5 Feb 2019

ކިރިމި ޖެހި ބަނަހާއި މަސްރަހާއި ކޮމްފުޑް

ކިރިމި ޖެހި ބަނަހާއި މަސްރަހާއި ކޮމްފުޑް

By: Ahmed Nadym

ކިރިމި ޖެހި ބަނަހާއި ދިވެހިންނާ ދެމެދުގައި އޮތީ ޒަމާންވީ، ހިތާއި ހިތުގެ ގުޅުމެކެވެ. އަބަދުވެސް ވަރަށް ފަސޭހައިން އަހަރެމެން ކުޅުދިޔާކޮށްލި، ހަދާލަން ފަސޭހަ، ކާލަން އެހާމެ އަރާމު އެއްޗަކަށްވެފައެވެ. ކޮންމެއަކަސް ކިރިމި ޖެހި ބަނަހުގެ އެ ދަރަޖަ މި ވަނީ ސޯޝަލް މީޑިއާގެ ނުފޫޒާއެކު މުޅިން އާ އުސްމިނަކަަށް އުފުލި، އޭގެ "ފޮނިކަން" ބޮޑުވެފަ އެވެ. ހުރިހާ ވެސް ޝުކުރެއް ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފޮޓޯގްރާފަރު، މަސްރަހް ނަސީމަށެވެ.

ބައެއް ޒުވާން ކުދިން ބުނަނީ ކިރިމި ޖެހި ބަނަހުގެ ހުރި ވަރެއް އެމީހުންނަށް އެނގުނީ ވެސް މަސްރަހުގެ އިންސްޓަގްރާމް ސްޓޯރީތަކުން ކަމަށެވެ. އެއީ ތެދެކެވެ. ސޯޝަލް މީޑިއާ އަށް ތިލަވެގެން އުޅޭ ކިރިމި ޖެހި ބަނަހުގެ އިންގިލާބުގެ ފަހަތުގައި ހުރި މީހަކީ ހަމަ އަސްލަށް ވެސް މަސްރަހެވެ.

ސޯޝަލް މީޑިއާގައި ބައި ލައްކަ އަށް ވުރެ ގިނަ ފޮލޯވަރުންގެ ބައިގަނޑެއް ލިބިފައިވާ މަސްރަހް، ގާތްގަނޑަކަށް ހައެއްކަ މަސް ދުވަސް ތެރޭގައި ކިރިމި ޖެހި ބަނަސް ވައިރަލްކޮށް އެތައް ހާސް ބަޔަކަށް އޭގެ ފޮނި ރަހަ ދައްކައި އެ ހިތްތަކުގައި ކިރިމި ޖަހާލާފައި މި ވަނީ މެދުކެނޑުމެއްނެތި އިންސްޓަގްރާމުގައި ރެއާއިދުވާލު އޭނާ ޕޯސްޓްކުރަމުން ގެންދާ "ސްޓޯރީ" ތަކުންނެވެ. އޭނާގެ މި ސްޓޯރީތަކުގެ މައި މަރުކަޒަކީ މާލޭގެ ރާޅުގަނޑު ހިސާބުގައި ހުޅުވާފައިވާ ކުޑަކުޑަ ކެފޭއެއް ކަމަށްވާ "ކޮމްފުޑް" އެވެ. އެތަނުން ލިބެން ހުރި ކިރިމި ޖެހި ބަނަހަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިވަގުތު ދިވެހި ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު އަދި އެންމެ މަޝްހޫރު ލުއިކާނާ ނުވަތަ ބަނޑުކެއުމެވެ.

އާންމުކޮށް ފެންނަ މަސްރަހްގެ އިންސްޓަގްރާމް ޕޯސްޓެއް.

މަސްރަހްގެ އިންސްޓަގްރާމް ސްޓޯރީތަކުން ކުޅުދިޔާވެ، ގޭގައި ނުތިބެވިގެން ގޮސް ކޮންމެ ދުވަހަކު ކޮމްފުޑަށް އަރައި ކިރިމި ޖެހި ބަނަސް ކާން ތިބޭ ޒުވާނުންގެ އަދަދު ފެނިއްޖެ ނަމަ މި ވާހަކަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވެދާނެއެވެ. ނުވަތަ މަސްރަހުގެ ނުފޫޒުން، ކިރިމި ޖެހި ބަނަސް ވައިރަލްވެ އޭގެ ފައިދާ ކޮމްފުޑަށްކުރާ މިންވަރު އެތަނުގެ ވެރިޔާ ކިޔައިދިނުމުން ވެސް ފަހަރެއްގައި އެކަން ގަބޫލުކުރެވިދާނެއެވެ.

