12 Nov 2018

ނޭނގިހުއްޓައި ކިޑްނީއާއެކު ކުދިކުދިވި ހަޔާތް

By: Ahmed Nadym

މީގެ ދެ އަހަރު ކުރިން ސާއިދު އަހުމަދު ޑޮކްޓަރަށް ދެއްކީ ކާހިތް ކެނޑި، ކުޑަކަމުދާއިރު ލޭ އަންނަން ފެށުމުންނެވެ. ޑޮކްޓަރަށް ދެއްކުމުން އެ ދުވަހު ބުނީ އެއީ ބެކްޓީރިއާއެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އެއަށް ފަހު އެންޓިބަޔޯޓިކްސްތަކެއް ދީފައި ޑޮކްޓަރު ބުނީ ހަފުތާއަކުން އެކަން ރަނގަޅުވެދާނެއޭ އެވެ. ޑޮކްޓަރު ބުނި ގޮތަށް، އެންޓިބަޔޯޓިކްސް ކައިގެން ހަފުތާއެއްގެ ތެރޭގައި ސާއިދު އެކަމުން އެފަހަރު ފަސޭހަވެއްޖެ އެވެ. އެކަމަކު ދުވަސްގަނޑެއް ފަހުން އަނެއްކާވެސް އާދަޔާހިލާފަށް ވަރުބަލިވުމާއި ކެއުންބުއިން މަތިން ފޫހިވުން އޭނާގެ ދިރިއުޅުމަށް އެނބުރި އަތުވެއްޖެ އެވެ. މިފަހަރު ކުރިއަށް ވުރެން ގޯހެވެ. ނަމަވެސް ސާއިދު ހީކުރީ އެއީ ރޯދަމަހަކަށްވެފައި ރޯދައަށް ހުރުމުން ވަރުބަލިވެފައި ކެއުމާ ދުރަށް ޖެހިލެވުނީ ކަމަށެވެ. އެއީ ކުށް ހީއެއްކަން އެނގި ވޭންވަރު ގަދަވެގަތީ އަނެއްކާވެސް ލެއިން ކުޑަކަމުދެވުމުންނެވެ.

އެހިސާބުން އޭނާ ދުއްވައިގަތީ އަނެއްކާވެސް ޑޮކްޓަރެއްގެ ގާތަށެވެ.

"ޑޮކްޓަރަށް ދެއްކީމަ ބުނީ ބްލަޑް ޕްރެޝާ ވަރަށް މައްޗޭ. ދެން ދިނީ ޓެސްޓްތަކެއް ހަދަން. ވަގުުތުން އެޑްމިޓް ވެސް ކޮށްފި. ދެން ފަސް ހަ ގަޑިއިރުން ނަތީޖާ ލިބިގެން ޑޮކްޓަރު އައިސްފި. އައިސް ފުރަތަމަ ވެސް ބުނީ ތިމަންނަ އަށް ކިޔައިދީބަލާށޭ ކިހާ ފިޓު މީހެއްތޯ ތިއީ،" 29 އަހަރުގެ ސާއިދުގެ ދިރިއުޅުން އެ ފުށްމިފުށަށް ޖަހާލި ދުވަސް ނިއުޅިގެން އައި ގޮތް އޭނާ ކިޔައިދޭން ފެށި އެވެ.

ސާއިދު ޑަޔަލަސިސް ހަދަނީ. --ފޮޓޯ: ހުސެއިން ވަހީދު

"ދެން އަޅުގަނޑު ބުނެފިން އަޅުގަނޑަކީ ވަރަށް ފިޓު މީހެކޭ. ވަރަށް ބަލައިގެންނޭ އުޅެނީ. ސިއްހަތަށް ވަރަށް ބަލައިގެން އުޅޭ މީހެކޭ އަޅުގަނޑަކީ"

"ބުނީމަ ބުނީ ތިމަންނަ ދޭން މި އުޅެނީކީ އެހާ އުފާވެރި ޚަބަރެއް ނޫނޭ. ދެން އަހައިފި މީހަކާ އިނދެގެންހޭ އުޅެނީ. އަޅުގަނޑު ބުނެފިން މީހަކާ އިނދެގެންނޭ އުޅެނީ. ކުއްޖަކު ވެސް ހުރެއޭ. ދެން ބުނެފި ދެރަ ނުވައްޗޭ ތިމަންނަ މި ދޭ ޚަބަރަށް ފަހު. ތިމަންނަމެން ވެސް މަސައްކަތްކުރާނަމޯ، އުއްމީދުކުރާށޭ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް."

