"އިރުކޮޅަކުން މިދަނީ. ފައިބާ ތިރިއަށް"، "ހަމަ އިރުކޮޅެއްވާނީ. މިކައިރި ކުރީ"، "އިރުކޮޅަކުން އަންނާނެ އޭނަ. އައިމަ ފަށަންވީ."
"އިރުކޮޅަކުން މިދަނީ. ފައިބާ ތިރިއަށް"، "ހަމަ އިރުކޮޅެއްވާނީ. މިކައިރި ކުރީ"، "އިރުކޮޅަކުން އަންނާނެ އޭނަ. އައިމަ ފަށަންވީ."
ދުވާލަކު ކިތައް ފަހަރު މި އިރުކޮޅެއްގެ ވާހަކަ އަޑުއިވޭ ހެއްޔެވެ؟ އިރުކޮޅަކުން ބަލާ އެބަދަމޭ ބުނެގެން ކިހާ އެ ހުރި ތަނެއްގައި މަޑުކޮށްގެން ހުންނަން ޖެހޭ ހެއްޔެވެ؟
މި އިރުކޮޅަކީ ކިހާ ވަގުތެއް ކަމެއް އެކަކަށް ވެސް އަސްލު ނޭނގެ އެވެ. ބައެއް މީހުންނަށް އެއީ ފަސް ވަރަކަށް މިނެޓެވެ. އަނެއް ބަޔަކަށް ބައިގަޑިއިރު ނުވަތަ 45 ވަރަކަށް މިނެޓެވެ. އަނެއް ބަޔަކަށް އެއީ ދެގަޑިއިރެއްހާއިރެ އެވެ. އިރުކޮޅު މިވަނީ ވަރަށް ދިގު ހަމަ އެހާ ކުރު ވެސް އެއްޗަކަށެވެ.
"އަހަރެން އިރުކޮޅެއް ކިޔަނީ އެކިފަހަރު އެކި ވަރަށް. އަސްލު ޑިޕެންޑްސް އެ މީހަކަށް. މަންމަ ގާތުގައި ވެއްޖެޔާ އެއީ 30 ވަރަކަށް މިނެޓު. އަންހެނުން ގާތުގައި 10 ވަރަކަށް މިނެޓު. ރައްޓެއްސެއް ގާތުގައި ވެއްޖާ ގަޑިއެއް ދެގަޑިއިރެއްހާއިރު،" ޒުވާން ފިރިހެނަކު އޭނާގެ ހިޔާލު ކިޔައިދިނެވެ.
ބައެއް މީހުން އިރުކޮޅެއްގެ ދިގުމިން ކަނޑައަޅަނީ ކުރަމުންދާ ކަމެއް ނުވަތަ ދެ ވަނަ މީހަކު އެދޭ ކަމަކަށް ބަލައިފަ އެވެ.
"ވަކި މީހަކަށް ނޫން ބައެއް ފަހަރު އިރުކޮޅުގެ ދިގުމިން ނިންމަނީއެއް. އެގަޑީގައި ކުރަން އިން ކަމަކަށް ބަލާފަ. ފިލްމެއް ބަލަން އިނިއްޔާ އެ ހަމަ އިރުގަނޑެއް. ބޭރަށް ދާން ރީތިވެގެން ހުރެއްޖެޔާ ހަމަ ފަސް ވަރަކަށް މިނެޓު އިރުކޮޅަކީ. ނޫނީ އެއަށް ވުރެ އަވަސް ވެސް ވެދާނެ،" އެހެން ކުއްޖަކު ކިޔައިދެނެވެ.
"އަހަރެން ބައެއް ފަހަރު އިރުކޮޅެއް ކިޔަނީ، މިސާލަކަށް އެ މީހަކު ކޮށްދޭށޭ ބުނާ ކަމަކަށް. ކޮފީއަކަށް ތަނަކަށް ދާން ބުނެފިއްޔާ އެއީ 30 ވަރަކަށް މިނެޓު. ލިފްޓެއް ދޭން މީހަކު ބުނެފިއްޔާ ވެސް ޑިޕެންޑްސް ހަމަ އެމީހަކަށް. ވަރަށް ވަރަށް ކްލޯޒް މީހެއް ވެއްޖެޔާ އެންމެ ގިނަވެގެން 10 މިނެޓު،" އެހެން މީހަކު އޭނާގެ އިރުކޮޅެއްގެ ދިގުމިން ބުނެދިނެވެ.
އެކި މީހުން އެކިވަރަށް މި އިރުކޮޅެއްގެ ދިގުމިން ކަނޑައަޅާއިރު ދިވެހި ބަހުގައި އިރުކޮޅެއްގެ ދިގުމިން ކަނޑައަޅާފައި އޮންނަނީ ކިހާ ވަގުތަކަށްކަން ވެސް ބަލައިލަން ވާނެ އެވެ.
"ކުޑަކުޑަ ވަގުތުކޮޅަކަށް އެބުނަނީ. އެސްޓިމޭޓެޑް. ވަކިވަގުތަކަށޭ އެހެން ބުނެވޭކަށް ނެތް. އެ ވެދާނެ ސާއަތެއް ކުރިން ކަމަށް ވެސް. ނޫޫނީ މިނެޓެއް ކުރިން ކަމަށް ވެސް. ވާހަކައަކީ ދުވަހެއް ވުމުގެ ކުރިން ނުވަތަ ދުވަހެއްގެ ދަމެއް ދިއުމުގެ ކުރިން ވާ ވަގުތަކަށް މި އަންނަނީ،" ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަލީ ވިދާޅުވި އެވެ.
"މިސާލަކަށް މެންދުރުގެ ކުރިންގެ ކަމެއް ކިޔަންޏާ ނުބުނާނެ އިރުކޮޅެއް ކުރިންނެކޭ. މިސާލަކަށް އަޅުގަނޑާ ބައްދަލުކުރަން ނުވަޔަކާއި 12 އާ ދޭތެރޭގައި 10 ޖަހާކަށްހާއިރު މީހަކު އަންނަނީ. އައިސް އޭނަ ދިޔައީ. ދެން އަންނަ މީހެއް ކައިރީގަިއ 11، 12 ނުވަތަ 1 ޖަހާކަށްހާއިރު އަޅުގަނޑު މި ބުނަނީ މީގެ އިރުކޮޅެއް ކުރިން ބައްދަލުކުރީމޭ. އެއީ ކަންކުރުމުގެ މާ ދުރުނޫން ވަގުތަކަށް ނިސްބަތްކޮށް ބުނެވޭ ލަފްޒެއް އެއީ."
ދިވެހި ބަހުގައި އިރުކޮޅަކަށް ސީދާ ދިގުމިނެއް ނެތެވެ. ކިޔުންތެރިންގެ އިރުކޮޅެއްގެ ދިގުމިނަކީ ކިހާވަރެއް ހެއްޔެވެ؟