25 May 2019

"ދޯ"ގެ ގަދަ 10: މިއީ އެންމެ މަގުބޫލު އާޓިކަލްތައް

"ދޯ"ގެ ގަދަ 10: މިއީ އެންމެ މަގުބޫލު އާޓިކަލްތައް

By: Ifraz Ali

"ދޯ" އަކީ ރާއްޖޭގެ އެހެން ހުރިހާ މީޑިއާތަކާ ހިލާފަށް، ވަރަށް ތަފާތު އާޓިކަލްތަކާއި ކޮންޓެންޓް އުފައްދައި، އާންމުންނާ ހަމައަށް ގެނެސްދޭ ނޫހެކެވެ. "ދޯ" ތަފާތު ވަނީ އެހެންވެ އެވެ. "ދޯ" އަށް މިއަދު ދެ އަހަރު ފުރި. ތިން ވަނަ އަހަރަކާ ކުރިމަތިލާއިރު ވޭތުވެދިޔަ އަހަރު ފާއިތުވެގެން ދިޔައީ ވެސް، އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ ގިނަ އާޓިކަލްތަކެއް ދޫކޮށްލުމަށް ފަހު އެވެ.

ތިރީގައި މި ވަނީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އާންމުންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި 10 އާޓިކަލެވެ. މި އާޓިކަލްތައް މި ގެނެސްދެނީ ތަފާސްހިސާބުތަކަށް ބަލައި، އޭގެ ތަރުތީބުންނެވެ.

ދުންނަ އާއި އައިޝް

އެކަކު އަނެކަކު ނުވެސް ދަންނަ އަދި ތިމާގެކަމުގެ އެއްވެސް ގުޅުމެއް ނެތް ދެ މީހަކު މާ ބޮޑަށް ވައްތަރުވެއްޖެ ނަމަ ހައިރާންވެދާނެ އެވެ. ދުންނަ އާއި އައިޝްއަކީ، އެ ދެ މީހުންގެ މޫނުމަތީގެ ސިފަތަކުން ވަރަށް އެއް ވައްތަރުކަމެއް ހުންނަ ދެ މީހުންނެވެ. މިދިޔަ އަހަރު އެންމެ ހިނގީ މި ދެ މީހުންނާ ބެހޭގޮތުން ގެނެސްދިން އާޓިކަލެވެ.

މީހުންގެ ސަމާލުކަމަށް އެ ދެ މީހުން ފުރަތަމަ އައީ މަޝްހޫރު ފޮޓޯގްރާފަރު، އަހްމަދު ސުނީ ލައްވާ ފޮޓޯ ނަގުވާފައި ޝޯޝަލް މީޑިއާގައި އާންމުކުރި ހިސާބުންނެވެ. އެ ފޮޓޯ ނެގި ދުވަހަކީ އެ ދެ މީހުން ފުރަތަމަ އަލަށް ވެސް ދިމާވި ދުވަހެވެ.

ހަމްދާން ހަމަ ދިގުވަނީ

އަހްމަދު ހަމްދާން މަޝްހޫރުވެފައި ވަނީ ރާއްޖޭގައި ހުރި އެންމެ ދިގު ކުއްޖާގެ ގޮތުގަ އެވެ. އިސްކޮޅުގައި ގާތްގަނޑަކަށް މިހާރު ހަތް ފޫޓު ހުރި ހަމްދާންގެ ވާހަކައަކީ ދެން އެންމެ ގިނަ ބަޔަކު ކިޔާލި ލިޔުމެވެ. މިއީ "ދޯ" އިން ހަމްދާންގެ ވާހަކަ ގެނެސްދިން ދެ ވަނަ ފަހަރު ވެސް މެއެވެ.

