19 Jun 2018

ހަގީގީ ލޯތްބަކީ ބުނާހާ ކަމެއް ކުރުން؟

By: Aishath Mihna Nasih

ހަގީގީ ލޯބި އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. ލޯތްބަކީ ކޮބައިކަން އާންމުކޮށް މި ބުނެދެނީ ކޮންމެވެސް އިޝްގީ ފިލްމަކުން ނުވަތަ ވާހަކައަކުންނެވެ. ދެން އަހަރެމެންގެ ހަޔާތަކީވެސް އެކަހަލަ ކޮންމެވެސް "ފެއާރީ ޓޭލް" ދުނިޔެއެއް ކަމުގައި ވާން ބޭނުންވެއެވެ.

ހަގީގަތަކީ ލޯބިން ގުޅިގެން އުޅޭ ކޮންމެ ދެމީހެއްގެ ދެމެދުގައި ވެސް މައްސަލަތަކެއް ޖެހިދާނެކަމެވެ. މުހިންމީ އެކަންކަމަށް ހައްލު ހޯދަން އަމިއްލަ އަށް ދަސްކުރުމާއި މަސައްކަތްކުރުމެވެ.

މިއީ އާންމުކޮށް ދެ ލޯބިވެރިއެއްގެ ދެމެދުގައި ޖެހިދާނެ މައްސަލަތަކާއި އެ ކަންކަމުގެ ޖަވާބެވެ. ސުވާލުތަކަށް ޖަވާބު ދެއްވީ ސައިކޮލޮޖީ އަދި ސޯޝަލް ވާކް ދާއިރާއިން ތައުލީމް ހާސިލްކޮށް މަސައްކަތްކުރަމުން އަންނަ، ވިމެން ސެންޓަރުގެ މެންޓަލް ހެލްތު ކޯޑިނޭޓަ، ފާތިމަތު އީމާން ނަޝީދެވެ.

މީހަކު ދެކެ ލޯބި ވަންޏާ އޭނާ ބުނާ ހުރިހާ ކަމެއް ކުރަން ޖެހޭނެތަ؟ އަދި ހުރިހާ ވަގުތެއް ލޯބިވެރިޔާއަށް ހުސްކުރަން ޖެހޭނެތަ؟

ނޫން. މިއީ ވަރަށް އާއްމުކޮށް ގަބޫލް ކުރެވިފައި އޮންނަ ކުށް ހީއެއް. ލޯބިވުމަކީ އަމިއްލަ ވިސްނުންތަކާއި އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް (އޯން ވެލިއުސް އެންޑް ސެލްފް ރެސްޕެކްޓް) ދޫކޮށްލަންވީ ކަމެއް ނޫން. އެކަމަކު މިވިސްނުމާއި ހެދި އަމިއްލަވަންތަކަން (ސެލްފް އައިޑެންޓިޓީ) ގެއްލި އަނެކާއަށް ލޯބިވާކަމުގެ ހެކި ދައްކައިދޭން ކޮންމެފަދަ ކަމެއްވެސް ކުރަން ބޭނުންވޭ. އެއީ އަމިއްލަ ވިސްނުމާއި ދީނާ އިދިކޮޅު ކަމެއްކަމުގައި ވިޔަސް އެއީ އެހެންމީހުން ވެސް ކުރާކަމަކަށްވާތީ "އޯކޭ" ކަމެއްކަމަށް ގަބޫލުކުރެވޭ. ނަމަވެސް ހަގީގީ ލޯބިވާނަމަ ތިމާ ބޭނުން ނުވާ އެއްވެސް ކަމެއް ކުރުމަށް އަނެކާ މަޖުބޫރެއް ނުކުރާނެ.

އަހަރެންދެކެ ލޯބިވަންޏާ އަހަރެންގެ ހުރިހާ އިހްސާސްތަކާއި ވިސްނުންތައް އޭނައަށް އެނގޭނެދޯ؟

