17 Jan 2019

ޓޯފޫ އާއި ޓެމްޕޭ އަދި އެހެން ބާވަތްތަކުގެ ބީން ކާޑް

By: Asiya Abdul Raheem (Dietician)

ޓޯފޫ އާއި ޓެމްޕޭ އަދި އެހެން ބާވަތްތަކުގެ ބީން ކާޑަކީ އޭޝިޔާ ބައްރުގެ ގިނަ ގައުމުތަކެއްގައި މަހުގެ ބާވަތްތަކުގެ ބަދަލުގައި ލައިގެން ކާ އެއްޗެއްގެ ގޮތުގައި ބޭނުން ކުރާ ބާވަތްތަކެކެވެ. ޓޯފޫގެ ބާވަތްތަކަކީ ސޯޔާބީން ނުވަތަ އެހެން ބާވަތްތަކުގެ ބީން އިން ތައްޔާރު ކުރާ އެއްޗެކެވެ. މި ބާވަތްތަކަކީ އޭގައި ޕްރޮޓީން ގިނަ އަދި ހަށިގަނޑަށް ފައިދާ ކުރާ ތެލުގެ ބާވަތްތައް އެކުލެވޭ އަދި ބޭކާރު ހަކަތަ މަދު ސިއްހީ ގޮތުން ފައިދާ ހުރި ބާވަތްތަކެކެވެ.

ޓޯފޫ އާއި އެހެން ބީން ކާޑްގެ ބާވަތްތައް ތަފާތު ގޮތްގޮތަށް ތައްޔާރުކޮށް ކެއުމުގައި ހިމެނިދާނެ އެވެ. އޭގެތެރެއިން މަޑުކޮށް ޕުޑިންކޮޅެއްހެން ހުންނަ ބީން ކާޑަކީ ކުދިކޮށް ކިޔުބް ގޮތަށް ކޮށައިގެން ފޮނިކާތަކެތީގައި ކިރުގެ ބަދަލުގައި ނުވަތަ ސްމޫތޯގައި ކިރުގެ ބަދަލުގައި ބޭނުން ކުރެވިދާ ބާވަތެކެވެ. ބީން ކާޑްގެ ބައެއް ބާވަތްތަކަކީ ސެލެޑް ތައްޔާރު ކުރާއިރު ސެލެޑާށް ނިޔުޓްރިޝަން ބެލެން ގެންނަން (ކެއުމުގައި ހިމެނޭ ބާވަތްތަކުގެ ހަމަކަން ގެންނަން) ޕްރޮޓީން އެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބާވަތްތަކެކެވެ. ބީން ކާޑް ގެ ބައެއް ބާވަތްތަކަކީ މަސް ނުވަތަ ކުކުޅު ތައްޔާރު ކުރާހެން ހިކިކޮށް ހަނާކޮށްލައިގެން ވެސް ކެއުމުގައި ހިމެނދާނެ ބާވަތްތަކެކެވެ.

ބީން ކާޑަކީ ލެކްޓޯސް އިންޓޮލަރެން ހުންނަ މީހުނަށް ކިރުގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅު ބާވަތެކެވެ. އަދި މަހުގެ ބަދަލުގައި ކެއުމުގައި ބައެއް ދުވަސް ދުވަހު ބީންކާޑު ހިމަނާ ނަމަ ކެންސަރާއި ހިތުގެ ބަލި ފަދަ ބަލިބަލިން ރައްކާތެރިވުމުގެ ފުރުސަތު އިތުރުވާނެ އެވެ. އަދި ހަރަދުގެ ގޮތުން ވެސް ބީންކާޑުގެ ބާވަތްތަކަކީ އެހާ އަގުބޮޑު ބާވަތްތަކެއް ނޫނެވެ.

ނަމަވެސް އަޅުގަނޑުމެންގެ ދިވެހި މާކެޓްގައި މި ބާވަތްތައް ލިބެން ނުހުރެއޭ ވެސް ބުނެވިދާނެ އެވެ. މިއީ ކީއްވެތޯ ވިސްނާލުން މުހިއްމި ކަމެކެވެ. އަޅުގަނޑުމެންގެ ރަހައާ ނުގުޅޭތީ ނުގަނެދާނެ ކަމަށް މި ބާވަތްތައް ލިބެން ނުހުންނަނީ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އަޅުގަނޑުމެނާ ބީރައްޓެހި އެއްޗެއް ވީމާ އަދި މީގެ މައުލޫމާތު މާ ބޮޑަށް އޮޅުންފިލާފައި ނުވާތީ ރާއްޖެ އެތެރެ ނުކުރަނީ ކަމަށް ވެސް ވެދާނެ އެވެ. މިއިން ކޮންމެ ސަބަބެއް ވިޔަސް، މި ސަބަބު އޮޅުންފިލުވާ މިފަދަ ސިއްހީގޮތުން ފައިދާ ހުރި ބާވަތްތައް އަޅުގަނޑުމެންގެ ކެއުމުގައި ހިމަނަން ފެށުމަކީ ދުޅަހެޔޮ ސިއްހަތަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ޑައެޓް ކާނާ

Popular