17 May 2019

ނުވެސް ދަންނަ ބަޔަކު ގޮސް ދެނީ ހަދިޔާ ވައްޓެއް!

މި ވަށިތައް ލިބެނީ ސޯޝަލް މީޑިއާގައި މަޝްހޫރު މީހުންނަކަށް ނޫނެވެ. އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށެވެ.

މި ވަށިތައް ލިބެނީ ސޯޝަލް މީޑިއާގައި މަޝްހޫރު މީހުންނަކަށް ނޫނެވެ. އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށެވެ.

By: Shamila Ibrahim

ސޯޝަލް މީޑިއާގައި މަޝްހޫރު ތަށިބަރި ލިބެނީ މަޝްހޫރު މީހުންނަށޭ ބުނާ ސަބަބުތައް ގިނަ އެވެ. ފޯރުންތެރިކަން ކުޑަ މީހަކަށް ނުވަތަ އާއިލާއަކަށް އެ ދިނިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނެ. ތަށިބަރި ބަހަން ފެށީންސުރެ ބަހުސްކުރެ އެވެ. އެކަމަކު އެކި މީހުންގެ މަގްސަދާއި މަސައްކަތް ވެސް ތަފާތުވާނެ އެވެ. މި ބަހުސް ނުކޮށް "މާސީ ޓީމް" އިން އިސްނެގީ ދަތި ހާލުގައި އުޅޭ މީހުން ހަދިޔާ ދިނުމަށެވެ. މި ރޯދަ މަހު އެ ޓީމުން އެ ގެންދަނީ ހަދިޔާ ވަށިތައް ބަހަމުންނެވެ.

މި ހަދިޔާ ވަށިތައް މުލަ ރޯދައާ އެކު ބަހަން ފެށި އެވެ. މާސީ ޓީމުން މީހުންނަށް ސަދަގާތްކުރުމަށް ފައިސާ ހޯދަން ކުރި މަސައްކަތުން، އެކި ފަރާތްތަކުން ދިން ފައިސާ އަށް ތައްޔާރުކޮށްލީ ހަދިޔާ ވަށިތަކެވެ.

"މިކަމުގެ މަގުސަދަކީ ހާލުގައި އުޅޭ ފަރާތްތަކަށް ރޯދަ މަހު އެ ފަރާތްތަކުގެ ބޭނުންތައް ރަނގަޅު ގޮތުގައި ފުއްދުމަށް އެހީތެރިވެދިނުން. އަދި ސޮދަގާތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ބޭފުޅުން އެ ކުރާ ސޮދަގާތް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފޯރު ކޮށްދިނުމުގެ ޔަގީން މަގެއް ތަނަވަސް ކޮށްދިނުން،" މާސީ ޓީމުން ވާހަކަ ދެއްކި އިބްރާހިމް ރަފްހާން ކިޔައިދިނެވެ.

ރޯދަ މަސް ފެށުމުގެ ކުރިން މާސީ ޓީމުން ވަނީ ދެ ޕެކޭޖަކަށް ޑޮނޭޝަނަށް ހުޅުވާލާފައެވެ. އެއީ 250ރ ގެ ޕެކޭޖަކާއި 500ރ ގެ ޕެކޭޖެކެވެ. އޭރު ވަކި މުއްދަތެއް ނެތި ޑޮނޭޓް ކުރެވޭނެހެން އާންމުކޮށްލީ މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް އުންމީދުކޮށްގެންނެއް ނޫނެވެ.

"ޑޮނޭޝަނަށް ހުޅުވާލީމަ އަޅުގަނޑުމެން އެކްސްޕެކްޓް ކުރިވަރަށްވުރެ މާ ގިނަ ރުފިޔާ ލިބުނު. އެހެންވެ މިހާރު ޑޮނޭޝަން ބަންދުކޮށްލާފަ މި އިނީ. މިހާރަށް ބަލަންޏާ ގާތްގަނޑަކަށް 1،000ރ އެއީ ކޮންމެ ދުވަހެއްގެ ހަދިޔާވަށީގެ އަގަކީ."

