18 Jun 2018

ކޮފީ ބުއިން ހުއްޓާލުމުން ވާނީ ކިހިނެއް؟

ކޮފީ ބުއިން ހުއްޓާލުމަކީ އުނދަގޫ ކަމެއް ހެއްޔެވެ؟ އެކަން ހުއްޓާލުމުން އަންނަނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟

ކޮފީ ބުއިން ހުއްޓާލުމަކީ އުނދަގޫ ކަމެއް ހެއްޔެވެ؟ އެކަން ހުއްޓާލުމުން އަންނަނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟

By: Aishath Mihna Nasih

އެތައް ބައެއްގެ ކޮންމެ ދުވަހެއްގެ ފެށުމަކީ ކޮފީ ތައްޓެކެވެ. ކޮފީގެ ދުނިޔެއަށް ވަދެވިއްޖެ މީހަކަށް އޭގެ އެތައް ބައިވަރު ފައިދާތަކާއި ބޭނުންތައް ފެނެ އެވެ. މަސައްކަތުގެ ރޫހު އަންނަނީ ކޮފީންނެވެ. ފޫހި ފިލަނީ ވެސް އެއިންނެވެ. އަދި ކޮފީ ބުއިމުގައި ގިނަ ދުވަސް ހޭދަވެފައިވާ މީހެއް ނަމަ ނުވަތަ ކޮފީ އެޑިކްޓެއް ނަމަ، ކޮފީއެއް ނުބޮއެ ގިނައިރު ވުމުން އެކި އުނދަގޫތައް ވެސް ކުރިމަތިވެ އެވެ. "ކެފެއިން ވިތުޑްރޯވަލް" އާ ގުޅުން ހުރި އެކި ކަންކަމާ ކުރިމަތިވެ އެވެ.

ޓީއެފްޖީގެ މާސްޓާ ޓްރެއިނާ ހުސެއިން ޒިނާން، 41، އޭނާގެ ތަޖުރިބާ "ދޯ" އާ ހިއްސާކުރި އެވެ. އޭނާ އަކީ ވެސް މީގެ އަހަރެއް ކުރިން ކޮފީ އެޑިކްޓެކެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ކޮފީ ހުއްޓާލުމަށް ފަހު އޭނާ އަކީ މިހާރު ސައި ބުއިމަށް ފޯރި ހުންނަ މީހެކެވެ.

ޒިނާން ބުނިގޮތުގައި އޭނާ ކޮފީ ބޯން ފެށީ އުމުރުން 16، 17 ވަރަކަށް އަހަރުގައެވެ. އެންމެ ލައިޓްކޮށް އާދައިގެ ނެސްކެފޭ މިލްކުން ފެށި ނަމަވެސް، މަލިޓާ މިލްކް ކޮފީ އާއި ލަވާޒާ މިލްކަށް ބަދަލުވެ ދެން އޭނާ ބޯން ފެށީ އެސްޕްރެސޯ އެވެ. އެވެސް ފަހުން "ޑަބަލް" އަށް ވީ އެވެ.

"އެންމެ ލައިޓް ފޯމްތަކުގެ ކޮފީން ފެށީ، އެކަމު ގާތްގަނޑަކަށް 23 އަށް އަހަރު ކޮފީ އެޑިކްޓެއްގޮތަށް ދިޔައިރު، ފަހުން ބޮއެ އުޅުނީ އެންމެ ހެވީ ކޮފީ،" ޒިނާން ބުންޏެވެ.

ކޮންމެ ދުވަހަކު ގާތްގަނޑަކަށް ހަ ތަށި ކޮފީ ބުއި ޒިނާން، ކޮފީއާ ދުރުވާން ނިންމީ ހަމަ ކުއްލިއަކަށެވެ. އެކަމަކު އެއީ ތަފާތު ވިސްނުމެއްގައި ނިންމި ނިންމުމެކެވެ.

ޒިިނާން ބުނިގޮތުގައި އެހާ ގިނަ ދުވަހު އެހާ ގިނައިން ކޮފީ ބޮއެ އުޅުމުން އޭނާ އަށް ހީވެފައި އޮތީ މުޅި ދިރިއުޅުން ވަކި އެއްޗެއް ޑޮމިނޭޓް ކުރާ ހެންނެވެ. އެއްވެސް ކަމަކީ އެގޮތަށް މާ ބޮޑަށް ބާރުފޯރުވާ އެއްޗަކަށް ވުމަކީ ރަނގަޅު ކަމަކަށް ނުވާއިރު، އޭނާގެ ދާއިރާގެ ގޮތުންނާއި އޭރު ތައްޔާރުވަމުންދިޔަ އޮބްސްޓެކަލް ރޭހަށް ފަރިތަކުރުމަށް ވެސް ލުޔެއް ލިބޭނޭ ކަމަށް ލަފާކޮށް، ކޮފީ ބުއިން އެއްކޮށް ހުއްޓާލަން ނިންމީއެވެ.

