12 Feb 2019

ތިން އެކުވެރިންގެ "އަޅި އާޓްސް"

މިއީ ޔާނާ، ޝާކް އަދި ސިސްކޯ އެވެ. މި ތިން ހުނަރުވެރިން ގުޅުވާލަދެނީ "އަޅި އާޓްސް" އެވެ.

މިއީ ޔާނާ، ޝާކް އަދި ސިސްކޯ އެވެ. މި ތިން ހުނަރުވެރިން ގުޅުވާލަދެނީ "އަޅި އާޓްސް" އެވެ.

By: Shamila Ibrahim

މި ގްރޫޕްގެ އެންމެ ތަފާތު ސްޓައިލް ގެންގުޅޭ އާޓިސްޓް މުހައްމަދު ޝާކިރު (ޝާކް) ވަނީ ބައްޕަ ކުރަހާތަން ފެނި ކުޑައިރުއްސުރެ އެކަމަށް ހިތްޖެހިފައެވެ. އޭނާގެ ކުރެހުންތަކުން ބޮޑަށް ފެންނާނީ ހިޔާލުތަކެވެ.

މުޅިން ތަފާތުކޮށް ރިއަލިސްޓިކް ސްޓައިލަށް ކުރަހާ ގްރޫޕްގެ އަންހެން އާޓިސްޓް އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާނާ) އަކީ ކުޑައިރުއްސުރެ ކްރިއޭޓިވް ތަކެތި އުފެއްދުމުގައި އުޅުނު ކުއްޖެކެވެ. މިހާރު ބޮޑަށް ކުރަހާ އުޅެނީ ރިއަލިސްޓިކް ޕޯޓްރެއިޓެވެ.

ދެން ހުރި އާޓިސްޓް އަހުމަދު ޝިޒާން (ސިސްކޯ)ގެ ސްޓައިލަކީ ގުދުރަތީ މަންޒަރުތައް ފަދަ ސީނަރީ ކުރެހުމެވެ.

ކުޑައިރުން ފެށިގެން އެއްކޮށް އުޅެމުން އައިސް، ބޮޑުވެގެން ތިން މީހުން ދިމާވިއިރު، މި ތިން ހުނަރުވެރިން ގުޅުވާލަދިން ކަމަކަށްވީ ކުރެހުމެވެ. ރައްޓެހި ގްރޫޕެއްގެ ބޮޑު ސަޕޯޓާއެކު "އަޅި އާޓްސް" އުފެދިގެން އައި ގޮތް ވެސް ކިޔައިދޭނަމެވެ.

ޔާނާ އޭނާގެ ބައެއް އާޓް މަސައްކަތްތަކާއެކު

"އަހަރެންގެ ސްޓައިލް ޔާނާ މެންނަށް ކިޔައިދޭން އުޅުމުގެ ތެރޭގަ ފެށުނީ. ދެން ކުރަހަމުން ކުރަހަމުން ގޮސް އެންމެން މިކަމަށް ހިތްޖެހިގެން ފެށުނީ،" ޝާކްގެ ވާހަކަ ފެށީ އެހިސާބުންނެވެ.

"އަހަރެމެން މުޅި ގޭންގް ވެސް ވަރަށް ބުޅާ ވާނެ. ދެން ލިބުނީ ގްރޭ ނަމަކަށް ކިޔާ ބުޅަލެއް. ވަރަށް ފްލަފީކޮށް ހުންނަ ލޯބިލޯބި ބުޅަލެއް އެއީ. ގާތްގަނޑަކަށް ދެ ހަފުތާ ވެސް ނުވާނެ އަހަރެމެންނަށް އެ ލިބުނު އިރު. ދެން ހޭންގްއައުޓްގެ ތެރެއިން ވީ ވާ ޓޭކިން ކެއާ އޮފް އިޓް އެންޑް އެ ހިސާބުން ހިތަށްއެރީ ޕޭޖަށް ވެސް ލެޓްސް ކޯލް ގްރޭ އޭ. އޭތި ދިވެހި ކޮށްލާފަ މި ކީ އަޅި އާޓްސް"

ސިސްކޯގެ އާޓް ވޯކެއް

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) ގެ މެންބަރުންގެ ގޮތުގައި މި ތިން ހުނަރުވެރިން ހަރަކާތެރިވިޔަސް، އެތަނުގެ އެކްޒިބިޝަންތަކާ އަމިއްލަ ސޯލޯ އެކްޒިބިޝަންތަކުން ހުނަރު ދައްކަމުން އަންނަނީ ޔާނާއެވެ.

