17 Jan 2019

ބޭކާރު ހަރަދު ނުކުރޭ؛ މި ދަބަސް ސްކޫލަށް ގެންދާތާ ހަ އަހަރު

ސްކޫލަށް ގެންދަން ކޮންމެ އަހަރަކު އާ ތަކެތި ގަތުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކުދިންނަށް އެކަން ވިސްނައިދޭ ނަމަ ނަތީޖާ ފެންނާނެކަން މިއޮތީ އެނގޭށެވެ.

ސްކޫލަށް ގެންދަން ކޮންމެ އަހަރަކު އާ ތަކެތި ގަތުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކުދިންނަށް އެކަން ވިސްނައިދޭ ނަމަ ނަތީޖާ ފެންނާނެކަން މިއޮތީ އެނގޭށެވެ.

By: Shamila Ibrahim

އާ އަހަރަށް ސްކޫލްތައް ހުޅުވެންވާއިރަށް އެންމެ ފޮތް ފަންސުރާއި ދަބަސް ގަންނަން އުޅުނުއިރު ސޯޝަލް މީޑިއާގައި ދިވެހިންގެ ސަމާލުކަން އަތުލީ ގޮޅި ޖެހި، ރަތްކުލައިގެ މި އެޑިޑާސް ދަބަހެވެ. މި ދަބަހުގެ ފޮޓޯ ދައުރުވާން ފެށީ، ހަލާކު ނުވަނީސް ސްކޫލް ސާމާނު ކޮންމެހެން ގަންނަން ނުޖެހޭ ކަމަށާއި ދަރިންނަށް އެގޮތަށް ވިސްނައިދޭންޖެހޭ ކަމަށް ބުނަމުންނެވެ.

ދަބަހަށް ހަ އަހަރު؛ އެއީ ބޭބެގެ ހަދިޔާއެއް

މިއީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އިލްމާ ފަޔާޒުގެ ދަބަހެވެ. ސެކެންޑްރީގައި އުޅުނަސް، ސްކޫލަށް ދާން އިލްމާ އަދިވެސް އެ ބޭނުންކުރަނީ ގްރޭޑް ދޭއްގައި ވެސް އޭނާ ބޭނުން ކުރި ދަބަހެވެ. ހަދިޔާއަކަށް ލިބުނު ދަބަހަކަށް ވުމުގެ އިތުރުން، ހަދިޔާގެ ހާއްސަކަން ވެސް ބޮޑެވެ.

އިލްމާގެ ސްކޫލް ދަބަސް. އޭނާ މި ދަބަސް ބޭނުން ކުރާތާ ހަ އަހަރު ވެއްޖެ

"ފުރަތަމަ ޓާމްގަ އެ ފަހަރު (ގްރޭޑް ދޭއްގަ އުޅުނު އަހަރު) ޖެހުނީ ތިން ދަބަސް ގަންނަން. ދަބަސް އަވަހަށް ހަލާކުވަނީ. އެހެންވެ ވިލާ ގްރޭޑް 11 ގަ އުޅުނު އޭނާގެ ބޭބެ، ސޮނީ ސްޕޯޓްސް އަށް ގޮސް ގަނެގެން އައި ދަބަހެއް މީ. 550 ރުފިޔާ އަށް އޭތި ގަނެގެން އައީ. ބޭބެ ޓިއުޝަން ފީން ބޭބެ ގަނެގެން ގެނެސްދިން ހަދިޔާއެއް. އޭރުއްސުރެ އަދިވެސް އެ ދަބަސް ބޭނުން ކުރަނީ،" އިލްމާގެ މަންމަ ހައްވާ ހަފްސާ ބުންޏެވެ.

އޭނާ ބުނީ ދަބަސް އެއްވެސް ވަރަކަށް ހަލާކު ވެސް ނުވާ ކަމަށާއި ކޮންމެ އަހަރެއްގެ ކިޔެވުން ނިމުމުން ދަބަސް ރީއްޗަށް ދޮވެލާފައި އަނެއް އަހަރު ބޭނުންކުރަނީ ކަމަށެވެ.

