16 Oct 2018

ކެރޭނުގައި އެހާ އުހަށް އެރީ ރުޅި ހަދާލާފައި ދިޔަ ދޫންޏަށްޓަކައި

ކެރޭނެއް ކުއްޔަށް ހިފައިގެން އޭގެ ދަނޑީގައި އެލުވިގެން އޮވެ އެތައް ފޫޓެއްގެ އުހަށް އަރައިގެން ދޫންޏެއް ސަލާމަތްކުރާނީ ވަރަށް ލޯބިވާތީނޫން ހެއްޔެވެ؟

ކެރޭނެއް ކުއްޔަށް ހިފައިގެން އޭގެ ދަނޑީގައި އެލުވިގެން އޮވެ އެތައް ފޫޓެއްގެ އުހަށް އަރައިގެން ދޫންޏެއް ސަލާމަތްކުރާނީ ވަރަށް ލޯބިވާތީނޫން ހެއްޔެވެ؟

By: Aishath Maaha

ކެރޭނެއްގައި އެތައް ފޫޓު އުހަށް އަރައި، ދޫންޏެއް ސަލާމަތްކުރާ މަންޒަރު ފެނުމުން އެންމެން ތިބީ އަޖައިބުވެފަ އެވެ. ކެރޭނެއް ކުއްޔަށް ހިފައިގެން، އެހާ ނުރައްކާ ގޮތަކަށް ދޫންޏަކާ ހެދި މީހަކު އުޅޭތީ އެވެ. އެކަމަކު ދޫނީގެ ވެރިމީހާގެ ވާހަކަ އިވުމުން އެ ސުވާލުތަކަށް ޖަވާބު ލިބޭނެ އެވެ.

"ތަކީ" ނަމަކަށް ކިޔާ މަކާއޯ ގެއްލުނީ ހޮނިހިރު ދުވަހު އެވެ. އެ ގެއްލުނުކަން އޭގެ ވެރިމީހާ ހއ. ތަކަންދޫ، އަލީ ނަސީމް (ތަކަނޭ) އަށް އެނގުނީ ހޮނިހިރު ދުވަހު ހެނދުނު 11 ޖަހާކަށްހާއިރު އެވެ. އެހާ ހިސާބުން ތަކަނޭގެ ހުރިހާ ވަގުތެއް ހުސްކުރީ އޭނާގެ މަކާއޯ ހޯދާށެވެ. ހުރިހާ ރައްޓެހިންނަށް އެންގި އެވެ. އެންމެ މިނެޓެއްވެސް ތަކަނޭ ބޭކާރުކޮށެއް ނުލަ އެވެ.

އޭނާ 35،000ރ. އަށް ގަތް އެ ގުރައަކީ އޭނާ އެންމެ ލޯބިވާ އެއް ޕެޓެވެ. ތަކަނޭ އެ މަކާއޯ ގެންގުޅޭތާ ހަތް މަސް ވީއިރު އޭގެ އުމުރުން އެއް އަހަރެވެ.

"ވީގޮތަކީ ލޯކައިރީގައި އިންނާނެ ތޮރުފާފަ އިން ތަނެއް ބުމަ މަތީގައި. މަކާއޯ ކަނާތް މަތީގައި ބައިންދާފަ އަނެއް އަތުން ފޯނު ނަގަން އުޅެނިކޮށް މަކާއޯ ހިފަނީ ތޮރުފާފަ އިން ތަނުގަ. އެގަޑީގައި އެހެންޏާ އޭއްޗާ ވާހަކަ ނުދައްކާ ގޮތަކަށް ބާރަށް ވާހަކަ ދެއްކިފަ ފޮޅާލެވުނީމަ އޭއްޗަށް ހީވީ ރުޅި އައީހެން. އެހެންވެ އޭތި ދިޔައީ،" އިތުރު ތިން ވައްތަރެއްގެ ދޫނި ވެސް ގެންގުޅޭ ތަކަނޭ ބުންޏެވެ.

ނަސީމް އޭނާ ގެންގުޅޭ ގުރައެއް ހިފައިގެން. --

ރައްޓެހިންނާއި ނުދަންނަ އެތައް ބައެއްގެ އެހީއާ އެކު އެ މަކާއޯ ހޯދުނީ އެ ދުވަހުގެ އިރުއޮއްސި ހައެއް ޖަހާކަށް ހާއިރު އެވެ. އޭތި އިނީ ގަލޮޅު ދަނޑު ތިރީގައި ހުންނަ ރެޑްވޭވް ކައިރީގައި ހުންނަ ބޮޑު ގަހެއްގެ ވަރަށް މަތީގަ އެވެ. މަކާއޯ އިނީ ފައިގައި އަޅުވާފައި ޗޭނުގަނޑު ގަހުގައި އޮޅި ތާށިވެފަ އެވެ.