"އަސްލު ވެސް މަސްރަހް އަކީ ވަަރަށް ސަޅި މީހެއް. އޭނައާ ހެދި ކޮމްފުޑަށް ވަރަށް ބޮޑު ބޫސްޓެއް އައި ހަގީގަތުގައި ވެސް. މަސްރަހް އަކީ ހަމަ އަސްލަށް ވެސް ވަރަށް ބޮޑު މާކެޓިން ޓޫލްއެއް މިހާރު. އޭނަ ކޮންމެ ދުވަހަކު މިތަނަށް އައިސް ސްޓޯރީއަށް ލާނެ އެއްޗެއް،" މީގެ އަހަރެއްހާ ދުވަސް ކުރިން މަޖަލަށް ހުޅުވި ކުޑަކުޑަ ކެފޭ، ކޮމްފުޑްގެ ފަހަތުގައި ހުރި ތަނުގެ ވެރިޔާ އަހުމަދު އަބްދުލް އަޒީޒް (ކެވިން) ބުންޏެވެ.

"އެކަމަކު އެހެން މީހުންނަށްވުރެން ތަންކޮޅެއް މީރުކޮށް އަހަރެމެން ކިރިމް ޖެހި ބަނަސް ހަދާތީ ވެސް ކަންނޭނގެ ދޯ."

މިހެން ކިޔާފައި ކެވިން ޖަހާލީ ހިނިގަނޑެކެވެ. އެކަމަކު އޭނާ ބުނީ މަސްރަހްގެ ނުފޫޒުން، ކިރިމް ޖެހި ބަނަހަށް އެންމެންގެ ހިތް، ވަކިން ހާއްސަކޮށް ޒުވާން ކުދިންގެ ހިތް ވެއްޓެމުން އަންނައިރު އޭނާގެ ކުޑަކުޑަ ކެފޭ، މަސްރަހްގެ "އައްޑާއަކަށް" ބަދަލުވެފައިވާ ކަމަށެވެ.

"އާނ... މިހާރު މަސްރަހް ހޯދަން ބޭނުންވާ މީހުން ވެސް ވަގުތުން އަންނާނީ މިތަނަށް. އަދި މީހުން އެބަ ހީކުރޭ ކެވިން އަކީ މަސްރަހް ކަމަށް ވެސް. މަސްރަހް ކަމަށް ހީކޮށް މީހުން އެބަ އާދޭ މަށާ ވެސް އިންޓަވިއުކުރަން،" ކެވިން އަނެއްކާވެސް ހިނިގަނޑަކަށް ބިނދިއްޖެއެވެ.

އެކަމަކު އަހަރެމެން ކެވިންގެ ދެތިން ބަހެއް މި ހޯދާލީ ހަމަ ގަސްދުގައެވެ. ދެން މިހައި ހިސާބުން މަސްރަހް ހޯދަން އާ ޕެރެގްރާފަކަށް ދަމާ ހިނގާށެވެ.

ކޮމްފުޑް. --ފޮޓޯ: ހުސެއިން ވަހީދު

"އަސްލު ކިރިމް ޖެހި ބަނަހަކީ އަހަރެން އެހާ ގިނައިން ކާ އެއްޗެއް ނޫން. މަށަކީ ދެން އެހާ ގަދައަށް ކާ މީހެއް ވެސް ނޫން. ދެ ދުވަހުން އެއް ދުވަހު އަހަރެން ކާނީ ވެސް،" ދުވާލެއްގެ މައްޗަށް އިރުއިރުކޮޅުން ކިރިމި ޖެހި ބަނަސް އިންސްޓާ ސްޓޯރީ އަށް ކާން ދޭއިރު އެ ބަނަސް އަމިއްލަ އަށް ކެވެނީ ކިހާ ވަރަކަށްތޯ ސުވާލުކުރުމުން މަސްރަހް ބުނީ މިހެންނެވެ.

އެކަމަކު އޭނާ ބުނީ ކޮމްފުޑްގެ ކިރިމި ޖެހި ބަނަސްހާ މީރު ކިރިމި ޖެހި ބަނަހެއް މިވަގުތު މާލެއަކުން ކީއްކުރަން، މި ރާއްޖެއަކުން ވެސް ނުލިބޭނެ ކަމަށެވެ.