މިއީ ގިނަ ފަހަރަށް ހީވެފައި އޮންނަ ގޮތް. ތިމާ ދެކެ ލޯބިވަންޏާ ތިމާ ނުބުނިކަމުގައި ވިޔަސް ތިމާ ދެރަވާ ކަންކަމާއި އެހެނިހެން ކަންކަން އިނގޭނެއޭ، ނުވަތަ އެނގެން ޖެހޭނެއޭ. ތެދެއް، މިކަންކަން އެނގުން ވަރަށް މުހިއްމު، ނަމަވެސް ހުރިހާ ފަހަރަކު އެންމެންނަކީ "މައިންޑް ރީޑާސް" ނުވަތަ ތިމާގެ ހިތުގައިވާ އެއްޗެއް އަނެކާއަށް އެނގޭނޭ މީހުންނެއް ނޫން. އަންހެނުންނާއި ފިރެހެނުންނަކީ ވިސްނުމާއި އިހުސާސްތައް ފާޅުކުރުމުގައިވެސް ވަރަށް ތަފާތު ދެ ބައެއް. އެހެންވީމަ، ރަނގަޅު ގޮތުގައި މުއާމަލާތްކޮށް ހުރިހާކަމެއް ހިއްސާކުރުން މުހިއްމު. ބައެއްފަހަރު އެބަޖެހޭ ތަކުރާރުކޮށް ހަނދާންކޮށްދޭން ވެސް.

ކޮންމެ އިންސާނަކީ ވެސް ކުށެއް ކުރެވިދާނޭ މީހެއް، ނަމަވެސް ކުށް އަބަދުމެ ތަކުރާރުކުރުމަކީ ވެސް ގޯހެއް. ތިމާގެ ކުށް ރަނގަޅުކުރުމީ ދެފަރާތުގެ އިތުބާރާއި ގުޅުން ބަދަހިކޮށްދޭނޭ ކަމެއް. ރުޅިއަންނަ ވަގުތު މީހާ ހަމައަކަށް އެޅުމަށް ފުރުސަތު ދިނުމަށްފަހު ނޫނީ ވާހަކަ ނުދެއްކުންވެސް ބުއްދިވެރި. އެއީ ރުޅިއައިސް ހުރެ ބުނެވޭ އެއްޗަކުން ނުވަތަ ބުނެވޭ ގޮތަކުން ދެފަރާތުގެ ގުޅުމަށް ނޭދެވޭ އަސަރުތައް ކޮށްފާނެ. އަދި ލަސްނުކޮށް ހިތުގައިވާ އެއްޗެއް އަނެކާއާ ހިއްސާ ކުރުންވެސް ވަރަށް މުހިއްމު!

ހަގީގީ ލޯބިވާ ނަމަ ދެމަފިރިންގެ ދެމެދުގައިވާ "ޕެޝަން" އަށް އެއްވެސް ބަދަލެއް އަންނާނެތަ؟

ކައިވެންޏެއް ކުރާ ފުރަތަމަ ދުވަސްކޮޅު ނުވަތަ "ހަނީމޫން ފޭސް" އަކީ ލޯބީގެ ޖަޒުބާތުން ފުރިގެންވާ އުފާވެރި ފޮނި ދުވަސްކޮޅެއް. ނަމަވެސް ދުވަސްތައް ކުރިއަށްދާ ވަރަކަށް އެ ޕެޝަން މަޑުމަޑުން މެދުމިނަކަށް އާދޭ. މީގެ މާނައަކީ ދެމީހުން އެކަކު އަނެކަކަށް ބޭނުންވުން ނުވަތަ "ޑިޒަޔާ" ފިލައިގެން ދަނީއެއް ނޫން. މިއީ ކޮންމެ ބަޔަކަށްވެސް ވާނޭ ކަމެއް. އަދި މިހެން މިކަން ދިމާވާން ބައިވަރު ސަބަބުތަކެއްވެސް އެބަހުރި. ފުރަތަމަ ކަމަކީ އަލަށް ލޯބީގެ ގުޅުމެއް ފަށާއިރު ކޮންމެ މީހެއްގެވެސް ސިނކުޑީގައި "ޑޮޕަމިން" ނަމަކަށް ކިޔާ ކެމިކަލްސް (އެދުންތަކާއި ގުޅުންހުރި ކެމިކަލްސް) ގިނަވެގެންދޭ. ވީމާ، މިކަމަށް ބޮޑަށް ބޭނުންވެގެންދޭ. ނަމަވެސް މި ކެމިކަލް ރިއެކްޝަން މަޑުމަޑުން މެދުމިނަކަށް އެޅެން ފެށުމުން މީހާ ވެސް މިގޮތަށް ހަމައަކަށް އެޅޭ.