ޒިނާން އިންސްޓަގްރާމްކޮށްފައިވާ ފޮޓޯއެއް

އާންމު ގޮތެއްގައި މިފަދައިން ކެފެއިންގެ މިންވަރު ކުއްލިއަކަށް މަދުކޮށްލުމުން، ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި މޫޑަށް ބަދަލުތަކެއް އައުން ފަދަ ކަންތައްތަކާއި ކުރިމަތިލާންޖެހުނަސް، ޒިނާން ބުނިގޮތުގައި އޭނާއަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވެއެވެ.

ޒިނާން ބުނި ގޮތުން ނަމަ އޭނާއަށް ދިމާވީ މިކަމުގެ އިދިކޮޅަށެވެ. ކޮފީ ހުއްޓާލުމުން، ނިދަން ވަރަށް ބޮޑަށް ފަސޭހަވެ، ޑީޕް ސްލީޕް ލިބޭ ކަން ޒިނާން ފާހަގަކުރި އެވެ. އޭނާ ބުނީ، ކުރިއާ ޚިލާފަށް މާ ބޮޑަށް ހަށިގަނޑު އެނާޖެޓިކް ވެސް ވި ކަމަށެވެ.

ވަކި ކަމެއް ކުރުމަށް އަމާޒު ހިފައިފި ނަމަ ޒިނާނަކީ އަބަދުވެސް އެގޮތުގައި ހުންނަ މީހެކެވެ. އޭނާ ކޮފީ ބުއިން ހުއްޓާލަން މިދިޔަ އަހަރު ނިންމި ފަހުން އަދިވެސް ހުރީ ހަމަ އެގޮތުގައެވެ. ނަމަވެސް ދެން އޭނާގެ ދިރިއުޅުމަށް ތައާރަފްވީ ސަޔެވެ.

"މިދިޔަ އަހަރު ދެން ކޮފީއެއްކޮށް ހުއްޓާލީ، އެކަމަކު ކޮފީތަކަށް އަރާއިރު ޕްރެސެންސް ގެއްލުވާ ނުލާންވެގެން ސައިތަށި ގެންނަން ފެށީ. އާލްގްރޭ އާއި ޕެޕާ މިންޓް ކަހަލަ ފްލޭވާސްތައް އެންމެ ފުރަތަމަ ޓްރައި ކުރީ،" ޒިނާން ކިޔައިދިނެވެ.

އެއަށް ފަހު ތަންކޮޅެއް ބޮޑަށް މިކަމުގެ ތެރެއަށް ވަދެވި، ޒިނާން ބުނާގޮތުން ނަމަ ތަންކޮޅެއް ހޮލިސްޓިކް އެޕްރޯޗެއްގެ ތެރެއިން ޓީ ބޭގްސް ބޭނުން ނުކޮށް ސީދާ ސައިފަތް ބޭނުންކޮށްގެން އޭނާ ސައި ހަދަން ފެށިއެވެ. އަދި ތަންކޮޅެއް ލުއި ވައްތަރުގެ ސައިތައް ކަމުގައިވާ އިންގްލިޝް ބްރޭކްފާސްޓާއި އާލް ގްރޭ އަދި ގްރީން ޓީ ބޯން ފެށިއެވެ. ސައި ބޯއިރު އެއްވެސް ވަރަކަށް ހަކުރު އަދި ކިރު ވެސް ޒިނާން ނާޅަ އެވެ.

ދެން އޮތީ ކޮފީ އާއި ސައިގައި ވެސް ހިމެނޭ ކެފެއިންގެ ވާހަކައެވެ. ޒިނާން ބުނާގޮތުން ހިކި ކޮފީއާ އަޅާބަލާއިރު ހިކި ސައިގައި ކެފެއިންގެ އަދަދު ގިނަ ކަމުގައިވިޔަސް، ފެނާ އެއްކޮލުމުން ކެފެއިންގެ އަދަދު ކޮފީއާ އަޅާބަލާއިރު ސައިގައި ވަރަށް ބޮޑުތަން ލުއިވެއެވެ. އަދި ސައިގައި އެންޓި އޮކްސިޑެންޓްސް ވެސް ގިނަ އަދަދަކަށް ހުރުމާ އެކު ކެފެއިން އެބްސޯބް ކުރެވޭ މިންވަރު މަދުވެއެވެ.

ސަޔަކީ މިހާރު ޒިނާންގެ ގާތް އެކުވެރިއަކަށް ވިޔަސް އޭނާ ސައި ބޮނީ ވަކި ގަޑިތަކެއްގައި ނުވަތަ ވަކި ތަރުތީބަކުންނެއް ނޫނެވެ. ޓީވީ ދޮށުގައި އެއްޗެއް ބަލައިލަމުން ސައިތަށްޓެއް ބޯލާއިރު، ކޮފީ ފަދައިން ސަޔަށް އެޑިކްޓް ނުވެ، ކޮފީ އޭނާގެ ދިރިއުޅުން ޑޮމިނޭޓް ކުރުމުން ހުއްޓުވާލުވުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު އުފަލެއް ކަމަށް އޭނާ ދެކެ އެވެ.

ކޮފީ ޓީއެފްޖީ

Popular