15 Oct 2018

ވިލުނޫ މުށިފެހި ލޯތަކެއް: ތިނަދޫ ވާހަކައެއް

ވިލުނޫ މުށިފެހި ލޯތަކެއް: ތިނަދޫ ވާހަކައެއް

ވިލުނުލާއި ފެއްސާއި މުށި އަދި އަޅިފަދަ ކުލަތަކަކީ ދިވެހިންގެ ކަޅިއާ ރައްޓެހިކުލަތަކެއް ނޫނެވެ. ނަމަވެސް ދިވެހިންގެ މި ޖަޒީރާ ރަށްތަކަށް ވަރަށް ގިނަ ބައެއްގެ ކަޅި ހުއްޓޭ ހާއްސަ އެއް ސިފައަކީ އޭގެ ވިލާއި ފަޅާއި ކަނޑުގައިވީ މި އަޖާއިބު "ކުލަބަރި" އެވެ. ވަކިން ހާއްސަކޮށް ވިލުނުލާއި، ވިލުފެހި ފަދަ ކުލަތައް ވެފައި ވަނީ ރާއްޖޭގެ ރީތިކަން ފަވާލަދޭ ހިތްގައިމު ކުލަތަކަކަށެވެ. ދިވެއްސެއްގެ ލޮލުން މީގެ ކުލައެއް ފެނުން ވެސް ހާއްސަވަނީ މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. މިއޮތީ އޭގެ އެންމެ ލޮލެއްގެ ވާހަކައެއް ނޫނެވެ. ވިލުނޫކުލައިން ފެށިގެން އެތައް ޝޭޑެއް އަރައި ފައިބަމުން އަންނަ ލޯތަކެއްގެ ވާހަކަ އެވެ.

ގދ. ތިނަދޫ މަހްމާވިލާ، އައިމިނަތު ފަރީދާ މީގެ ދެ އަހަރު ކުރިން އެ ރަށު ހޮސްޕިޓަލުގައި ވިހެއި އަންހެން ދަރިފުޅު، މަރިޔަމް މަންހާ މި ދުނިޔެއަށް ލޯ ހުޅުވިއިރު އޭނާގެ ލޮލުގެ ކުލައަކީ ވިލުނޫކުލަ އެވެ. ވިދައި ބަބުޅަމުންދާހާ އަލިގަދަ، ވިލުނޫކުލައެކެވެ. އެ ކުއްޖާގެ ދެ ލޮލުގައިވީ ހިތްގައިމުކަން ފެނިގެން އެދުވަހު އެތަނުގައި ތިބި ނަރުހުންތަކެއް އަޖާއިބުވި ނަމަވެސް ފަރީދާ އަށް އެކަންވީ އާދައިގެ ކަމަކަށެވެ. އެއީ އޭގެ ކުރިން ލިބުނު ހަ ކުދިންގެ ތެރެއިން ހަތަރު ކުދިންނާއެކު ވެސް އޭނާ ހަމަ މި ތަޖުރިބާކޮށްފައިވުމެވެ. މަންހާގެ ކުރިން އޭނާ އަށް ލިބުނު ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ ދެ ފިރިހެން ކުދިން ފިޔަވައި ދެން ތިބި ހުރިހާ ކުދިންނަކީ ވެސް އުފަންވިއިރު އެންމެފުރަތަމަ ވިލުނޫކުލައިގެ ކަޅިއާއެކު ލޯ ހުޅުވާލި ކުދިންނެވެ.

މާއިޝް އާދަމް. --ފޮޓޯ: މުހައްމަދު މާނިޝް

ނަމަވެސް ފަރީދާގެ ދެމަފިރިންގެ މި ކުދިންގެ ލޮލުގައިވީ ކުލަތައް ދަނީ އެ ކުދިންގެ އުމުރާއެކު ބަދަލުވަމުންނެވެ.

"ވިހައިގެން ހޮސްޕިޓަލުން ގެއަށް އައިތާ ހަފުތާއެއް ވެސް ނުވަނީސް މަންހާގެ ލޮލުގެ ކުލަ މަޑުމުށި ކުލައަކަށް ބަދަލުވެއްޖެ. ފުރަތަމަ ދުވަހު އެއީ ހަމަ ގަދަ ވިލުނޫކުލައިގެ ދެ ލޯ،" ގޭގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ފަރީދާ ކިޔައިދިނެވެ.

ނައުފް އާދަމް. --ފޮޓޯ: މުހައްމަދު މާނިޝް

"ކުޑައިރު މިއެންމެންގެ (ދޮށީ ދެ ކުދިން ފިޔަވައި) ލޮލުގައި ވެސް ހުންނަނީ ނޫކުލައެއް. ފަހުން އެ ކުލަ ބަދަލުވަނީ ގްރީން ކުލައަކަށް ނުވަތަ (ވަރަށް ލައިޓް) ބްރައުން ކުލައަކަށް."

