10 Jan 2019

އާޓް ގެލަރީ އާޓިސްޓުންނަށް ހާއްސަ ނުވުމުގެ ޝަކުވާ

އާޓް ގެލަރީ އާޓިސްޓުންނަށް ހާއްސަ ނުވުމުގެ ޝަކުވާ

By: Shamila Ibrahim

އާޓިސްޓަކު ހުނަރުވެރި ގޮތަކަށް ކުރަހާ ނިންމާލާ ކުރެހުމެއް އެހެން މީހުންނަށް ދައްކާލުމުގެ ބޭނުމުގައި އެކްޒިބިޝަންތައް ބާއްވައެވެ. ސޯލޯ އެކްޒިބިޝަނާއި ގްރޫޕް އެކްޒިބިޝަންތައް ވެސް މިހާރު އާންމެވެ. އެކަމަކު އެކަން ކުރަން ބޭނުން ކޮންމެ ކޮންމެ އާޓިސްޓަކަށް މާ ފަސޭހައިން މިފަދަ އެކްޒިބިޝަންތަކެއް ނުބޭއްވެއެވެ. އެއީ ހުނަރު ހުއްޓަސް އެކަމަށް އެތައް ވަގުތުތަކެއް ހުސްކޮށް، ބޮޑެތި ޚަރަދުތަކެއް ވެސް ކުރަންޖެހޭތީ އެވެ. ކުރަންޖެހޭ ހަރަދުގެ ދެކޮޅު ވެސް ޖެހެނީ މަދު ފަހަރެއްގަ އެވެ.

އާޓިސްޓުންގެ އަދަދު ގިނަވެ، އާޓަށް އޮންނަ ލޯބި ވެސް ދިވެހިންގެ ތެރޭގައި ބޮޑު ވެއްޖެއެވެ. އާޓް ވޯކްތައް ގަންނަ މީހުން އެހާ ގިނަ ނޫނަސް، "އާޓް ލަަވާސް" ވަކި މަދެއް ނޫނެވެ. އެކަމަކު މި އެގްޒެބިޝަންތައް ބޭއްވުމަށް އާޓިސްޓުންނަށް ލިބެންޖެހޭ ސަޕޯޓް އޮތީ އޮތް ތަނުގަ އެވެ. މިހާރުގެ ހާލަތު ކުރުކޮށް ބުނަންޏާ، އާޓިސްޓުން އަމިއްލަ ހާލަށް ކޮޅަށް ތެދުވެ، ކުރިއަށްދާން ޖެހެނީ އެއްވެސް ކަހަލަ އެދެވޭ ސަޕޯޓެއް ނުލިބިއެވެ.

ސެޕްޓެމްބަރު 4، 2018- މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބޭޢްވި "އަންވެއިލިން ވިޝަންސް: މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަން 2018"ގެ ތެރެއިން.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެންމެ ގިނަ އާޓިސްޓުން އެގްޒިބިޝަން ބާއްވާ އުޅެނީ ނޭޝަނަލް އާޓް ގެލަރީގައެވެ. އެކަމަކު އެތަން ކުއްޔަަށް ނެގިޔަސް އެތަނުން ލިބޭ ޚިދުމަތް ރަނގަޅުވެގެން ނޫނެވެ. ދުވާލެއްގަ މައްޗަށް ތިންހާހެއްހާ ރުފިޔާ ކުލީގެ ގޮތުގައި ދެއްކުމަށްފަހު، ދެން ތަނުގެ އެތެރޭގައި ކުރަންޖެހޭ ހުރިހާ ކަމަކަށް ވެސް ހަރަދުކުރަން ޖެހެނީ ހަމަ އާޓިސްޓްގެ ޖީބުންނެވެ. އާޓިސްޓަކަށް ވީތީ ލިބޭ ލުއި ފަސޭހައެއް ނެތެވެ. އެފަދަ ވަސީލަތްތައް އަދި ގާއިމުވެފައި ނެތީއެވެ.

