10 Jul 2018

އެގްޒާމް އަންނާތީ ހާސްވަނީތަ؟

By: Aishath Mihna Nasih

ކިޔެވުމަކީ ވަކި އުމުރަކަށް ނުވަތަ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. އެކި ފިލާވަޅުތަކާއި ޓިއުޓޯރިއަލްތަކާއި އެސައިންމަންޓްތަކާއި އިމްތިހާނުތައް ކިޔެވުމުގެ އެކި މަރުހަލާތަކުގައި ހަދަން ޖެހެއެވެ. ބައެއް ފަހަރު މިއީ މީހާ މާ ބޮޑަށް ހާސްކުރުވާ ނަފްސާނީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ގަންބާލާ ކަމެކެވެ.

މިފަހަރު ވިމެން ސެންޓަ އިން އަހަރެމެންނަށް މި ކިޔައިދެނީ މިފަދަ އިމްތިހާނުތަކަށް މާ ބޮޑަށް ހާސްވާ ނަމަ ނުވަތަ "އެގްޒާމް އެންޒައިޓީ" އާ ބެހޭގޮތުން އާންމުކޮށް ހިތުގައި އުފެދޭ ސުވާލުތަކާއި އޭގެ ޖަވާބެވެ. މި ސުވާލުތަކުގެ ޖަވާބު ދީފައިމިވަނީ ކައުންސެލިން ދާއިރާއިން ތައުލީމް ހާސިލްކޮށް، ކައުންސެލާއެއްގެ ގޮތުގައި މަސައްކަތްކުރާތާ 12 އަހަރު ވެފައިވާ ފާތިމަތު ނަތާޝާ އެވެ.

އެގްޒާމް އެންޒައިޓީއަކީ ކޮބާ އަދި މިއީ ވަރަށް އާއްމުކޮށްދިމާވާ ކަމެއްތަ؟

އެގްޒާމް އެންޒައިޓީ އަކީ އެގްޒާމަކަށް ތައްޔާރުވާއިރު ނުވަތަ އެގްޒާމެއް ހަދަމުންދާއިރު ހާސްކަމާއި ހިތްނުތަނަވަސްކަމާ ކުރިމަތިލާންޖެހި އެގްޒާމްގައި ރަނގަޅަށް ޕާފޯމް ނުކުރެވުން. މިސާލަކަށް ޓެސްޓް އޮންނަ ދުވަހު މާބޮޑަށް ހާސްވެ ކަންބޮޑުވުން، މިހާލަތުގައި ބައެއް މީހުންނަށް ހޮޑުލެވި ބޮލުގައި ރިއްސައި ހިތް ނުތަނަވަސްވޭ. ބައެއްފަހަރު ޓެސްޓް ޕޭޕަރު އަތަށް ލިބުމުން " ބްލޭންކް"ވެ ދަސްކުރި އެއްވެސް އެއްޗެއް ހަނދާން ނުހުރުން ކަހަލަ ކަންކަންވެސް ދިމާވޭ. އެގްޒާމް އެންޒައިޓީ އަކީ ސްކޫލް ނުވަތަ ޔުނިވާސިޓީ ދައުރުގައި ވަރަށް އާއްމުކޮށް ދިމާވާ ކަމެއް.

އެގްޒާމް އެންޒައިޓީ އަކީ ނުކިޔަވާ ކުދިންނަށް ދިމާވާ ކަމެއްތަ؟ ނުވަތަ ވަކި ބަޔަކަށް ދިމާވާ ކަމެއްތަ؟

މިއީ ވަރަށް ބޮޑަށް ހީވެފައި އޮންނަ ކުށްހީއެއް. މިހެން ދިމާވަނީ ކޮންމެހެން ނުކިޔަވާތީކީއެއް ނޫން. ވަރަށް ރަނގަޅަށް ކިޔަވަމުން އަންނަ ކުއްޖަކަށް ވެސް މިހެން ދިމާވެދާނެ. ބައެއް ފަހަރު ދިރިއުޅުމަން އަންނަ ބައެއްކަހަލަ ބަދަލުތަކެއްގެ ސަބަބުން ވެސް ދިމާވެދާނެކަމެއް މިއީ. މިސާލަކަށް "މާބޮޑަށް އެސްޕެކްޓޭޝަން ހައިވުން" (ރަނގަޅު ނަތީޖާއެއް ނުހޯދިއްޖެ ނަމަ ބެލެނިވެރިންގެ ހިތްހަމަނުޖެހުން ކުރިމަތިވެދާނެތީ މާބޮޑަށް ވިސްނައި ފިކުރުކުރުން) ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން ނުވަތަ އެމީހަކު ނުވަތަ ކުއްޖަކު ތަހައްމަލު ކުރަމުންދާ ނަފްސާނީ، ޖިސްމާނީ ބައްޔެއްގެ ސަބަބުންވެސް އެންޒައިޓީ ދިމާވާން މެދުވެރިވޭ.