"މިއީ އަހަރެން އެތަން ޕްރޮމޯޓްކުރަން ދައްކާ ވާހަކައެއް ނޫން،" ދުވާލެއްގެ މައްޗަށް އިންސްޓަ ސްޓޯރީ މެދުވެރިކޮށް ދެ ހާސް ތިން ހާސް މީހުންނަށް ކިރިމި ޖެހި ބަނަސް ކާން ދޭ މަސްރަހް ބުންޏެވެ.

އޭނާގެ މި ނުފޫޒުގެ ފައިދާ ކޮމްފުޑަށް އާދަޔާހިލާފަށް ކުރަމުން އަންނައިރު މިހާރު ކޮންމެ ދުވަހަކީ ވެސް ކެވިންގެ އެ ކުޑަކުޑަ ކެފޭ ނުފެންނަވަރަށް މީހުން އެތަނަށް ޖަމާވާ ދުވަހެކެވެ. އަދި މަސްރަހްގެ ފިޔަވަޅުމަތިން އެތަނަށް ގޮސް އޭނާގެ ފިޔަވަޅުމަތިން ކިރިމު ޖެހި ބަނަސް ގަނެގެން ކައި، އިންސްޓަގްރާމް ސްޓޯރީ އަށް ދިރުވާލުން ވެސް ވެފައިވަނީ މިހާރުގެ އެންމެ "ކުރީމު ޓްރެންޑަށެވެ".

އެކަމަކު މަސްރަހް ބުނަނީ އެތަނަށް އެވަރަށް މީހުން ޖަމާވަނީ ކޮންމެހެން އޭނާއާ ހެދި ނުވަތަ ސީދާ އެމީހުންގެ ކިރިމި ޖެހި ބަނަހުގެ ޖާދޫ ގަދަކަމަކުންނެއް ވެސް ނޫނެވެ.

"އެތަނަށް މީހުން އެވަރަށް ޖަމާވަނީ އެތަނުގެ ބަނަސް ކޮންމެހެން އެހާ މީރުވެގެނެއް ނޫން. އެތަނުގެ މޫޑް ސަޅީ. އެތަނުގެ މާހައުލު ސަޅީ،" މަސްރަހް ބުންޏެވެ.

ކިރިމް ޖެހި ބަނަހާއި ސައި. --ފޮޓޯ: ހުސެއިން ވަހީދު

އޭނާ ބުނީ ކިރިމު ޖެހި ބަނަހަށްވުރެ ގިނައިން އޭނާ އަށް އެތަނުން ކެވެނީ ބޯވަރޯލްސް ކަމަށް ވެދާނެ ކަމަށެވެ. އެއަށް ފަހު ދުވާލެއްގެ މައްޗަށް އެތަނަށް ގޮސް ބޯލާ އިލީ ކޮފީ ވަރަށް ހާއްސަ ކަމަށް ބުންޏެވެ.

"ދުވާލެއްގެ މައްޗަށް ހައެއްކަ ހަތެއްކަ ކޮފީ ވަރު ބޮވޭ އެތަނުން. ކުރިން އަހަރެން އަބަދުވެސް ގޮސް ކޮފީ ބޯނީ ސީހައުސްއިން. މަަށަށް މިހާރު އެންމެ ސަޅި ކޮފީ ވެސް ލިބެނީ މިތަނުން،" މަސްރަހް ބުންޏެވެ.

ހަގީގަތަކީ މަސްރަހަށް ސަޅި ގޮތާއި، މަސްރަހަށް މީރުވާ ކެއުމާއި ކޮފީ، އެހެން ވަރަށް ގިނަ ޒުވާނުންނަށް ވެސް ކަމުގޮސް އޭނާގެ ފަހަތުގައި އެތައް ބަޔަކު ތިބިކަމެވެ. ހަގީގަތަކީ، މަސްރަހް އަކީ ހަމައެކަނި ކިރިމު ޖެހި ބަނަހަށް ސޯޝަލް މީޑިއާގެ އިންގިލާބެއް ގެނެސްދިން "ކިރިމު ކިންގެއް" ނޫން ކަމެވެ. އޭނާ މިހާރު ބަދަލުވެފައި އެ ވަނީ ކިރިމު ޖެހި "ކަލްޓަކަށެވެ".

Popular