11 Dec 2018

ނަށައި ޑިޕްރެޝަން ބަލިކޮށްލި މާސްޓަ ޓްރެއިނަރު

އެންމެ ފުރަތަމަ ނެށީ ޑިޕްރެޝަން އާއި އެކަނިވެރިކަމުން ސަލާމަތްވުމަށް. ޓީއެފްޖީގެ މާސްޓާ ޓްރެއިނަރެއްގެ ގޮތުގައި މިހާރު އޭނާ ނަށައި ލޭ ކައްކަނީ އެފަދަ އެހެން މީހުންނަށް ހިތްވަރު ހޯދައިދޭން.

އެންމެ ފުރަތަމަ ނެށީ ޑިޕްރެޝަން އާއި އެކަނިވެރިކަމުން ސަލާމަތްވުމަށް. ޓީއެފްޖީގެ މާސްޓާ ޓްރެއިނަރެއްގެ ގޮތުގައި މިހާރު އޭނާ ނަށައި ލޭ ކައްކަނީ އެފަދަ އެހެން މީހުންނަށް ހިތްވަރު ހޯދައިދޭން.

By: Ahmed Nadym

އެއީ 2010 ވަނަ އަހަރުގެ އާދައިގެ ރެއެކެވެ. އާންމުކޮށް ގެއިން ބޭރަށް ނުކުންނަން ލަދުގަންނަ ނުވަތަ ބިރުގަންނަ އުމުރުން 15 އަހަރުގެ އިބްރާހިމް ޒިހުނީ އެ ރޭ ބޭރަށް ދިޔައީ އޭނާގެ ރައްޓެއްސަކާ އެކު ކޮފީއަކަށެވެ. އޯޑަރު ދީފައި ދެ މީހުން ދެން އަނގަތަޅަން ފެށީ އެ މީހުންގެ ފިއުޗާ ޕްލޭންސްތަކާ ބެހޭ ގޮތުންނެވެ. އެ ހިޔާލާއި އޮލަވާހަކަތަކުގެ ތެރެއިން ގޮސް ޒިހޫގެ އެކުވެރިޔާ ބުނީ އޭނާގެ އަމާޒަކީ ރިސޯޓް މެނޭޖަރަކަށް ވުން ކަމަށެވެ. އެއަށް ފަހު އޭނާ މޭޒު އަނބުރާލީ ޒިހުނީއަށެވެ.

އެ ހިސާބުން ޒިހުނީގެ އަރުހިކި ބަސްހުއްޓުނީއެވެ.

"އޭރަކު އަހަރެންގެ ބޮލުގައި ނެތް އަދި ކުރާނެ ކަމެއް ނުވަތަ ވާނެ މީހަކު ވެސް. އެ ހިސާބުން ދެން އޭނަ ކިޔަން ފަށައިފި، އަހަންނަކަށް ކުރިއަކަށް ނުދެވޭނެއޭ އެއްވެސް ކަމެއްގައި،" އަހަރުތަކެއް ކުރީގެ އެ ހިތިރަހަގަނޑު ގަދަކަމުން ދިރުވާލާފައި ޒިހުނީ ބުނެލި އެވެ.

"އެއީ އަހަރެންގެ ބޮޑީ އިމޭޖާ ހެދިއޭ. އަހަރެން ފަލަކޮށް ހުންނާތީއޭ. އެެހެންވީމަ އަހަރެންނަށް އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެއޭ."

ޒިހުނީ ދޯ މެގަޒިންގެ "ދަ ސެޝަން" ގައި

"އޭނަ ބުނީ އަހަރެން އެންމެ ގާތީ ފިހާރައެއްގެ ސޭޓަކަށް ވުމޭ. ސޭޓަކަށްވުމަކީ އަހަންނަކަށް ދެރަކަމެއް ނޫން. އެކަމަކު އޭނަ އެހެން އެ ބުނެލީ އަހަންނަށްކޮށްލި ވަރަށް ބޮޑު އިންސަލްޓެއްގެ ގޮތުގައި އޭރު."

