12 Jan 2019

ދަތުރުކުރާ ޑޮކްޓަރު

މި ޒުވާން ޑޮކްޓަރު އޭނާގެ ބުރަ މަސައްކަތުން ވަގުތު ހޯދައިގެން ކުރާ ކަމަކީ އެކި ތަންތަނަށް ދަތުރުކުރުން

މި ޒުވާން ޑޮކްޓަރު އޭނާގެ ބުރަ މަސައްކަތުން ވަގުތު ހޯދައިގެން ކުރާ ކަމަކީ އެކި ތަންތަނަށް ދަތުރުކުރުން

By: Shamila Ibrahim

ބަލި މީހުންނަށް ހިދުމަތްކުރަން ކަރުގައި ކަށިގަނޑު އަޅުވާލައިގެން ނިކުންނަ ޑޮކްޓަރަކަށް ދެން އެހެން ކަމަކަށް ވަގުތު ވާނެއެކޭ ހިއެއް ނުވެ އެވެ. އެކަމަކު އޭޑީކޭ ހޮސްޕިޓަލްގެ ޖެނެރަލް އޯޕީޑީ އާއި އެމަޖެންސީގައި ވެސް މަސައްކަތްކުރަމުން އަންނަ ޒުވާން ޑޮކްޓަރު މިނާހް ފާއިޒް ތަފާތެވެ.

ހިދުމަތްތެރި ޒުވާނުންނަށް ދޭ "އޭޝިއާ އިންސްޕިރޭޝަން އެވޯޑް" ގައި އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ކެޓަގަރީން އެވޯޑް ލިބުނު، 27 އަހަރުގެ މެޑިކަލް އޮފިސަރުގެ ތަފާތު ލައިފްސްޓައިލް އޭނާގެ އިންސްޓަގްރާމުން ފެނެ އެވެ. އެ ފުރިފައި އޮތީ ރީތި ތަންތަނުގެ ފޮޓޯތަކުންނެވެ. ޓްރެވަލް ފޮޓޯތަކުންނެވެ.

މިނާހް

ކުޑައިރު އައިޓީ ފީލްޑުން ކުރިއަށް ބޭނުންވެ، މަލްޓި މީޑިއާ އާއި ގްރެފިކް ޑިޒައިނިން އަށް ހިތް ޖެހި، އޭރު ލިބުނު ކުރެހުމުގެ ހުނަރާއެކު އެ ދާއިރާގެ މަސައްކަތްތައް ވެސް ކުރެ އެވެ. މިއުޒިކަށް ވެސް ހިތް ޖެހުނެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އެހާ ބޮޑަށް ކުރިއަށް ނުދެވި އެ ކަންކަން ޕެޝަނަކަށްވީ އެވެ. ޑޮކްޓަރަކަށް ވާން ބޭނުންވި ހިސާބުން އެކަމުގައި ކުރިއަރައި ދިޔައީ އެވެ.

"އޯ ލެވެލް ހެދިއިރު ބަޔޯއަށް (ބަޔޮލޮޖީ) ވަރަށް ޝައުގުވެރިކަން ހުރި. ބަޔޯއިން ވަރަށް މަތިން މާކްސް ވެސް ލިބޭ. އޭރުވެސް އެސްޕަޔާ ވީ ޑޮކްޓަރަކަށް ވާން."

ކަލާފާނު ސްކޫލުން ގްރޭޑް ހަތަކާ ހަމައަށް ކިޔެވުމަށްފަހު، ސްރީ ލަންކާ އިން އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށް، އޭގެފަހުން މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީއިން 2015 ވަނަ އަހަރު އެމް.ބީ.ބީ.އެސް ނިންމުމަށް ފަހު މިނާހް ރާއްޖެ އައިސް އޭޑީކޭ ހޮސްޕިޓަލްގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި މަސްއޫލުވީއެވެ. އަދި ހޮސްޕިޓަލުގެ އެހެން ބައެއް ޒިންމާތަކާ އެކު ވެސް ވަގުތު ހުސްކޮށްގެން އެކަމަކު ވަގުތު ހުސްކޮށްގެން މި ކުރާ ކަމަކީ ދަތުރުކުރުމެވެ.