މިދިޔަ އަހަރު ފަހުކޮޅު ލެކިއުޓުން ބޭއްވި އެގްޒިބިޝަނެއްގަ އާއި ކޮންމެ އަހަރަކު "އަންވެއިލިން ވިޝަން" ނަމުގައި އެމްއޭސީ އިން ބާއްވަމުން އަންނަ އެގްޒިބިޝަނުގައި ވެސް ޔާނާގެ ކުރެހުންތައް ވަނީ ދައްކާލާފައެވެ. އޭގެ އިތުރުން ކަނޑިންމަ މޯލްޑިވްސްގައި ކުރިއަށްދިޔަ ލައިވް އާޓްގައި ވެސް އެމްއޭސީގެ ފަރާތުން ޔާނާގެ ހުނަރުވެރިކަން ދައްކާލި އެވެ.

ޝާކްގެ އާޓްވޯކެއް

މާލޭން ބޭރުގައި އުޅެންޖެހޭތީ އާއި ވަޒީފާގައި ބުރަކޮށް އުޅެން ޖެހުމުން ޝާކް އަދި ސިސްކޯގެ ސޯލޯ އެގްޒިބިޝަންތައް އަހަރެމެންނަށް ނުފެންނަނީއެވެ. އެކަމަކު ޕައިލެޓްކަން ކިޔަވަމުން އަންނަ ޔާނާ އަންނަނީ "އަޅި އާޓްސް"އަށް ލިބޭ ކޮމިޝަން މަސައްކަތްތައް ކުރަމުން އެ އެންމެންގެ "އަޅި އާޓްސް" ކުރިއަރުވަމުންނެވެ.

"އޭޒް އަ ޓީމް، އަހަރެމެން ދޭންޖެހޭ ސަޕޯޓް ދެން. ކަމެއް ޖެހުނަސް އެންމެން ވާހަކަ ދައްކާލާފަ ގޮސް އެކަމެއްގަ އުޅެން. އެއީ ޓީމެއް ވީމަ އަހަރެމެންނަށް އިންނަ ފައިދާ އަކީ،" ގްރޫޕްގެ ވާހަކަ ކިޔައިދެމުން ޝާކް ބުންޏެވެ.

މި ހުނަރުވެރިންގެ ކުރެހުމުގެ ސްޓައިލް ތަފާތުވާ ގޮތަށް ކުރެހުމުގެ ވައްޓަފާޅީގައި ވެސް ތަފާތު ތަކެއް ހުރެއެވެ. އެކަމަކު އެކަމަށް އިހްތިރާމްކޮށް ކޮންމެ ކުއްޖަކުވެސް ބަލަނީ އެމީހެއްގެ ސްޓައިލްގައި ކުރިއަށް ދެވޭތޯއެވެ. ތިން ސްޓައިލް އެއްވެ، "އަޅި އާޓްސް" އެ ލިބެނީ އިތުރު ފުރިހަމަ ކަމެއް ކަަމަށް ވިސްނޭތީއެވެ.

"އޯޑަރު ލިބޭ ގޮތަކުން ތިން މީހުންނަށް ބަހާލަނީ. ރިއަލިސްޓިކް އެއްޗިއްސަށް (މީހުންގެ ޕޯޓްރެއިޓްސް އަށް) ބޮޑަށް ލިބެނީ އޯޑަރު. އެހެންވެ، އަސްލު ޕޭޖުން ގިނައިން ޔާނާގެ މަސައްކަތްތައް އެ ފެންނަނީ،" ޔާނާ ބުންޏެވެ.

ޔާނާގެ އާޓްވޯކެއް

"އަޅި އާޓްސް" އިން އެންމެ ބޮޑަށް ފެންނާނީ ކެންވަސްގައި އެކްރެލިކް އަދި އޮއިލް ބޭނުންކޮށްގެން ޕޯޓްރެސްޓް ކުރަހާފައި ހުންނަ ތަނެވެ.

"އެކި ކޮމިޝަން ވޯކް ހަވާލުކުރާނީ އެކި މީހުންނަށް. ދެން އެމީހަކަށް ލިބޭ އެއްޗެހި އެމީހަކަށް. އީކުއަލީ ބަހަނީކީ ނޫން. އެމީހަކު ކުރާ މަސައްކަތަކަށް (ލާރި) ލިބޭނީ"

ތިން މީހުންގެ މި ގްރޫޕަށް އިތުރު އާޓިސްޓުން އިތުރުކޮށްގެން "އަޅި އާޓްސް" ބޮޑު ކުރާކަށްވެސް ނުވިސްނައެވެ. އެކަމަކު ފުރުސަތު ލިބުނު ވަރަކުން ކޮލަބޮރޭޝަން ހަދާނެ ކަމަށް ބުންޏެވެ.

މިހާރު މި މީހުން ތިބީ ޗައިނާގެ އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ލިބިފައިވާ ފުރުސަތެއްގައި އެގައުމަށް ކުރެހުންތައް ހިފައިގެން ގޮސް އެގްޒިބިޓްކުރަން ވިސްނައިގެންނެވެ. އެކަމަށް ހޭދަވާ ހަރަދު ހޯދަން، މޮޅެތި ކުރެހުންތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އޮތީ ކުރިއަށް ރާވައިފައެވެ.

އާޓްސް

Popular