17 May 2019

By: Ifraz Ali

މަޣްރިބް ނަމާދަށް ބަންގި ގޮވަން ކުޑަތަންވެފައި ހުއްޓައި، މަޖީދީމަގު ނަލަހިޔާ ހޮޓަލާ ހިސާބަށް އަރާ ހަމަވަނީ އެވެ. ރޯދަ ވީއްލާ ވަގުތަށް ގެޔާ ހަޔަމަށް ނުފޯރާނެކަން ޔަގީނެވެ. އެ ހިސާބަށް އަރާ ހަމަވިތަނުން ޒުވާނަކު އައިސް، މި އޮތީ ރޯދަ ވީއްލަން ފެންފުޅިއަކާ ކަދުރޭ ކިޔާފައި ދިއްކޮށްލި އެވެ. އެ ވަގުތު އެ ހިސާބުން ދިޔަ އެތައް ބަޔަކަށް މި ޒުވާނާ އާއި އޭނާގެ ޓީމުން ފެންފުޅި އާއި ކަދުރު ބަހަމުން ދިޔަ އެވެ.

މިއީ #ހޭސްޓެންޔުއާއިފްތާރު ގެ ނަމުގައި، ދީނީ ރީތި އާދަކާދަ ޕްރޮމޯޓުކުރުމަށް މަސައްކަތްކުރާ ޒުވާން ޓީމަކުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެކެވެ. ދީނީ ކަންކަމަށް މީހުން ޝައުގުވެރިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ކޮފީ މޭޒެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން، ޓީމް ދައުވާ މޯލްޑިވްސްގެ ނަމުގައި މި ޒުވާނުންގެ މަސައްކަތް ފެށުނެވެ. ފުރާވަރުގައި އަށް ޒުވާނަކު ގުޅިގެން ވުޖޫދުވި މި ޓީމަށް މިހާރު ހަ އަހަރުވީ އެވެ.

ސިނަމާލެ ބްރިޖް ސަރަހައްދުން ދާ މީހަކަށް ރޯދަވިއްލުން ދެނީ --

ބަންގި ގޮވާ ވަގުތަށް، އެކި ސަބަބުތަކާ ހެދި ގެއަށް ނުދެވި މަގުމަތީގައި ތިބޭ މީހުންނަށް ރޯދަ ވީއްލުން ދެނީ މި ޓީމުންނެވެ. ކޮންމެ މީހަކަށް ފެންފުޅިއަކާއި ތިން އޮށް ކަދުރެވެ. މަގުސަދަކީ ބަންގި ގޮވުމާއެކު ވީހާ ވެސް އަވަހަކަށް ރޯދަ ވީއްލުމަށް މީހުނަށް ހިތްވަރުދިނުމެވެ.

"މިދިޔަ ހަ އަހަރު ކޮންމެ ރޯދަ މަހަކު މި ހަރަކާތް ކުރިއަށް ގެންދިޔަ. ފުރަތަމަ ފެށިއިރުގައި ކޮންމެ ދެ ދުވަހަކުން އެއް ދުވަހު މިގޮތަށް މީހުންނަށް ރޯދަ ވީއްލުން ދެނީ. މިދިޔަ ތިން އަހަރުން ފެށިގެން ކޮންމެ ދުވަހަކު ރޯދަ ވީއްލުން ދެން،" މިފަހަރު މި ހަރަކާތް ހިންގުމާއި އިސްކޮށް ހަވާލުވެހުރި، ހައްސާން ސަލީމް ބުންޏެވެ.

ޓީމް ދަޢުވާގެ ފަރާތުން ރޯދަވިއްލުމަށް ދޭ ކަދުރާއި ފެން: ކޮންމެ ދުވަހަކު 300 ވަރަކަށް މީހުނަށް ދޭ --

"މިއީ އަސްލު ވަރަށް ސިމްޕަލް އައިޑިއާއެއް. ރަސޫލާ (ސއވ) ގެ ސުންނަތެއް މި ޕްރޮމޯޓު ކުރެވެނީ. ހާރު ކެއުން ވީހާ ވެސް ލަސްކޮށްފައި، އަދި ރޯދަ ވީއްލުން ބަންގި ގޮވުމާއެކު ވީހާ ވެސް އަވަސްކުރަން މި އޮންނަނީ. އެހެންވީމަ އެ މަގުސަދުގައި މި ހަރަކާތް މި ކުރިއަށް ގެންދަނީ،" މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ވިސްނުން އައި ގޮތް ކިޔައިދިނެވެ.

"އަދި އަޅުގަނޑުމެންނަށް ވެސް މި ލިބެނީ ވަރަށް ބޮޑު ސަވާބެއް. އެއީ މީހަކަށް ރޯދަ ވީއްލުމެއް ދީފިއްޔާ އެމީހެއްގެ ރޯދައިގެ ސަވާބު އެ ދޭ ފަރާތަކަށް ލިބޭ."