"އެ ދުވަހު އަހަރެން އެނބުރި ގެއަށް ގޮސް، މުޅި ރޭގަނޑު އެއްކޮށް ރުއީ. ދެން އަހަރެން ވިސްނީ އަހަރެންގެ (އެ ދިރިއުޅުން) ބަދަލުކުރަން ނުވަތަ (އެ ބޮޑީ އިމޭޖު) ބަދަލުކުރަން އަހަންނަށް ކުރެވޭނީ ކީއްތޯ؟."

އެއަށް ފަހު ސްޓެޕް އަޕް މޫވީޒްގެ ފޯރިގަދަ ސައުންޑްޓްރެކެއް ޕްލޭކޮށް ކޮޓަރީގެ ދޮރުގައި ތަޅުލައިގެން ވޮލިއުމް ބާރުކޮށް ލޭ ކެކެންދެން އޭނާ ނަށަން ފެށީ އެވެ. ސަތޭކަ އެތައް ކިލޯއެއްގައި ހުރި ހަށިގަނޑުން އެ ހުރިހާ ސްޓްރެސް އަކާއި ޑިޕްރެޝަންއެއް ބޭރުކޮށް ޒިހުނީ އޭރު ހަމަނޭވާލުމަށް ދަސްކުރި ހަމައެކަނި ސްޓެޕްސްއަކީ އެއީ އެވެ.

އޭގެ ފަހުން މިހާރު އަށް އަހަރެވެ. އޭނާ އަދިވެސް ނަށަނީ އެވެ. އެކަމަކު މިއަދު އޭނާ ނަށައި ލޭ ކައްކަމުން ދަނީ އެ ކޮޓަރީގައި ތަޅުލައިގެން، ފިލައި އޮވެގެނެއް ނޫނެވެ. "ބޮޑީ އިމޭޖު ހުތުރުކަމުން" މީހުންގެ ތެރެއަށް ނުކުންނަން އޭރު ނުކެރުނު ޒިހުނީ އަކީ މި ވަގުތު ޓީއެފްޖީގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަގްބޫލު ގްރޫޕް ފިޓްނެސް އިންސްޓްރަކްޓަރެވެ. ތޭވީސް އަހަރުގައި އޭނާ އަކީ އުއްމީދުން ފުރި، އެތައް ބަޔަކަށް އުއްމީދު އާކޮށްދެމުން އަންނަ އިންޓަނޭޝަނަލް މާސްޓާ ޓްރެއިނަރެކެވެ.

ނަމަވެސް ޒިހުނީގެ ހަޔާތުގައި އުފާވެރިކަމުގެ މި ކުލަބޮކި ދިއްލުމުގެ ކުރިން އޭނާ ގެނބެމުންދިޔައީ އަނދިރިގަނޑަކަށެވެ.

ޒިހުނީ ޓީއެފްޖީގެ ކްލާހެއްގައި.

"ވަރަށް ލަދުރަކި، ކަންކަމުގައި ފަސްޖެހޭ މީހެއް އަހަންނަކީ އަސްލު އެންމެ ފުރަތަމަ. އެކަނިއެކަނި އުޅޭނީ ވެސް. މީހުންނާ އެކުގައި ތަންތަނަށް ގޮސް މަޖާކޮށް ސަރަކާތްޖަހާ ހަދާ މީހެއް ވެސް ނޫން އަހަންނަކީ. ވެއިޓް އިޝޫސް ވެސް ވަރަށް ބޮޑަށް ހުރި އޭރު. އޭގެ ސަބަބުން އަންނަ އިންސެކިއުރިޓީ ވެސް އެހާ ބޮޑު. އޭރު ގާތްގަނޑަކަށް އުމުރުން 14 އަހަރުގައި ހުރި 100 ކިލޯ،" އޭރުގެ ޒިހުނީގެ ތައާރަފެއް ދިނުމަށް އެދުމުން އޭނާ ދިން ތައާރަފަކީ މިއީ އެވެ.