މި ޓީމުން ކުރިން ނިންމާފައި އޮތީ ފައިސާ އިތުރަށް ލިބެންޏާ، ކޮންމެ ދުވަހަކު ވެސް އިތުރަށް ހަދިޔާ ވައްޓެއް އިތުރު މީހަކަށް ދިނުމަށެވެ. އެކަމަކު ފުރަތަމަ ތަޖުރިބާއަށް ވުމުން އެކަމުގައި އުނދަގޫތަކެއް އުޅެނީއެވެ.

"ކޮންމެ ދުވަހަކު ދެ ގެއަކަށް ޒިޔާރަތް ކުރެވޭހާ މިވަގުތު އަޅުގަނޑުމެންގެ ކެޕޭސިޓީ ނެތީމަ މި ބަދަލު ގެނައީ. އެހެންވެ އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރަކުން ކޮލެޓީ އިންކްރީޒް ކުރުން މިހާރުގެ މަގުސަދަކީ،" ރަފްހާން ބުންޏެވެ.

"އެކަށީގެންވާ ވަރަށް އެ ފައިސާ މީހުންނަށް ރައްދު ކޮށްދެވޭނެ ކަމުގެ ޔަގީންކަން ނެތީމައާ އެއްކޮށް ޑޮނޭޝަން ބަންދުކުރަން ޖެހުނީ. އެހެންވެ ވަރަށް ގިނަ މީހުން އެކަމާ ޝަކުވާ ވެސް ކުރި. ރޯދަމަހު އެކި ހިސާބުތަކުގައި ސޮދަގާތް ކުރަން ބޭނުން މީހުން ވެސް ތިބޭނެތާ. އެ ފުރުސަތު މިހާރު ބަންދުވެފަ އޮތީމަ ވަރަށް ގިނަ މީހުން މާސީ ޕޭޖަށްވެސް މެސެޖް ކުރޭ"

އެންމެ ފުރަތަމަ ދޭން ފެށި 250ރ. ގެ ޕެކޭޖެއްގައި ހިމެނޭ ވަރަށް ވުރެ ގިނަ އައިޓަމް މިހާރުގެ 1،000ރ ގެ ޕެކޭޖްގައި ހިމެނޭނެ ކަމަށް އެ ޓީމުން ބުންޏެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް ވެސް މި ޕެކޭޖްތަކުގައި ހިމެނޭނެއެވެ.

މާސީގެ އުންމީދަކީ ސަދަގާތް ކުރުމުގެ މަތިވެރި އަޅުކަން އަހަރެމެން އެންމެންގެ ކިބައިގައި ވެސް އަށަގަންނުވައި، ދަތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިވާ ބަޔަކު އުފެއްދުމެވެ. އެ މަސައްކަތުގައި މި ޒުވާނުން މި ދައްކަނީ ފުރިހަމަ ނަމޫނާއެވެ.

"މާސީގެ ޓީމުން މީގެ ކުރިން އެހީވި ބައެއް ޕޭޝެންޓުންނަށް ވެސް ހުންނާނެ ހަދިޔާވަށި ދީފަ. އޭގެ އިތުރުން ފަގީރުންގެ ލިސްޓާ އެއްގޮތަށް އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމުން މި ގެންދަނީ."

މި ހަދިޔާ ވަށިތައް ލިބޭ ގިނަ މީހުންނަށް މާސީ ޓީމެއް ނުވެސް އެނގެ އެވެ. ގިނަ މީހުން ސޯޝަލް މީޑިއާ ވެސް ބޭނުމެއް ނުކުރެ އެވެ. އެހެންވެ، ނުވެސް ދަންނަ ބަޔަކު ގޮސް ހަދިތާތަކެއް ދިނުމުން ލިބޭ އުފާ ބޮޑެވެ. މާސީ އަށް ވެސް އެއީ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

ފަގީރުކަން

Popular