21 Mar 2019

ފޮތް ގާޑިޔާ: މިއީ އެންމެ ހިތްގައިމު ލައިބްރަރީ

ފޮތް ގާޑިޔާ: މިއީ އެންމެ ހިތްގައިމު ލައިބްރަރީ

By: Ifraz Ali

ފުރަތަމަ ބޭނުންވީ ގާޑިޔާއެއްގައި ފޮތް ކަބަޑެއް ބަހައްޓައިގެން، ފޮތް ކިޔަން ބޭނުންވާ މީހުންނަށް ފަސޭހައިން ފޮތް ލިބޭނެ ގޮތެއް ހަދައިދޭށެވެ. "ފޮތް ގާޑިޔާ" އޭ ކީ ވެސް އެހެންވެ އެވެ. އެކަމަކު ގާޑިޔާއެއް ނުލިބުމުން އެ ކުޑަކުޑަ ކަބަޑު ބެހެއްޓީ ހުޅުމާލޭގެ އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ.

އެ ކަބަޑުން ފޮތް ނަގައިގެން، އޭގެ މަތީގައި އިށީނދެ އިނދެ އޭރު ފޮތް ކިޔާލެވެ އެވެ. އެކަމަކު މިހާރު އެއީ ތަފާތު ގިނަ ފޮތްތަކުން މުއްސަނދި، ބޮޑު ކަބަޑެކެވެ. އެ ކަބަޑުގެ މަތީގައި މިހާރު އިށީނދެ ނީނދެވުނަސް، އެ ތަނުގެ ވަށައިގެންވާ މާހައުލު އޮތީ ފޮތް ކިޔަން ބޭނުންވާ މީހުނަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްފަސޭހަ ތަނަކަށް ހަދައިދީފަ އެވެ.

ފުރަތަމަ ފޮތް ގާޑިޔާ ހުޅުވިއިރު ހުރި ގޮތް: އޭރު ހުރީ ކުޑަކުޑަ ކަބަޑެއް - | ފޮޓޯ: ފޮތް ގާޑިޔާ

މިކަން ކުރާ މީހުން އެމީހުންގެ ނަން ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ. އެމީހުން މިކަން ކުރީ ހުޅުމާލޭގައި ޕަބްލިކް ލައިބްރަރީއެއް ނުހުންނާތީ، ފޮތް ކިޔަން ބޭނުންވެފައި ތިބި މީހުނަށް ފަސޭހައިން ފޮތްތައް ލިބޭނެ ގޮތެއް ހަދައިދިނުމަށެވެ. އެއްވެސް އަގަކާ ނުލައި އާންމުންނަށް ހިދުމަތެއްގެ ގޮތުގަ އެވެ.

އެމީހުން ގަބޫލުކުރާ ގޮތުގައި ފޮތް ކިޔަން ދާނެ ހަމައެކަނި ތަނަކީ ލައިބްރަރީއަކަށް ވާކަށް ނުޖެހެ އެވެ. ޕަބްލިކް ސްޕޭސްއެއްގައި ވެސް، ފޮތް ކިޔަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ ގޮތެއް އޮންނަންޖެހެ އެވެ. އަދި އެ ތަނަކުން ފޮތް ލިބޭނެ ގޮތެއް ވެސް އޮންނަންޖެހެ އެވެ.

"ފޮތް ގާޑިޔާ"ގެ މޮޓޯއަކީ ވެސް ފޮތެއް ކިޔަން ބޭނުންވެގެން ނުކިޔިފައި ހުރެވިގެން ނުވާނެ އެވެ.

"ރާއްޖެއިން ބޭރުގައި ހުރޭ ކޮންމެސް ވަރަކަށް ލިޓްލް ފްރީ ލައިބްރަރީ. އެކަމަކު ވަރަށް ބޮޑަށް ތަފާތު މިތަން. އޭގަ [ލިޓްލް ފްރީ ލައިބްރަރީ] ހުންނާނީ ބޮޑަށް ފޮތެއް ނަގާފައި އެކްސްޗޭންޖުކުރާ ގޮތަކަށް. އަޅުގަނޑުމެން މީގައި ބޮޑަށް މި އިންނަނީ ހަމަ ނަގަން ބޭނުން ފޮތެއް ބޮރޯކުރެވޭ ގޮތަށް. މިވެނި ދުވަހެއްގައި އަނބުރާ ގެނެސްދޭ ގޮތަށް،" ގެންދާ ފޮތުގެ ނަމާއި ގެންދާ މީހާގެ މައުލޫމާތާއި އަދި އަނބުރާ ފޮތް ގެނެސްދޭނެ ދުވަސް ލިޔާނެ ގަނޑުކޮޅެއް މި ކަބަޑު ތެރޭގައި އޮންނާނެ ކަމަށް ބުންޏެވެ.