އެހިސާބުން ސާއިދުގެ ހިތް އަވަސްކޮށް އޭނާގެ ހަތަރެސްފައި ފިނިވާން ފަށައިފި އެވެ.

"ދެން އަޅުގަނޑު ވެސް އެހިސާބުން ކެތްމަދުވެއްޖެ. އަޅުގަނޑު އެދުނިން ދެން ލަސްނުކޮށް ތި ވާހަކަ ބުނާށޭ. އަޅުގަނޑު ހިތްވަރުކުރާނަމޭ،" ސާއިދު ކިޔައިދިނެވެ.

"އެހިސާބުން ބުނި، އެނގޭހޭ، ތިއީ ވަރަށް ބަލި މީހެކޭ. ދެ ކިޑްނީ ވެސް މަސައްކަތެއް ނުކުރެއޭ."

އެހިސާބުން ހުރެވުނުތަން ވެސް ސާއިދަކަށް ނޭނގުނެނެވެ.

"އެހިސާބުން އަޅުގަނޑުގެ މުޅި ހަށިގަނޑު ހުއްޓުން އެރި ކަހަލަ. ބުނާނެ އެއްޗެއް ނޭނގުނު. އަމިއްލަ ނަފުސަށް، އަމިއްލަ އަށް ގަބޫލެއް ނުކުރެވުނު ކުއްލިއަކަށް އެހާ ގަދަކޮށް ބުރަކޮށް މަސައްކަތްކުރަމުން ދިޔަ މީހަކު ކުއްލިއަކަށް ހަމަ ދެ ކިޑްނީ ފެއިލް ވެދާނެއެކޭ،" ފެންކަޅިވެފައިވީ ހާލުގައި އެ ދުވަސް ކުލަކޮށް ކިޔައިދެމުން ސާއިދު ބުންޏެވެ.

ސާއިދު ޑަޔަލަސިސް ހަދަނީ. --ފޮޓޯ: ހުސެއިން ވަހީދު

އެއީ ތެދެކެވެ. ކާހިތްނުވުމާއި، ކުޑަކަމުދިއުމުގައި ލޭ އައުން ފިޔަވައި އެ ދުވަހާ ހަމައަށް (މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަސް) ސާއިދު ހުރީ ފެންނަފެނުމަށް ހަމަ ގަދަފަދަކޮށެވެ. އަދި ވަކިން ހާއްސަކޮށް މީގެ ތިން ވަރަކަށް އަހަރު ކުރިން އޭނާ އުޅުނު އުޅުމަށްވުރެން ދުޅަހެޔޮކޮށް ފިޓުކޮށޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ތިން ހަތަރު އަހަރު ވެގެންދިޔައިރު ވެސް ސާއިދަށް ރޭކާވެސް ނުލައި އޮތް ބިރުވެރިކަމަކީ އޭނާގެ ދެ ކިޑުނީ އޭރު ވެސް ގާތްގަނޑަކަށް ހަލާކުވެފައިވީ ކަމެވެ.

ގދ. ތިނަދޫ އަށް އުފަން ސާއިދަކީ ކިޔެވުން ނިންމާލިގޮތަށް ނޫސްވެރިކަމުގެ ތެރެއަށް ނިކުތް ޖަވާހިރެކެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަދަބީ ހަރަކާތްތަކާއި ނޫސްނެރުން ފަދަ ރޭސްތަކުން ފަށައިގެން އައިސް އެމްއީއެސް އިން ކިޔެވުން ނިންމާލިއިރު އޭނާ ހުރީ ހަމަ ރަނގަޅަށް ވެސް ނޫސްވެރިޔަކަށް ފައްކާވެނިމިފަ އެވެ. އެންމެހުނަރުވެރި އެންމެ މަޝްހޫރު ފަހުގެ ލިޔުންތެރިންނާއި ނޫސްވެރިންގެ ފިޔަވަޅުމަތިން ދުވަމުން ގޮސް 2009 ވަނަ އަހަރު އޭނާ ގުޅުނީ އޭރުގެ މަޝްހޫރު ސަންއެފްއެމް ރޭޑިއޯ ޗެނަލާއެވެ. ސާއިދުގެ ދާއިރާއަކީ ކުޅިވަރުގެ ދަނޑެވެ. ވަކިން ހާއްސަކޮށް ފުޓުބޯޅަ ކޮމެންޓްރީ އަކީ އޭނާގެ ހިތުގެ އެންމެ ފުންމިނުން ނެރުނު ހުނަރެކެވެ. އެކަމަކު ނޫސްވެރިއެއްގެ ގޮތުގައި އޭނާ އުފެދި ފައްކާވަމުން ދިޔައީ ހުރިހާ ކަމެއް ވެސް ކޮށް ހުރިހާ ރަހައަކަށް ވެސް ފުރިހަމަ ލިޔުންތެރިއެއް އަދި ރޭޑިއޯ ޕްރެޒެންޓަރެއްގެ އިތުރުން އެންމެފަހުން ޓީވީގެ ނިއުސްކާސްޓަރެއްގެ ވެސް ގޮތުގަ އެވެ. މިފަދަ އެތައް ހުނަރަކުން ޖަރީވެގެން ކުރަމުން ދިޔަ މަސައްކަތުގައި އޭނާ އަށް އޭރު ބަލައިނުލެވުނީ އަމިއްލަ ސިއްހަތަށެވެ.

