17 Oct 2018

ހަމްދާން ހަމަ ދިގުވަނީ: ހަތް ފޫޓު ހަމަވާން ކައިރިވެއްޖެ

މިއީ އުމުރުން 19 އަހަރުގެ ހަމްދާނެވެ. އޭނާގެ ހާއްސަ ކަމަކީ އިސްކޮޅުން ދިގުވުމެވެ. މިހާރު އެ ހުރީ ހަތް ފޫޓު ހަމަވާން ކައިރިވެފަ އެވެ.

މިއީ އުމުރުން 19 އަހަރުގެ ހަމްދާނެވެ. އޭނާގެ ހާއްސަ ކަމަކީ އިސްކޮޅުން ދިގުވުމެވެ. މިހާރު އެ ހުރީ ހަތް ފޫޓު ހަމަވާން ކައިރިވެފަ އެވެ.

By: Shamila Ibrahim

ރާއްޖޭގައި ހުރި އެންމެ ދިގު ކުއްޖާގެ ގޮތުގައި މަޝްހޫރު އަހްމަދު ހަމްދާންގެ ވާހަކަ ނޫސްތަކާއި ސޯޝަލް މީޑިއާ އިން ކިޔައި އުޅުނަސް ހަމަ ލޮލަށް އޭނާ ފެނުމުން ނޫނީ މި ހުރި ބޮޑު ތަފާތު އިހްސާސެއް ނުވާނެ އެވެ. އޭނާގެ ދިގު ކަމަށްވުރެ ތިމާގެ ކުރުކަން މާބޮޑަށް އިހްސާސްވާހެން ހީވެ އެވެ. މީގެ ކުރިން ވެސް "ދޯ" ގައި ހަމްދާންގެ ވާހަކަ ގެނެސްދިނުމަށް ފަހު އަނެއްކާ ލިޔަން މި ޖެހުނީ ހަމްދާންގެ އިސްކޮޅު ދިގުވުން ނުހުއްޓި ހަމަ އެ ބާރުމިނުގައި ގޮސް ކުރިއަށް ވުރެ ވެސް ދިގުވެފައި ހުރީމަ އެވެ.

މިހާރު އިސްކޮޅުގައި ހުރި ތަފާތު ބަލަން، އުމުރުން 19 އަހަރުގެ ހަމްދާން ސްޓޫޑިއޯއަށް ގެނައުމަށް ވުރެ މޮޅު ގޮތެއް ނުވިސްނުނެވެ. އޭރުން ގައިމު ފޮޓޯއެއް ނަގައި، އަހަންނާއި އޭނާގެ އިސްކޮޅުގެ ތަފާތު ބަލައިލެވޭނެތ އެވެ.

ކޮޅަށް ހުރެ އިންޓަވިއު ކުރިއަށް ގެންދިޔައިރު އަހަންނަން ހުންނަން ޖެހުނީ ބޮލު އޮތް ފޮށާ ވެއްޓޭ ވަރަށް މައްޗަށް ބަލާށެވެ. ހަމްދާންގެ އިސްކޮޅުގައި 6 ފޫޓް 9 އިންޗި އެބަހުއްޓެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާއާ އިންޓަވިއުކުރި އިރު އިސްކޮޅަކީ 6 ފޫޓު 6 އިންޗި އެވެ.

ހަމްދާނާ އިންޓަވިއުކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު / މިހާރު

ހަމްދާން އެހާ ގިނައިން ބޭރަށް ނިކުމެ އެއް ނޫޅެ އެވެ. އެހެން މީހުންގެ ސަމާލުކަން މާބޮޑަށް ލިބޭތީ އެގޮތް ހަމްދާނަށް ކަމު ނުދަނީ އެވެ.

ހަމްދާން އެނގޭ ބައެއް މީހުން އޭނާއާ އެކު ސެލްފީ ނަގަން ބޭނުންވެގެން އޭނާ ކައިރިއަށް އަންނަކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި އިންޓިވިއުއަށް އައި މަގުމަތީވެސް އައިޖީއެމްއެޗް ކައިރިން ދިމާވި މީހަކު ވެސް އޭނާއާ އެކު ސެލްފީ ނެގި އެކަމަކު އެއީ އުފާވާ ކަމެއް ނޫން ކަމަށް ހަމްދާން ބުންޏެވެ.