މިނާހް

މިނާހްގެ ލައިފްސްޓައިލް އޭނާގެ އިންސްޓަގްރާމުން ފެންނައިރު، ފޮޓޯތަކުގެ ތަރުތީބު ކަމާއި އަތުރާލައިފައިވާލެއް ފުރިހަމަ އެވެ. އެ މީހަކު ހާއްސަވެފައިވާ ދާއިރާއެއްގެ ކަންކަން އެ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުއްޓަސް މިނާހްގެ ތަފާތެވެ.

"އައި ފީލް ލައިކް ވެން ޔޫ ޓްރެވަލް އިޓް އޯޕަން އަޕްސް ޔުއާ މައިންޑް. އައި އޭމް ނޮޓް އޯލްވޭޒް ސްޓަޑީން، އަބަދު ފޮތްތަކުގައެއް ނޫން. އައި ތިންކް ދެއާ ޝުޑް ބީ އަ ބެލެންސް ބިޓުވީން ސްޓަޑީން އެންޑް ޔުއާ ލައިފް."

މިނާހް

ކޮންމެ ދުވަހަކު އެތައް ބައިވަރު މީހުންނަށް ފަރުވާކޮށްދޭ މިނާހް، ޓްރެވެލް ކުރަން ވަގުތު ހޯދަނީ ގުރުބާނީ ތަކެއްވެސް ވެެގެންނެވެ. ދަތުރަށް ހޭދަވާ ޚަރަދު ހޯދުމަށް ފައިސާ އެއްކުރަން ކުރާ މަސައްކަތާއި ޗުއްޓީ ދުވަހެއް ހޯދަން އެ ނަގާ ޑަބަލް ޑިއުޓީތަކުގެ ވާހަކަ މީހުންނަށް ނޭނގިދާނެއެވެ.

"އައި ބެލެންސް މައި އޮފް ޑޭސް އޯ ޑަބަލް ޝިފްޓް ހަދާފަ ކޮންމެވެސް ތާކަށް ދާނީ. އެގޮތަށް ދެވޭތީ ވަރަށް މައިންޑް ފްރެޝް ވޭ. ސްޓްރެސް ރިލީޒް ކުރުމަކީ ވަން އޮފް ދަ މޮސްޓް ބިގެސްޓް މޯޓިވޭޝަން. އެކަމަކު އަސްލު ޓްރެވަލްއަށް ގޮސް ވަރަށް ސްޓްރެސްފުލް ވެސް މެ. އެއީ ބައެއް މީހުން ދޭ ދޯ ވެކޭޝަންއަށް ގޮސް ނިދަންށޭ މި އައީ ކިޔާފަ ވެސް. ބަަޓް އައި ފީލް ލައިކް ވެކޭޝަންއަކަށް ގޮސް ބައިވަރު ކަންތައް ކުރަން ޖެހޭނެއޭ. ވަރަށް މަދުން ނިދެނީ ވެސް. ސޯ ވެކޭޝަންއިން އައިސް އައި ނީޑް މިނީ ވެކޭޝަންއެއް ވެސް،"

މިނާހް

މިނާހް ޓްރެވްލް ކުރުމަށް އެހާ ޝައުގުވެރިވާ އަނެއް ސަބަބަކީ ތަންތަން އެކްސްޕްލޯ ކުރުމެވެ. މިހާރުވެސް ގާތްގަނޑަކަށް 17 ވަރަކަށް ގައުމަށް ޒިޔާރަތްކޮށް، އެ ގައުމުތަކުގެ އެތައް ތަނެއް އޭނާ އެކްސްޕްލޯ ކޮށްފިއެވެ. އެހެން ގޮސް އުޅުމުގެ ތެރޭގައި އެކި ގައުމުތަކުގެ މީހުންނާ ދިމާވެ އެކި ބަސްތައް ވެސް ދަސްވާން ފަށައިފި އެވެ.