"އިރު އޮއްސެނިކޮށް، ނުވެސް ދަންނަ ނަމްބަރަކުން ގުޅާފަ ބުނީ އެބައިނޯ ތި ބުނާ ކަހަލަ ދޫންޏާ ވަރަށް ވައްތަރު ދޫންޏެއް މިގެ ކައިރީގައި އިން ގަހެއްގައި. ދެން އެތަނަށް ދިޔައީ،"

މިއީ ތަކަނޭގެ މަކާއޯ ގެއްލުނު ފުރަތަމަ ފަހަރެވެ. މަކާއޯ ފެނުނު ނަމަވެސް އެ ރޭ އޭތި އެގަހުން ނެގޭނެ ގޮތެއް ނެތިގެން އަނެއް ދުވަސް ވަންދެން ތަކަނޭ ހޭދަކުރީ އެ ގަސް ކައިރީގަ އެވެ. ދޭތެރެއަކުން އޭނާގެ ދޫންޏަށް ގޮވާލައި ބަލައި އައިސް ހުރިކަން އަނގާލާށެވެ.

އެ ގަހަށް މީހަކު އަރުވައިގެން ނުވަތަ ދިގު ދަނޑިއެއް ބޭނުންކޮށްގެން ތަކަނޭ އޭނާގެ މަކާއޯ ނުނެގީ އެއްވެސް މީހަކަށް އަދި މަކާއޯ އަށް ވެސް ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރާށެވެ. އެހެންވެ އާރްކޭއެލް އިން ކެރޭނެއް ގެންގޮސްގެން މަކާއޯ ނެގުނީ އެ ފެނުނުތާ 12 ގަޑިއިރު ފަހުންނެވެ.

ނަސީމް އޭނާގެ މަކާއޯ ސަލާމަތް ކުރަނީ. --

"ތަކަނޭއަށް އިނގޭ އޭތި އިނީ ގަހުގައި އޮޅިފަކަން ޗޭނާ އެކީގަ ދިޔައީމަ. ގޮވީމަ ނާންނަނީ އެހެންވެކަން. އެހެން ނޫނީ ގޮވީމަ އަންނާނެ. އޭތި އޭރު ފެންނަނީ ވެސް ކައިރީގައި ހުރި ގެއެއްގެ ފަސް ވަނަ ބުރިއަށް އެރީމަ ކިރިޔާ ފެންނަނީ."

"ނެގިއިރު ނެތް އެއްވެސް އަނިޔާއެއް ލިބިފައެއް ވެސް. އެކަމަކު އެންމެ ދެރަވީ އޭތި އިންނާނީ ނުކައިކަން އެނގުނީމަ. ފަތް ފަތް ކާލެވިދާނެ. އެކަމަކު އިތުރު އެއްޗެއް އެތާކު ނީންނާނެ އޭނަ ކާނެ. އެކަމަކު ވަރަށް އުފާވި އެގޮތަށް ކެރޭނެއް ހިފައިގެން ގޮސްފަ އޭތި ނެގުނީމަ ވެސް."

ނަސީމް އޭނާގެ ދޫންޏަކާ އެކު. --

މަކާއޯގެ އިތުރުން އެމޭޒަން އަކާއި، ކޮކަޓޫ އަކާއި، އެފްރިކަން ގްރޭ އެއްވެސް ތަކަނޭ ގެންގުޅެ އެވެ. އެ ހުރިހާ އެއްޗެއް ވެސް ތަކަނޭ ގެންގުޅެނީ އޭނާގެ ކޮޓަރި ތެރެއަށް ދޫކޮށްލައިގެންނެވެ. އެތަކެއްޗަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 3،000 ރުފިޔާ ހަރަދުވެ އެވެ.

މި ދޫނިތަކުގެ އިތުރުން މާކުރިން ފެށިގެން ވެސް ތަކަނޭ ދޫނި ގެންގުޅެ އެވެ. ކުރިން ބާޒެއް ވެސް ގެންގުޅުނެވެ. ނަމަވެސް އެ ބާޒު ފުލުހުން ގެންދިޔައީ އެވެ. ބ. އަތޮޅުން ގަނެގެން ގެނައި އެ ބާޒު ފަސް އަހަރު ގެންގުޅުނެވެ. އޭގެ މާކުރިން ރަށުގައި އުޅުނު އިރު ވެސް ބާޒާއި، ކޮތަރާއި ޅަ ކާޅު ވެސް އޮޅުކޮށްގެން ގެންގުޅުނު ކަމަށް ތަކަނޭ ބުންޏެވެ.

ޕެޓް

Popular