ދެ ވަނަ ފަހަރަށް ގެނެސްދިނީ ހަމްދާންގެ އިސްކޮޅު، ދިގުވުން ނުހުއްޓި ހަމަ އެ ބާރުމިނުގައި ގޮސް ކުރިއަށް ވުރެ ވެސް ދިގުވެފައި ހުރީމަ އެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރު ހަމްދާން އިންޓަވިއު ކުރިއިރު އޭނާގެ އިސްކޮޅުގައި ހުރީ 6 ފޫޓު 6 އިންޗި އެވެ. މިދިޔަ އަހަރު އިންޓަވިއު ކުރި އިރުގައި އިސްކޮޅުގައި ހުރީ 6 ފޫޓް 9 އިންޗި އެވެ.

ގޮންޖެހުންތަކާ އެކު މަލް ކުރި ދިގު ދަތުރު

ހުނަރުވެރި އަދި ހިތްވަރުގަދަ ޒުވާނުންގެ ވާހަކަތަކަށް ގެނެސްދިނުމަށް "ދޯ" އިން އަބަދުވެސް އިސްކަމެއް ދެ އެވެ. ކުރީގެ ނޫސްވެރިޔާ އަދި މިހާރު މޮޅު ޝެފެއް ކަމުގައިވާ 26 އަހަރުގެ މަލީހާ އާދަމް (މަލް) އަކީ ވެސް އެފަދަ ޒުވާނެކެވެ.

ނޫސްވެރިކަމުގެ ދާއިރާ ކުރަންޖެހުނު ބައެއް ހިތްދަތި ތަޖުރިބާތަކާއެކު އެ ދާއިރާ ދޫކޮށްލީ އެވެ. އަދި ކުޑައިރުއްސުރެ ކެއްކުމަށް އުފެދިފައި އޮތް ހާއްސަ ޝައުގުވެރިކަން ޕްރޮފެޝަނަކަށް ހެދުމަށް އެ ދިމާލަށް މިސްރާބު ބަދަލުކޮށްލީ އެވެ. އެ ދަތުރުގައި ވެސް ދާން ބޭނުންވި މަންޒިލަށް ވާސިލު ވެވުނީ ވަރަށް ގިނަ ހިތްދަތި ދުވަސްތަކެއް ތަޖުރިބާކޮށްފަ އެވެ.

ސެލެބްރިޓީ ފްރެންޑްސް: ލައިޝާ އާއި ޝިޒޫ

ވީޑިއޯ ސެގްމަންޓުތަކަކީ "ދޯ" ގެ އޯޑިއެންސްގެ މެދުގައި އެންމެ މަގުބޫލު އެކައްޗެވެ. މިހާތަނަށް ތަފާތު އެކި ވައްތަރުގެ ވީޑިއޯ ސެގްމަންޓުތަށް ގެނެސްދީފައިވާއިރު، ސެލެބްރިޓީ ފްރެންޑްސްއަކީ މީގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބެލި ވީޑިއޯތަކެކެވެ. މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދު އަދި އޭނާގެ ބެސްޓް ފްރެންޑް ޝިޒްނާ ރަޝީދުގެ ވާހަކައަށެވެ.

ކުޑައިރު ބާސްކެޓް ކޯޓުން ދިމާވެ، އުފެދުނު އެކުވެރިކަން ވަރުގަދަ ގުޅުމަކަށްވި އެވެ، ލައިޝާއަކީ ލަވަކިޔުމުގެ އިތުރުން ކުޅިވަރަށް ހާއްސަ ޝައުގުވެރި ކަމެއް އަބަދުވެސް ހުންނަ ފަންނާނެކެވެ. ލައިޝާ އާއި ޝިޒޫއަކީ ދިވެހި ބާސްކެޓުގައި ފާހަގަކޮށްލެވޭ ދެ ނަމެވެ. ޝިޒޫއަކީ ލައިޝާގެ ފުރަތަމަ ބާސްކެޓް ކޯޗެވެ. އުމުރުގެ ގޮތުން ދެ މީހުންގެ މެދުގައި ބޮޑު ފަރަގެއް އޮތް ނަމަވެސް މިއީ އެކުވެރިކަމުގެ މިސާލެކެވެ.

