By: Asiya Abdul Raheem (Dietician)
ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ވަރަށް މުހިއްމު ކަމެކެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއި ލޭގެ ހަކުރު ކޮންޓްރޯލްކޮށް ބެހެއްޓުމާއި ލޭގެ ކޮލެސްޓްރޯލް އަދި ޕްރެޝަރު މަތިވިޔަ ނުދީ ބެހެއްޓުމަށް ކަސްރަތު ކުރުމުގެ މުހިންމުކަން ބޮޑެވެ. އެކި މީހުން އިޚްތިޔާރު ކުރަނީ އެކި ޒާތުގެ ކަސްރަތެވެ.
ޖިމަށް ގޮސް ކަސްރަތު ކުރުމަށް ދެވި ހިފާފައި ތިބޭ މީހުން މިހާރު ގިނަ އެވެ. ދެވި ހިފާފައޭ މި ބުނެވެނީ ޖިމަށް ގޮސް ކަސްރަތު ކުރަންފެށުމުން އެކަސްރަތުތަކާ ނުލައި ހިތްހަމަ ނުޖެހޭތީ ބަރާބަރަށް ޖިމަށްގޮސް ކަސްރަތު ކުރާ ވާހަކައެވެ.
ޖިމަށް ދިޔުމާ ބެހޭގޮތުން ދޭދޭ މީހުން މެދުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ޖިމަށް ދިޔުމުގެ ކުރިން ކޮފީ ބޯކަމަށް ވެއެވެ. އެކަމު މިއީ މާ ރަނގަޅު ކަމެއްބާއެވެ.
ކޮފީއަކީ އޭގައި ހުންނަ ކެފީންގެ ސަބަބުން ހިތުގެ ވިންދު އަވަސްކުރުވާ އެއްޗެކެވެ. ޖިމަށް ގޮސް ކަސްރަތު ކުރަން ފެށުމުން ވެސް ހިތުގެ ވިންދު އަވަސްވާނެއެވެ. ޚާއްސަކޮށް ކާޑިއޯ (ޒުމްބާ ނުވަތަ ދުވުން، ބާރަށް ހިނގުން، ސައިކްލިން) ފަދަ ކަސްރަތެއް ކުރާ ނަމަ ހިތުގެ ވިންދު ވަރަށް ބޮޑުތަން އަވަސް ވާނެއެވެ.
ކޮފީ ބޮއެގެން ކަސްރަތު ކުރުމަކީ ސިއްޙީ ގޮތުން އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ ހިފަހައްޓާ ނުލެވޭ ވަރަށް މާ ބޮޑަށް ހިތުގެ ވިންދު އަވަސްވެ ގެއްލުމެއް ވެދާނެތީއެވެ. ޚާއްސަކޮށް ޕަލްޕިޓޭޝަން (ހިތުގެ ވިންދު އަވަސްވުން) ހުންނަ މީހުން ނުވަތަ ޢާއިލާގައި ހިތުގެ ބަލި، ސްޓްރޯކް ހުންނަ މީހުން ނުވަތަ އަލަށް ކަސްރަތުކުރަން ފަށާ މީހުން ކަސްރަތު ފެށުމުގެ ކުރިން ކޮފީ ބުއިން އެހާ ރަނގަޅެއް ނޫނެވެ. ހަމައެހެން ކޮފީ ނޫނަސް ގިނަ މިންވަރަކަށް ކެފެއިން އެކުލެވޭ އެނަޖީ ޑްރިންކް ފަދަ ތަކެތި ކަސްރަތުގެ ކުރިއަށް ބުއިމަކީ ސިއްޙަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމެކެވެ.