12 Sep 2018

ދުންނަ އާއި އައިޝް: ތިމާގެކަމެއް ނެތް "ޓްވިންސެއް"

ދުންނަ އާއި އައިޝް: ތިމާގެކަމެއް ނެތް "ޓްވިންސެއް"

By: Aminath Shifleen

ކޮންމެ މީހަކާ ވެސް ވައްތަރު ހަތް މީހުން އުޅޭނެއޭ ބުނާތީ އަޑު އިވެ އެވެ. އެއީ ފަހަރެއްގައި ތެދަކަށް ނުވެދާނެ އެވެ. އެކަމަކު ދުންނަ އަހުމަދަށް އޭނާއާ އެންމެ ވައްތަރު އެކަކާ ދިމާވެއްޖެ އެވެ. މޫނުމަތީގެ ސިފަތަކަށް ބަލާފައި ދެ މީހުން ވަކިކުރަން ނޭނގޭހާ ވެސް އެއްގޮތެވެ. އެކަމަކު އެ ދެމީހުންގެ ލޭގެ ގުޅުމެއް ނެތެވެ. ދިރިއުޅެނީ ދެ ރަށެއްގަ އެވެ. މިހާތަނަށް ދިމާވީ ވެސް އެންމެ ފަހަރަކު އެވެ.

ފްލައިމީގެ ކެބިންކްރޫއެއްް ކަމަށްވާ ދުންނަ، އދ. މާމިނގިއްޔަށް ކުރާ ދަތުރުތަކުގައި އެންމެ ގިނައިން ކުރިމަތިވާ ސުވާލަކީ މިއީ އެވެ؛ "ތިއީ އައިޝް ހެއްޔެވެ؟"

ފޭސްބުކްގައި އަދި މަގުމަތިން ވެސް، ނުދަންނަ މީހުން އައިޝްއޭ ކިޔާފައި ގޮވާލަ އެވެ. އައިޝްއެއް ނޫނޭ ބުނުމުން ބައެއް މީހުންނަށް ގަބޫލެއް ވެސް ނުކުރެވެ އެވެ.

ދުންނަ (ކ) އާއި އައިޝާން-- ފޮޓޯ: އަހުމަދު ސުނީ ފޮޓޯގްރަފީ

"އެކަމު ދެން ހާދަ ވައްތަރޭ،"

މިއީ އުމުރުން 24 އަހަރުގެ ދުންނައަށް ކޮންމެ ދުވަހަކުހެން ކުރިމަތިލާން ޖެހޭ ކަމެކެވެ. އެހެންވެ، އޭނާ ހުރީ ކޮންމެ ވެސް ގޮތަކުން މި އައިޝްއެއް ދެކިލާ ހިތުންނެވެ.

އެއީ މާލެއަށް އުފަން އައިމިނަތު އައިޝާން ޝަހީމެވެ. އުމުރުން 16 އަހަރެވެ. ދުންނައަށްވުރެ މާކުރިން، އައިޝާންއަށް ދުންނަ ފާހަގަކުރެވިއްޖެ އެވެ. އެއީ އައިޝާން މާމިނގިލީގައި އުޅުނު ދުވަސްވަރު އެވެ. ފްލައިމީގައި އުޅޭ ދުންނައާ ހާދަ ވައްތަރޭ ކިޔާފައި، ރަހުމަތްތެރިން ވާހަކަ ދައްކަން ފެށުމުން ދުންނަ ދެކިލުމުގެ ޝައުގުވެރިކަން ވެސް ބޮޑުވީ އެވެ.

އައިޝާން ބުނިގޮތުގައި އޭނާ ފޭސްބުކުން ރިކުއެސްޓް ފޮނުވީ ވެސް، ފޮޓޯތަކުން އެ ދެމީހުން މާ ވައްތަރުކަން ފާހަގަކުރެވިގެންނެވެ. އެކަމަކު ދުންނަ ހީކުރީ އެއީ އޭނާގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ ފޭކް އެކައުންޓެއް ކަމަށެވެ.

އައިޝާން (ކ) އާއި ދުންނަ

"ކުރިން ވެސް އިނދޭ ރިކުއެސްޓް ފޮނުވާފައި. އެކަމަކު ނުދަންނަ މީހަކަށް ވީމައި އެކްސެޕްޓް ނުކޮށް ހުއްޓާ، އެއް ދުވަހު ލާފައި އިން ފޮޓޯއިން ހީކުރީ އެއީ ދުންނަ ކަމަށް. އެހެންވެ، ފޭކް އެކައުންޓެއް ކަމަށް ހިތާ، އެކަން ބެލުމަށް އެކްސެޕްޓް ކުރީ،" ދުންނަ ބުންޏެވެ.

ފޭސްބުކުން އެ ދެ މީހުން ކޮންމެވެސް ވަރަކަށް ރައްޓެއްސެވެ. އެކަމަކު ބައެއް ދުވަސް ދުވަހު އައިޝާން އަޕްލޯޑްކުރާ ފޮޓޯތަކުން، ދުންނަ ދަނީ ސިއްސައިގެންނެވެ.

"ހިތަށް އަރަނީ މިއީ ކޮން ދުވަހަކު ނެގުނު ފޮޓޯއެއް ބާއޭ! އެހެން ހިތާ ރަނގަޅަށް ބަލާލާއިރު މިއީ އައިޝްގެ ފޮޓޯއެއް،" ދުންނަ ބުންޏެވެ.

ދުންނަ (ކ) އާއި އައިޝާން

ދެ މީހުންނަށް ވެސް މިކަން ވީ ވަރަށް މަޖާކަމަކަށެވެ. އެހާ ވައްތަރު މީހުން ތިބެދާނެ ކަމަށް ދެ މީހުންނަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. އެހެންވެ، ދެ މީހުން ވެސް ބޭނުންވީ، މަޝްހޫރު ފޮޓޯގްރާފަރު، އަހުމަދު ސުނީ ލައްވާ ފޮޓޯ ނަގުވާށެވެ. ރަސްމީކޮށް ދެ މީހުން ދިމާވީ ވެސް ހަމަ އެ ދުވަހު އެވެ.

އައިޝާން ބުނީ އޭނާއާ އެހާ ވައްތަރު މީހަކާ ދިމާވުން ލިބުނީ ޝޮކެއް ކަމަށެވެ. އެކަމަކު އެ ދެ މީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ. ފަހަރެއްގައި ތިމާއާ ވަރަށް ވައްތަރު މީހަކު ވެސް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އުޅެދާނެ އެވެ. ކުޑަކޮށް ހޯދާލަ ބަލާށެވެ.

އަންހެނުން ޒުވާނުން

Popular