ފޮތް ގާޑިޔާއިން ފޮތް ނަގާ މީހުން މައުލޫމާތު ލިޔަން ޖެހޭ ގަނޑުކޮޅުތައް -- \ ފޮޓޯ: މަރިޔަމް އިނާ މާޖިދު

"މީގެން އަސްލު މި ރަމްޒުކޮށްދެނީ ވަރަށް ގިނަ ވެލިއުސްތަކެއް. އަޅުގަނޑުމެން އިތުބާރުކުރަމޭ، ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު ބޭނުންވާ ފޮތެއް ނަންގަވާފައި ޖަހާލަންވީ މިވެނި ދުވަހަކު ރިޓާންކުރާނަމޭ. އިތުބާރު ދެއްތޯ. އެހެންވީމަ އެކަހަލަ ވެލިއުސްތަކެއް ވެސް އަސްލު މި ކްރިއޭޓް ކުރެވެނީ."

މި ކަބަޑުގައި ހާހަކަށް ވުރެ ގިނަ ފޮތް އެބަހުއްޓެވެ. އޭގެ ތެރޭގައި އިނގިރޭސި ފިކްޝަން އަދި ނޮން ފިކްޝަން ފޮތްތަކާއި ދިވެހި ފޮތްތައް ވެސް ހިމެނެ އެވެ. މި ތަނަށް ފޮތް ހަދިޔާކުރަން ބޭނުންވާ މީހުނަށް އެ ފުރުސަތު ވެސް އޮވެ އެވެ. މިހާރު ވެސް ގިނައީ މީހުން ހަދިޔާކޮށްފައި ހުރި ފޮތްތަކެވެ. އެންމެ ގިނައިން ބޮރޯކުރި އެއް ފޮތަކީ ބްރެޒިލްގެ ވާހަކަ ލިޔުންތެރިޔާ ޕޯލޯގެ "ދި އެލްކެމިސްޓް" އެވެ. އެ ފޮތް 30 ފަހަރެއްގެ މަތިން ގެންގޮސްފައިވެ އެވެ.

ފޮތް ގާޑިޔާ އިން ފޮތް ނަގާއިރު ލިޔަންޖެހޭ ގަނޑުކޮޅުގައި މީހަކު ލިޔެފައިވާ މެސެޖެއް --

ލިބޭ ތަރުހީބަށް ބަލައި އާ ކަމެއް ކުރުމަށް ވެސް އެމީހުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އެ ތަނަށް ފޮތް ކިޔަން ދާ މީހުން ރިކުއެސްޓް ކުރާ ފޮތްތައް ހޯދައިދިނުމެވެ.

"މި ތަނަށް އަންނަ ހުރިހާ ކަސްޓަމަރުންނަށް މި ހުޅުވާލަނީ ރިކުއެސްޓް އަ ބުކް. މިހާރު އެބަ އުޅޭ އަހަރެމެންގެ ބައެއް ކަސްޓަމަރުން 200 ބުކްސްއަށް ވުރެ ގިނައިން ފޮތް ގެންގޮސްފަ. އެހެންވީމަ ވަރަށް ގިނަ ފޮތްތައް އެ މީހަކަށް އެ ކިޔުނީ. ދެން އެ މީހަކު ގާތުގައި އަހަރެމެން މި އަހަނީ ކޮން ފޮތެއްހޭ އޭނާ ދެން ބޭނުންވަނީ ކިޔަން. އަޅުގަނޑުމެން ބޭނުންވަނީ އެ ފޮތް ހޯދައިދޭން،" މިހާރު ވެސް ވަރަށް ގިނައިން އެ ގޮތަށް ރިކުއެސްޓްތައް އަންނަ ކަމަށް ބުންޏެވެ.

