11 Jan 2019

ކުރިނބީ ޒުވާނުން ހުރިހާ ގެޔަކަށް ވަދެ ދަރިވަރުންގެ ބޯކޮށައިދީފި

ކުރިނބީ ޒުވާނުން ހުރިހާ ގެޔަކަށް ވަދެ ދަރިވަރުންގެ ބޯކޮށައިދީފި

By: Aishath Maaha

ކުރިނބީގެ ހަތަރު ފަސް ޒުވާނަކު މިއަދު ފެންނަނީ ޓްރިމަރާއި ބޯކޮށާ ކަތުރު ހިފައިގެން ގޭގެއަށް ދާތީ އެވެ. މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް މި ޒުވާނުންތައް އެބަ ވަދެ އެވެ. ކޮންމެ ގެއަކަށް ގޮސްފައި ވެސް ހޯދަނީ އެގެއެއްގައި އުޅޭ ސްކޫލަށްދާ އުމުރުގެ ފިރިހެން ކުދިންނެވެ.

މި ޒުވާނުން މިކުރާ ކަމެއް ބެލި އިރު އެ ކަމަކީ ބޯ ކޮށުމެވެ. ދިރާސީ އާ އަހަރަށް، އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވޭތީ ސްކޫލަށް ދާން ކުދިން ތައްޔާރުކޮށްދެނީ އެވެ. ސްކޫލް ޗުއްޓީގައި ދިގުވެފައި ހުރި އިސްތަށިގަނޑުތައް ސްކޫލް ގަވައިދަށް ކުރުކޮށްލަނީ އެވެ.

އަމިއްލަ އިސްނެގުމަށް، ހިލޭ ސާބަހަށް ކޮށްދޭ މި މަސައްކަތުގައި މި އުޅެނީ ހުނަރުވެރި ޒުވާނުންކޮޅެކެވެ. މި މީހުން ތިބީ ކިތަންމެ ގިނަ ކުދިންނެއްގެ ބޯ ކޮށަށް ޖެހުނަސް އުފަލުން އެކަން ކޮށްދޭށެވެ.

ކުރިނބީ ޒުވާނުންތަކެއް މިއަދު ގޭގެއަށް ގޮސް ކުދިންގެ ބޯ ކޮށައިދެނީ. -- ފޮޓޯ: އަލީ ވިސާމް

"ގޭގެއަށް ދާން ޖެހޭނީ ކެމްޕޭނު ކަހަލަ ކަންތައްތަކަކު ނޫން ހަމައެކަނި،. ރޭގަ އެހެންވެ އަހަރުމެން ވިސްނީ ހިނގާށޭ އިޖުތިމާއީ ކަމެއް ކޮށްދޭން. މި ރަށުގައި ސެލޫނެއް ވެސް ނުހުންނާތީ ހިތަށް އެރީ ބޯކޮށައިދޭނީއޭ ސްކޫލްތައް ވެސް ފެށެނީ އޭ. ގާތްގަނޑަކަށް 130 ކުދިން ސްކޫލްގައި އުޅޭނެ ޖުމްލަ. އަބަދުވެސް ބެލެނިވެރިންނަށް އެންމެ އުނދަގޫވާ އެއް ކަމަކީ ކުދިންގެ ބޯ ކޮށުން. އެހެންވެ ފެށި ކަމެއް މިއީ،" ބޯ ކޮށުމުގައި މިއަދު ހަރަކާތްތެރިވި ޒުވާނަކު "ދޯ" އަށް ކިޔައިދިނެވެ.

މި ޒުވާނުން އެމީހުންގެ މަސައްކަތް ފެށީ ހެނދުނު ނުވައެއް ޖެހިއިރު އެވެ. މެންދުރު ބާރަ ޖެހިއިރު ގާތްގަނޑަކަށް ހުރިހާ ގެއަކަށް ވަދެ، ބޯ ކޮށަން ބޭނުންވެފަ ތިބި ހުރިހާ ކުދިންގެ ބޯ ކޮށައިދީފި އެވެ.

ކުރިނބީ ޒުވާނުންތަކެއް މިއަދު ގޭގެއަށް ގޮސް ކުދިންގެ ބޯ ކޮށައިދެނީ. -- ފޮޓޯ: އަލީ ވިސާމް

"ވިއްސަށްވުރެ ގިނަ ކުދިންގެ ބޯ ކޮށިން މިއަދު. ބައެއް ކުދިން ތިބީ ސްކޫލް ފެށެން ކައިރީވިމަ ބޯ ކޮށައިގެން. އަޅުގަނޑުމެން ދިޔައީ ޓްރިމަރާއި ގޮނޑި ވެސް ހިފައިގެން. ޖަޒީރާ ގޮތަށް ގާޑިޔަލަކަށް އެއްޗެހި އަޅައިގެން. ކޮންމެ ގެއަކަށް ގޮސްފައި ބޯ ކޮށަން ބޭނުން ކުއްޖަކު ހުރިއްޔާ ކޮށައިދެނީ"

ކުރިނބީ ޒުވާނުންތަކެއް މިއަދު ގޭގެއަށް ގޮސް ކުދިންގެ ބޯ ކޮށައިދެނީ. -- ފޮޓޯ: އަލީ ވިސާމް

ބޯކޮށަން ހާއްސަ ސެލޫނެއް ކުރިނބީގައި ނުހުންނާތީ ބޯކޮށުން ވެފައި އޮންނަނީ އުނދަގޫ ކަމަކަށެވެ. ބޯކޮށަން އެނގޭ މީހަކު ކައިރިއަށް ގޮސް ބުނެ ކިޔައިގެން ބޯކޮށުން އޮންނަނީ ބެލެނިވެރިންނަށް އުނދަގޫ ކަމަކަށް ވެފަ އެވެ. ނަމަވެސް މި ޒުވާނުން މިކޮށްދެނީ ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހަ އެކެވެ.

ކުރިނބީ ޒުވާނުންތަކެއް މިއަދު ގޭގެއަށް ގޮސް ކުދިންގެ ބޯ ކޮށައިދެނީ. -- ފޮޓޯ: އަލީ ވިސާމް

"މިގޮތަށް ބޯކޮށައިދިން ފުރަތަމަ ފަހަރު މިއީ ގޭގެއަށް ގޮސް. އެކަމަކު ކުރިން ވެސް އަތިރިމަތީ ނުވަތަ ގޭގޭގަ ކޮށައިދެން ރައްޓެހިން، ނޫނީ ހަމަ މީހުން ބުނީމަ. އެކަމަކު މިއަދު އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ނަމޫނާ ދެއްކިއްޖެ ކަމަށް."

ހދ. ކުރިނބީ ޒުވާނުން ވޮލަންޓިއަރުން

Popular