8 Jan 2019

ސިނަމާގައި ސަކަރާތްޖެހުން ހުއްޓާލަން ހިނގާ

ސިނަމާގައި ސަކަރާތްޖެހުން ހުއްޓާލަން ހިނގާ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިލީޒްކުރި ފިލްމު "ނިވައިރޯޅި" ބަލަން ރައްޓެއްސަކާ އެކު، ގަޑިޖެހުމުގެ މާކުރިން އޮލިމްޕަހަށް ވަދެ އިށީނީ ވީހާ ވެސް ހަމަޖެހިގެން ފިލްމު ބަލާށެވެ. ސްޕޮއިލާ އެލާޓްތަކާއި ފިލްމާ ބެހޭގޮތުން މީހުން އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން ޕްރިމިއާ އިން ޓިކެޓު ހޯދީ ވެސް ހަމަޖެހިލައިގެން އެންމެ ރަނގަޅަށް ފިލްމުގެ ތެރެއަށް ވަދެ ފިލްމު ބަލައިލާށެވެ.

ފިލްމު އެޅުވުމުގެ ކުރިން ދައްކާ އިޝްތިހާރުތަކަށް ފަހު ފިލްމު ފެށުމާއެކު ފޯނު ވެސް ސައިލެންޓަށް ލައި ގޮނޑީގައި ރަނގަޅަށް ހަމަޖެހިލީމެވެ. ނަމަވެސް ފިލްމު ފެށިގެން ފަސް މިނެޓު ނުވަނީސް ފަހަތުން ބަޔަކު "ހޯއް ހޯއް" އޭ ގޮވައި ހަޅޭއްލަވައިގަތެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ ފަހަރުގައި އޭރު ދައްކަމުން ދިޔަ ސީންއާ ގުޅުވައިގެން ކަމަށް ބަލައިފަ އެވެ.

އެކަމަކު ފިލްމުގެ ފުރަތަމަ ހާފް ނިމެން ދިޔައިރު ވެސް އޮލިމްޕަހުގެ އެކި ހިސާބުތަކުން ހަމަ އިރުއިއުކޮޅުން އަޑުގަދަކޮށް ހީ ސަކަރާތްޖަހާ އަޑު އިވިއިވި ހުއްޓެވެ. އެކަމާ އެތައް ބަޔަކު ކުދިކިޔާތަން ވެސް ފެނެ އެވެ.

"ކިހާ ދެރަ ކަމެއް ދެން. އަޑުގަދަކޮށް ސަކަރާތް ޖަހަންޏާ ފިލްމު ބަލަން ނާދެބަލަ. އެހެން މީހުން އަންނަނީ މިތަނަށް ފިލްމު ބަލާށޭ. މި މީހުންނަށް ހީވަނީ މި މީހުން ޖަހާ ސަކަރާތް އަޑުއަހަން ކަމަށްތަ ޓިކެޓު ގަނެގެން މިތަނަށް އައިސް މި އިންނަނީ،" ކުރީ ބަރީގައި އިން އަންހެން ކުއްޖަކު އޭނާގެ ގާތުގައި އިން އެހެން ކުއްޖެއް ގާތުގައި ޝަކުވާކުރި އެވެ.

މި މަންޒަރު ފެންނަނީ ހަމައެކަނި އޮލިމްޕަހަށް ދިވެހި ފިލްމެއް ބަލަން ގޮސް އިންނަ އިރަކު ނޫނެވެ. ޝްވެކް ސިނަމާގެ ތެރެއިން ވެސް މި މަންޒަރު ވަރަށް ގިނައިން ފެނެ އެވެ. ކޮންމެ ފިލްމަކަށް ފަހު ވެސް މި ޝަކުވާކުރާ އަޑު އިވެ އެވެ.

ބައެއް މީހުން ހިތްހަމަނުޖެހުނަސް އެކަމަކާ އަޅައެއް ނުލަ އެވެ. އަޑުގަދަވެގެން އުނދަގޫވިޔަސް ގިނައީ އެއްޗެކޭ ނުބުނެ، ރުޅިގަނޑު ހިފަހައްޓާލައިގެން ތިބޭ މީހުންނެވެ. މީހަކު ހިތްހަމަނުޖެހިގެން އެއްޗެއް ބުނެފި ނަމަ އިތުރަށް ޖެއްސުން ވެސް ކުރެ އެވެ.

ހުޅުމާލޭ ޝްވެކް ސިނަމާގައި ބޭއްވި "ޑެޑްޕޫލް 2" ގެ ފޭން ސްކްރީނިން އަށް ދިޔަ ބައެއް މީހުން. -- ފޮޓޯ: ޝްވެކް ސިނެމާ

"މި މީހުންނާ ދިމާއަށް އެއްޗެއް ބުންޏަސް ނޯންނާނެ ސަލާމަތެއް. ތެދެއް މި ބުނީ. ވަރަށް ފޫހިވޭ. އެ މީހުން ބަލަން ބޭނުންވާ ފެންވަރަށް މި ފިލްމުތައް ނެހެދެންޏާ ފިލްމު ބަލަން ނާންނަން ވީނު،" އެހެން މީހަކު ބުނި އަޑުއިވުނެވެ.

ސިނަމާގެ ތެރެއިން ދެން ފެންނަ އަނެއް މަންޒަރަކީ ފިލްމުގެ ކުރި މެރުމެވެ. ފިލްމުގައި ދެން ވާނީ އެހެންނޭ މިހެންނޭ ކިޔުމެވެ. ބަލާފައި އޮތް ފިލްމެއް ނަމަ، ފިލްމުގެ ކުރި މެރުމެވެ. ދެން ތިބޭ މީހުން ފިލްމު ބަލަން ފޫހިވެ ޝައުގުވެރިކަން ގެއްލެނީ އެވެ.

ފިލްމު ބަލަން ގޮސް ވީހާވެސް މަޑުމައިތިރިކޮށް ފިލްމު ބަލަން ތިބުން ކިހިނެއްވާނެ ހެއްޔެވެ؟ ހީ ސަކަރާތްޖެހިޔަސް އެހެން މީހަކަށް އުނދަގޫ ނުވާނެގޮތަކަށް އުޅޭށެވެ. އިންޓަވަލް އަށް ފިލްމު މެދުކަނޑާލާ ވަގުތު ބޭރަށް ނުކުންނަ ނަމަ ފިލްމު ފެށުމުގެ ކުރިން އެތެރެއަށް ވަންނަންވާނެ އެވެ. ފިލްމު ބަލަން އިންދާ އެހެން މީހަކު އައިސް ކިތަންމެ ކުޑަވަގުތުކޮޅަކަށް ވެސް ކުރިމައްޗަށް އަރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.

Popular