މިހާތަނަށް ހާހަކަށް ވުރެ ގިނަ ފަހަރު މި ކަބަޑުން ފޮތްތައް ބޮރޯކޮށްފައިވެ އެވެ. އެކި އުމުރު ފުރާގެ މީހުން މި ތަނަށް ފޮތް ކިޔަން ދާއިރު، މިހާރު "ފޮތް ގާޑިޔާ" ގައި 225 މީހުން ރެޖިސްޓާ ވެސް ވެފައިވެ އެވެ. ރަޖިސްޓާ ވާން ބޭނުންވާ މީހުންނަށް "ފޮތް ގާޑިޔާ" ގެ ވެބްސައިޓް މެދުވެރިކޮށް އެކަން ކުރެވެ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް، އެތަނުން ލިބެންހުރި ފޮތްތައް ވެސް ބަލައިލެވެ އެވެ. އަދި އެ ތަނާ ގުޅޭ އެކި މައުލޫމާތުތައް ބަލައިލެވެ އެވެ.

ފޮތް ގާޑިޔާގައި ޕްރެކްޓިކަލް ސްޓަޑީޒައަށް ބަހައްޓާފައި ހުރި އެއްޗެހި: ކޮކާލެއް އުފަންވާ ގޮތް ދައްކުވައިދެނީ -- | ފޮޓޯ: ފޮތް ގާޑިޔާ

މިތަން މިހެން ހުރުމުން އެންމެ ގިނަ ބައެއްގެ އެއް ކަންބޮޑުވުމަކަށްވީ މި ތަނުން ފޮތްތައް ވަގަށް ނަގައިފާނެތީ އެވެ. އެކަމަކު މިހާތަނަށް އެކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނުވެ އެވެ. މިތަން ސާފުކުރަނީ ވެސް މިތަނަށް ފޮތް ކިޔަން އަންނަ އެކި މީހުންނެވެ.

"އަޅުގަނޑުމެން އެންމެ އުފާވާ އެއްކަމަކީ ތަންކޮޅެއް ދުވަސްވީ ބޭފުޅުން ވެސް ބައެއް ފަހަރު ހެނދުނު ފެންނާނެ ވަޑައިގެން ފޮތެއް ކިޔާލަން މި ތަނުގައި ތިބޭތަން. ރެގިއުލާކޮށް އަންނަ މީހުން އުޅޭ. އެހެން ނޫނީ ޕޭރަންޓަކު ކުއްޖަކު ގޮވައިގެން އައިސް، އަދި ޓީނޭޖާސް ވެސް ތިބޭ. އެހެންވީމަ އެއީ ވަރަށް އުފާވާ ކަމެއް،" އެންމެ ގިނައިން އަންނަނީ ކުޑަކުދިން ކަމަށް ބުންޏެވެ.

ކޮންމެ އުމުރު ފުރާއެއްގެ މީހުނަށް ވެސް ކިޔާލެވޭ ވާހަކަތައް ފޮތް ގާޑިޔާގައި ހުރޭ -- | ފޮޓޯ: މަރިޔަމް އިނާ މާޖިދު

"އެ ތަން ހުންނަކަން އެނގުނު ހިސާބުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ދަން އަޅުގަނޑުގެ ކުދިން ގޮވައިގެން އެ ތަނަށް. މާލޭގައި އަޅުގަނޑުމެން ދިރިއުޅެނީ ވެސް. ކޮންމެ ސަޓަޑޭއަކު ގޮސް ދަރިފުޅު ނަގާނެ ވީކަކަށް ވާވަރަށް ފޮތް. އެއްބައި ފަހަރު ހަ ފޮތް ނޫނީ ހަތަރު ފޮތް ވަރު. މިހާރު ދެތިން މަސް ވެއްޖެ ހަމަ އެގޮތަށް އެ ތަނަށް ދާތާ،" ދެ ކުދިންގެ ބައްޕަ އަބްދުﷲ ރާޒީ ބުންޏެވެ.

"ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލުކުރަނީ. އަމިއްލަ މީހަކު އިސްނަގައިގެން އެ ކަހަލަ ކަމެއް ކުރާތީވެ."

މިދިޔަ ސްކޫލް ސެމިސްޓާ ބްރޭކްގައި ދަރިފުޅު ގޮވައިގެން ކޮންމެ ދުވަހަކު "ފޮތް ގާޑިޔާ" އަށް، މަރިޔަމް ނަޝީދާ ވެސް ދިޔަ އެވެ. އޭނާ ވެސް ހުރީ އެތަން ހުންނާތީ ވަރަށް އުފަލުންނެވެ.

