14 Aug 2018

އެންޓިބައޮޓިކުން ބޭރަށް ހިންގަނީ؟ ކާންވީ ކޯއްޗެއް؟

By: Asiya Abdul Raheem (Dietician)

ޑޮކްޓަރީ ބޭސްތަކުގެ ތެރެއިން ބައެއް ބާވަތްތަކުގެ އެންޓިބައޮޓިކަކީ އޭގެ ސަބަބުން ބޭރަށް ހިންގާ ފަދަ އެއްޗެކެވެ. މިފަދަ ބޭސްތަކުން ބޭރަށް ހިންގަނީ ގޮހޮރުގައި ހަޖަމުކުރުން ފަސޭހަކުރުމަށް ލައްވާފައި ހުންނަ ނޯމަލް ފްލޯރާ ބެކްޓީރިއާތައް މަރުވެ ގޮހޮރުގައި ވައި ހެދި ކާތަކެތި ހަޖަމު ކުރުމަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ.

މިހެން އެންޓިބަޔޮޓިކެއްގެ ސަބަބުން ބޭރަށް ހިންގަން ފަށައިފިނަމަ ޑޮކްޓަރުގެ އިރިޝާދާ ނުލައި އެންޓިބަޔޮޓިކް ހުއްޓާލުމަކީ އެންޓިމައިކްރޯބިއަލް ރެސިސްޓެން ނުވަތަ ފަހުން އެ ބޭހުން ބަލި ރަނގަޅު ނުވުމަށް މެދުވެރި ވެދާނެ ކަމެކެވެ. އެހެންވެ، ބޭސް ހުއްޓާލާ ނަމަ އެކަން ކުރައްވާނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

ބޭސް ނުހުއްޓާ ވިޔަސް އެންޓިބަޔޮޓިކެއްގެ ސަބަބުން ބޭރަށް ހިންގާ ނުވަތަ މާ ބޮޑަށް ދިޔާކޮށް ނުވަތަ މާ އަވަސްއަވަހަށް ބޮޑުކަމު ދެވޭ ނަމަ ދެވިދާނެ ގެވެށިފަރުވާއެއްގެ ގޮތުން ޔޯގަޓް ނުވަތަ ކާރޑް ކެއުން ރަނގަޅެވެ.

ޔޯގަޓް ގަންނައިރު މި ގަނެވެނީ ހަމަ އަސްލު ވެސް ޔޯގަޓްތޯ ޗެކް ކުރުމަށްފަހު ދުވާލަކަށް ޔޯގަޓް ޖޯޑެއް ނުވަތަ ދެ ޖޯޑު ޔޯގަޓް ކާލުން ރަނގަޅެވެ. ޔޯގަޓް ނުވަތަ ކާރޑް ގަތުތުމުގައި ހަށިގަނޑަށް ފައިދާކުރާނީ ނެޗުރަލް ނުވަތަ ރަހަ ނުލައްވާ ހުންނަ އެއްޗިއްސެވެ. ގަތުމަށްފަހު، އެއަށް މޭވާފަދަ ތަކެތި އަޅައިގެން ރަހަ މީރު ކުރެވޭނެއެވެ. އެގޮތުން ޔޯގަޓް ނުވަތަ ކާރޑާ އެއްކުރީމާ ރަހަ މީރުކޮށްދޭ އެއްޗެހީގެ ތެރޭގައި ހިކި މޭބިސްކަދުރު، ހިކި ކްރޭންބެރީ، ހިކި ކަދުރު، ހިކި ތީނި ފަދަ ހިކި މޭވާގެ އިތުރުން ދޮންކެޔޮ، ޕީޗް، ކެއްކި އާފަލު ނުވަތަ ނާސްޕަރީ (ޕެއާ)، އެޕްރިކޯޓް، އަނބު، މެލަން، އެވޮކާޑޯ ފަދަ ތަކެތި ހިމެނެއެވެ.

މީގެ އިތުރުން މި ދެންނެވި ކަހަލަ މޭވާއަކާއި ޔޯގަޓް ނުވަތަ ކާރޑް އެއްކުރުމަށް ފަހު ކުޑަ މާމުއިކޮޅެއް އަޅައިގެން ލެސީ ތައްޔާރު ކޮށްލުމުން އަނގައަށް ވެސް މީރުވެވާނެއެވެ. މިކަހަލަ ފްރެޝް ފްރޫޓް ލެސީއެއް ތައްޔާރު ކޮށްލެވިދާނެ ގޮތެއް ޙިއްސާ ކޮށްލާނަމެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ޔޯގަޓް ނުވަތަ ކާރޑް

1 ޖޯޑު އައިސް

1 ޖޯޑު މެލަން ނުވަތަ ދޮން އަނބު

1 ސައިސަމުސާ މާމުއި

1 މޭޒުމަތީ ސަމްސާ ހިކި މޭބިސްކަދުރު ނުވަތަ ކްރޭންބެރީ (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ކެޝޫނަޓް (ފޮތިކޮށް ކޮށާފައި)

ތައްޔާރު ކުރާނެގޮތް

ޔޯގަޓް / ކާރޑް، މާމުއި، އައިސް އަދި ރޯ މޭވާކޮޅު ބްލެންޑާއަށް އަޅާ އޮލަ ވާ ވަރަށް ބްލެންޑްކޮށްލުމަށް ފަހު ތައްޓަކަށް އަޅައި ހިކިމޭވާ އާއި ނަޓްސް އިން ގާނިޝް ކޮށްލާށެވެ.

ދުޅަހެޔޮ ދިރިއުޅުން ޑައެޓް ކާނާ

Popular