އެންމެ ތުއްތު މަންހާގެ އިތުރުން އަދިވެސް ލޮލުގައި "ފެހިނޫ" ކުލަ އެންމެގަދައީ އުމުރުން 12 އަހަރުގެ މާއިޝް އާދަމްގެ އެވެ. އޭނާގެ ބޭބެ، 16 އަހަރުގެ ނައުފް އާދަމްގެ ލޮލަށް މަޑު މުށިކުލައެއް ފޭދެމުން އަންނައިރު އޭނާގެ ބޭބެ، 20 އަހަރުގެ ނާއިލް އާދަމްގެ ލޮލުގައި މިހާރު ހުރީ ވަރަށް އަލިގަދަ މުށިކުލައެކެވެ. މި ތިން ބެއިންގެ ބޮލުގެ އިސްތަށިގަނޑުގެ ކުލަ ވެސް އެކި ދުވަސްވަރު އެކި ކުލަތަކަށް ބަދަލުވާ ކަމަށް ފަރީދާ ބުންޏެވެ.

(ކ-ވ) ނައުފް އާދަމް، މާއިޝް އާދަމް އަދި ނާއިލް އާދަމް. --ފޮޓޯ: މުހައްމަދު މާނިޝް

"އެ ކުދިން މޫދުގައި އުޅޭނެ. އެކަމަކު އެއީ މޫދުގައި އުޅެގެން އިސްތަށިގަނޑަށް އަރާ ކުލައެއް ނޫން އަސްލު. ދެން ސްކޫލަށް ދިޔައީމަ ގެއަށް ފޮނުވާލާފައި އެބަހުރި ބޮލުގައި އެމީހުން ކުލަޖައްސަނީއޭ ކިޔާފައި ވެސް،" ފަރީދާ ކިޔައިދިނެވެ.

އެ ތިން ބެއިންގެ ބޮލުގެ ކުލަ "ލައިޓް ބްރައުން" ކުލައަކުން ރަތާއި ރަން ކުލައަކަށް ބަދަލުވާވަރުން އެމީހުން ސްކޫލަށް ފޮނުވަން ފަހުން ޖެހެނީ ބޯކަޅުކުރާށެވެ.

ނާއިލް އާދަމް. --ފޮޓޯ: މުހައްމަދު މާނިޝް

"އެއީ ސްކޫލް އޮފީހަށް ގެންދާތީ އެމީހުންގެ ބޮލުގައި ކުލަ ޖައްސައިގެން އުޅޭތީއޭ ކިޔާފައި. މަންމަ އެންމެފަހުން ސްކޫލްގައި ކިޔައިދީފައި އޮންނަނީ އެއީ އެމީހުންގެ ބޮލުގައި ހުންނަ ކުލަކަމަށް،" ފަރީދާ ބުންޏެވެ.

މި އަހަރު އޯލެވެލް ނިންމާލުމަށް ފަހު ވޯޓާސްޕޯޓްސްގެ ދާއިރާއިން ކުރިއަށް ދާން ނިންމައިގެން ހުރި ނައުފު ބުނީ އޭނާ އަށް އެންމެ ރީތީ ބޮލުގައި ކަޅުކުލަހުރުމުން ކަމަށެވެ.

މާއިޝް އާދަމް. --ފޮޓޯ: މުހައްމަދު މާނިޝް

"އެހެންވީމަ ބޮލުގައި އަމިއްލަ އަށް ވެސް ކަޅުކުލަ ޖައްސަން،" ނައުފު ބުންޏެވެ.

ފަރީދާ ބުނީ ލޮލުގެ ކަޅީގެ ކުލަ މިގޮތަށް ތަފާތުވުމަކީ އޭނާގެ އާއިލާ ތެރެއިން ވެސް ފާހަގަކުރެވޭ ކަމެއް ކަމަށެވެ. އެގޮތުން އޭނާގެ ދައްތައެއްގެ ދެ ފިރިހެން ކުދިންގެ ލޮލުގައި "އަޅި/ހުދު" ކުލައެއް ހުންނަ ކަމަށް އޭނާ ބުންޏެވެ.

ނައުފް އާއި މާއިޝް އަދި ނާއިލް ރައްޓެހި ކުދިންތަކަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. --ފޮޓޯ: މުހައްމަދު މާނިޝް

"މި ރަށުގައި ވެސް އުޅޭނެ އަންހެނެއް، ލޮލުގައި ހުދު ފާޑެއްގެ ކުލައެއް ހުންނަ،" ވިލުނޫކުލައިގެ ލޯތައް އެހާ އާންމުނުވިޔަސް މަޑުމުށި އާއި އަޅިފަދަ ކުލަތައް ފުދޭވަރަކަށް ހުވަދު އަތޮޅުގައި އާންމު ކަމަށް ބުނެ ވާހަކަ ދައްކަމުން ފަރީދާ ބުންޏެވެ.

(ކ-ވ) ނައުފް އާދަމް.--ފޮޓޯ: މުހައްމަދު މާނިޝް

ފަރީދާގެ ލޮލުގައި ހުންނަނީ މަޑު މުށިކުލައެކެވެ.

Popular