ކުރިން ދަންމާނު ބޮޑުވެރު ގުރޫޕްގައި އުޅުނު ނަމަވެސް ވަޒީފާއާ ދެ ކަންތައް ބެލެންސް ނުކުރެވޭނެކަން އެނގުނު ހިސާބުން ހަމްދާންގެ އަޒުމަކަށްވީ ވަޒީފާއަށް ހުސްވުމަށެވެ. މިހާރު އޭނާއަކީ ގްލޯރިއާ ޖީންސް މޯލްޑިވްސްގެ ކޭޝިއަރެކެވެ. .

"އެތާ އުޅޭ ވަރަށް ގިނަ ބޭރު މީހުން އާދޭ ފޮޓޯ ނަގަން. ހަމަ ކަސްޓަމަރުން ވެސް،"

ދެން ކުރުގޮތަކަށް އޭނާގެ ދިރިއުޅުމަށް ބަލައިލަން ހިނގާށެވެ. އަރާމުގައި ނިދާލުމަކީ ހަމްދާނަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ދިގު އިސްކޮޅު އެނދަށް ނުކަތެވެ. ނިދައި އުޅެނީ ކުރުގެޅިގެން ހަށިގަނޑު ދަމައިނުލައި، ވަރަށް ހާލުގަ އެވެ.

"އަސްލު ކުޑަކުޑަ ތަންކޮޅެއް ވީމަ އުޅެން ޖެހުނީމަ އުޅެނީ. އެއް ފައި ބޭރަށް ލައިގެން ވެސް ނިދަން ޖެހުނީމަ ނިދަނީ،" ކުރިން ހަމްދާންގެ އިސްކޮޅަށް ޖަހައިގެން ގެނައި އެނދު މިހާރު ކުޑަވީ އެވެ.

ހަމްދާން ގުދުވުމުން ވެސް އާދައިގެ މީހެއްގެ އިސްކޮޅަށް ވުރެ ދިގު.-- ފޮޓޯ: ހުސެއިން ވަހީދު / މިހާރު

ދެން އެންމެ އުނދަގޫ ކަމަކީ ހެޔޮވަރު ހެދުން ހޯދުމެވެ. ހެޔޮވަރު ސައިޒެއް މާލޭން ގަންނަން ނުލިބޭއިރު، ރާއްޖޭން ބޭރުން ފަސޭހަޔަކުން ނުލިބެ އެވެ. މިންތައް ދީގެން ހާއްސަ އެއްޗެއްގެ ގޮތުގައި ނޫނީ އެ ލިބޭ ކަމަކަށް ނުވެ އެވެ.

ހަމްދާންގެ އާއިލާ އެހެން ބައެއް މެންބަރުން ވެސް އާދައިގެ މީހުންނަށް ވުރެ ދިގުކަން ފާހަގަވެއެވެ. ހަމްދާން ވެސް އުމުރުން 15 ވަރަކަށް އަހަރު ވަންދެން އުޅުނީ އާއިލާގެ އެހެން މީހުންނާ ދާދި އެއްވަރު އިސްކޮޅެއްގައެވެ. ނަމަވެސް އޭރު ވެސް އޭނާގެ އުމުރުފުރާ ކުދިންނަށްވުރެ އޭނަ ދިގެވެ. އެކަމާ ހުރެ ބުލީ ކުރުމާ ވެސް ކުރިމަތިވި އެވެ.

އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމަކަށް ފަރުވާ ކުރުމަށް ކުރި ހާނިޔާ އޮޕަރޭޝަނަކަށް ފަހު، ހޯމޯނަށް އައި ބަދަލަކުން އޭނާ ކުއްލިއަކަށް ދިގުވާން ފެށީއެވެ. އޭރު އޮތީ ސްކޫލް ދައުރު ނިމި ފުރާވަރަށް އަޅައިފައެވެ.

ހަމްދާނެކޭ އެއްފަދައިން އޭނާގެ އަންހެން ކޮއްކޮ ވެސް މިހާރު ތަހައްމަލު ކުރަމުންދަނީ މީހުންގެ އެ ފާޑުކިޔުންތަކެވެ. ސަބަބަކީ އޭނާގެ އަންހެން ކޮއްކޮވެސް އެ އުމުރުފުރާގެ އެހެން އަންހެން ކުދިންނާ އަޅާބަލާއިރު އިސްކޮޅުން ދިގުވުމެވެ. އަންހެން ކުއްޖަކަށް ވުމުން މިއީ މި މުޖުތަމައު ތެރޭގައި އަދި ވަކިން އުނދަގޫ ކަމެކެވެ.

