16 Jun 2019

އިންޝާގެ ކުލަ ދުނިޔެއިން ކަނޑުއަޑިއަށް

By: Ahmed Nadym

އައިމިނަތު އިންޝާ ހަސަންގެ ހިތް ބަންޑުންވީ މޫދަށެވެ. މޫދަށް ގޮސް ފަތައި، ފީނައި އެތަނުގައިވީ މަސްމަހާއި އޭގައިވީ ހިތްގައިމު ކުލަތަކުގެ ތެރެއަށް ގެނބިގެންދިޔައީ އެވެ. ކަނޑުން އަރައިގެން އައިސް އޭނާ މިހާރު ކުރަހަނީ ފަރާއި ފަޅާއި، މޫދާއި ކަނޑުގައިވީ ހިތްގައިމުކަމެވެ. ފޮޓޯގަނޑެއްހާ އޮމާން، އެހައި ސާފުކޮށް، ހައި ރިޒޮލިއުޝަނުގަ އެވެ. އުމުރުން 20 އަހަރުގެ އިންޝާގެ މި މަސައްކަތްތަކަކީ، ކުރެހުމަށް ބަލަން ހުންނަ މީހާ ދަމައިގެން ގެންގޮސް ކަނޑުއަޑީގެ އެ ހިތްގައިމު ކަމަށް ގަންބާލާހާ ރިއަލިސްޓިކް ޕެއިންޓިންތަކެކެވެ. ޔަގީނަށް ވެސް ރާއްޖޭގައި މި ވަގުތު ހުރި، މި އުމުރުފުރައިގެ، މި މީޑިއަމްގެ އެންމެ ހުނަރުވެރި އެކަކަށް އައިޝަތު އިންޝާ ހަސަން ވާނެ އެވެ. މިވަގުތު، އިންޓަނޭޝަނަލް ބިޒްނަސް އެންޑް މާކެޓިންގެ ދާއިރާއިން ޑިގްރީ އަަށް ކިޔަވަމުން ދިޔަ ނަމަވެސް އޭނާގެ ހިތް އޮތީ ކަނޑާއި މޫދާއި ފަރާއި ފަޅުގެ ކުލަތަކާ އެކު ކެންވަސްއަކަށް ވެއްޓި އާ ފުރުސަތުތަކަކަށް ތެޅިލަތެޅިލަ އެވެ.

"ސޯޝަލް މީޑިއާ އަށް ކުރެހުންތައް ލާން ފެށުމުން އެކި މީހުންގެ ފަރާތުން ލިބެންފެށި ރަނގަޅު ކޮމެންޓްތަކާ ހެދި ބޮޑަށް މިކަމަށް ހިތްޖެހުނީ. އަނެއްކޮޅުން އެކަންވީ ކުރެހުންތަކަށް މީހުންގެ ފަރާތުން އޯޑަރު ވެސް ލިބެން ފެށި ކަމަކަށް. އެކަމަކު މިވަގުތު ކުރަހަނީ ޕާޓްޓައިމްކޮށް އަދި،" އިންޝާ ބުންޏެވެ.

ނަމަވެސް އިންޝާ އަކީ ފުލްޓައިމް އާޓިސްޓަކަށް ވުމުގެ ފުރިހަމަ ގާބިލުމަކާއި އުއްމީދު ހުރި އާޓިސްޓެކެވެ. މިހާރު ވެސް ރިސޯޓްތަކުގައި އާޓް ކްލާސްތައް ނަގައި އަދި ކުރެހުންތައް ވަރަށް ބޮޑު އަގުގައި ވިއްކަމުން ވެސް ގެންދާ ފަރާތެކެވެ. އޭނާގެ މީޑިއަމް އަކީ އެކްރެލިކެވެ. އަދި ސްޓައިލަކީ ރިއަލިސްޓިކް އާޓެވެ.

"އިންޝާ އަކީ އެކްރެލިކް ކުލަ ބޭނުންކޮށްގެން ރިއަލިސްޓިކްކޮށް ނަމަވެސް ކުޑަ ރަފް އެޖެއް ވެސް ލައިފަ ހުންނަ ކުރެހުންތައް ކުރަހާ މީހެއް. ގާތްގަނޑަކަށް އިންޝާގެ ހުރިހާ ޕެއިންޓިންތަކަކީ ވެސް މޫދު އަޑީގެ ރީތިކަން ދައްކައިދޭ ޕެއިންޓިންސް،" އިންޝާ ބުންޏެވެ.

"ކުޑައިރު އަބަދުވެސް ކުލަ ފަންސުރުން ކުރަހައި އުޅުނީ. އެކަމަކު މިގޮތަށް ކުރަހަން ފެށިފަހުން މިހާރު އަބަދުވެސް ބޭނުންކުރަނީ އެކްރެލިކްސް. އެކަމަކު ބައެއް ފަހަރަށް ހުންނާނެ ކޮފީ ކަހަލަ (މީޑިއަމްތައް) ބޭނުންކޮށްގެން ވެސް ކުރެހުންތައް ކުރަހާފައި. ކުރިން ވޯޓާކަލާ ފަދަ މީޑިއަމްތައް ވެސް ބޭނުންކުރިން. އެކަމަކު ފަހުން ހަމަ އެންމެ ފަސޭހަވީ އެކްރެލިކް ކުލައިން. ކުލަތައް އެންމެ ރަނގަޅަށް މިކްސްކޮށް ގެންނަން ވެސް ފަސޭހައީ އެކްރެލިކް މީޑިއަމްގައިވީމަ."

ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް އަސްލާ އެއްގޮތަށް އިންޝާ ގެނެސްދޭއިރު އޭނާގެ މި ކުރެހުންތަކުން ދޭން ބޭނުންވާ ވަރަށް މުހިންމު މެސެޖެއް ވެސް އެބައޮތެވެ. އޭނާގެ ބޭނުމަކީ ކަނޑުއަޑީގެ އެ ނާޒުކުކަމާއި މުހިންމުކަން އެންމެނާ ހަމަ އަށް ގެންގޮސްދިނުމެވެ.

"އަޅުގަނޑުގެ ކުރެހުންތަކުން ދައްކައިދޭ މޫދުއަޑީގެ ރީތިކަމުން އެންމެނަށް ވެސް ދޭން ބޭނުންވާ މެސެޖަކީ މި ރީތިކަމާއި އެ ރީތިކަން އެގޮތުގައި ބޭއްވުމުގެ މުހިންމުކަން،" އިންޝާ ބުންޏެވެ.

އޭނާ ބުނީ ކުރެހުންތަކުން ދޭ މެސެޖުތައް އާންމުންނާ ހަމަ އާސް ގެންގޮސްދެވޭ ވަރުގެ ޕްލެޓްފޯމެއް މިވަގުތު ރާއްޖޭގައި އޮތްއިރު އާޓިސްޓުންނަށް ކުރިން ނެތް ބައިވަރު ފުރުސަތުތަކެއް މި ވަގުތު ހުޅުވިފައިވާ ކަމަށެވެ. އެހެންކަމުން ފުލްޓައިމް އާޓިސްޓަކަށް ނުވާންވީ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ރާއްޖޭގައި އެ ފުރުސަތު އެބައޮތް. އިވެންޓްތަކުގަ އާއި ރިސޯޓުތަކުގައި އަދި އަމިއްލަ ކަސްޓަމަރުންގެ ބޭސްއެއް ވެސް އެބައޮތް ލޯކަލް އާޓިސްޓުންގެ ކުރެހުންތަކަށް ޝައުގުވެރިވާ. އެ މީހުންނަށް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ."

އިންޝާ ދަނީ މިހާރު ވެސް އޭނާގެ ކުރެހުންތައް ރަނގަޅު އަގުތަކެއްގައި ވިއްކަމުން ރިސޯޓު ފަދަ މާކެޓްތަކުން ލިބެން ހުރި ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ވެސް ހިފަމުންނެވެ. ނަމަވެސް އޭނާ ބުނަނީ ޕްރޮމޯޝަނަކަށް ހަމަ އެންމެ ރަނގަޅީ އެގްޒިބިޝަނެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ސޯލޯ އެގްޒިބިޝަނެއްގެ މުހިންމުކަން ބޮޑު ކަމަށެވެ.

"އަމިއްލަ އެގްޒިބިޝަންސް ވަރަށް މުހިންމު ކަސްޓަމަރުން ގިނަކުރަން ވިޔަސް. ކުރެހުން ވިއްކަން ވިޔަސް ނުވަތަ އެ ކުރެހުންތަކަކުން ދޭން ބޭނުންވާ މެސެޖު އާންމުންގެ ގިނަ ބަޔަކަށް ފޯރުކޮށްދޭން ބޭނުންވިޔަސް. އަދި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދާން ބަލާއިރު ވެސް ވަރަށް މުހިންމުކަމެއް އެއީ،" އިންޝާ ބުންޏެވެ.

އޭނާ އަދި ބުނީ ފާޑުކިޔުން ހެޔޮހިތުން ބަލައިގަނެ ރަނގަޅުކުރަން މަސައްކަތްކުރުމަކީ އޭނާގެ މި ކާމިޔާބީގެ މުހިންމު ސިފަތަކެއް ކަމަށެވެ. ފާޑުކިޔުން ބަލައިގަތުމުގެ ސަބަބުން ކުރިއާ އަޅާބަލާއިރު މިހާރުގެ ކުރެހުންތައް ވަރަށް ބޮޑަށް އިމްޕްރޫވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފާޑުކިޔައިގެން ރަނގަޅުކުރެވޭނެ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދެން އަންނަ ކުރެހުމެއްގައި އެކަމެއް ރަނގަޅުކުރެެވޭތޯ ބަލަނީ. ބައިވަރު މީހުންގެ ފަރާތުން އެކި ކަހަލަ ފާޑުކިޔުން ލިބިފައި އެބަހުރި،" އިންޝާ ބުންޏެވެ.

"އެ އެންމެން ވެސް ކިޔައިދިން ޓެކްނީކްތައް ރަނގަޅަށް ދަސްކޮށްގެން އެ އެއްޗެހިތައް ބޭނުންކޮށްގެން މިހާރުގެ ކުރެހުންތައް ކުރިއާއަޅާ ބަލާއިރު ރަނގަޅުވެފައި ހުރިކަން ވެސް ފާހަގަކޮށްލެވޭނެ."

މިވަގުތަށް، ރާއްޖޭގެ އެހެން އާޓިސްޓުންނާ އަޅާ ބަލާއިރު ކިތަންމެ ޖޫނިއާ އާޓިސްޓަކަށް ވީ ނަމަވެސް އިންޝާގެ އުއްމީދުތައް ވަރަށް ވެސް ބޮޑެވެ.

"ރާއްޖޭގެ އެންމެ މޮޅު އާޓިސްޓުންގެ ތެރޭގައި ވެސް ހިމެނި ރާއްޖެއިން ބޭރުގައި ވެސް އިންޝާގެ ކުރެހުންތައް މަޝްހޫރުވެ މަގްބޫލުވުން އެއީ ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ މި ދާއިރާގައި،" އިންޝާ ބުންޏެވެ.

އިންޓަވިއު ދޯ މަޖައްލާ އާޓިސްޓް

Popular