ހޭވައްޓާލާފައި އެހެން އުޅެނިކޮށް އޭނާ ހޭނައްތައި، ހޭލައްވާލީ 2015 ވަނަ އަހަރު ޖެހުނު މައިނާ ސްޓްރޯކަކުންނެވެ.

ސާއިދުގެ މާ ކުރީގެ އުފާވެރި މަންޒަރެއް.

"އޭރު ދުވާލަކަށް ދެ ފޮށި ސިނގިރޭޓު ހުސްވާނެ އަހަރެން އަތުން. ސްޓްރޯކް ޖެހުނީ ވެސް ސިނގިރޭޓެއް ބޯން އިންދާ،" ސާއިދު ކިޔައިދިނެވެ.

"އެހިސާބުން އެ ދުވަހުން ފެށިގެން ޑޮކްޓަރުގެ ލަފައާ ވެސް އެކުގައި، ސިނގިރޭޓް ބުއިން ހުއްޓާލީ. އެހިސާބުން ސިއްހަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން މަޖުބޫރުވީ. ސްޓްރޯކް ޖެހުނީމަ އުމުރަށް ކާން ޖެހޭ ބޭހެއް ވެސް ނަގަންޖެހުނީ"

"މި މައިނާ ސްޓްރޯކެއް ޖެހުމުގެ ކުރިން ސިއްހީ ބޮޑު މައްސަލައެއް އަޅުގަނޑަކަށް ދިމާވެފައެއް ނެތް. ރޯގާ ޖެހުން ހުން އައުން ކަހަލަ ކުދިކުދި ކަންތައް ދިމާވޭ އާދައިގެމަތިން. އެއަކަށް ނުކިޔާނެކަން ނޭނގެ މާ ބޮޑު ބައްޔެކޭވެސް. ފުރަތަމަ ވެސް އެލާމެއް އެޅި ފުރަތަމަ ބައްޔަކީ މިއީ. އެ މައިނާ ސްޓްރޯކް."

އެހިސާބުން ޖެހުނީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި އެއްކޮށް ބަދަލުކޮށް ފޮޅައި ސާފުކުރާށެވެ.

"ވަކިން ހާއްސަކޮށް ކެއުންބުއިމަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު. ގާތްގަނޑަކަށް ކުރިން ކަމުން ދިޔަ ހުރިހާ ބާވަތެއްގެ ކެއުންތައް އެއްކޮށް ހުއްޓާލަން މަޖުބޫރުވީ. އޭރު ވަރަށް އާންމުކޮށް ޖަންކް ފުޑްސް އާއި އެނާޖީ ޑްރިންކްސް ވެސް ބޭނުންކުރަމުން ދިޔައިން. އެ ހުރިހާ އެއްޗަކާ ވެސް ދުރަށް ދިޔައީ އެ ހިސާބުން،" ސާއިދު ބުންޏެވެ.