ފޮތް ގާޑިޔާގައި ޕްރެކްޓިކަލް ސްޓާޑީޒައަށް ބަހައްޓާފައި ހުރި އެއްޗެހި: ކަރަންޓު އުފައްދާނެ ގޮތް ދައްކުވައިދެނީ -- | ފޮޓޯ: މަރިޔަމް އިނާ މާޖިދު

"އެ ވީކުގައި ސްކޫލުން އަންގާފައި އޮތީ ޕޭރެންޓުނަށް ކުދިން ލައްވާ 30 ފޮތް ކިޔުއްވަން. އެހެންވީމަ މިތަން ހުރީމަ އަޅުގަނޑަށް ވަރަށް ފަސޭހަވި އެކަން ކުއްޖާ ލައްވާ ކުރުވަން. އެއީ ކޮންމެ ފަހަރަކު ފޮތެއް ގަންނަން ވީމަ އެބަ އުނދަގޫވޭ. އަދި ބައެއް ކުދިން އެއް ފަހަރު ވާހަކައެއް ކިޔައިފިއްޔާ ދެން ދެ ވަނަ ފަހަރަށް އެ ވާހަކަ ނުވެސް ކިޔާނެ. އެކަމަކު މިކަހަލަ ތަނެއް އިނީމަ އެ ފަސޭހަ އެބަ އޮތް،" މަރިޔަމް ބުންޏެވެ.

ދެ ކުދިންގެ މަންމަ އައިމީގެ ހިޔާލު ވެސް ހުރީ ހަމަ މިހެންނެވެ. ކޮންމެ ފަހަރަކު ފޮތެއް ގަތުމަށް ވުރެ، ބޮރޯކޮށްގެން ކިޔުން ފަސޭހަވާނެ އެވެ.

"އެ ކުދިންނަކީ ވަރަށް ފޮތް ކިޔާ ދެ ކުދިން. އެހެންވީމަ އަސްލު ކޮންމެ ފަހަރަކު ފޮތެއް ގަނެފައި އެ ފޮތް ކިޔާފައި ދެން ދެ ވަނަ ފަހަރަށް އެ ފޮތް ވަރަށް ނުކިޔާނެ. އެކަމަކު ފޮތް ގާޑިޔާ ފެނުން ފަހުން ކޮންމެ ދުވަހަކު އާ ފޮތްތައް ބޮރޯކޮށް، ވަރަށް ގިނައިން ކޮންމެ ދުވަހަކު އެމީހުން ފޮތް ކިޔާނެ. އެހެންވީމަ މިއީ އޮޕޮޗިއުނިޓީއެއް ކަންނޭނގެ ދޯ ފޮތް ކިޔަން ބޭނުންވާ ކުދިންނަށް،" އައިމީ ބުންޏެވެ.

ފޮތްގާޑިޔާގައި 225 މީހުން ރަޖިސްޓްރީ ވެފައިވޭ -- | ފޮޓޯ: މަރިޔަމް އިނާ މާޖިދު

"ފޮތް ގާޑިޔާ" ގައި ފޮތް ކިޔުމުގެ އިވެންޓްތައް ބާއްވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮވެ އެވެ. މިހާރު ވެސް ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު "ލެގޯ" އިވެންޓެއް އޮވެ އެވެ. ލެގޯ ޓޯއިސް ބޭނުންކޮށްގެން އެއްޗެހި ހެދުމާއި އަދި ލެގޯ ފޮތްތައް ވެސް ކިޔާލަން ލިބެ އެވެ. މިއީ ކުދިން ފޮތަށް އަހުލުވެރިކުރަން ކުރެވިދާނެ މުހިންމު ކަމެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.

އެމީހުން އަދިވެސް ބޭނުންވަނީ މި ކަބަޑު ގާޑިޔާއެއްގައި މަތީގައި ބަހައްޓާށެވެ. އެއީ މިހާރު މި ބަހައްޓާފައި ހުރީ ޕަބްލިކް ސްޕޭސެއްގައި ކަމަށްވެފައި އެ ނަގަންޖެހޭ ދުވަހަކު ވެސް ގާޑިޔާއެއްގައި ހުރެއްޖެނަމަ އެހެން ތަނަކަށް ވެސް ގެންދެވޭނެތީ އެވެ. އަދި މިކަމުން ފިލާވަޅު ލިބި، އެކި ރަށްރަށުގައި ވެސް މިކަން ކުރުމަކީ އެމީހުންގެ އުއްމީދެކެވެ.

ހުޅުމާލެ

Popular