15 Nov 2018

އައިސްކިއުބަކީ މޫނަށް މޮޅު ފަރުވާއެއް

ރީތިވެ ނިމޭއިރު ހުންނަ ތާޒާކަން އޮފީހަށްދާ މަގުމަތީ ހިއްލާ ދަލާ އެކު ދަނީ ފެނަށެވެ. އަވީގައި ބްރިޖުން ދަތުރެއް ކޮށްލާއިރަށް މޫނު ހުންނަނީ އަނދާފަ އެވެ. ކޮންމެ މަހަކު ސެލޫނަށް ގޮސް ޓްރީޓްމަންޓު ހެދުމަކީ ބޮޑު ކަމަކަށްވެ އެވެ.

މި ކިޔައިދެނީ އަހަރެމެންނަށް ދިމާވާ މިކަހަލަ ހުރިހާ ކަމަކަށް އޮތް ފަސޭހަ ހައްލެކެވެ. ގޭގައި އަމިއްލަޔަށް ކޮށްލެވިދާނެ ކަމެކެވެ. މޫނުގައި އައިސް ޖެއްސުމަށް އަވަހަށް ފްރީޒަރު ހުޅުވާލާފައި މި ބުނެދޭން އުޅޭ އެއްޗެހި ގަނޑުކުރަން ލާން ތައްޔާރު ވާށެވެ.

މޫނުގައި އައިސް ޖެއްސުމަކީ ކޮންކަހަލަ ކަމެއް؟

ބުރަ ދުވަހަކަށް ފަހު މޫނުމަތީ އައިސް އުނގުޅުމަކީ މުޅި މީހާއަށް ތާޒާކަން ގެނެސްދޭނެ ކަމެކެވެ. ކޮންމެ ދުވަހެއްގެ ސްޓްރެސްތައް މޫނުމަތިން ފެނުނަ ނުދިނުމަށް އައިސް ބޭނުން ކުރާށެވެ. މޫނުގައި ލޭ ދައުރު ވާން ފަސޭހަވެ އުޖާލާކަން ގެނެސްދޭނެ އެވެ. ކޮރެއާ މީހުންގެ މެދުގައި އުފެދުނު "އައިސް ތެރަޕީ" އަކީ މިހާރު ދުނިޔޭގެ މަޝްހޫރު އެކި މީހުން ބޭނުންކުރަމުން އަންނަ އެއް ބިއުޓީ ޓްރެންޑުކަން ސެލެބްރިޓީ ފޭޝަލިސްޓު އޫލަ ހެންރިކްސަން ވެސް ވަނީ ސާބިތު ކޮށްދީފަ އެވެ.

މޫނުގައި އައިސް ޖެއްސުމުން ލިބޭ ބައެއް ފައިދާތައް

- މޫނުމަތި އަލިކޮށްދޭ.

- ލޯ ކައިރި ކަޅުވުންމުން ކުޑަކޮށްދޭ.

- މޫނުގަ ހުންނަ ބޮޑެތި ބިހިތަކަށް ހައްލެއް.

- ލޯ ކައިރި ފުއްޕާފަ ހުރުން ހައްލުވާނެ.

- މޫނުގައި ހުންނަ ޕޯސްތައް ބޮޑު ނަމަ، އެކަމަށް ވެސް ހައްލެއް.

- ދުވަސް ވުމުން މޫނުމަތީ އުފެދޭ ރޫތައް މަދުކޮށްދޭނެ.

- ތުންފަތުގެ ހަންގަޑު މަޑުވާނެ.

- އަވިން އަނދާފައި ހުންނަ ތަންތަނަށް އެންމެ ރަނގަޅު އެއް ފަރުވާ.

އައިސް ޖައްސަން ބޭނުން ނަަމަ އެންމެ ފުރިހަމަ ފައިދާ ލިބޭނެ ބައެއް ރެސިޕީތައް

އާދައިގެ ގަނޑުފެންގަނޑެއް ޖެއްސުމުގެ ބަދަލުގައި އެންމެ ގިނަ ފައިދާ ލިބޭނެ ގޮތަކަށް ރެސިޕީއެއް ތައްޔާރު ކޮށްލުމަށް ފަހު ގަނޑުކުރަން ލާށެވެ. ދުރާލައި ތައްޔާރު ކޮށްލާފައި ގަނޑުކުރަން ބެހެއްޓުމުން ފަސޭހަ ވާނެއެވެ.

