10 Jul 2018

ރޯ މޭވާގެ ބަދަލުގައި ހިކި މޭވާ ކަމުދާނެތަ؟

ރޯ މޭވާގެ ބަދަލުގައި ހިކި މޭވާ ކަމުދާނެތަ؟

By: Asiya Abdul Raheem (Dietician)

ފަޅޮލާއި ދޮންކޭލާއި އާފަލާއި އޮރެންޖާއި އަނބު އަދި އަލަނާސި ފަދަ ބާވަތްތަކުގެ ރޯ މޭވާތަކެކޭ އެއްފަދައިން ކަދުރާއި ޑްރައިޑް ކްރޭންބެރީ އާއި ހިކި މޭބިސްކަދުރާއި ތީނި ފަދަ ހިކި މޭވާ ވެސް އަޅުގަނޑުމެނަށް މިހާރަކަށް އައިސް ރާއްޖޭގެ ފިހާތަކުން ގަންނަން ލިބެން ހުރެއެވެ. އާއްމުގޮތަކަށް ބަލާއިރު މި ބާވަތްތަކުގެ މޭވާ ލިބެން ހުންނަނީ ގާތްގަނޑަކަށް 35 ރުފިޔާއަށް ސަތޭކައެއްހާ ގްރާމުގެ މަގުންނެވެ.

ރޯ މޭވާ ކާން ނުކެރޭ ނުވަތަ އަނގައަށް ނުބައި ބައެއް މީހުނަށް ހިކި މޭވާ ކަމުދެއެވެ. އެހެންކަމުން ރޯ މޭވާގެ ބަދަލުގައި ހިކި މޭވާ ބޭނުން ކުރުން ކަމުދާނެތޯ ވެސް ސުވާލު ކުރެވެއެވެ.

ފޮލިކް އެސިޑާއި ވިޓަމިން ސީ ފަދަ ގިނަ ވިޓަމިން ލިއްބައިދޭ ކާނާގެ މައިގަނޑު އެއް ގްރޫޕެއް ގޮތުގައި މޭވާ ހިމެނެއެވެ. މީގެ އިތުރުން ޒަޔަނިންގް އާއި އެންތޮޒަޔަނިންގްސް ފަދަ، ކެންސަރުން ދިފާއުކޮށްދޭ ފައިޓޮކެމިކަލް އަދި އެންޓި އޮކްސިޑެން ވެސް މޭވާއިން ލިއްބައި ދެއެވެ. އަދި މީގެ އިތުރުން ގޮހޮރުގެ ގިނަ ބަލިތަކުން ދިފާއުވާން ބޭނުންވާ ފައިބަރު ވެސް ގިނަ މިންވަރަކަށް މޭވާގައި އެކުލެވެއެވެ. އަދި ބަރުދަން އިތުރުވިޔަ ނުދޭން އަދި ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު މަތިވިޔަނުދީ އަދި ހަށިގަނޑުގެ ބަރުދަން އިތުރުވިޔަނުދީ ބެހެއްޓުމަށްޓަކައި މޭވާއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ކޮންމެހެން ހިމަނަން ޖެހޭ ކާނާގެ ބާވަތެކެވެ. އަދި މޭވާގައި ހުންނަ ހަކުރުގެ ބާވަތަކީ ސޫކްރޯސް އާއި ފްރޫކްޓޯސްފަދަ ގުދުރަތީ ހަކުރު ކަމަށްވާތީ ހަކުރު މައްޗަށް ދިޔަ ނަމަވެސް ކެއުމުގައި ވަކި މިންވަރަކަށް ވަކި ވަގުތުތަކަކަށް ބަހާލައިގެން ވެސް ބޭނުން ކުރުން މުހިއްމު ކެއުމުގެ ބާވަތެކެވެ.

މޭވާ ހިއްކުމަށްފަހު މޭވާއިން އެންމެ ބޮޑަށް މަދުވަނީ އޭގައި އެކުލެވޭ ފެނުގެ މިންވަރެވެ. ފެނުގެ މިންވަރު މަދުވުމާ އެކު މޭވާގެ ސައިޒް ކުޑަވެއެވެ. ޖޯޑެއްހާ މޭވާ ހިއްކާލައިފި ނަމަ ޖޯޑެއްގެ ގާތްގަނޑަކަށް ހަތަރުބައިކޮށްފައި އެއްބަޔަށް މަދުވެއެވެ. އެހެން ކަމުން ޖޯޑެއްހާ ރޯ މޭވާގައި އެކުލެވޭ މިންވަރަށް ޖޯޑެއްގެ ހަތަރުބައިކޮށްފައި އެއްބައި ހުންނަހާ ހިކި މޭވާގައި އެކުލެވޭނެއެވެ.

ރޯ މޭވާ ބޭނުންކުރުން ދަތިވާ ނަމަ ބަދަލުގައި ހިކި މޭވާ ބޭނުންކުރެވިދާނެއެވެ. ނަމަވެސް މި ދަންނަވާ ފެނާއި ހަކުރުގެ މިންވަރަށް އަންނަ ބަދަލުގެ ސަބަބުން ހިކިމޭވާ ކާ މިންވަރު ތަފާތު ކުރަން ޖެހެއެވެ. ރޯ މޭވާ ނަމަ ދުވާލަކަށް ބޮޑު މީހަކަށް ދުވާލަކަށް ގާތްގަނޑަކަށް ދެ ޖޯޑު މޭވާ ނުވަތަ މެދު މިނުގެ ދެ މޭވާ ބޭނުންވާއިރު ރޯ މޭވާގެ ބަދަލުގައި ހިކި މޭވާ ކާ ނަމަ ދުވާލަކަށް ކާން ރަނގަޅު މިންވަރަކީ މޭޒުމަތީ ސަމުސަލުގެ ގާތްގަނޑަކަށް 3–4 ސަމުސަލުގެ މިންވަރު ނުވަތަ ހިކި ކަދުރު ނުވަތަ ތީނި ފަދަ މޭވާ ނަމަ ދުވާލަކަށް ހަތަރު އޮށް ކަދުރު ނުވަތަ ހަތަރު ތީންޏެވެ.

ހިކި މޭވާ މި މިންވަރަށްވުރެ ގިނައިން ކެއުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވެދާނެ ކަމެކެވެ. އެއީ ކުޑަ އެތިކޮޅަކުން ގިނަ ހަކަތަ ލިއްބައިދޭތީއެވެ. ހަކުރުބަލީގެ މީހަކު ހަކުރު ކޮންޓްރޯލް ނުވެ ހުންނަ ނަމަ ހިކި މޭވާ ކެއުން އެހާ ބުއްދިވެރިއެއް ނޫނެވެ. އެއީ އޭގައި އެކުލެވެނީ ގުދުރަތީ ހަކުރު ކަމުގައި ވިޔަސް ހިކި މޭވާގައި ހުންނަ ހަކުރަކީ ވެސް ހަށިގަނޑަށް ނެގުމަށް ފަހު ލޭގައި ހަކުރުގެ ގިނަވުމުގެ ފުރުސަތު އިތުރުވާތީ އެވެ

Popular