11 Oct 2018

ކޭ އަށް ގެރޭތަ؟

By: Shamila Ibrahim

ޒުވާނުންގެ ބަސްމަގު އެ ޒަމާނަކާ އެއްގޮތަށް އަބަދުވެސް ބަދަލުވެ އެވެ. ބައެއް ބަސްބަސް ކުރުވަމުން ގޮސް ދުލުކުރީ ކުރު ބަހަކަށް ވެފައިވާއިރު، މި ފަދަ ގިނަ ބަސްބަހަކީ މިއަދުގެ ޒުވާނުންގެ މެދުގައި މަގުބޫލު، އެންމެންނަށްވެސް އެ ބަސްބަހުން ނިސްބަތްކުރެވޭ މާނަ އެނގޭ ބަސްބަހެވެ.

މި ލިޔުމުގައި މި ހިމަނާލަނީ މިގޮތަށް މިހާރު ބޭނުންކުރާ ބައެއް ބަސްބަހަށެވެ.

ތައޫ

މިއީ އިނގިރޭސި ބަހުގެ "ތައުޒަންޑް" ކުރުކޮށް ކިޔަން ބޭނުންކުރާ ބަހެކެވެ. އާންމުގޮތެއްގައި ވާހަކަ ދެއްކުމުގައި މި ބަސް ކިޔައި އުޅެނީ ފައިސާއާ ގުޅުވައިގެންނެވެ. ނަމަވެސް އެ ނޫން ހާލަތްތަކުގައިވެސް "ތައުޒަންޑް" ބޭނުންކުރާނަމަ، ކުރުކޮށްލާފައި "ތައޫ" އޭ ބުނެ އުޅެއެވެ.

ޕެޓް

މިއީ އޮޅުކޮށްގެން ލޯބިން ގެންގުޅޭ ޖަނަވާރުންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެކޭ ހިތަށް އަރާފާނެއެވެ. އެކަމަކު އެހެންނެއް ނޫނެވެ. މިއީ އެއްގަމު އުޅަނދު ފަހަރަށް އަޅާ ޕެޓްރޯލަށް ކުރުކޮށް ބޭނުންކުރާ ބަހެކެވެ. ސައިކަލުން ފެޓްރޯލް ހުސްވުމުން " އޭ މި ދަނީ ޕެޓެއް އަޅާލަންށޭ" ވެސް މިހާރު މަދުން ނަމަވެސް އެބަ ކިޔަ އެވެ.

ހެއްސަ/ހެސްކި

މި ދެ ބަހަކީ ވެސް އެއް މާނައެއްގައި ބޭނުންކުރާ ކުރު ދެ ބަހެވެ. މިއީ "ހެސްކިޔާފަ" ކުރުކޮށްލާފައި ބޭނުން ކުރާ ދެ ބަހެވެ. ބައެއް ކުދިން ވާހަކަ ދެއްކުމުގައި "ހެސްކި" އޭ ބުނާއިރު، ފަސޭހައަކަށް އަނެއްބައި ކުދިން ބޭނުން ކުރަނީ "ހެއްސަ" އެވެ.

ކޭ/ކައެ

މިއީ އިނގިރޭސި އަކުރެއްގެ ވާހަކައެއް ނޫނެވެ. "ކޭ" އޭ ބުނެ އުޅެނީ "ކަލޭ" އަށެވެ. އަދި "ކޭ" ގެ އިތުރުން ބައެއް ކުދިން ބޭނުންކުރާ އެހެން ބަހެއްވެސް އޮވެއެވެ. އެއީ "ކައެ" އެވެ. މިއީ ވަރަށް އާންމު އަދި އެހާ މަޝްހޫރު ދެ "ބަހެވެ".

ފެބް

މިއީވެސް އިނގިރޭސި ބަހެއް ކަމުގައިވާ "ފެބިއުލަސް" ކުރުކޮށްލުމަށްފަހު ބޭނުން ކުރާ ބަހެކެވެ. "އޭ އެ ހެނދުން ހާދަ ފެބޭ"، "މީތި ވަރަށް ފެބް" ފަދަ ގޮތްގޮތަށް ވެސް ބައެއް ކުދިންގެ ވާހަކަ ދެއްކުމުގައި ބޭނުންކުރާ އަޑު އިވެއެވެ.

ގެރޭ

މިއޮތީ އަނެއްކާވެސް ތަފާތު ކުރު ބަހެކެވެ. ދިވެހިން ވާހަކަ ދައްކާއިރު ބޭނުންކުރާ "ގެރެންޓީ" ކުރުކޮށްލާފައި ކަމަކަށް ޔަގީންކަން ދޭ ކޮންމެ ފަހަރަކު މި ބަސް ބޭނުންކޮށްލަނީ ދުލަށް ފަސޭހަވީމައެވެ. ބައެއް ފަހަރު ކަމަކަށް ވަރަށް ޔަގީންކަން ދޭން ޖެހިއްޖެނަމަ، "ގެރޭ ޕްލަސް" އޭ ވެސް ބުނެއެވެ. އޭރުން ޒުވާނުންގެ ވިސްނާ ގޮތުން ނަމަ އިތުރު ޔަގީންކަމެއް ދެވުނީއެވެ.

އިރާލުން

މި ބަހަކީ ގަނޑެއް ފަދަ އެއްޗެއް އިރާލުމަށް ބޭނުން ކުރާ ބަހެއް ނޫނެވެ. އާންމުކޮށް މި ފަހަކަށް އައިސް މި ބަސް ބޭނުން ކުރަނީ "މޮޅު" މި ބަހަށް ނިސްބަތްކޮށްފައެވެ. އެގޮތުން "އޭނަ ޓެސްޓުން އިރާފަ" އޭ ބުނާ އަޑު އެންމެ ގިނައިން އިވެނީ ކިޔަވާ ކުދިންގެ ފަރާތުންނެވެ.

ބިންދާލުން

ރާޅެއް ބިންދާލަނީއެއް ނޫނެވެ. އެކަމަކު ތަންތަނަށް ދިއުމުގެ މާނާގައި މި ބަސް މިހާރު އެބަ ބޭނުންކުރެ އެވެ. ""ތި ދިމާލަށް މި ބިންދާލަނީ" އޭ ބުނެފި ނަމަ އެ ދަނީ އެ ބުނާ ތަނަކަށެވެ.

ލިސްޓުގައި މި ހިމެނި ބައެއް ބަސްތައް އެހާ އާންމު ނުވެދާނެ އެވެ. އެކަމަކު މަދުން ނަމަވެސް އިވެ އެވެ. ކޮށްދޭންވީ ކަމަކީ މިގޮތަށް ބޭނުންކުރާ ލިސްޓެއް ކިޔާލަދޭންވީ އެވެ.

ޒުވާނުން ބަސް

Popular