"ފަންނުގެ ދަރިން"ގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ނޮވެމްބަރު 24، 2018 ގައި ބޭއްވި، ހުނަރުތައް ދައްކާލުމުގެ އެއްވުން: މި އިވެންޓުގައި އެކި ދާއިރާތަކުގެ ހުނަރުވެރި ޒުވާނުން ބައިވެރިވެ ހުނަރުތައް ދައްކާލި. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

"ވަރަށް ބައިވަރު ގޮންޖެހުންތައް އެބަ ހުރި. މައިގަނޑު ގޮތެއްގަ ފާހަގަކޮށްލަން ގެލަރީ ލިބުމުގެ ދަތިކަން. ދެން ގެލަރީ ލިބޭއިރު ވެސް ލިބެނީ ޕޭ އަކާ އެއްކޮށް. އެއީ ދުވާލަކަށް ތްރީ ތައުޒަންޑް ޕޭ ކޮށްގެން. ޕޭ ކުރިޔަސް އެތާނގަ ހަތަރު ފާރު އެކަނި އިންނަކަން އިންނަނީ. ގެލެރީގެ އެއްވެސް ވަރެއްގެ ސްޓޭންޑަޑެއް ނެތްކަން ފާހަގަކުރަން،" މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ޖެނަރަލް ސެކްރެޓަރީ، ހުސެއިން އިހްފާލް (އިއްފަ) ގެ ވާހަކަ ފެށީ ވެސް ޝަކުވާއިންނެވެ.

އޭނާ ބުނީ އެގްޒިބިޝަނެއް ބާއްވާއިރު އަމިއްލައަށް ހުރިހާ ޚަރަދެއް ކުރަންޖެހޭ ކަމަށެވެ. ތަނެއް ހަޑިވެފައި ހުރިއްޔާ އެ ތަނެއްގައި ކުލަ ލުމާއި ލައިޓް ހަރުކުރުން ފަދަ ހުރިހާ ކަމެއް ކުރަންޖެހެ އެވެ.

"ފަންނުގެ ދަރިން"ގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ނޮވެމްބަރު 24، 2018 ގައި ބޭއްވި، ހުނަރުތައް ދައްކާލުމުގެ އެއްވުން: މި އިވެންޓުގައި އެކި ދާއިރާތަކުގެ ހުނަރުވެރި ޒުވާނުން ބައިވެރިވެ ހުނަރުތައް ދައްކާލި. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

"ރެންޓަށް (އާޓް ގެލަރީ) މި ހޯދަން ޖެހެނީ. ލޯކަލް އާޓިސްޓެއްގެ އުސޫލުން ބަލައިފިއްޔާ މިސާލަކަށް ތިން ހާސް ރުފިޔާ ދުވާލެއްގެ މައްޗަށް (ރެންޓްގެ ގޮތުގައި) ޚަރަދުކޮށްގެން ހަފުތާއަކަށް ބާއްވައިފިއްޔާ 21 ހާސް ރުފިޔާ އެބަ އަރާ. އެވަރަކަށް ލާރި މޭކެއް ނުކުރެވޭ އާޓިސްޓަކަށް އޭނަގެ ވޯކް ޝޯކޭސް ކޮށްގެން،" މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ޓްރެޒަރާ، ހުސެއިން އަތީކް ބުނީ ކުރާ ޚަރަދުން ދެކޮޅު ނުޖެހޭ ވާހަކައެވެ. އެއީ އެންމެ ކުރެހުމެއްވެސް ނުވިކި ދާ ފަހަރު، އެ ތައްޔާރުކުރުމަށް ދިޔަ ވަގުތާއި ކުރި ޚަރަދު އަނބުރާ ނުލިބޭތީއެވެ.