ގްރީން ޓީ އައިސް ކިއުބް

ގްރީން ޓީ ސައިފަތުގެ ތިން ޕެކެޓު ފެނަށް ލައި ކުލަގަދަ ވާވަރަށް ކައްކާލާށެވެ. އެއަށް ފަހު އައިސް ޓްރޭއަށް އަޅާލާފައި ގަނޑުކުރަން ލާށެވެ. ކޮންމެ ދުވަހަކުވެސް މިއިން އައިސް ކިއުބެއް މޫނުގައި އުނގުޅުމުން، ލޯ ކައިރި ކަޅުވުން ދުރުކޮށް ދީ މޫނު ދުޅަ ވެފައި ހުންނަ ނަަމަ ރަނގަޅު ކޮށްދޭނެ އެވެ.

އެލޮވީރާ އައިސް ކިއުބް

ގޭގައި އެލޮވީރާ ގަހެއް ހުރޭ ހެއްޔެވެ؟ އޭގެ ތެރެއިން އެލޮވީރާ ޖެލްކޮޅު ކަހާލުމަށް ފަހު ބްލެންޑަރުން ގިރާލާށެވެ. އަދި އައިސް ޓްރޭގައި ގަނޑުކުރަން ލާށެވެ. އަވިން އަނދާފާ ހުންނަ ނަމަ މީގެ އައިސް ކިއުބެއް މޫނުގައި އުނގާލުމަށް ފަހު ނުދޮވެ ބަހައްޓާލާށެވެ.

ކިއުކަމްބާ އައިސް ކިއުބް

ކިއުކަންބާ އާއި ބޮޑު ލުނބޯގެ ޖޫސް ބްލެންޑުކުރާށެވެ. އައިސް ޓްރޭގައި ގަނޑުކުރުމަށް ފަހު، އޮފީސް ނިންމާލާފައި ގެއަށް އަންނަ އިރު ހުންނަ ވަރުބަލިކަން މޫނުމަތިން ދުއްވާލުމަށް މީގެ އައިސް ކިއުބެއް އުނގުޅާލާށެވެ. އަދި އެއަށް ފަހު ނުދޮވެ ބަހައްޓާލާށެވެ.

ފޮނިތޮށި އައިސް ކިއުބް

ފެނާއި ފޮނިތޮށި ޕައުޑާ އެއްކުރާށެވެ. ނުވަތަ ފޮނިތޮށީގެ އެސެންޝިއަލް ތެޔޮ ހުރި ނަމަ އެވެސް ރަނގަޅުވާނެ އެވެ. އެއަށް ފަހު ޓްރޭގައި ގަނޑުކުރާށެވެ. މޫނުމަތީގައި ބިހި ނަގާފައި ހުންނަ ނަމަ ހަފުތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު މީގެ އައިސް ކިއުބެއް އުނގުޅާލާށެެވެ. އަދި ނުދޮވެ ބަހައްޓާލާށެވެ.

މޫނުގައި އައިސް ޖެއްސުމުގައި ބަލަންވީ ކަންތައްތައް

ރަނގަޅު ނަތީޖާއެއް މިކަމުން ފެނުނަސް ދުވާލަކު ދެތިން ފަހަރު އައިސް ކިއުބް ނުޖައްސާށެވެ. އަދި އައިސް ކިއުބުތައް ހުރި ގޮތަށް މޫނުގައި ނުޖައްސާށެވެ. އެންމެ ރަނގަޅު ގޮތަކީ ރީތި ކޮޓަން ފޮތި ކޮޅެއްގެ ތެރެއަށް ކިއުބު ލައިގެން މިކަން ކުރުމެވެ. އަދި އޭގެ ކުރިން މޫނު ދޮވެ ސާފުކުރަން އާދަކުރާށެވެ. އެއް މިނެޓަށް ވުރެއް ގިނައިން މޫނުގެ އެއްވެސް ތަނެއްގައި އައިސް ކިއުބް ބޭންދުމަކީ އެހާ ރަނގަޅު ކަމެއް ނޫނެނެވެ. ބަލަންވީ ވަށްކޮށް މަސާޖުކޮށްލާ ގޮތަށް މޫނުގައި ކިއުބް އުނގުޅަމުން ދިއުމެވެ. މީގެ އައިސް ތެރަޕީ ސެޝަނެއް ދިގު ދަންމަން ވާނީ 1-15 މިނެޓުގެ ވަގުތަށެވެ. އެންމެ ފުރިހަމަ ވާނީ ހެނދުނު ނުވަތަ ހަވީރު މިކަން ކުރުމުންނެވެ.

ބިއުޓީ

Popular