"މެލޭޝިއާގަ އުޅުނީމަ މެލޭޝިއާ ކަންނޭނގެ އެންމެ ގިނައިން އެކްސްޕްލޯ ކުރެވިފަ އިންނާނީ. ދެން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތައް އެކްސްޕްލޯ ކުރެވިފަ އިންނާނީ. ޔޫރަޕް ގައުމުތަކުގަ ބޮޑަށް ފާހަގަކުރެވޭ އެމީހުންގެ ލައިފްސްޓައިލް އޭޝިއާ (ގައުމުތަކާ) ފުދޭ ވަރަކަށް ތަފާތު. ދޭ ޑޯންޓް ޓޭކް ޓައިމް ޓު ރިލެކްސް އެންޑް އެންޖޯއީ ލައިފް. ޔޫރަޕް ތަންތާނގަ ވޯކް ނިންމާފަ ހަވީރު އެ މީހުން ސޭންޑްވިޗް ކަހަލަ އެއްޗެހި ހިފައިގެން ޕާކްތަކަށް ގޮސް، ދޭ ޓޯކް. އެއީ ވަރަށް ނޯޓިސްވި ކަމެއް،" މިނާހްގެ ބުންޏެވެ.

މިނާހް

ކިޔެވުން ލިމިޓްކޮށް ޓްރެވެލް ކުރިޔަސް ހޯދަން ބޭނުން ކާމިޔާބީއެއް ހޯދުމަކަށް ހުރަހެއް ނޭޅޭނެކަން މިނާހްގެ ވާހަކައިން އެނގުނެވެ. މިހާތަނަށް އޭނާ ފެއިލްވީ އެންމެ އިމްތިހާނަކުންނެވެ. އެއީވެސް ފްރެންޗް ބަހުން ހަދަން ޖެހުނު އިމްތިހާނަކުންނެވެ. އެ ދުވަހު ކިތަންމެ ދެރަވިޔަސް، މިނާހް ހަމަ އޭނާގެ ގޮތުގައި ދިޔައީ ކުރިއަށެވެ.

"އާއިލާ އެއްވެސް މީހެއް ނޫޅޭ (މެޑިކަލް) ފީލްޑަކު. އެކަމަކު މައި ހޯލް ފެމެލީ އިޒް ވެރީ އެންބީޝިއަސް ފެމިލީއެއް. އެހެންވެ ކަންނޭނގެ އެހާ އެންބީޝިއަސްކޮށް މިއުޅެނީވެސް."

މިނާހް އޭނާގެ މަންމަ އާއެކު

ބަލި މީހުންގެ ޚިދުމަތުގައި އޭޑީކޭގައި މަސައްކަތް ފެށިތާ އަދި ދޮޅު އަހަރު ވެފައިވާ މިނާހް އެކި ގައުމުތަކަށް ދަތުރުކޮށް އެތައްކަމެއް ތަޖުރިބާކޮށްފައި ވިޔަސް ރާއްޖޭގެ ހިތްގައިމުކަމުގެ އަދި އެހާ ބޮޑަށް ތަޖުރިބާއެއް ނުކުރެވެ އެވެ. އެހެންވެ މިއީ އޭނާ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރަން ނިންމައިގެން ހުރި އަހަރެކެވެ. އަދި ވަކިން ހާއްސަކޮށް، އުފަން ރަށް، ގދ. ތިނަދޫ އަށެވެ.

ޑރ މިނާހް ފާއިޒް

މިނާހް ސްޕެޝަލައިޒް ވުމަށް އަލުން ކިޔަވަންދާން ހުރީ ހިޔާލުކޮށްގެންނެވެ. އެކަން ވެސް ކުރިއަށް އެބަދެ އެވެ.

ޑޮކްޓަރުން

Popular