ބޭރަށް ނުނިކުމެ ކޮޓަރީގައި ތަޅުލައިގެން އިންނަން އޭނާ އަށް މަޖުބޫރުކުރީ ފުރައްސާރަ އާއި މަލާމާތެވެ.

"ފަލަވީމަ ބުލީކުރީ. ނަމުން ގޮވައި ފުރައްސާރަކުރީ. އަހަރެންގެ ލުކްސް ހުންނަ ގޮތުން. މޫނުގައި ބިހި ނަގައި ލަކުނު ލާފައި ހުންނާތީ. އަހަރެން މިއީ ވަރަށް ފަސޭހައިން ދާ ވެސް ހިއްލާ މީހެއް. އެހެންވީމަ ވެސް،" ސްކޫލް ދުވަސްވަރު ޑިޕްރެޝަންގެ ތެރެއަށް ގަންބާލި ސަބަބުތައް ކިޔައިދެމުން ޒިހުނީ ބުންޏެވެ.

"އެ ހުރިހާ ކަމަކާ ގުޅިގެން އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސުގެ އަގު އަމިއްލަ އަށް ވައްޓާލެވުނީ. އެއްވެސް އަގެއް ނެތް މީހެކޭ އަހަންނަކީ އަހަރެން ހިތަށް އެރީ."

"އެ ދުވަސްކޮޅު ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކޭނެ. ވަރަށް ގަދަ އަށް އާގަންނާނެ ވާހަކަ ދައްކާއިރު. ރަނގަޅަށް ބަސްތައް ކިޔަން ވެސް ނޭނގޭނެ. މިހާރު ވެސް ހުންނާނެ ކޮންމެވެސް ވަރަކަށް އެބައި."

ސްކޫލްތެރޭގައި ބުލީކުރިވަރުން އެކަމާ ބޯގޮވައިގެން އެންމެފަހުން ޒިހުނީ އޭނާގެ ކިޔެވުންމަތިން ވެސް ފޫހިވީ އެވެ.

ރެޑިކަލް ފިޓްނެސް ކްލާހެއްގައި ޒިހުނީ (ކ-2) ނަށަނީ.

"އޯލެވެލް އަށް ފަހު އިތުރަށް ކިޔަވާކަށް ވެސް ބޭނުމެއް ވެސް ނުވި. ދާނެ ދިމާލެއް ވެސް ނޭނގިފައި ހުރީ. އެހެން ގޭގައި މަޑުކޮށްލީ. ދެން އަނެއްކާވެސް އެހެން ހުއްޓައި އިތުރަށް ފަލަވާން ފެށީ،" ޒިހުނީ ބުންޏެވެ.

”ގްރޭޑް އަށެއްގައި އުޅުނުއިރު ރައްޓެހިން ބުނާނެ އެ މީހުންނާ އެކު ބޭރަށް ދާން ވެސް. އެކަމަކު އަހަންނަކަށް ނުކެރޭ، ގަބޫލެއް ނުކުރެވޭ އަހަރެން، އަހަރެންގެ އެ ސިފައާ އެކު ބޭރަށް ދާކަށް. ގެއިން ބޭރަށް ނުކުންނަން ވެސް ނުކެރޭ. ދެން އެކްސްކިއުޒަކަށް ބުނަނީ މަންމަ އޯކޭއެއް ނުވާނެއޭ ބޭރަށް ދާކަށް."

