24 Mar 2019

ގުޅި: މޫދަށް އެރިލަން ހިތްގައިމު ރަށެއް

ގުޅި: މޫދަށް އެރިލަން ހިތްގައިމު ރަށެއް

By: Ifraz Ali

ގުޅި އަށް ދާ އެންމެން ވެސް ބުނާ ވާހަކައެއް އޮވެ އެވެ. މާލެ އަތޮޅު ރަށަކުން އެރިލަން ލިބޭނެ އެންމެ ރީތި މޫދު އޮތީ މި ރަށުގަ އެވެ. އެ ބުނަނީ ދޮގު ވާހަކައެއް ނޫނެވެ. ބޮޑު ފަޅެއްގެ ތެރޭގައި އޮތް، ހާހެއްހާ މީހުން އުޅޭ މި ކުޑަކުޑަ ރަށުގެ މޫދު އަހަންނަށް ވެސް އެހާ ހިތްގައިމެވެ.

ގުޅީގެ އުތުރު ފަރާތު މޫދު -- | ފޮޓޯ: ދޯ

މި ރަށުގެ ބަނދަރަށް ލެފިއިރު އެންމެ ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތް ތަނަކަށްވީ ބޯޓު ޔާޑެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އެއް ބޯޓު ޔާޑެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދަތުރުކުރާ ބޯޓުފަހަރު މަރާމާތުކުރުމަށް މި ތަނަށް ގެނެ އެވެ.

ގުޅީގެ ބޯޓު ޔާޑު: ރާއްޖޭގެ އެކި ހިސާބުތަކުގައި ދަތުރުކުރާ ބޯޓުފަހަރު މަރާމާތަށް މިތަނަށް ގެނޭ -- | ފޮޓޯ: ދޯ

ހެނދުނު ހައެއް ޖެހިއިރު ފުރައިގެން މި ރަށަށް އާދެވުނީ، ދޯންޏެއްގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކޮށްލައިގެންނެވެ. ރަށަށް އާދެވުމާއެކު އެނގުނު ކަމަކީ ހަފުތާ ބަންދުގައި، މާލެއިން އެތައް ބަޔަކު މި ރަށަށް ދަތުރު އަންނަ ކަމެވެ. އާއިލާ އާއި ރަށްޓެހިންނާއެކު ގުރޫޕް ހަދާފައި ގޮސް މަޖާކުރާ ކިތައްމެ މީހެއް ފެނުނެވެ.

ގުޅިޔަށް ދަތުރު ގޮސް އުޅުނު ބަޔަކު އަތިރިމަތީގައި ވޮލީ ކުޅެނީ -- | ފޮޓޯ: ދޯ

އާންމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދު އޮންނަނީ މި ރަށުގެ އުތުރު ފަރާތުގަ އެވެ. ދަތުރު ދާ މީހުން ވެސް ގޮސް ތިބެނީ އެ ސަރަހައްދުގެ ކޮންމެވެސް ހިސާބެއްގައި ގަސްތަކުގެ ހިޔަލުގައި މަޑުކޮށްލައިގެންނެވެ. އަގު ބޮޑުކޮށް އެއް ދުވަހަށް ކޮޓަރިއެއް ހިފުމަށް ވުރެ، ގުދުރަތީ ހިޔަލުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވީމަ އެވެ.

ގުޅީގެ ދެކުނު ފަރާތު އަތިރިމަތި -- | ފޮޓޯ: ދޯ

ގެސްޓް ހައުސްގެ ވިޔަފާރީ ފުޅާވަމުން އަންނަ މި ރަށުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ޗުއްޓީ ހޭދަކުރެ އެވެ. އެމީހުނަށް ހާއްސަކޮށް އުތުރު ފަރާތު އަތިރިމަތި، ބިކިނީ ބީޗަކަށް ވަނީ ހަދައިފަ އެވެ. ދިވެހިންނަށް ވެސް އެ ސަރަހައްދަށް ދެވެ އެވެ.

ގުޅީގެ އަތިރިމަތީގައި އެލުވައިފައި ހުންނަ އުނދޯއްޏެއްގައި ޓޫރިސްޓަކު އިށީނދެލައިގެން -- | ފޮޓޯ: ދޯ

އައްޑިހައިގެ އަހަރުތަކުގައި ވެސް މި ރަށަކީ ޗުއްޓީ ހޭދަކޮށްލަން ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށް، އުމުރުން ދުވަސްވީ ބައެއް މީހުންގެ ވާހަކަތަކުން އެނގުނެވެ. ނަމަވެސް އޭރުގެ ސަރުކާރުން، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރުން މަނާކުރުމާއެކު އެކަން މެދުކެނޑުނީ އެވެ.

ގުޅީގެ ރަށުތެރެ: މި ރަށަކީ މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް -- | ފޮޓޯ: ދޯ

ރަށުގެ އެންމެންނަކީ ވެސް މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމާއި ވަޑާމާއި ވިޔަފާރި އާއި ގެސްޓް ހައުސް ހިންގުމާއި އަދި ސުވެނިއާ ވިއްކައިގެން އާމްދަނީ ހޯދާ އެކި މީހުންނާ ދިމާވި އެވެ. އެ މަސައްކަތްތަކުން ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް ލިބޭކަން އެމީހުންގެ ވާހަކަތަކުން އެނގުނެވެ.

ގުޅި: މަހަށް ދިއުމަށް ދެމީހަކު ކުޑަ ދޯންޏެއްގައި ނައްޓާލަނީ -- | ފޮޓޯ: ދޯ

ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކަކީ ވެސް މި ރަށަށް އަންނަ މީހުންގެ މެދުގައި މަގުބޫލު ކަމެކެވެ. ރަށުތެރެ ބަލައި އެކި މީހުންނާއި ވާހަކަދައްކައި ހަދައިފައި، މީގެ އެއްޗަކަށް އަރައި މަޖާކޮށްލާނެ ވަގުތެއް އަހަންނަކަށް ނުވި އެވެ.

ވޯޓާ ސްޕޯޓްސް ވެސް ވަރަށް ފުޅާ ދާއިޜާއެއްގައި އޮވޭ -- | ފޮޓޯ: ދޯ

މި ރަށުގެ ކޮންމެ ދިމާލަކުން ވެސް ތަފާތު އެތައް ކަމެއް ފެންނާނެވެ. ހިތްހަމަޖައްސާލައި ހިތްފަސޭހަ ކޮށްލަން މިއީ ވަރަށް ކަމުދިޔަ ރަށެކެވެ.

ކ. ގުޅި

Popular