭލައިގެން ބާސްކެޓް ޕްރެކްޓިހަށް ގޮސް މޫދަށް އެރިލާފައި ދެން ހުރިހާ ވަގުތެއް އީމާ ހޭދަކުރަނީ ގޭގަ އެވެ. އީމާ މިއީ މާގިނައިން ގެއިން ބޭރަށް ވެސް ދާ ކުއްޖެއް ނޫން ކަމަށް އޭނާ ބުންޏެވެ. ބާސްކެޓް ކޯޓުގެ އިތުރުން މޫދަކީ ވެސް އީމާ ގަޔާވާ ތަނެކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: ގުރޭޝާ | ވޯޑްރޯބް: ސެރެއިން

"މޫދަށް ދަން ކޮންމެ ދުވަހަކު ވެސް ޕްރެކްޓިސް ނިންމާފަ. ތަންކޮޅެއް ކަޅުވެފައި މިހާރު މިހުރީވެސް މި ދުވަސްކޮޅު މާގިނައިރު މޫދުގައި އުޅެވޭތީ،" އީމާ މަޖާވެލާފައި ބުންޏެވެ.

ބާސްކެޓް

Popular