5 May 2019

ލަކުޑި އާއި ވޯލް ޕުޓީން މޫދުގެ ރީތިކަން

ލަކުޑީގައި ވޯލް ޕުޓީ ބޭނުންކޮށްގެން ޔާނާ މިފަހަރު ދައްކާލަނީ ރާއްޖޭގެ ކަނޑާއި އެއާ ގުޅުން ހުރީ ރީތި މަންޒަރުތައް

ލަކުޑީގައި ވޯލް ޕުޓީ ބޭނުންކޮށްގެން ޔާނާ މިފަހަރު ދައްކާލަނީ ރާއްޖޭގެ ކަނޑާއި އެއާ ގުޅުން ހުރީ ރީތި މަންޒަރުތައް

By: Shamila Ibrahim

އާޓިސްޓެއްގެ މޮޅު ކުރެހުމަކުން އަހަރެމެންނަށް ބައިވަރު މެސެޖްތައް ލިބެ އެވެ. ބޮޑެތި މައްސަލަތަކަށް ހޭލުންތެރިކުރުވަ އެވެ. މިފަހަރު "އަޅިއާޓްސް"ގެ އާޓިސްޓް އައިޝަތު ސަޖިޔާން އަބުދުއްސައްތާރު (ޔާނާ) ގެ މިސްރާބު ހުރީ ވެސް މިކަހަލަ ގޮތަކަށް އޭނާގެ އާޓް ބޭނުންކޮށްގެން ހޭލުންތެރިކުރުވާށެވެ.

މޯލްޑިވްސް އާޓިސްޓިކް ކޮމިއުނިޓީ (މެކް) އިން ދިން ފުރުސަތެއްގައި "މޫދު" ތީމަށް ޔާނާގެ ހަ ކުރެހުމެއް ހެންވޭރު ގްރޯލިއާ ޖީންސް ކޮފީގައި އެގްޒިބިޓްކުރީ މި މަގުސަދުގަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން މި މަހުގެ ނިޔަލަށް އެ ކުރެހުންތައް ބަލައިލަން އާންމުކޮށް ފުރުސަތު އޮންނާނެ އެވެ.

"މިއީ ރާއްޖޭގަ ވަރަށް ބަލައިގަންނަ ތީމެއް. އެހެންވެ، އޯޑިއަންސަށް ވެސް ބަލާފަ މޫދު ތީމް ޗޫސް ކުރީ. ރާއްޖޭގަ ބޮޑަށް ވިކެނީ ވެސް މޯލްޑިވިއަން ތީމްތަކުގެ ކުރެހުންވީމަ،" ޔާނާ ބުންޏެވެ.

މީގެ ކުރިން ޔާނާގެ އާޓްގެ ގިނަ މަސައްކަތްތަކުން ފެންނަނީ އެކްރެލިކް ސްޓައިލެވެ. އެކަމަކު އާ އެއްޗެހި ޓްރައިކުރަން ބޭނުންވެގެން މިފަހަރުގެ މި އެގްޒިބިޝަނަށް އޭނާ ބޭނުންކުރީ ލަކުޑީގައި ވޯލް ޕުޓީ މީޑިއަމްއެވެ.

ގިނަ ބައެއްގެ ތަރުހީބު މި އެގްޒިބިޝަނަށް އަންނަނީ ލިބެމުން -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

"މީހުން އެހާ ބޭނުމެއް ނުކުރާނެ މި މީޑިއަމެއް. މި މީޑިއަމްގެ ކުރެހުންތައް ބޮޑަށް ކްލޭއިން ހަދާފަ ހުންނަނީ. އެކަމަކު ކްލޭ އެވެއިލަބްލް ނޫންވީމާ އައި ތޯޓް އޮފް އެކްސްޕިރަމެންޓިން މި މީޑިއަމް ޕުޓީ ލައިގެން،" ތަފާތު ކަމެއް ތަޖުރިބާކުރި ސަބަބު އޭނާ ކިޔައިދިނެވެ.

