17 Jul 2018

މަތިން އަރާ ގޮތް ވާ ނަަމަ ކެއުމުގައި ސަމާލުކަން ދޭންވީ ކަންކަން

By: Asiya Abdul Raheem (Dietician)

މަތިން އަރާގޮތް ވުން ނުވަތަ ގޭސްޓްރޯއީސޮފޭޖިއަލް ރިފްލަކްސް ޑިސީސްއަކީ އަޅުގަނޑުމެން ދިވެހިން ތެރެއިން ވަރަށް ގިނަ ބަޔަށް ދިމާވާ ކަމެކެވެ. މި މައްސަލަ ދިމާވާ މީހުނަށް މިކަން ތަފާތު ގޮތްގޮތަށް މިކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަނގައިގައި ހުތްރަހަލުން، މާ ގިނައިން ވައިލެވުން، އަޑު ކުރެހުން، ހިކިކޮށި އެރުން، މޭން ދިލަނެގުން، ދިރުވަން އުނދަނގުވުން، ކާތަކެތި މަތިން އެރުން، އަދި ބަނޑުގައި ވައި ހެދުން ހިމެނެއެވެ. މިއިން ކަމެއް ދިމާވެ ޑޮކްޓަރަކަށް ދެއްކުމަށް ފަހު ކަމުގެ އެކަށީގެންވާ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގާރޑްއަކީ ކެއުމާ ވެސް ވަރަށް ގުޅުން ހުރު މައްސަލައެކެވެ. ކެއުމަށް ގެނެވޭ ނޭދެވޭ ބައެއް ބަދަލުތަކުގެ ސަބަބުން ގާޑް ހުރުން އެކަށީގެން ވެއެވެ. އެގޮތުން ސިއްހީ ގޮތުން ގެއްލުންވާ ފަދަ ކާ ތަކެތި ބޭނުން ކުރެވުން (ޚާއްސަކޮށް ތެޔޮ ގިނަ ނުވަތަ ފޮނި ތަކެތި ބޭނުންކުރުން އިތުރުވުން ނުވަތަ ކެއުމުގައި މިންހަމަ ކެއުމެއް ނުގެންގުޅެވުން ނުވަތަ ކޯލާފަދަ ފިޒީ ތަކެތި މާ ގިނައިން ބޭނުން ކުރެވުން ނުވަތަ މާ ގިނައިން ޗުވިންގަމް ފަދަ ތަކެތި ބޭނުން ކުރެވުން) ހިމެނެއެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނުކެވުން، ނުވަތަ ހުސް ގޮހޮރާއި މާ ގިނައިރު ހުރުން ވެސް މިއީ މިކަން ކުރިމަތި ކުރުވާ ސަބަބުތަކެވެ.

ގާރްޑް ހުންނަ ކަމަށް ޑޮކްޓަރަކު ވިދާޅުވުމަށް ފަހު ޑޮކްޓަރު ދެއްވާ ބޭސްފަރުވާގެ އިތުރުން ޑައިޓީޝަނެއްގެ ފަރާތުން މެޑިކަލް ނިޔުޓްރިޝަން ތެރަޕީ ހޯދުން ވެސް ވެސް ވަރަށް މުހިއްމެވެ. ނަމަވެސް ޑައިޓީޝަނަކާ ހިސާބަށް ދިޔުން ލަސްވާ ނަމަ ދެވިދާނެ ބައެއް ގެވެށި ފަރުވާ ހުރެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމަކީ:

1. އެއްފަހަރާ މާ ގިނައިން ކެއުމުގެ ބަދަލުގައި މަދު މަދުން އިރުއިރުކޮޅާ ކެއުން

2. ތެއްލި އެއްޗެތި ބޭނުން ނުކުރުން

3. ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުން

4. ކޮފީ، ސައި، އެނަޖީ ޑްރިންކް އަދި ކޯލާ ފަދަ ކެފީން ހިމެނޭ ބާވަތްތަކާ ދުރުވުން

5. ކެއުމަށްފަހު ހިނދުކޮޅެއް ވަންދެން (މަދުވެގެން ގާތްގަނޑަކަށް ގަޑިއެއްހާ އިރު) އޮށޯވެ އޮވެ ނުހަދައި، އިށީނދެ ނުވަތަ ކޮޅަށް ހުރުން

6. ގަޔަށް ތަންކޮޅެއް ދޫ ހެދުމެއް (ޚާއްސަކޮށް ކާ ވަގުތާ ދިމާކޮށް) އިޚްތިޔާރުކުން

7. މާ ހުތް ނުވަތަ މާ ކުޅި ކާނާ މަދުކުރުން

މަޢުލޫމާތު ހޯދީ: ކްރައުސަސް ފުޑް އެންޑް ދަ ނިޔޫޓްރިޝަން ކެއާ ޕްރޯސަސް 13 ވަނަ އެޑިޝަނުން

ސިއްހަތު ފައިދާހުރި ކާނާ ޑައެޓް ކާނާ

Popular