ހަފްސާ ބުނީ ކޮންމެ ގްރޭޑެއްގައި އެއް ދަބަހެއް ގެންދަން ޖެހުނަސް، އިލްމާ ޝަކުވާ ނުކުރާ ކަމަށެވެ. އާ ދަބަހެއް ގަތުމަކީ މާބޮޑު ކަމަކަށް ނުވިޔަސް ހަލާކު ނުވަނީސް އެހެން އެއްޗެއް ހޯދަން ބޭނުން އިލްމާ ބޭނުން ނުވަނީ ކަމަށް މަންމަ ބުންޏެވެ.

އިލްމާ އާއި އޭނާގެ މަންމަ ހައްވާ ހަފްސާ

"ހަލާކު ވަންދެން ބޭނުންކުރަން ސްކޫލް ކޮންމެ އެއްޗެއްވެސް. ދަރިފުޅުގެ އެއްވެސް މައްސަލައެއް، ޝަކުވާއެއް ނޯވޭ. އޭނަ ހަމަ އުފަލުން ދާނެ (ދަބަސް ހިފައިގެން) ސްކޫލަށް،" މީ ކުޑައިރުއްސުރެ އިގްތިސާދު ކުރުމަށް ބާރުއަޅައި، ހަފްސާ ދެއްކި ނަމޫނާގެ ނަތީޖާއެވެ.

އަހަރުތަކެއް ވަންދެން އިލްމާ ބޭނުންކުރަނީ ހަމަ އެކަނި ދަބަހެއް ނޫނެވެ. އޭނާގެ ސްކޫލް ބޫޓު ވެސް އެއްލައިލީ ތިން އަހަރު ވަންދެން އެރުމަށް ފަހު ހަލާކުވުމުންނެވެ. ހަމަ އެ ގޮތަށް ތިން އަހަރު ވަންދެން ބޭނުން ކުރި ޕާސް އަދިވެސް އެބަ އޮތެވެ. އެއްލައިލަން އިލްމާ ބޭނުން ނުވަނީއެވެ.

"ވަރަށް ރަނގަޅު ކުއްޖެއް. އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ތަކެތި ގެންގުޅުމުގައި ފަރުވާ ބަހައްޓާ ހެދުމުގެ ނަތީޖާ. އަދި މަންމަމެންނަށް ދެވިފައިވާ ރަނގަޅު ތަރުބިއްޔަތުގެ ނަތީޖާ. މާޝާﷲ،" މިކަމަށް ތައުރީފްކޮށް ފޭސްބުކް ޕޯސްޓަށް ކޮމެންޓްކުރި މީހަކު ލިޔެފައިވެ އެވެ.

ތިން އަހަރު ވަންދެން އިލްމާ ބޭނުން ކުރި އޭނާގެ ސްކޫލް ޕާސް

އިލްމާ ވެސް މިކަމާ ބެހޭ ގޮތުން "ދޯ" އަށް ކުޑަކޮށް ވާހަކަ ދައްކާލި އެވެ.

"ދެރައެއް ނުވޭ އެހެން ކުދިން އާ ދަބަސް ގެންދިޔަސް. ކުދިން ނުކިޔާ އެއްޗިއްސެއް ވެސް. (ދަބަސް) މޮޑިފައިކުރަން ބޭނުން ނުވާތީ ނުކުރަނީ ވެސް،" އިލްމާ ބުނީ މިހެންނެވެ.

ދަބަސް ހަލާކު ނުވެ އޮވެއްޖެ ނަމަ، އޯ ލެވެލް އިމްތިހާނާ ހަމައަށް ވެސް އެ ދަބަސް އުފުލަން އިލްމާ ހުރީ އެދިގެންނެވެ.

މިގޮތަށް އިގްތިސާދުކޮށް، މި ހިތްވަރު ދައްކާ ދަރިވަރަކު ދަންނަންހެއްޔެވެ؟

ދަރިން ތަރުބިއްޔަތުކުރުން ސްކޫލް ދަބަސް

Popular