މި ހުރިހާ ފިކުރަކުން ބަނޑުފުރާލައިގެން އަނދިރި ކޮޓަރިއެއްގައި އަމިއްލަ އަށް ބަންދުވެގެން އުޅެނިކޮށް އޭނާގެ ދޮރުގައި ޓަކިދިނީ އަބަދުވެސް އެންމެ ގާތުގައިވީ މަންމަ އެވެ. އެ ދުވަހު ޒިހުނީގެ މަންމަ އައީ އެހެން ބަޔަކު ދިން ދައުވަތެއް ހިފައިގެންނެވެ. އެއީ ޓީއެފްޖީ ހުޅުވައިގެން ފިޓްނެސްގެ މުޅިން އާ ދުނިޔެއަކަށް ދޮރު ހުޅުވާލި ދުވަސްވަރެވެ.

"މަންމަ އަބަދުވެސް ހިތްވަރުދޭނެ އަހަރެން، އަހަރެންގެ އިންތައް ފަހަނަޅައި ދެވޭނެ ދުރަކަށް ދާން މަސައްކަތްކުރުމަށް. އެގޮތުން ޖިމަށް ދާން އެންމެ ފުރަތަމަ ބުނީ ވެސް މަންމަ. މަންމަ އަށް އެ ހިޔާލު ދިނީ (ފިޓްނެސް އިންސްޓްރަކްޓަރުން ކަމަށްވާ) ނަހޫ އާއި ކައިޝާ. ގަދަކަމުން އަސްލު ޖިމަށް ފޮނުވީ،" ހިނިގަނޑެއް ޖަހާލާފައި ޒިހުނީ ކިޔައިދިނެވެ.

ނަމަވެސް ޖިމަށް ދިޔަ ފުރަތަމަ ދުވަހުން އޭނާގެ ހިޔާލު އެކުގައި ބަދަލުވެ ދުޅަހެޔޮ ވަރުގަދަ ދިރިއުޅުމަކަށް ހިތް ބަންޑުންވީ އެވެ.

ޒިހުނީ ގްރޫޕް ފިޓްނެސް ކްލާހެއްގައި.

"އެ ދުވަހު ޓްރެއިނަރަކު ޖިމުން ފެނިގެން އަހަރެން އެންމެ ފުރަތަމަ ވެސް ހިތަށް އެރީ އެގޮތަށް އުޅެވޭނެ ނަމައޭ އަހަންނަށް ވެސް. އެގޮތަށް ހުރެވޭނެ ނަމައޭ. އެކަމަ މީހަކަށް ވެވޭނެ ނަމައޭ. އެހާ ޕޮޒިޓިވްކޮށް،" ޒިހުނީ ކިޔައިދިނެވެ.

"އެހިސާބުން އަހަރެން ބޭނުންވެއްޖެ ޓްރެއިނަރަކަށް ވާން."

އެކަމަކު އޭރު އޭނާ ދިޔައީ ކުރާނެ ކަމެއް ނޭނގި އެތައް ދުވަހެއް ކޮޓަރިއެއްގައި ހޭދަކުރުމަށް ފަހު ކަލިނަރީ ޗެލެންޖަކަށް ތައްޔާރުވަމުންނެވެ. ނަމަވެސް ޓީއެފްޖީން ބޮޑީ ކައްކާގޮތް ފެނި އާޝޯހުވިވަރު ބޮޑުކަމުން ކެއްކުމުގެ ކޯސްމަތިން ހަނދާން ނައްތާލާފައި އޭނާ ގޮސް ނުކުތީ ގްރޫޕްފިޓްނެސްގެ ކްލާހަކަށެވެ. އެކަނިމާއެކަނި ނަށައި ދަސްކުރި ޑާންސްމޫވްތަކުން ހިތްވަރު ލިބިގެން ގޮސް ބައިވެރިވި މި ކްލާސް ހަގީގަތުގައި އެ ދުވަހު ގޮންޖެހުމަކަށް ނުވި އެވެ.