ސިނަމާލެ ބްރިޖް ސަރަހައްދުން ދާ މީހަކަށް ރޯދަވިއްލުން ދެނީ --

މާލޭގެ ހަތަރު ސަރަހައްދެއްގައި ކޮންމެ ދުވަހަކު ވެސް މި އެއްޗެއްހި ބަހަ އެވެ. މި ރޯދަ މަހު މި ހަރަކާތް ކުރިއަށް ގެންދަނީ ނަލަހިޔާ ކައިރީގަ އާއި ސިނަމާލެ ބްރިޖް ސަރަހައްދާއި ފުޑްކޯޓް ސަރަހައްދުގައި އަދި އެމްއެމްއޭ ކައިރީގަ އެވެ. މި އަހަރު ހުޅުމާލޭގައި ވެސް މި ހަރަކާތް ވަނީ ފަށައިފަ އެވެ. އަދި ރަށްރަށުގެ އެންޖީއޯތަކާ ގުޅިގެން ވެސް މި ހަރަކާތް ފެށިއިރު، މިފަހަރު ލާމު އަތޮޅުގައި ވެސް މިކަން ކުރިއަށްދެ އެވެ.

މިކަމަށް ފަންޑު ހޯދަނީ ކޮންމެ ރޯދަމަހަކާ ދިމާކޮށް، އެ ޓީމުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޖަހައިގެން ލިބޭ ޑޮނޭޝަން ފައިސާއިންނެވެ. މިފަހަރު މި ހަރަކާތް ކުރިއަށް ގެންދަނީ 74 ވޮލަންޓިއަރުންގެ ވެސް އެހީއާއެކު އެވެ.

ނަލަހިޔާ ސަރަހައްދުން މީހަކަށް ރޯދަ ވީއްލުން ދެނީ --

"ވަރަށް ހަރަދު ކުޑަކޮށް މި ހަރަކާތް ކުރިއަށް މި ގެންދަނީ ވެސް. ގާތްގަނޑަކަށް 350 ރުފިޔާ ހަރަދުކޮށްގެން 100 މީހުނަށް ރޯދަވިއްލުން އެބަދެވޭ. ކޮންމެ އިފްތާރް ޕެކްއަކަށް 3.50ރ. މި ދަނީ،" ޓީމުގެ މެންބަރަކު ކިޔައިދިނެވެ. އޭނާ ބުނީ ދުވާލަކު ގާތްގަނޑަކަށް 300 މީހުންނަށް ރޯދަ ވިއްލުން ދޭ ކަމަށެވެ.

މި ހަރަކާތަށް ހަރަދުވާ ފައިސާއަށް ފަހު ބާކީވާ ފައިސާ އެ ޓީމުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކަށް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.

"ފުރަތަމަ މިކަން ފެށިއިރުގައި ވަރަށް ގިނަ ސުވާލުތަކެއް އައި. ކިހިނެއްހޭ ޓްރަސްޓް ކުރެވޭނީ. ކީއްވެހޭ މިސާލަކަށް ރެޖިސްޓާ ނުވެ އުޅެނީ. ޖަމިއްޔާއެއްގެ ބެންކް އެކައުންޓެއް ވެސް ބޭނުންނުކުރަނީ ކީއްވެހޭ. އެހެން ނަމަވެސް އަޅުގަނޑުމެން ރައްޓެހިން ކޮޅެއް، ވަރަށް އިންފޯމަލްކޮށް ކުރިއަށް ގެންދާ ކަމަކަށް ވީމަ ޓްރަސްޓް ބޭސްކޮށް ކުރިއަށް މިދަނީ،" މިދިޔަ ހަ އަހަރު ވެސް އެ އިތުބާރު ބާއްވާ އެކި މީހުންގެ ފަރާތުން ޑޮނޭޝަންތައް ލިބިފައިވާތީ ޝުކުރު އަދާކުރާ ކަމަށް ޓީމް ދަޢުވާގެ ހާތިމް ޔޫސުފް ބުންޏެވެ.

ނަލަހިޔާ ސަރަހައްދުން ދާ މީހަކަށް ރޯދަވިއްލުން ދެނީ --

މި ހަރަކާތުގެ އިތުރުން، މާލެ އަންނަ ޓޫރިސްޓުންނަށް އިސްލާމް ދީނުގެ ފުރިހަމަކަން އަންގައިދިނުމަށް އެމީހުނާ ވާހަކަދެއްކުމާއި ލީފްލެޓް ބެހުމުގެ ހަރަކާތްތައް ވެސް މި ޓީމު ކުރިއަށް ގެންދެ އެވެ. އަދި ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރާގެ މީހުންނަށް އަމާޒުކޮށް ދީނަށް ހޭލުންތެރިކުރުމަށް އިލްމުވެރިން މެދުވެރިކޮށް ވެސް ތަފާތު އެކި ޕްރޮގުރާމްތައް ކުރިއަށް ގެންދެ އެވެ.

"ދަޢުވާ އަކީ އިސްލާމް ދީނަށް މީހުންނަށް މަރުހަބާ ކިޔުން. އަދި އެމީހުންނަށް މި ދީނުގެ ރީތި އުސޫލުތަކާއި އެއްޗެއްހި ބުނެދިނުން،" މި ޓީމުގެ އުފެދުނީ އެ މަގުސަދުގައި ކަމަށް ހާތިމް ބުންޏެވެ.

އެ ދުވަހު އަހަންނަށް ވީގޮތަށް ބަންގި ގޮވާ ގަޑިއަށް ރޯދަ ވިއްލަން ގެއަށް ނުދެވިފައި ތިބޭ އެކި މީހުނަށް، މިއީ ޓީމް ދަޢުވާގެ ފަރާތުން ދޭ ދައުވަތެކެވެ.

ރަމަޟާން 2019

Popular