ދެން އަނެއް ކަމަކީ، ކައިވެނިކޮށް ދިރިއުޅެން ފެށުމުން އާދައިގެ އާއްމު ރޫޓިން އަކަށް ހުރިހާކަމެއް ފެތެން ފަށާ. މީހާވެސް ހުންނަނީ ވަކި ގޮތަށް ހޭނިފައި. އެހެންކަމުން މާ ބޮޑު "އެކްސައިޓްމަންޓެއް" ނުވަތަ އާ ބައިވަރު ކަންތައްތަކެއް ދެމީހުންގެ ދޭތެރޭގައި ނުހިނގާ. ނަމަވެސް މި ޕެޝަންއަކީ އިތުރަށް ދިރުވާ އާލާކޮށް އަދި ދެމެހެއްޓޭނޭވެސް އެއްޗެއް. ބޭނުންވަނީ ދެފަރާތުގެ ވެސް ކުޑަ ހިތްވަރަކާއި މަސައްކަތެއް. މިސާލަކަށް، އެކަކު އަނެކާއަށް ލޯބިން ހީނުކުރާ ފަދަ ކުދި ސަޕްރައިޒްދީ، ދެމީހުން އެކުގައި މަޖާކޮށް، ވަގުތު ހޭދަކުރާނޭ ތަފާތު އެކި ގޮތްތައް ރާވާލައިގެން ކުރިއަށް ގެންދިއުން ފަދަ ކަންކަން ހިމެނޭ.

ރަނގަޅު ގުޅުމެއް ނަމަ އެމީހަކާ އަބަދު މައްސަލައެއް ނުޖެހޭނެދޯ؟ މައްސަލަތައް ޖެހެންޏާ އެއީ ގުޅުން ބަލިކަށިވާނެ ކަމެއްތަ؟

ނޫން. ވަރަށް ރަނގަޅު ގުޅުންތަކުގައިވެސް މައްސަލަތައް ޖެހޭ. އަދި މައްސަލަޖެހުމުން އިތުރަށް ގުޅުން ވަރުގަދަވެސް ވޭ. ސައިކޮލޮޖީ ދިރާސާތަށް ބުނާ ގޮތުގައި "ދެމީހުން އަބަދުމެ ދެބަސްވުން" މިއީ މައްސަލައެއް ނޫން. ހަގީގީ މައްސަލައަކީ "ދެބަސްވާ ގޮތް"، އެއީ ރަނގަޅު ދެބަސްވުމެއްގައި ދެފަރާތް އެކަކު އަނެކާގެ ވާހަކައާއި އިހުސާސްތައް ފާޅުކުރަން ފުރުސަތުދީ އަޑުއަހައި މައްސަލަތައް ހައްލުކުރެވޭނޭ ގޮތްތަކާއި މެދު މަޝްވަރާ ކުރާނެ. މިކަމުން މައްސަލަތައް ފަހުން ތަކުރާރުވިޔަ ނުދީ ދެމީހުންގެ އިތުބާރާއި ގުޅުން ބަދަހިކޮށްދިނުމަށް އެހީތެރިވެދޭ.

ނުރަނގަޅު ދެބަސްވުމަކީ ހަޑިހުތުރު ބަހުރުވައިން މުއާމަލާތްކުރެވި، އެކަކު އަނެކާގެ އިހުސާސްތައް ފާޅުކުރަން ފުރުސަތު ނުދީ، މައްސަލައައް ހައްލެއް ގެނައުމަށް މަޝްވަރާ ނުކުރެވި ދިގުލައިގެންދާ ދެބަސްވުންތައް. މިފަދަ މައްސަލަތަކުން ދެމީހުންގެ ގުޅުމަށް ބުރުއަރާ. ވީމާ، މައްސަލަތައް ގިނައިން ޖެހުމަކީ މައްސަލައެއް ނޫން! އަސްލު މައްސަލައަކީ މައްސަލަ ޖެހޭ ވަގުތު ނުރަނގަޅު ގޮތްގޮތަށް ކަންތައްތައް ކުރުން. އަދި ހަމައެހެންމެ އެއް މައްސަލައެއް ތަކުރާރުކޮށް ހައްލުނުކުރެވި ދިގުލައިގެން ދިއުންވެސް ހިމެނޭ. އެއްވެސް މައްސަލައެއް ދިމާ ނުވުމަކީވެސް ހަޤީގަތުގައި މައްސަލައެއް! މިއީ ފަހަރުގައި ކަންކަން ސިއްރުކޮށް މަޝްވަރާ ނުކުރެވޭ ކަމުގެ ނިޝާނަކަށްވެސް ވެދާނެ. އެހެންވީމަ، އަމިއްލަ ވިސްނުން (މައިންޑްސެޓް) މިގޮތަށް ބަދަލުކުރުން ވަރަށް މުހިއްމު. އޭރުން މައްސަލައެއް ޖެހުމުން ހާސްވެ މާޔޫސްވުމުން ދުރުކޮށްދީ ރަނގަޅު ގޮތުގައި ހައްލު ކުރުމަށް އެހީވެދޭނެ.

