15 Dec 2018

ފިޓް ކަޕުލް ފޮޓޯ ގެެލެރީ: ގިޔާސް އާއި މީޒާ

ފިޓް ކަޕުލް ފޮޓޯ ގެެލެރީ: ގިޔާސް އާއި މީޒާ

By: Ifraz Ali

ފޭސްބުކުން އުފެދުނު ރަހުމަތްތެރިކަމުގެ ގުޅުމެއްގައި ކުރިލައި އެ ގުޅުން ބަދަހިވެ، ކައިވެންޏަކަށް ވެސް ވީ އެވެ. މިއީ މިހާރު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ވަރަށް "ފިޓް" ދެމަފިރިންނެވެ. "ފިޓް ކަޕުލް" އެކޭ މި ބުނީ ފިޓްނަސްއަށް ވަރަށް ލޯބިކުރާ، ފިޓް ދެމީހުނަށް ވާތީ އެވެ.

"ދޯ" ގެ މި އަދަދުގައި ފިޓް "ކަޕުލް"އެއްގެ ގޮތުގައި މި ގެނެސްދެނީ ބޮޑީ ބިލްޑާ، ގިޔާސް އިބްރާހިމާއި އޭނާގެ އަންހެނުން ފާތިމަތު މީޒާ އާދަމް އެވެ.

ގިޔާސް، 33، އަކީ އަމިއްލަ ޖިމެއް ހިންގަމުން އަންނަ މީހެކެވެ. އަދި މީޒާ، 24، މަސައްކަތް ކުރަނީ ބޭންކް އޮފް މޯލްޑިވްސްގަ އެވެ.

ގިޔާސް އާއި މީޒާގެ އެއް ދުވަސް ފޮޓޯ އިން ބަލައިލަން ހިނގާށެވެ.

ގިޔާސް އާއި މީޒާ ބަދިގޭގައި، ކާއެއްޗެއް ތައްޔާރުކުރަނީ. -- ފޮޓޯ: އަހްމަދު ނިޝާތު

ދެމީހުންގެ ދުވަސް އާންމުކޮށް ފެށެނީ ބްރޭކްފާސްޓުންނެވެ. ސިއްހީ ރަނގަޅު ކާނާ ކެއުމަށް ދެމީހުން ވެސް ހާއްސަ އިސްކަމެއް ދެ އެވެ. މީޒާ ބުނީ ގިޔާސްއާ ދިމާވުމުގެ ކުރިން އޭނާއަކީ ކެއުމަށް ފަރުވާލެއް ބެހެއްޓި މީހެއް ނޫން ކަމަށެވެ. އަދި އޭރު ހުންނަނީ ވެސް ވަރަށް ހިކިކޮށް ކަމަށް ބުންޏެވެ. ނަމަވެސް ގިޔާސްއާއެކު އުޅެން ފެށުމާއެކު ކެއުމަށް ސަމާލުކަންދީ އަދި ހެލްތީ ލައިފްސްޓައިލެއް އުޅެމުން އަންނަ ކަމަށެވެ.

ގިޔާސް އާއި މީޒާ ޕެޓްތަކާ އެކު. --ފޮޓޯ: އަހްމަދު ނިޝާތު

މި ދެމަފިރިން ދިރިއުޅޭ އެޕާޓްމަންޓަށް ވަންނައިރު، އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ ބުޅާތެކެވެ. ޕެޓް ގެންގުޅުމަށް ލޯބިކުރާ މި ދެމީހުން މިހާރު ތިން ބުޅާ ގެންގުޅެ އެވެ. މައިންބަފައިން ދަރިއަކަށް ދޭހާ ލޯބި އެ ޕެޓްތަކަށް ދެ އެވެ. އެފްރިކަން ގްރޭ ދެ ގުރާ ވެސް ގެންގުޅެ އެވެ. ކޮންމެ ދުވަހަކު ވެސް އެ އެއްޗެއްސާއެކު ވަގުތުކޮޅެއް ހޭދަކުރެ އެވެ.

ގިޔާސް އާއި މީޒާ ޕީއެސް ކުޅެނީ. --ފޮޓޯ: އަހްމަދު ނިޝާތު

ބޭރަށް ދާއިރު، ދުއްވާލަން ދާއިރު އަދި ޕާޓީއަކަށް ދިޔަ ކަމުގައި ވިޔަސް ދެމަފިރިން ދަނީ އެކުގަ އެވެ. ވަރަށް މަދުން ނޫނީ ރައްޓެހިންނާއެކު ތަންތަނަށް ގޮސް ނޫޅެ އެވެ. އެހެން އުޅޭއިރު ހުސް ވަގުތު ގޭގައި ތިބެގެން ވީޑިއޯ ގޭމް ކުޅުމަކީ ދެމީހުން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ.