"ޑާންސްކުރުމަކީ އޭރުގެ ސްޓްރެސް އާއި ޑިޕްރެޝަން އިން ސަވައިވްވާން އަހަރެން ކުރި ކަމެއް. ނެށުން އެގޮތަށް ކުރިއަށް ނުގެންދެވުނު ނަމަ މިއަދު އަހަރެން ހުންނާނީ ކިހިނެއް ކޮންތާކު ކަމެއް ބުނެދޭކަށް ނޭނގޭ އަހަންނަކަށް،" ޓީއެފްޖީގައި މެގަޑާންސް ގްރޫޕްފިޓްނެސް ކްލާސްތައް ނަގައިދެމުން އަންނަ ޒިހުނީ ބުންޏެވެ.

ޒިހުނީ އޭނާގެ ކްލާހެއްގައި ނަށަނީ

"އެންމެ ޑިޕްރެސްވާއިރު ވެސް ކޮޓަރި ތެރޭގައި ތަޅުލައިގެން، އެކަކަށް ވެސް ނުފެންނަ ގޮތަށް، މިއުޒިކްގެ އަޑު ވީއެންމެ ބާރެއް ކޮށްލައިގެން އައި ވިލް ޖަސްޓް ޑާން ޓު ދަ މިއުޒިކް. ޑާންސިން އަކީ މި ދިރިއުޅުމާ އެކު ކުރިއަށް ދާން އަހަންނަށް ލިބުނު ވަރަށް ބޮޑު ސަޕޯޓެއް."

"އެކަމަކު ކުރިން ނަމަ އެކަނި ސްޓޭޖަށް އަރަން ޖެހިއްޖެ ނަމަ އަހަރެން އުޅޭނީ ބިރުން. ސްޓޭޖު ފްރައިޓް ހުންނާތީ. ވާހަކަ ދައްކަން ޖެހުނަސް. ނެށުމެއްގައި ވިޔަސް. އަޑެއް ނުވެސް ނުކުންނާނެ އެއްގޮތަކަށް ވެސް."

ކުރީގެ ދިރިއުޅުމަށް ޒިހުނީ ގެނައި ފިޓްނެސްގެ އިންގިލާބުން ހައިރާންވެފައި ތިބީ ކުރިން އޭނާ ބުލީކޮށް ދިމާކޮށް ދެރަކޮށްލި މީހުން އެކަންޏެއް ނޫނެވެ. ޚުދު ޒިހުނީ އަށް ވެސް މިއީ ވަރަށް ބޮޑު ސަޕްރައިޒެކެވެ.

"އެންމެފަހުން އަހަރެން މި ދާއިރާއިން ފެނުމަކީ ވަރަށް ގިނަ މީހުންނަށް ލިބޭ ހައިރާންކަމެއް. ކުރީގެ ކްލާސްމޭޓުން ވެސް. ޚުދު އަހަރެން އަމިއްލަ އަށް ވެސް ސަޕްރައިޒްވޭ މިގޮތަށް މިހާރު އުޅެވޭތީ،" ޒިހުނީ ބުނެލި އެވެ.

ޓީއެފްޖީގެ ގްރޫޕްފިޓްނެސް ކޯހަކަށް ދާންވެގެން ޒިހުނީ އެންމެ ފުރަތަމަ ސޭވްކުރީ އޭނާ އޭރު އުޅުނު ޔެލޯ ޕޭޖަސްގެ ފީލްޑް ވޯކްގައި ލިބުނު މުސާރަ އެވެ. އެ މުސާރަ އެއްކޮށް ގޮސް އަޅާލީ ގްރޫޕް ފިޓްނެސްގެ ކޯހަކަށެވެ. އެއަށް ފަހު ޓީއެފްޖީ ދޫކޮށް ގެއަށް ދާކަށް ވެސް ޒިހުނީ ބޭނުމެއް ނުވި އެވެ. އޭނާގެ މި ޝައުގުވެރިކަން ފެނި އެތަނުގެ ވެރިން އޭނާ އަށް ފްރޮންޓް ޑެސްކުން ވަޒީފާ ވެސް ދިނެވެ. އެއަށް ފަހު ދެން ދިނީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ފުރުސަތެވެ.