ވަކި ތަރުތީބެއްނެތި ނުވަތަ ވާހަކައެއް ދޭހަނުވާހެން ކުރަހާފައިވާ މި ހަ ކުރެހުމުން ދައްކުވައިދެނީ މޫދާ ގުޅުންހުރި މަންޒަރުތަކެވެ. ކޮންމެ ކުރެހުމަކުން ވަކި މެސެޖެއް ދިނުމުގެ ބަދަލުގައި، ޔާނާ ބޭނުންވަނީ މޫދުގެ ގުދުރަތީ ރީތިކަމާމެދު ފަހުރުވެރިވާން ޖެހޭނެ ކަމާއި، މި ރީތިކަން އަތުން ބީވެ ދިޔުމުގެ ކުރިން ހިމާޔަތްކުރަންވާނެ ކަމުގެ މެސެޖު ދިނުމެވެ.

ފޮޓޯ: ހުސެއިން ވަހީދު / މިހާރު

"މި އާޓް މީޑިއަމް މި ޓްރައިކުރީ އަލަށް. އަބަދު ޕެއިންޓް ކުރާތީ މިފަހަރު ބޭނުންވީ ތަފާތު އެއްޗެއް ޓްރައިކުރަން،" ޔާނާ ކިޔައިދިނެވެ.

"އަލަށް ޓްރައި ކުރީމަ އައި ޑިޑިންޓް ނޯ ހައު މެސީ އިޓް ވުޑް އެންޑް. ކުރަހަމުން ދަނިކޮށް އެއްވެސް ކުރެހުމެއް ހަލާކެއް ނުވޭ އެކަމަކު މައިންޑް ޗޭންޖް ވެގެން އެކަތި މަތީ އަނެއްކަތި ކުރަހާފަ އިންނާނެ،" އާ މީޑިއަމްގެ ތަޖުރިބާ ކިޔައިދިނެވެ.

ރައްޓެހިންގެ ވެސް އެހީތެރިކަމާއެކު މި ހުރިހާ އާޓްވޯކެއް ޔާނާ ނިންމީ އެންމެ ދެ ހަފުތާގެ ތެރޭގަ އެވެ.

ރާއްޖޭގެ ޗާޓް ފެންނަ ގޮތަށް ތައްޔާރުކުރި އާޓްވޯކެއް -- ފޮޓޯ؛ ހުސެއިން ވަހީދު/ މިހާރު

ޔާނާ ބުނީ އޭނާގެ ކުރުހުންތައް ގަންނަން ޝައުގުވެރިވެގެން ވަރަށް ގިނަ މީހުން މެސެޖްކުރާ ކަމަށެވެ. އެންމެންގެ ފަރާތުން ވެސް ލިބެނީ ވަރަށް ޕޮޒިޓިވް ކޮމެންޓްސްއެވެ. އެހެންވެ، މީހުން މި ތީމް ބަލައިގަނެ، އޭނާގެ މަސައްކަތަށް ތައުރީފު ކުރާތީ ހުރީ އުފަލުންނެވެ.

ޕައިލެޓްކަން ކިޔަވަމުން، ހޮބީއެއްގެ ގޮތަށް އާޓްގެ މަސައްކަތް ކުރަމުން އަންނަ ޔާނާ ވަނީ މީގެ ކުރިން ވެސް ލެކިއުޓްގައި އޭނާގެ ސޯލޯ އެކްޒިބިޝަނެއް ބާއްވައިފަ އެވެ. އެފަހަރު ތަރުހީބު ލިބުނު ވަރަށް މި އެކްޒިބިޝަނަށް ވެސް ތަރުހީބު ލިބޭނެ ކަމަށް ހުރީ އުންމީދުކޮށްގެންނެވެ.

އާޓްސް އާޓިސްޓް

Popular