އެގްޒާމެއްގެ ކުރިން އެންޒައިޓީ ވެދާނެތަ؟ ވެއްޖެ ނަމަ އެކަމުން ފައިދާއެއް ކުރާނެތަ؟

އެންޒައިޓީވުމަކީ، ނުރައްކާތެރިކަމެއް ނޫން. ސަބަބަކީ، ތަބީއީގޮތުން ވެސް ކަމަކާ ހާސްވެ ކަންބޮޑުވުމުން އެކަމަކަށް މާރަނގަޅަށް ތައްޔާރުވެވޭ. ނަމަވެސް ނުރައްކާވަނީ، އަމިއްލައަށް މެނޭޖު ނުކުރެވޭ ވަރަށް ހާސްވެ ކަންބޮޑުވާ ގޮތް ވުމުން. މިފަދަ ކަމެއް ދިމާވެއްޖެ ނަމަ އާއްމު ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާގޮތް ވޭ. މިސާލަކަށް ކަންކަމާ މާބޮޑަށް ފިކުރުކޮށް ބޭކާރު ހިޔާލުތައް ކުރާ ނަމަ އިމުތިހާނުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމަކީ އެކަށީގެންވާ ކަމެއް.

އެގްޒާމް އެންޒައިޓީވުމުން މީހާއަށް އަންނާނެ ބަދަލުތަކަކީ ކޮބާ؟

- ބޮލުގައި ރިއްސުން

- މޭނުބައިކުރުން

- އަވަސް އަވަހަށް ބޮޑުކަމުދާންޖެހުން

- ދާހިއްލުން

- ނޭވާ ކުރުވެފައިހުރުން

- ހިތް އަވަސްވުން ނުވަތަ ބޮލަށް އެނބުރުން އެރުން

އެގްޒާމް އެންޒައިޓީގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރުތަކަކީ ކޮބާ؟

މާ ބޮޑަށް ރުޅިގަދަވުމާއި ކަންކަމާ ބިރުގަނެ ހާސްވުމާއި ގޮތްހުސްވެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ނުވަތަ ހިތް ނުތަނަވަސްވުން ފަދަ ކަންކަން ހިމެނޭ. މީގެއިތުރުން މީހާގެ ވިސްނުމަށް ވެސް ވަރަށް ގިނަ ބަދަލުތަކެއް އާދޭ. އޭގެތެރޭގައި ކަންތައްތަކަށް ސަމާލުކަންދޭން އުނދަގޫވުމާއި ނެގެޓިވްކޮށް ކަންކަމާ މެދު ވިސްނުން އަދި އެހެންމީހުންނާ އަމިއްލަ ނަފްސާ އަޅައިކިޔުމަކީ ވެސް އެގްޒާމް އެންޒައިޓީގައި ވަރަށް އާންމުކޮށް ފެންނަ އާލާމާތްތަކެއް.

އެގްޒާމް އެންޒައިޓީއިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

މިއީ ދުރާލައި އަމިއްލައަށް ދެނެގަންނަށް ވަރަށް މުހިއްމު ކަމެއް. އެންޒައިޓީގެ ސަބަބަބުން ކަންކަމާ މެދު ފިކުރުބޮޑުވެ ހާސްވާ ނަމަ އެއްވެސްކަމެއް ފަހަށް ނުބަހައްޓާ ކަންކަން ޕްރައިރޮޓައިޒްކޮށް ދުރާލައި ނިންމާލުމަކީ ވަރަށް މުހިއްމު ކަމެއް. އަދި އެ އެގްޒާމަށް ތައްޔާރުވުމަކީ ވެސް ވަރަށް މުހިއްމުކަމެއް. އަދި އެކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނާ އަމިއްލަ ނަފުސަށް ހިތްވަރުދެވިދާނެ. ކަންކަމާ މާބޮޑަށް ވިސްނަން ފެށުމުން މާބޮޑަށް ކަންބޮޑުވެ މީހާ ހާސްވާގޮތް ވާނެ އެހެންވީމަ މިފަދަ ވިސްނުންތަކާއި ދުރުހެލިވުމަކީ ވަރަށް މުހިއްމުކަމެއް. މީގެއިތުރަށް އަމިއްލަ ނަފުސަށް އަޅާލައި ރަނގަޅަށް ނިދުމާއި ކެއުމާއި އެކްސަސައިޒްކުރުން ނުވަތަ ރިލެކްސޭޝަން އެކްސަސައިޒް ކުރުންފަދަ ކަންކަން ކުރެވިދާނެ. އަދި ކައުންސެލަރެއްގެ އެހީ ހޯދިދާނެ.