ޒިހުނީ ރެޑިކަލް ފިޓްނެސް ސެޝަންއެއްގައި

"ޓީއެފްޖީގެ (ފައުންޑާ އަދި އޯނާ ޒިނާން) ބުނީ އަހަރެން ވަކި ވަރަކަށް ބަރުދަން ލުއިކޮށްފިއްޔާމު ޓްރެއިނަރަކަށް ވުމުގެ ފުރުސަތު އަހަންނަށް ހޯދައިދޭނަމޭ،" ދިރިއުޅުން ބަދަލުކޮށްލުމަށް ލިބުނު ރަނުގެ ފުރުސަތު ޒިހުނީ ކިޔައިދިނެވެ.

އޭރު އޭނާގެ ބަރުދަނުގައި 102 ކިލޯ ހުއްޓެވެ. އެކަމަކު އެ ޗެލެންޖު ގަބޫލުކޮށް އެންމެފަހުން ބަރުދަން 80 ކިލޯ އަށް ތިރިކޮށްގެން ޒިހުނީ ގްރޫޕް ފިޓްނެސް ޓްރެއިނިން ފެށީ އެވެ. އޭގެ ހަތް އަހަރު ފަހުން މިއަދު އޭނާ އަކީ އެތަނުގެ އެންމެ އުއްމީދީ ޓްރެއިނަރުންގެ ތެރެއިން ގުނާލެވޭ ނަމެކެވެ. އޭނާގެ ނެށުމުގެ ކްލާސްތަކުގެ ފޯރި އަދި ވަކިން ގަދަ އެވެ.

އެކަމަކު ޒިހުނީގެ ހުވަފެން އޭގެ ކްލާހަކަށް ވުރެ ބޮޑެވެ.

"އަހަންނަށް މިހާރު ވަރަށް ގިނަ ކަންކަން އެޗީވްވެއްޖެ އެކަމަކު އަދިވެސް އެބަހުރި ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން. އެގޮތުން އަހަރެން ފަދައިން އަމިއްލަ ޝެލް އިން ނުނިކުމެވި ބަންދުވެފައި ތިބި މީހުންނަށް އެހީވާން ވަރަށް ބޭނުންވޭ. އެފަދަ މީހުންނަށް އަހަރެންގެ ފަރާތުން ހިތްވަރު ހޯދައިދީ ހިތްވަރު ލިބޭނެ ގޮތަކަށް މަސައްކަތްކުރަން މިހާރު ބޭނުންވަނީ،" ޒިހުނީ ބުންޏެވެ.

ޒިހުނީގެ "ސެޝަން" ވީޑިއޯ. --ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަބްދުﷲ އައުރަފް

"އަހަންނަށް އެއްވެސް ކަމެއް ނުވާނެއޭ ނުވަތަ ބުލީކުރި މީހުންނަށް ބުނެލަން ބޭނުންވަނީ ތެންކިޔުއޭ. އެއްވެސް ގްރަޖެއް ރުޅިއެއް ނެތް އަހަރެންގެ ހިތަކު. އެމީހުން އެ ދުވަހު އެގޮތަށް އެއްޗެހި ނުކީ ނަމަ (ފަހަރުގައި) އަހަންނަށް މިކަން މިހެން ނުކުރެވުނީސް."

"އަހަރެން ގޮތަށް (ލައިފްގައި މިގޮތަށް ސަފާކުރަމުން އަންނަ މީހުންނަށް ބުނެލަން ބޭނުންވަނީ) ޑޯންޓް ގިވް އަޕްއޭ. ކީޕް ފައިޓިންއޭ. އިފް އައި ކޭން ޑޫ އިޓް ޔޫ ކޭން އޭޒް ވެލް އޭ."

Popular