މިދިޔަ އަހަރު ހަމްދާން "ދޯ" ގެ މޭކްއޯވާގައި

އިސްކޮޅު ދިގަސް ހަމްދާންގެ ބަރުދަން އުޅެނީ 60ގެ ތެރޭގަ އެވެ. އޭނާ ބުނީ ގިނައިން ކުޅިވަރު ކުޅޭ ދުވަސްކޮޅު ބަރުވާ ކަމަށާއި އެ ނޫން ދުވަސްވަރު ހަށިގަނޑު ލުއިވާ ކަމަށެވެ.

"މިހާރު ބްރޭކް ގަ މިހުރީ. އެއީ ކުދިން ހަމަ ނުވާތީ އެ ކޮޅުން ބްރޭކް ދީގެން،" ގައުމީ ވޮލީ ޓީމްގެ މެންބަރެއްގެ ގޮތުގައި ހުނަރު ދައްކަމުން އަންނަ ހަމްދާން ބުންޏެވެ.

ވޮލީން ބްރޭކްއެއް ނެގުމަށް ފަހު ބާސްކެޓަށް މިސްރާބު ބަދަލުކޮށްލުމުގެ ޚިޔާލެއް ވެސް ހަމްދާންގެ ނެތެވެ. އެޔަށްވުރެ ބޮޑަށް ހަމްދާންގެ ހިތުގައި ވޮލީއަށް މާ ހާއްސަ ލޯތްބެއް ދެވިފައި އޮވެއެވެ. އޭނާ ދެކެމުން އަންނަ އެންމެ ބޮޑު އެއް ހުވަފެން ވެސް ގުޅިފައިވަނީ ވޮލީއާއެވެ. އެއީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލްކުރާ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔަކަށްވުމެވެ.

"ކުރިން ދިޔައިން ވޮލީ އާއި ބާސްކެޓް އާއި ދޭއްޗަށް ވެސް ޕްރެކްޓިސްއަށް. ދޭތީގަ އިންނާނީ ދެ ވައްތަރުގެ ސްޓެޕް. ދެން ދެ ކޯޗުން ބައިދާންފަ ހަމްދާން ކައިރި އެހީ އެތަނުން ކޯއްޗެއްތޯ ޗޫސްކުރާނީ. ހަމްދާން ނެގީ ވޮލީ. އަދި ބާސްކެޓްގަ ވިއްޔާ ވަރަށް ދުވަން ޖެހޭނެ. އެކަމަކު އެހާވަރަށް ދުވާވަރަކަށް ވަރެއް ނުހުރޭ،" އޭނާ ކިޔައިދިނެވެ.

"ބަލިވާ ގަޑީގަ މީހަ އެއްކޮށް ބަލިވާނެ. ވަރު ދޫވާނެ. ހަމްދާން ދެކޭ ގޮތުގައި އަސްލު އެހެން އެވަނީ ދިގު ވީމަޔާ އެއްކޮށް، އާންމުކޮށް މަސައްކަތް ކޮށްކޮށްފަ އައިސް ޖައްސާލާފަ ދެން ތެދުވާތަނުން،" ހަމްދާން އިތުރަށް ކިޔައިދިނެވެ.

ހަމްދާން

މި ބަލިކަށިކަމާ އެކު ގައިގެ މަސްތައް ވަރުގަދަކުރަން ހަމްދާން މަސައްކަތްކުރަން ޖެހެ އެވެ. އެކަމަކު އެކަން ނުކޮށް ހުއްޓައި، ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖު ޒާރާ މިހާރު ވަނީ ހަމްދާން އެކަން ފަހިކޮށްދީފަ އެވެ.

"ގްލޯރިއާ އަށް ޒާރާ އައި ދުވަހެއްގައި އޭނައަށް އަހަރެން ފެނުނީ. ދެން ހެމާގަ އުޅޭ ބޮޑު މީހަކާ ވާހަކަ ދައްކާފައި ފަހުން އެތާ އުޅޭ ތިން މީހުން އައިސް ވާހަކަ ދެއްކީ. ހަމްދާން ބުނިން ވަރަށް ކުރާހިތްވާ ކަމެކޭ ޖިމް ޖެއްސުމަކީ. ވަރަށް އަވަހަށް ޖިމްގެ ކަންތައްތައް ހަމަޖެހޭނެހެން ހީވަނީ،" އުފާވެފައި އިނދެ ހަމްދާން ބުންޏެވެ.

"މިހާރު ދެން ވަރަށް ފަޚުރުވެރިވޭ ދިގުވީމަ. އެކަމަކު އަދި އެންމެ އެންމެ ފަޚުރުވެރިވާނީ އިންޓަނޭޝަނަލް ވޮލީ ބޯލް ޕްލޭޔާއަކަށް ވެވުމުން"

ވޮލީބޯޅަ

Popular