ޓެސްޓު ހަދަމުންދާއިރު ނުވަތަ އޭގެ ކުރިން އެގްޒާމް އެންޒައިޓީން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ރަނގަޅަށް ނިދުމާއި ކެއުމަކީ ވަރަށް މުހިއްމުކަމެއް. އަދި ޓެސްޓަށް ބޭނުންވާ އެއްޗެހި ދުރާލާ ތައްޔާރުކޮށްފައި ބެހެއްޓުމުން ވެސް ފަސޭހަވޭ. އަދި މީހާބޮޑަށް ހާސްވާ ފަދަ ކަންކަމުން ދުރުހެލިވެ އަބަދުވެސް ކަންތައްތަކާ މެދު ރަނގަޅަށް ވިސްނުން ބެހެއްޓުމަކީ ވެސް ކުރެވިދާނެ ކަމެއް. އެގްޒާމް ހަދަންފެށުމުގެ ކުރިން ރިލެކްސޭޝަން އެކްސަސައިޒެއް ކޮށްލެވިދާނެ. ހާއްސަކޮށް "ބުރީތިން އެކްސަސައިޒެއް" ކޮށްލުން ރަނގަޅުވާނެ. ޓެސްޓް ހަދަމުންދާއިރު ވީހާވެސް ހަމަޖެހިލައިގެން ސުވާލުތަކަށް ޖަވާބުދީ ފަސޭހަ ސުވާލުތަކަށް ކުރިން ޖަވާބު ދެވިދާނެ. އަދި މާބޮޑަށް ހާސްވާހެން ހީވާ ނަމަ ބްރޭކެއް ނެގުމަށް ފަހު ފެން ފޮދެއް ބޯލައި ކުޑަކޮށް ހިނގާލުން ފަދަ ކަންތައްތައް ކުރެވިދާނެ.

އެގްޒާމް އެންޒައިޓީއާ މެދު މީހުން ދެކެނީ ކިހިނެއް؟

ވަރަށް ގިނަފަހަރަށް ޓީޗަރުންނަށް ނުވަތަ ބެލެނިވެރިންނަށް ވެސް ހީވެފައި އޮންނަނީ ކުއްޖާ ފަރުވާކުޑަކުރަނީ ކަމަށް. ނުވަތަ ރަނގަޅަށް ތައްޔާރު ނުވަނީ ކަމަށް. މިއީ ހަގީގަތެއް ނޫން. އެންޒައިޓީވުމުން ކުއްޖާގެ ހަގީގީ ފެންވަރު ނުދެއްކޭނެ. އެހެންވީމަ ހަގީގަތުގައި އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ވެސް ނުނެރެވޭ. އެއީ އަދި ކުލާހުގައި ވަރަށް ރަނގަޅަށް ބައިވެރިވެ ދެވޭ މަސައްކަތް ވަރަށް ރަނގަޅަށް ނިންމާ ކުއްޖަކަށް ވިޔަސް ނަމަވެސް ރަނގަޅު ނަތީޖާއެއް ނުނެރެވޭ ހާލަތްތައް އާދޭ.

ޅައުމުރުގައި އެންޒައިޓީވުމުން ބެލެނިވެރިންނަށް ކުރެވިދާނެ ކަމަކީ ކޮބާ؟

ކުޑައިރުއްސުރެ ވެސް ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށް ދެވިދާނެ. އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދަނެ އެކުއްޖެއްގެ ގާބިލްކަން ހުންނަ ވަރަކުން ޕާޕޯމްކުރަން ކުދިންނަށް ހިތްވަރުދެވިދާނެ. އެއްކުއްޖަކު އަނެއް ކުއްޖަކާ އަޅާކިޔުން ދޫކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް.

Popular