13 Jun 2018

ރޯދަ މަހާ އެކު ނުނިމޭނީ ތަށިބަރި

މި ރޯދަ މަހު ހިނގި ކަންކަމުގެ ތެރެއިން ހުއްޓުމެއް ނެތި ކުރިއަށް ދާނީ "ތަށިބަރި މޫމްމަންޓް" އެވެ. ރޯދަ މަސް ނިމުނަސް އެ ފޯރި ވަނީ ގަދަ އެވެ.

މި ރޯދަ މަހު ހިނގި ކަންކަމުގެ ތެރެއިން ހުއްޓުމެއް ނެތި ކުރިއަށް ދާނީ "ތަށިބަރި މޫމްމަންޓް" އެވެ. ރޯދަ މަސް ނިމުނަސް އެ ފޯރި ވަނީ ގަދަ އެވެ.

By: Aishath Mihna Nasih

މި ރޯދަ މަސް ވެސް ނިމިގެން މި ދަނީ އުފާވެރި ހަނދާންތަކެއް އުފައްދަމުންނެވެ. ޒަމާނީ ހޮޅުއަށި ކަމަށްވާ ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ކަންކަން ހިނގައިފި އެވެ.

ރޯދަ މަހު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހިނގި ކަންކަމަށް ބަލާއިރު ދެތިން ކަމެއް ފާހަގަވެ އެވެ.

ތަށިބަރި

މި ރޯދަމަހު އެންމެ ކާމިޔާބީ "ތަށިބަރިމޫވްމަންޓް" ހޭޝްޓެގްގައި ފެށި، އެކަކު އަނެކަކަށް ތަށިބަރި ފޮނުވުމުގެ ހަރަކާތެވެ. ދިވެހިންގެ ތެރޭގައި އޮތް ޒަމާންވީ ރީތި އާދަކާދައެއް ދިރުވުމަށްޓަކައި ބަޔަކު އިސްނަގައިން ފެށި މި މަސައްކަތުގެ މަގްސަދު ވަރަށް ރަނގަޅަށް ވެސް ހާސިލްވެއްޖެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނާއި ވިޔަފާރަވެރިންނާއި ސިޔާސީ ބޭފުޅުން ވެސް މި ތަށިބަރީގެ ހަރަކާތުގައި ބައިވެރިވެއްޖެ އެވެ.

ރޯދަ މަސް ނިމުނަސް ތަށިބަރި ދާނީ ކުރިއަށް ކަމަށް ބެލެވެ އެވެ.

ހަވާދުލީ ބިސް

ރޯދަމަސް ނިމޭއިރު، ހަވާދުލީ ބިހެއް ނުކެވޭ މީހަކު އެބަހުރި ހެއްޔެވެ؟ ހަވާދު ބޭނުންކުރިޔަސް ނުވަތަ ސޯސްގަޑެއް ހޭކިޔަސް، މި ހަވާދުލީ ބިހުގެ ހުރި ރާހަތެއް ނުކުރާ ގެއެއް މަދުވާނެއެވެ. ސޯޝަލް މީޑިއާގައި ވެސް މި ހަވާދެއް ލެވިއްޖެ އެވެ. ކޮންމެއަކަސް މި ބަހުސް ދެން ކުރުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ގޮތަކަށް ކެއްކިޔަސް، ދިވެހި ހެދިކާތަކުގެ ރަން ތާޖު މިފަހަރުވެސް ގެންދަނީ ހަމަ ހަވާދުލީ ބިހެވެ.

އިފްތާރާއި ރޯދަވީއްލުން

މިއީ ވެސް ކުރެވުނު ބަހުސެކެވެ. "ރޯދަ ކެނޑުން" އާއި "ރޯދަ ވީއްލުން" އަދި "އިފްތާރު" ގެ ތެރެއިން ބޭނުންކުރަންވީ ކޮން ބަހެއްތޯ ބަހުސްކުރެވުނެވެ. އެއްބަޔަކު ބުނަނީ "ރޯދަވީއްލުން" ކަހަލަ ރީތި ބަހެއް އޮއްވައި "އިފްތާރު" އާންމުކޮށް، ދިވެހި ބަހެއް ގެއްލުވާލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމަކު މިއާ އެކު އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. "އިފްތާރު" ގެ މާނަ އަކީ "ބްރޭކްފާސްޓް" އެވެ. އެހެންވިއްޔާ މައްސަލަޔަކަށް މި ވަނީ އަރަބި ބަހެއް ބޭނުންކުރުމުންހެއްޔެވެ؟ އިނގިރޭސިން ކިޔުމުން މައްސަލައަކަށް ނުވަނީ ހެއްޔެވެ؟

ވޯލްޑް ކަޕް 2018ގެ ތީމް ލަވަ

ދެ އީދު އެއްފަހަރާ

ރޯދަމަސް ފެށުނީ މޯލްޑިވިއަން އައިޑޮލް ނިމި، އޭގެ އަސްލު ހައްގުވެރިޔަކާ މެދު ކުރި ބަހުސްތަކާ އެކުގަ އެވެ. ރޯދަ މަސް ނިމި ފިތުރު އީދާ އެކު ފެށެނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ވޯލްޑް ކަޕެވެ. އެހެންވެ ރޯދަ މަސް މި ނިމެނީ ފުޓްބޯޅައިގެ ބަހުސާ އެކުގަ އެވެ. އަނެއްކާ އަނެއް ފޯރިގަނޑެވެ.

މި ލިސްޓަށް އިތުރުކޮށްލެވިދާނެ ކަންކަން އަދިވެސް ހުންނާނެ އެވެ. އަގު ރަނަށް އަރައިގެން ދިޔަ ކަރަޔާއި ފަތާއި އެކި ބާވަތްތަކުގެ ވާހަކަ ދެން ހުއްޓާލާފައި ކުރުކޮށްލާނީ އެވެ.

ލޯކަލް މާރުކޭޓް ރޯދަ މަސް 2018

Popular