ގިޔާސް ޖިމްގައި. -- ފޮޓޯ: އަހްމަދު ނިޝާތު

ރާއްޖޭގައި ބާއްވާ މިސްޓާ މޯލްޑިވްސް ބޮޑީ ބިލްޑިން މުބާރާތްތަކުގައި ބައިވެރިވަމުން އަންނަ ގިޔާސް މިހާރު ތައްޔާރުވަމުން އަންނަނީ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕަށް ދިއުމަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހު ހަތަރު ގަޑިއިރު، އޭނާ މިހާރު އަންނަނީ ވޯލްޑް ކަޕަށް ޓްރެއިނިންތައް ހަދަމުންނެވެ.

ގިޔާސް ޖިމްގައި. --ފޮޓޯ: އަހްމަދު ނިޝާތު

އަންނަ މަހު އޮންނަ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިފަށް އޭނާ ތައްޔާރުވަމުން އަންނައިރު، އެންމެ ބޮޑު ހިތްވަރެއް ދޭ އެކަކަށް ވާނީ އަންހެނުން މީޒާ އެވެ. ކުޅިވަރަށް ހާއްސަ ލޯތްބެއް އަބަދުވެސް އޮންނަ މީޒާ ވެސް ފިޓުކޮށް ހުރުމަށް ސަމާލުވެ އެވެ. ބޮޑީ ބިލްޑިން އާއި ފިޒީކް، ޕްރޮފެޝަންއެއްގެ ގޮތުގައި ކުރަމުން އަންނަ ގިޔާސް އަބަދުވެސް ބޭނުންވަނީ ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ މީހަކަށް ވުމަށެވެ.

ގިޔާސް ޖިމްގައި. --ފޮޓޯ: އަހްމަދު ނިޝާތު

"މީހާ ފިޒިކަލީ ފިޓްވިޔަސް، އޭގެ މާނައަކީ ދިރިއުޅުމުގައި އެމީހަކާ ކުރިމަތިވާ ދަތި އުނދަގޫތަކާއި ތަފާތު ޗެލެންޖެސްތަކާ އަދި ޒިންމާތައް ފުރިހަމައަށް އަދާކުރެވޭނެއެކޭ ނޫން. މީހަކު ފިޓުތޯ ކަނޑައަޅާނީ ހަމައެކަނި އެމީހާގެ ހަށިގަނޑު ހުންނަ ގޮތަކުން ވެސް ނޫން. ދިރިއުޅުމުގައި މީހަކު ކާމިޔާބު ވާނީ އަދި ފިޓް ވާނީ އެމީހެއްގެ ވިސްނުމާއި ކެރުންތެރިކަމާއި އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަވެގެން،" ގިޔާސް ބުންޏެވެ.

ގިޔާސް އާއި މީޒާ ސައިކަލް ދުއްވާލަނީ. --ފޮޓޯ: އަހްމަދު ނިޝާތު

ހަވީރު ލިބޭ ހުސްވަގުތުގައި ދެމީހުން ދަނީ ސައިކަލް ބުރެއް ޖަހާލާށެވެ. އަދި ބްރިޖު އެޅިފަހުން ކޮންމެ ދުވަހަކުހެން ބްރިޖު މަތިން ދަތުރެއް ކޮށްލަމަކީ އާދައަކަށް ވެއްޖެ އެވެ. އެހެން އުޅޭއިރު އެކި ތަންތަނުން، އެކި ފާޑުގެ ކާނާގެ ރަހަ ބަލައިލުމަކީ ވެސް ކުރާ ކަމެކެވެ. އެކަމަކު އެއީ އެ ދެމީހުންގެ އެވްރީޑޭ ލައިފްސްޓައިލަކަށް ނުހަދަ އެވެ. ތަނަކަށް ގޮސް ކެއުމަކީ މަހަކު ދެ ތިން ފަހަރު ނޫނީ ކުރާ ކަމެއް ނޫނެވެ.

ގިޔާސް އާއި މީޒާ ހުޅުމާލޭގައި ހިނގާލަނީ. --ފޮޓޯ: އަހްމަދު ނިޝާތު

އެއް އަހަރުވީ ކައިވެނީގައި ދެމީހުންގެ މެދުގައި އޮންނަ ގުޅުން އެންމެ ވަރުގަދައީ، އަންޑަސްޓޭޑިން ވަރުގަދަ ވުމުންކަމަށް އެދެމީހުން ދެކެ އެވެ. އެކަކު އަނެކަކު ކުރަން ބޭނުންވާ ކަންކަމަށް ހުރަހެއް ނާޅަ އެވެ. ދެމީހުން އެކަކު އަނެކަކަށް ރެސްޕެކްޓުކުރެ އެވެ. އަދި ދެ ފަރާތުގެ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ދެމީހުން އިސްކަންދެ އެވެ.

Popular