6 Jul 2018

ކަނޑުގެ ބަގީޗާތަކު ތެރޭގައި ވަރަށް ޒުވާން ޑައިވަރެއް

ކަނޑުގެ ބަގީޗާތަކު ތެރޭގައި ވަރަށް ޒުވާން ޑައިވަރެއް

By: Aishath Mihna Nasih

ވަށައިގެން ކަނޑު އޮންނަ މި ރާއްޖޭގައި މޫދުން އުފާ ލިބިގަންނަ މީހުން ބައިވަރެވެ. ފެތުމާއި ޑައިވިންކުރުން އަދި މޫދުގެ އެކި ކުޅިވަރުތަކުގައި ވަގުތު ހޭދަކުރެ އެވެ. އެކަމަކު ފުން ކަނޑަށް ފީނައިގަތުމަކީ ކޮންމެ މީހަކަށް ކުރަން ކެރޭ ވަރުގެ ކަމަކަށް ނުވެ އެވެ. އަދި އަމުދުން، މިއީ ފިރިހެނުންނަށް ހާއްސަ ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނާތީ މި ކަމުގެ ތެރެއިން ފެންނަ އަންހެނުން މަދެވެ.

އާމިނަތު ހަނީފާ އަބްދުލް ހަމީދު އުމުރުން 19 އަހަރުގައި ސާބިތުކޮށްދެނީ މިއީ ވަކި ބަޔަކަށް އޮތް ކަމެއް ނޫންކަމެވެ. ކަނޑު އަޑީގެ ބަގީޗާތަކުން އޭނާ އަންނަނީ ހިތްހަމަޖެހުން ހޯދަމުންނެވެ.

ހއ. އުލިގަމަށް އުފަން ހަނީފާ ޑައިވިން އަށް ހިތްޖެހުނީ އޭނާގެ ޑައިވް މާސްޓަރު ބައްޕަގެ ސަބަބުން ކަމަށް ވެދާނެ އެވެ. އޭނާ ބުނީ ގޭގައިވެސް އެކިވައްތަރުގެ މަސްތަކާއި މުރަކަތަކާ ބެހޭ ފޮތްތައް ހުންނަ ކަމަށެވެ.

ހަނީފާ

އުލިގަމު ސްކޫލުން ސާނަވީ ތައުލީމު ނިންމައި، ރ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ނިންމުމަށް ފަހު އެމްއެންޔޫ ބިޒްނަސް ސްކޫލްގައި ޑިގްރީ އަށް ކިޔަވަމުން އަންނަ ހަނީފާ އޭނާގެ ބައްޕައާ އެކު ޓްރަޔަލް ޑައިވް އަކަށް އެންމެ ފުރަތަމަ ގެންދިޔަ ދުވަސް ކިޔައިދިނެވެ.

"އޭރު ގާތްގަނޑަކަށް 17 އަހަރުވާނީ. މީދޫގައި ކިޔަވަން ހުއްޓާ ބައްޕަ ގުޅާފައި ބުނީ ހިނގާށޭ ދާން. ދެން ފުޅި އަޅައިގެން ރެގިއުލޭޓާއާ އެއްޗިއްސާއެކު މާ ދުރުނޫން ހިސާބަކަށް ދިޔައީ. އެ ދެން އަސްލު ޑައިވެއް ވެސް ނޫން. އެކަމަކު ލަޔަން ފިޝް އެއް ފެނުނީ އެދުވަހު. އެހެންވެ ވަރަށް އެކްސައިޓްވި،" ހަނީފާ ކިޔައިދިނެވެ.

ހަނީފާ ޑައިވިންއަށް ގޮސް، ކަޅު ވެނަކާ އެކު ނަގާފައިވާ ފޮޓޯއެއް

ހަނީފާ ކަނޑު އަޑީގެ ރީތިކަން ސިފަކުރަނީ މިހެންނެވެ؛ އެއީ ދުނިޔޭގެ އެހެން އެއްވެސް ރީތިކަމަކާ އަޅާކިޔޭ ވަރަށް ވުރެ ފުރިހަމަ ރީތިކަމެކެވެ.

އަލަށް ކުރި ޑައިވް ހަނީފާ އަށް ފަސޭހައެއް ނޫނެވެ. އެކަމަކު ހުރި ޝައުގުވެރިކަމާ އެކު ދިޔައީ ކުރިއަށެވެ.

"ރަނގަަޅަށް ބްރީތްކުރަން ވެސް ނޭނގުނު. ދެން ކަންފަތަށް ވެސް ތަދުވެ އެކަހަލަ ކަންކަންވެސް ވި. އެކަމަކު ބައްޕަ އަބަދުވެސް ބުނާނެ ޑައިވިން އަށް ގޮއްސިއްޔާ ވަރަށް ރިލޭކްސް ވައްޗޭ. އެހެންވެ ފަހުކޮޮޅުގައި ވަރަށް ހަމަޖެހުނު،" ކިނޮޅަސް ބޭރުގައި އޮތް ފަރަކަށް އޭނާ ދިޔަ ފުރަތަމަ ޑައިވްގެ ތަޖުރިބާ ކިޔައިދިނެވެ.

މި އަހަރު ޑައިވިން ލައިސަންސް ހޯދުމުގެ އަޒުމުގައި ހުރި ހަނީފާ އޭނާގެ ބައްޕަގެ މަސައްކަތުގައި ކުރިއަށް ދިއުމުގެ ވިސްނުން ވެސް އެބަހުއްޓެވެ.

"ހޮބީއެއްގެ ގޮތުގައި ހުސްވަގުތުތަކުގައި ޑަައިވިން އިންސްޓްރަކްޓާއެއްގެ ގޮތުގައި މަސައްކަތްކުރަން ވެސް ވިސްނަން"

ހަނީފާ ޑައިވިނަށް ގޮސް ނަގާފައިވާ ފޮޓޯއެއް

"ބޭނުންވޭ ދުނިޔޭގެ މަޝްހޫރު ޝިޕްވްރެކްސްއާ ފަރުތައް ވެސް ބަލައިލަން. އަދި އެ ތަންތަން އެކްސްޕްލޯ ކުރެވެން ހުރި ވަރަކަށް ކޮށްލަން ވެސް ބޭނުންވޭ. ދެން އެންމެ ބޮޑު އުންމީދަކީ ބައްޕަ ފަދައިން ޑައިވް މާސްޓާއަކަށްވުން،"

Popular