ދުވުންތަކުގެ ތެރެއިން ރިޝްމީ

ރާއްޖޭގައި މި ފަހުން ބޭއްވި ހުރިހާ ދުވުމެއްގައި ކަހަލަ ގޮތަކަށް، އަންހެނުންގެ ތެރެއިން އަބަދުވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެކަކަށްވީ އައިޝަތު ރިޝްމީ އެވެ. ރިޝްމީގެ ވާހަކަ ވެގެންދިޔައީ ވަރަށް ގިނަ މީހުނަށް ލިބުނު ހިތްވަރަކަށެވެ.

ހިތުގެ އޮޕަރޭޝަނަކަށް ފަހު ކުރިމަތިލާންޖެހުނު ޑިޕްރެޝަންގެ ކަޅު ދުވަސްތަކުން އަރައިގަނެ، ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ ހިތްވަރު ހޯދި ގޮތް ބަލައިލުމަށް މިއީ ކޮންމެހެން ކިޔާލަންޖެހޭ ވާހަކައެކެވެ.

މައީ އާއި މިފޫގެ ލޯބި!

ސެލެބްރިޓީ ކަޕުލްސްގެ ގުޅުމުގެ ވާހަކަތަކަށް ކިޔުންތެރިންގެ ސަމާލުކަން އަބަދު ވެސް ލިބެ އެވެ. މިދިޔަ އަހަރު ފަހުކޮޅު "ދޯ" އިން ގެނެސްދިން އެކި ސެލެބްރިޓީ ކަޕުލްސްގެ ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކިޔާލީ މޯލްޑިވިއަން އައިޑޮލްގެ ފަހު ސީޒަނުން ވިދާލި މަރިޔަމް މައީޝާ އަދި އޭނާގެ ލޯބިވެރިޔާ މިފްޒާލް އާމިރުގެ ވާހަކަ އެވެ.

ދެ މީހުންގެ ގުޅުމަށް ފަސް އަހަރުވީ އިރު، ކައިވެންޏަށް ވެސް ތައްޔާރުވަމުން އަންނަ ހަބަރު ވެސް މި ޖޯޑު ދިނެވެ. މި ލޯބީގެ ފެށުމަކަށްވީ ސަލްޓަން ޕާކުން ތައުޒަން ފްލާވާ ކޮޅެއް ބިނދެލައި، މައީ އިސް ވެ މިފޫއަށް ހުށަހެޅުމުންނެވެ.

ޝާޔާގެ ކުލަ ދުނިޔެ

ޝާޔާގެ "މޫނު" ރަސްމީކޮށް އާންމުކޮށްލަދިން ހުށަހެޅުމަކީ މަޝްހޫރު ޒުވާން ކުރެހުންތެރިޔާ އަޓިކޭގެ ހަމަ އެވަރަށް މަޝްހޫރުވި ކުރެހުން "ވިޓިލައިގޯ" އެވެ. މިހާރު 17 އަހަރުގެ ޝާޔާ އޭނާގެ އުމުރު ދެ އަހަރުގައި ވިޓިލައިގޯ ނުވަތަ ހުދުބައްޔަށް ޑައިގްނޯސްވެ ކުރި ތަޖުރިބާ "ދޯ" ގެ މޭކްއޯވާގައި ކިޔައިދިނެވެ.

ޝާޔާ ގަބޫލުކުރާ ހިތްވަނީ ވިޓިލައިގޯ އޭނާ އަށް ދެއްކި ދިރިއުޅުމުގެ ކުލަތަކެއް ކަމަށެވެ. ހޮބީއެއްގެ ގޮތުގައި މޮޑެލްކުރާ، ޝާޔާ އޭރު ތައްޔާރުވަމުން ދިޔައީ ސައިކޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރުމަށެވެ.

ފިޓް ފާޒިލް އަށް އެންމެ ސަޅީ...