"އޭރުގެ ލައިފްސްޓައިލަށް ބަލާ ނަމަ (ދުވަސް ނިންމާލާފައި) މީހާ ނިދަން އޮށޯންނަނީ ވެސް ފަތިހު ހަތަރު ގަޑިބައި ނުވަތަ ފަހެއް ޖަހާކަށްހާއިރު. މި ބުނަނީ ހެނދުނު ހަތް ގަޑި ބައިން ފެށިގެން ނުވަތަ އަށެކުން ފެށިގެން އަރާމެއް ނެތި މަސައްކަތް ފަށާ ގޮތަށް ބައެއް ރޭރޭ ހުންނަމޭ ފަތިހު ހަތެއް ފަހެއް ޖަހަންދެން ވެސް މަސައްކަތުގައި"

ސާއިދު (ކ) ރޭޑިއޯ އަށް ލައިވް ކޮމެންޓްރީ ދެނީ: އޭނާ އަކީ ޓީވީގައި ވެސް ކުޅިވަރުގެ މުހިންމު ހުށަހެޅުންތެރިއެއް.

"އަޅުގަނޑަކީ އޭގެ ކުރިން 2009 ވަނަ އަހަރުން ފެށިގެން 2015އާ ހަމަ އަށް އެއްގޮތަކަށް ވެސް މިގޮތަށް ވަކި ގޮތަަކަށް ކެއުން ބަހައްޓައިގެން ގަވާއިދަކަށް ކަސްރަތުކޮށް ޑައެޓްކުރި މީހެއް ވެސް ނޫން."

ނަމަވެސް ދިރިއުޅުން މަޖުބޫރުކުރި ހާލަތާއެކު ސާއިދު އަމިއްލަ އަށް އިސްނަގައިގެން އޭނާގެ ދިރިއުޅުން އަނެއްކާވެސް ކޮޅަށްޖަަހައި ހިނގައިގެންފި އެވެ. އެކަމަކު އެ ސްޓްރޯކަށް ފަހު، ދުޅަހެޔޮ ދިރިއުޅުމަކަށް އޭނާ ބޭހާއި ހާއްސަ ޑައެޓަކާއި ކަސްރަތުން ފަރުވާ ދެމުން ދިޔަ ނަމަވެސް ނޭނގި އޮތް ހާލަތަކީ އަމިއްލަ ދެ ކިޑުނީ އަށް ވެފައި އޮތް ގޮތެވެ. އޭރު ވެސް އޭނާގެ ކިޑުނީގެ 77 ޕަސެންޓް ހަލާކުވެފައިވާކަން އޭނާ އަށް އެނގުނީ އޭގެ ތިން ވަރަކަށް އަހަރު ފަހުން، ކުޑަކަމުދާއިރު ލޭ އަންނާނީ ގޮސް ޑޮކްޓަރަށް ދައްކައިގެން އެ ޑޮކްޓަރު ދިން އިންޒާރާއެކު ކިޑްނީ ބަލީގެ ހާއްސަ ޑޮކްޓަރަކާ އެންމެފަހުން ބައްދަލުވި ހިސާބުންނެވެ.

"އެހިސާބުން ހިފަހައްޓާލަން އުނދަގޫވެ، ފެންކަޅިވެ، މީހާ މާޔޫސްވެގެންދިޔަ. (ހިތަށް އެރީ) ފުރަތަމަ ޚަބަރު ދޭނީ ކާކަށްތޯ. މި ޚަބަރަށް ފަހުގަ ދެން އެމީހުންނަށް ކުރާނީ ކޮން އަސަރެއްތޯ، އެއީ އެންމެ ބޮޑަށް އޭރު ދެން ވިސްނެމުންދިޔަ ކަންތައް،" އަރުބެދިފައިވާ ހާލެއްގައި އުނދަގުލުން ކިޔައިދެމުން ސާއިދު ބުންޏެވެ.

"ޑޮކްޓަރަށް ދެއްކުމުން 2015 އިން ފެށިގެން މެޑިކަލް ހިސްޓްރީ ބަލަން ފެށީ ވަގުތުންވެސް. އެހިސާބުން ޑޮކްޓަރު ސުވާލުކުރީ ކީއްވެގެންތޯ ސްޓްރޯ ޖެހުމަށް މެދުވެރިވީ. އަޅުގަނޑު ބުނިން އިންޑިއާ އިން ބެލި ޑޮކްޓަރުން އެފަހަރު ބުންޏޭ ކޮލެސްޓްރޯ މާ މަތިވުމުން ބްލަޑް ޕްރެޝާ މަތިވެގެން ދިމާވި ކަމެކޭ އެއީ."

މިހެން ބުނީމަ ޑޮކްޓަރު އެ ސަބަބު ގަބޫލެއް ނުކުރި އެވެ.

