18 May 2019

ރޯދަ އަށް ޑައިޓީޝަން އާސިޔާގެ ލަފާ- 7

ރޯދަ އަށް ޑައިޓީޝަން އާސިޔާގެ ލަފާ- 7

މިއީ، "ދޯ"ގެ ލިޔުންތެރިޔާ އަދި އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމާ ކިޔުންތެރިން ކޮށްލަން ބޭނުންވާ ސުވާލުތަކަށް އޮތް ރަނގަޅު ފުރުސަތެކެވެ. ރޯދަ މަހަކީ، ތަފާތު ކެއުންތަކުން ސުފުރާމަތި ފަޅުފިލުވާލަދޭ މަހަކަށް ވާއިރު، ސިއްހީ ކެއުންތަކާއި، ކާނެ ގޮތްތަކާ ބެހޭ ގޮތުން ހިތުގައި ސުވާލެއް އޮތް ނަމަ އާސިޔާ ހުރީ ޖަބާވު ދޭން ތައްޔާރަށެވެ.

އާސިޔާ އާ ކުރަން ބޭނުންވާ ސުވާލެއް އޮތް ނަމަ، ތިރީގައި އޮތް ކޮމެންޓް ބޮކްސްގައި ލިޔެފައި ފޮނުވާށެވެ.

މިއީ، މިއަދުގެ ތިން ސުވާލާއި އޭގެ ޖަވާބުތަކެވެ. ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ތިން ސުވާލަކައިގެން އާސިޔާ ބައްދަލުކުރާނެ އެވެ.

މާބަނޑު މީހުން ރޯދަމަހު ކޮންމެ ދުވަހަކު ކުރުނބަލާއި ހެވާ ބޭނުން ކުރުން ރަނގަޅު ވާނެތޯ؟

ހަކުރު މައްޗަށް ނުދާނަމަ ކޮންމެ ދުވަހަކު 1 ކުރުނބަލަށް ވުރެ ގިނަ ނުވާ މިންވަރަކަށް ކުރުނބަލާއި ހެވާ ބޭނުންކުރުން ގޯހެއް ނޫން. ނަމަވެސް ހަކުރު މައްޗަށް ދާނަމަ މާބަނޑު މީހުން މި ބާވަތްތަކުން ދުރުވެލުން މުހިއްމު.

އަޅުގަނޑަކީ އާއްމުކޮށް ރޯދަމަހު ބަރުދަން ލުއިވާ މީހެއް. އެކަމުގެ ހައްލަކީ ކޮބާތޯ؟

ރޯދަމަހު މާ ބޮޑަށް ބަރުދަން ލުއިވާ ނަމަ ރޯދަ ވިއްލުމާއި ހާރާ ދެމެދު އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ކާލާނީ. އަދި ކެއުމުގައި ނަޓްސް ފަދަ ތަކެތި ހިމަނާނީ. އަދި މައިގަނޑު ކެއުންތަކަށް ސަމާލުކަން ދޭނީ. މާ ބޮޑަށް ބަރުދަން ލުއިވާ ނަމަ (ހަފްތާއަކު ކިލޯއެއްވަރު ނުވަތަ ގިނައިން) ޑައިޓީޝަނަކާ ކޮންސަލްޓް ކުރައްވާނީ.

ހަކުރުބަލީގެ މީހުން ރޯދަމަހު ހުސް ކުރުނބާފެން ބުއިން ރަނގަޅު ވާނެތޯ؟

ހަކުރު ބަލީގެ މީހުން ފުރަތަމަ ރޯދަ ވިއްލާ އެއްޗެއްގެ ގޮތުގައި ކުރުނބާ ފެން ތައްޓެއް ބޯލުން ގޯހެއް ނޫން. ނަމަވެސް ހަކުރު ބަލީގެ މީހަކު ހަކުރު ކޮންޓްރޯލް ނުވެ ހުއްޓަ ރޭގަނޑުގެ އެހެން ގަޑިތަކުގައި ކުރުނބާފެން ބުއިން ރަނގަޅެއް ނޫން.

ރަމަޟާން 2019

Popular