ފާއިތުވި އަހަރު އެންމެ ގިނަ ފާޑުކިޔުންތައް ލިބުނު އެއް ލިޔުމަކަށްވީ މިއެވެ. ޝޯޝަލް މީޑިއާގައި މަޝްހޫރު ސެލެބްރިޓީއެއް ކަމުގައިވާ ފިޓް ފާޒިލް އޭނާގެ ހިތް އަތުލެވޭނެ އަންހެން ކުއްޖެއްގެ ހުންނަންޖެހޭނެ ސިފަތައް މި އިންޓަވިއުގައި ކިޔައިދިނެވެ. ހިކިކޮށް ކުޑަކުޑަކޮށް ހުންނާތީ ބުލީގެ ޝިކާރައަކަށްވެ، ޅަފުރާގައި އަންހެން ކުދިންގެ ޝައުގުވެރިކަމެއް ވެސް އޭނާއަކަށް ނުލިބުނެވެ.

ފިޓްނެސްގައި މާ އުހަށް އަރައިގެން ދިޔައިރު އަންހެން ކުދިންގެ ހިތްތަކުގެ އެންމެ ފުންމިނަށް ވެސް ފާޒިލް ވަނީ ފީނައިގެންފަ އެވެ. އެކަމަކު ފާޒިލް އަދި ވެސް ހުރީ ހަމަ ސިންގަލް ކޮށެވެ. ފާޒިލް ހިތްއެދޭ ކަހަލަ ކުއްޖަކާ އަދި ދިމާނު ވަނީ ކަމަށް އޭރު އޭނާ ބުންޏެވެ.

މަޝްހޫރު މޮޑެލް، ކައިޒީން

މިއީ ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް މޮޑެލް އެވެ. "ދޯ" ގައި މިހާތަނަށް ކައިޒީން އާ ބެހޭގޮތުން ގެނެސްދިން ހުރިހާ ލިޔުމެއް ވެސް ވަރަށް ގިނަ މީހުން ކިޔާފައިވެ އެވެ. ކައިޒީން އޭނާގެ "ލުކް" އަށް ގެނައި ބޮޑު ބަދަލާ އެކު އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީއެއް ކަމުގައިވާ ކައިލީ ޖެނާއާ ވައްތަރުވެ، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

އައިޝްގެ މޭކްއޯވާ

"ދޯ"ގެ މަގުބޫލު މޭކްއޯވާ ސެގްމަންޓުގައި މިދިޔަ އަހަރު އެންމެ ހިނގީ އައިޝަތު ގާހިރާ (އައިޝް) އެވެ. ގައުމީ ބޭންކް، ބީއެމްއެލްގައި ހަތް އަހަރު މަސައްކަތް ކުރުމަށްފަހު މިހާރު އޭނާ މަސައްކަތްކުރަނީ އެމްޓީސީސީގަ އެވެ.

ސްކޫލް ނިންމާލި ގޮތަށް ބެންކަށް ވަޒީފާ އަށް ވަނީ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެން ކަމަށްވާ ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގައި ކުލަ ޖެއްސުމުގެ ކުރިން މަސައްކަތުގެ މާހައުލު ތަޖުރިބާ ކޮށްލާށެވެ. އެ ދަތުރު ވީ އައިޝްގެ މުޅި ކެރިއަރު ބަދަލުކޮށްލި ދަތުރަކަށެވެ. މިއީ އެ ވާހަކަ އެވެ.

"ދޯ" ލިޔުންތަކުގެ އިތުރުން، ޝައިއުކުރާ ސިލްސިލާ އެކި ވާހަކަތަކަކީ އެންމެ ގިނައިން މީހުން ކިޔާ އެއްޗިއްސެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ކިޔާފައިވާ ވާހަކައަކީ މަރިޔަމް ޔަސްމާގެ "ނުދާށެ ދޫކޮށްފާ" އެވެ. މިއީ އާދަޔާ ހިލާފަށް ކިޔުންތެރިންގެ މެދުގައި ސަމާލުކަން ލިބުނު ވާހަކައެކެވެ.

ދޯ އޮންލައިން ދޯ މަޖައްލާ

Popular