ހުރިހާ އާޓިސްޓުންހެން އިއްތިފާގުވާ އެއް ކަމެއް އޮވެއެވެ. އެއީ އެހެނިހެން އިވެންޓްތައް ބޭއްވުމަށް އާޓް ގެލަރީ ދޫކުރުމުގެ ސަބަބުން އަސްލު އާޓިސްޓުންނަށް ލިބެން ޖެހޭ ފުރުސަތުތައް ގެލަރީން ނުލިބޭ ކަމެވެ. އެހެން ހަރަކާތްތަކަށް ދޫކޮށްފައި އޮތުމުން، އާޓިސްޓުން ބޭނުންވާ ދުވަސްވަރު އާޓް ގެލަރީ ނުލިބި އެގްޒިބިޝަން ތައް ފަސްކުރަން ޖެހިފައިވެސް އެބަ ހުއްޓެވެ.

ސެޕްޓެމްބަރު 4، 2018- މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބޭޢްވި "އަންވެއިލިން ވިޝަންސް: މޯލްޑިވްސް ކޮންޓެންޕޮރަރީ އާޓް އެގްޒިބިޝަން 2018"ގެ ތެރެއިން.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެން.ސީ.އޭ އިންވެސް ގެލަރީ އާޓިސްޓުންނަށް ފްރީކޮށް ދިނުމާ، ރީއްޗަށް ކުލަ ލުމާއި ލައިޓިންނާ އެއްޗެހި ހަދާފަ ހުންނަ ނަމަ އެ ވަރަށް ބޮޑު ފަސޭހައަކަށްވާނެ އާޓިސްޓުންނަށް ވެސް" ގިނަ އެގްޒެބިޝަންތަކެއް ބާއްވަމުން އަންނަ އަތީކް ބުންޏެވެ.

އާޓިސްޓުންގެ އިހްސާސްތަކާ ޝަކުވާތައް ހުރި ގޮތަކީ މިއެވެ. ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް(އެން.ސީ.އޭ)އިން ވެސް މި އިހްސާސްތައް އަޑު އަހައެވެ. ރަނގަޅު ކުރަންޖެހޭ އެތަކެއް ކަމެއް ހުރިކަމަށްވެސް ގަބޫލު ކުރެއެވެ. އާ ސަރުކާރާއެކު އާޓިސްޓުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށްވެސް ތިބީ ނިންމައިގެންނެވެ.

"ފަންނުގެ ދަރިން"ގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ނޮވެމްބަރު 24، 2018 ގައި ބޭއްވި، ހުނަރުތައް ދައްކާލުމުގެ އެއްވުމުގައި ޑިސްޕްލޭ ކޮށްފައިވާ ބައެއް އާޓްވޯކްސް -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

"މިހާރު އަސްލު (އާޓް ގެލަރީ) ކުއްޔަށް ދިނުން ހުއްޓާލާފަ އެ އޮތީ. މިހާރު އަލަށް ސްޓްރަކްޗާ ކުރާތީ އާޓް ގެލަރީ ވަކިން ހިންގާ ކަހަލަ ގޮތަކަށް ހިޔާލު ކުރެވިފަ އޮތީ. ވަރަށް ބޮޑަށް މެއިންޓެނެންސް ކުރަންވެފަ އޮތީ އެތަނުގެ ލައިޓިންނާ ވަދެނިކުތުމުގަ ހުރަސްތަކާ އެކަހަލަ އިޝޫތައް. ދެން ސަރުކާރުން ބަޖެޓް އަޅުގަނޑުމެންނަށް ދެއްވީ، އަޅުގަނޑުމެން މަސައްކަތްތައް ފަށާގޮތަށް އޮންނާނީ." އެން.ސީ.އޭގެ ކިއުރޭޓާ އަހުމަދުނައީމް (ނައީމްބެ) ބުންޏެވެ.

މި ފެށުނު އާ އަހާރާއެކު، މިގޮތަށް އާޓިސްޓުންނަށް ދިމާވާ ގޮންޖެހުންތައް ކުޑަވެ، އެމީހުންގެ ޝަކުވާތަކުގެ އަޑު ބަޔަކަށް އިވި، ކަންކަން އިސްލާހު ވާނެ ކަމަށް ބަލަން ހިނގާށެވެ.

Popular