"ޑޮކްޓަރު ބުނީ އޭރުގެ ރިޕޯޓްތަކުން ވެސް އެބަ ދައްކައޭ ކިޑްނީ 77 ޕަސެންޓަށް ދަށްވެފައި ހުރި ކަަމަށް. އެހެންވީމަ ސްޓްރޯކް އޭރު ޖެހުނީ ވެސް މި ބަލީގެ އަލާމާތަކަށޭ."

އެހިސާބުން ސާއިދަށް ލިބުނު ޝޮކުގައި އޭނާގެ ދިރިއުޅުން އަނެއްކާވެސް ހުއްޓުވާލި އެވެ. ނަމަވެސް ވަގުތުން ވަގުތަށް ބޭސްތަކެއް ދީގެން ކިޑްނީ އޭރު ހުރި 13 ޕަސެންޓުން 16 ޕަސެންޓަށް ޖައްސާލެވިދާނެ ކަމުގެ އުއްމީދެއް ޑޮކްޓަރު ދިނެވެ. ނަމަވެސް އޭގެ ދެ ހަފުތާއެއްހާ ފަހުން ސާއިދުގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރީ އެވެ. އޭރު އޭނާގެ ކިޑްނީ މަސައްކަތްކުރަނީ އަށް ޕަސެންޓްގަ އެވެ.

ސާއިދު ހޮސްޕިޓަލްގައި. -- ފޮޓޯ: ހުސެއިން ވަހީދު

އޭގެ ފަސް ދުވަސް ފަހުން އޭނާ ފުރައިގެން ދިޔައީ އިންޑިއާއަށެވެ. އެއަށް ފަހު ޖެހިގެން އައި ހަފުތާ އެކުގައި އޭނާ އޮތީ އައިސީޔޫގަ އެވެ. އެނބުރި އައިސް އައިޖީއެމްއެޗުން ހަފުތާއަކު ތިން ދުވަހު ހަތަރު ފަސް ގަޑިއިރަށް ޑަޔަލަސިސް ހަދަމުން އަންނައިރު އަންނަ ޖެނުއަރީ މަހު އޭނާ އަނެއްކާވެސް އިންޑިއާ އަށް ފުރާނެ އެވެ.

ސާއިދަށް ކިޑުނީ ހަދިޔާކުރަން އޭނާގެ އެއްބަނޑުއެއްބަފާ ދެ ބޭބެ އޭނާއާ އެކުގައި ދާން ތައްޔާރަށް ތިބީތީއެވެ.

"މިހެން ބުންޏަސް އަޑުއަހާ މީހުން ނުވަތަ ކިޔާ މީހުންނަށް ހީވެދާނެ މިއީ ވަރަށް ފަސޭހަ ފަރުވާއެކޭ. މިއީ ވޭންހުރި ހަމަ، ވަރަށް، މީގެ ތަދާއި ރިހުމާއި ވޭނާއި ކެކުޅުން ހިމެނޭ ފަރުވާއެއް. ހަތަރު ގަޑިއިރު ތެރޭގައި ހަށިގަނޑުން ލޭ ބޭރުކޮށް އެ ލޭ، މެޝިނެއެއްގެ އެހީގައި ސާފުކޮށް އަނެއްކާ ވެސް އަލުން ހަށިގަނޑަށް ފޮނުވުމަކީ ހަގީގަތުގައި ކުޑަކަމެއް ނޫންކަންނޭނގެ،" ސާއިދު ބުންޏެވެ.

"އެހެން ނަމަވެސް އަދި އަޅުގަނޑަށްވުރެން މާ ހިތްވަރުގަދަ ބަޔަކު ވެސް އެބަތިބި. ޑައިލަސިސް ސެންޓަރުން ހަމަ ގައިމުވެސް އަޅުގަނޑަށް އެ މަންޒަރު ކޮންމެ ހަފުތާއަކު ފެނޭ. އޭގެ ތެރޭގައި 10 އަހަރު، 15 އަހަރުވަންދެން ޑައިލަސިސް ހަދާލަ ހަދާލަ ތިބި މީހުން ވެސް އެބަތިބި."

ސާއިދު ބުނީ އޭނާގެ އެންމެ ބޮޑު ހިތްވަރަކީ، ހިތްދަތި މި ހަގީގަތް ކަމަށެވެ.

ސިއްހަތު ކިޑްނީ ކިޑްނީ ބަދަލުކުރުން ދަ ސެޝަން

Popular