2 Dec 2018

އަވަގްލާސް ފިގަ އާއި ބަބްލް ބަމް

By: Asiya Abdul Raheem (Dietician)

ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރުމަށް ކެއުންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލު ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީ ވިރުވާ ހަށިގަނޑުގައި ލީންމާސް އިތުރު ކުރުމަކީ ވެސް ބަލިން ސަލާމަތްވެ ހުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އަދި ގިނަ ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑުގެ ވަކި ހިސާބެއްގައި ސަރުބީ ގިނަވުމުން ހިތުގެ ބައްޔާއި އިންސިއުލިން ރެސިސްޓެންސް (ހަކުރު ބައްޔަށް) މީހާ ހުށަހެޅެއެވެ.

ބުޑުގެ ވަށަމިނާއި އަޅާބަލާފައި އުނަގަނޑު ނުވަތަ ބަނޑުގެ ވަށަމިން ބޮޑު ނަމަ ހިތުގެ ބައްޔާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަދި އިސްކޮޅާއި އަޅާ ބަލާފައި ބަނޑުގެ ނުވަތަ އުނަގަނޑުގެ ވަށަމިން އިތުރުވާ ނަމަ ހިތުގެ ބައްޔާއި ހަކުރު ބައްޔަށް މަގުފަހިވާލެއް ބޮޑު ވެއެވެ.

އަޅުގަނޑުމެންގެ އެކި މީހުނަށް ލިބިފައި ހުންނަނީ ތަފާތު ބޮޑީފްރޭމެވެ. ފަތި މީހުނާއި ބިޔަ މީހުނާއި ފުޅާ މީހުނާއި ކުޑަ މީހުނާއި ވައްކޮށް ތިބޭ މީހުނޭ ދިވެހި ބަހުގައި ކިޔާއުޅޭތީ އަހަމުއެވެ. އަޅުގަނޑުމެން މިއަށް ކިޔާ އުޅެނީ ޕެޔާ ނުވަތަ އެޕަލް ބޮޑީ ޝޭޕެވެ. މި ދަންނަވާ ބޮޑީ ފްރޭމް ނުވަތަ ހަށިގަނޑުގެ ބައްޓަންތަކަކީ ގުދުރަތީގުން އެ މީހަކަށް ލިބިފައި ހުންނަ ބައްޓަންތަކެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކާންޖެހޭ މިންވަރަށް މެދު މިންވަރަށް ކައިގެން ހަރަކާތްތެރިވެ އުޅޭ ނަމަ ކުރާ ކަސްރަތަކީ މީހާ އަށް ފައިދާ ކުރުވަނިވި ކަންކަމެވެ. މިހެން މިކަން އޮތުމުން އުނަގަނޑުގެ ސަރުބީ ވިރުވުމަށް ކެއުން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކޮށް އުނަގަނޑުން ސަރުބީ ދުއްވަން ކުރާ ކަސްރަތުތައް ކުރުން ވަރަށް މުހިއްމެވެ.

ނަމަވެސް މީގައި ގޯސްވާ ހިސާބަކީ ވަކި ބައްޓަމަކަށް ހުންނަން ނުވަތަ ހަށިގަނޑުގެ ވަކި ހިސާބެއް ވަކި ބައްޓަމެއްގައި ބަހައްޓަން ކުރާ މަސައްކަތެވެ. މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް އެންމެ ގަދައަށް ދައުރުވާ އެއް ބާވަތްތަކެއްގެ އިޝްތިހާރުތަކަކީ ބޫޓީ ޝޭޕިން ނުވަތަ ބުޑުގެ މަސްގަނޑު ބޮތްކެއްހެން ބަހައްޓަން ކުރާނެ ކަސްރަތު ނުވަތަ އެ ބައްޓަމަށް ބަހައްޓަން ލާ ޒާތެއްގެ ސޫޓެއް ނުވަތަ ޓައިޓް/ ޖަންގިޔަލެއްގެ އިސްތިހާރެވެ. ދެން އެންމެ ގިނައިން ފެންނަނީ އުނަގަނޑުގައި ވަށާލާ ބާރު ރަބަރު ބެލްޓެއްގެ އިޝްތިހާރެވެ. މި ތަކެތިން މީހާ ބަނދެލާފައި ހުންނައިރު އެ އިޝްތިހާރުތަކުގައި ބުނާގޮތުން ހެދުން ލާފައި ހުންނަ އިރު ބުޑުގަނޑު ހުންނާނީ ބޮތްކެއްގެ ބައްޓަމަށެވެ. އަދި ބަނޑުގެ މަސްތައް އެލިފައެއް ނުހުންނާނެ އެވެ.

މިހެން މި ތަކެތި ބޭނުންކޮށްގެން ވަގުތީގޮތުން ހަށިގަނޑުގެ ބައްޓަމަށް ބަދަލެއް އައިކަމުގައި ވިޔަސް މިއީ ބަލިބަލިން ދިފާއުވެ ތިބުމުގެ ދާއިމީ ހައްލެއް ނޫނެވެ. ހިތާމައާއި އެކު ދަންނަވާލަން ޖެހެނީ އަޅުގަނޑުމެންގެ މުޖުތަމައު ބިނާވެފައި އޮންނަގޮތުން އަޅުގަނޑުމެންނަށް އާދަވެފައި ހުންނަނީ އަޅުގަނޑުމެންގެ ހަށިގަނޑަށް މީހުން ބުނެލާ ކޮންމެ އެއްޗަކަށް މާ ބޮޑަށް ކަންފަތް ދެވުމެވެ. އަޅުގަނޑުމެން ކަސްރަތު ކުރަންވީ އަވަގްލާސް ޝޭޕަށް ނުވަތަ ބަބްލް ބަމް އެއް ބެހެއްޓޭތޯއެއް ނޫނެވެ. އެކި މީހުން ފަލަވާން ޖެހޭ ސަބަބުތައް ތަފާތެވެ.

ވިހެއުމާ ގުޅިގެން ލާ ބަނޑަކީ ވެސް ބައެއް މީހުންނަށް ދުއްވާލެވުނަސް ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހައިން ނުވެދާނެ ކަމެކެވެ. ނުވަތަ އަތުގެ މަތީބައިގައި ނުވަތަ ފައިގެ ފަލަމަސްގަނޑުގައި ނުވަތަ ކަނދުރާގައި ޖަހާ މަސްގަނޑަކީ އެ މަސްގަނޑު ހިންދަން އުނދަނގު މީހަކަށް ނޫނިއްޔާ ކިހާ އުނދަގުލުން ދުއްވާލެވޭ މަސްގަނޑުތަކެއް ކަމެއް ނޭނގޭނެ އެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ މީހަކު ކިޔާ އެއްޗަކަށް ނުބަލާ ތިމާގެ ހަށިގަނޑު ގިނަ ދުވަހު ބަލިން ސަލާމަތްވެ ބެހެއްޓޭތޯ ކަސްރަތު ކުރުމަށެވެ.

Popular