"ޖެލަސް ވުން" މިއީ ހަގީގީ ލޯބިވާކަމާއި އަނެކާއަށް އަޅާލާ ކަމުގެ ނިޝާނެއްތަ؟

ޖެލަސްވުމުގެ އިހުސާސް ކުރެވުމާ ޖެލަސްވެގެން އެއަށް އަމަލު ކުރުމާ ވެސް ވަރަށް ތަފާތު. ލޯބިވާ މީހެއް ވެސް ޖެލަސް ވެދާނެ، ނަމަވެސް ޖެލަސްވުމަކީ ދުޅަހެޔޮ ގުޅުމަކަށް ހުރަސް އަޅާ ކަމެއް. ގިނަފަހަރަށް ޖެލަސް ވަނީ ދެމީހުންގެ މެދުގައި އޮންނަ ގުޅުމާ މެދު ޔަގީންކަން ކުޑަވެ ނުވަތަ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު (ސެލްފް ކޮންފިޑެންސް) ދަށްވާތީ. މީގެ އިތުރުން ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތަކާއި އެކަކު އަނެކާއަށް ކުރާ އިތުބާރު ކުޑަވުންވެސް ހިމެނޭ. ޖެލަސްވާ މީހެއްގެ އެފަދަ އިހުސާސްތައް ބަދަލު ކުރުމަށް އަނެކާއަށް ކުރެވޭނޭ މާބޮޑު ކަމެއް ނޯންނާނެ. ނަމަވެސް އެކަންތައް ކުރުމަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ދެވިދާނެ. އެއީ އެފަދަ މީހަކަށް ކިތަންމެ ވަރަކަށް އަނެކާ ލޯބިވާކަން އެނގުނު ނަމަވެސް ނުވަތަ ޖެލަސްވާންވީ ސަބަބެއް ނެތްކަން އެނގުނަސް ވެސް އެ އިހުސާސްތައް އަބަދުމެ ކުރެވޭ.

ދެމީހުންގެ ގުޅުން ވަރުގަދަ ކުރަންޏާ ކޮންމެވެސް އެކަކު ގޮތްދޫކޮށް ބަދަލުވާން ޖެހޭނެތަ؟

ގިނަފަހަރަށް ވާގޮތަކީ މައްސަލައެއް ޖެހުމުން މި ބުނަނީ އަނެކާއޭ މައްސަލައަކީ، ނުވަތަ އޭނާ ބަދަލުވެގެންނޭ ހައްލެއް އޮތީ. ނަމަވެސް ހަގީގަތަކީ ދެފަރާތުގެ އުޅުމާއި ވިސްނުން ވެސް ބަދަލުވާން ޖެހިދާނެ. މީހަކު ގަދަކަމުން ބަދަލުކުރަން އުޅުމަކީ ވެސް ފަސޭހަ ކަމެއް ނޫން، އަދި ރަނގަޅު ގޮތެއްވެސް ނޫން (އަނިޔާކުރުން ފަދަ ސީރިއަސް ހާލަތްތައް ފިޔަވާ). އެއީ މީހަކު ބަދަލުވާނީ އެމީހަކު އަމިއްލައަށްވެސް ބަދަލުވާން ބޭނުންވެ އެކަމަށް މަސައްކަތް ކޮށްގެން.ވީމާ، ދެމީހުންގެ ގުޅުން ބަދަހި ކުރުމަށްޓަކައި ތިމާ އަމިއްލައަށް އިސްނަގާ މިކަމުގައި ކުރެވޭނީ ކޮންކަމެއްތޯ ވިސްނާ އެކަން އަމިއްލައަށް ކުރުން މުހިންމު. އެއީ އެމީހެއްގެ ދިރިއުޅުމުގެ އުފާވެރިކަން ހޯދާނީ އެމީހަކު އަމިއްލައަށް ކަމަށްވާތީ އަނެކާއަށް ބަރޯސާވުމުން ދެން އެކަން ނުލިބިއްޖެ ހިނދެއްގައި ކުރާ މާޔޫސްކަން ބޮޑުވެގެންދޭ.

ޒުވާނުން ޓީނޭޖް

Popular