15 Jun 2019

ކައިވެނިމައްޗަށް ދިއުން: މިއީ ކޮން ވީޑިއޯއެއް؟

ކައިވެނިމައްޗަށް ދިއުން: މިއީ ކޮން ވީޑިއޯއެއް؟

By: Aishath Maaha

އެއީ މީގެ ތިން އަހަރުކުރި އެވެ. ސީދާ ތާރީހު ހަނދާން ނެތަސް އެއީ ވަކި ހާއްސަ ދުވަހެއް ވެސް ނޫނެވެ. އެކަމަކު އަބްދުﷲ ނިޝާމް، 23، އަދި ޝައްމާ އަބްދުއްރައްޒާގް، 18، އަށް އެއީ ހާއްސަ ދުވަހެކެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު 467/03ރ. ގެ ރަނަށް ކައިވެނި ކުރި މި ދެ ޒުވާނުންނަށް ފުރަތަމަ ފަހަރަށް ފެނުނު ދުވަހެވެ. މިއީ މަޝްހޫރު ދެ ޒުވާނުންނެއް ނޫނެވެ. އެކަމަކު މި ދެ ޒުވާނުންގެ ވީޑިއޯއެއް ވައިރަލްވެ މަޝްހޫރުވެއްޖެ އެވެ.

އިންސްޓަގްރާމުން ދިން ފުރަތަމަ ލައިކާއެކު އުފެދުނު ގުޅުން ތިން އަހަރު ފަހުން މިހާރު އޮތީ ރަސްމީވެ ދެމަފިރިންނަށް ވެފަ އެވެ. ދުރާލައި އެތައް ޕްލޭނެއް ކޮށްގެން "ރޯޑު ވެޑިން" އެއް ބާއްވައި ދެ މީހުންގެ އެ އުފާވެރި ދުވަސް ހަނދާން ނުނެތޭ ވަރަށް ފާހަގަކުރި އެވެ.

މި ދެ ޒުވާނުން "ކައިވެނި މައްޗަށް" ދިއުމުގެ މަންޒަރު ފެންނަ ވީޑިއޯ ވައިރަލްވީ މަޝްހޫރު ފޮޓޯގްރާފަރު "ސާލިހާ"ގެ ފޭސްބުކް ޕޭޖަށް ދޫކޮށްލުމާ އެކުގަ އެވެ. ސޯޝަލް މީޑިއާގައި މިއަދު އެންމެން ޝެއާ ކުރަނީ މިދެމަފިރިންގެ ވީޑިއޯ އެވެ.

ނައުޝަމް އާއި ޝައްމާ. -- ފޮޓޯ: ސާލިހާ

ނަމަވެސް މިއީ އެ ދެމަފިރިންގެ "ޕްލޭންޑް" ކައިވެނީގައި އެއްވެސް ވަރަކަށް ޕްލޭންކޮށްފައި އޮތް ކަމެއް ނޫނެވެ. އެއީ ނިޝާމް އާއި ޝައްމާ އަށް ނޭނގި ޔޫސުފް ހަލީލް (ސާލިހާ) ހަދާފައިވާ ވީޑިއޯ އެކެވެ.

"މެންދުރު ކޯޓުގައި ކައިވެނިކޮށްފައި ހަވީރު ކައިވެނި މައްޗަށްދާ ގޮތަށް ޕްލޭންކޮށްފައި އޮންނާނީ. ޝައްމާ އަކީ ގަން ކުއްޖެއް. އެހެންވެ ކައިވެނިކޮށް ނިންމާފައި އޭނަ ދިޔައީ އޭނާގެ ގެއަށް. ނިޝާމް އައީ ނިޝާމް ގެއަށް. އަނެއް ދުވަހު ޕާޓީ އޮންނާތީ ކައިވެނި މައްޗަށް ދިއުން ހަމަޖެއްސީ އެ ދުވަހު ހަވީރަށް،" ކައިވެނީގެ ކަންކަން ޕްލޭންކޮށްފައި އޮތް ގޮތް ނިޝާމް ކިޔައިދިނެވެ.

ކައިވެނި މައްޗަށް ދިއުން

ކައިވެނި މައްޗަށް ދިއުމަކީ ލ. އަތޮޅުގައި ޒަމާނުއްސުރެ ކުރާ ކަމެކެވެ. ކައިވެންޏަށްފަހު އަންހެން ކުއްޖާ ބަލައި، ފިރިހެން ކުއްޖާގެ މަންމަ ނުވަތަ އާއިލާ އިން އަންނަ ކުލަގަދަ އައުމެވެ.

ކައިވެނި މައްޗަށް ދިއުން އޮންނަނީ ހަމައެކަނި ލ. އަތޮޅުގެ ގުޅިފައި މިއޮތް ހަތަރު ރަށުން ރަށެއްގެ ކުއްޖަކާ ކައިވެނިކުރާއިރު އެކަންޏެއް ނޫނެވެ. ކައިރި އެހެން ރަށްރަށަށް ދޯނި ފަހަރުގައި ވެސް ގޮސް އުޅެ އެވެ. ދޯނި ފަހަރުގައި ބޮޑުބެރު ޖަހަމުން، ނަށަމުން އަންހެން މީހާގެ ގެއާ ހަމައަށް "މައިދައިތަ"މެން ދާނެ އެވެ. އަންހެން ކުއްޖާ ގޮވައިގެން އެނބުރި ރަށަށް އަންނާނީ ވެސް އެ ފޯރި އާއި ޖޯޝާ އެކުގަ އެވެ.

މަލުން ތައްޔާރުކުރާ މާފައްޗެއްގެ ބަދަލުގައި ރުފިޔާ ނޫޓުން ތައްޔާރުކުރާ ފައްޗެއް އަންހެން ކުއްޖާގެ ކަރުގައި އަޅުވާނެ އެވެ. އެހެނިހެން ވެސް ގިނަ ހަދިޔާ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން އަންހެން ކުއްޖާއަށް ދިނުން އޮވެ އެވެ. މި ކަންކަމުގައި ބައިވެރިވާނީ ފިރިހެން ކުއްޖާގެ އާއިލާ އާއި ރައްޓެހިންނާއި، އަވަށްޓެރިންނެވެ. އަދި އަންހެން ކުއްޖާގެ އާއިލާއަށް ހާއްސަކޮށްގެން ހާއްސަ ފަރިވަޅެއް ވެސް ގެންނާނެ އެވެ.

މިފަހަކަށް އައިސް އަންހެން ކުއްޖާގެ ފައިގައި ކާށި އެއްސުން އޮވެ އެވެ. އެކަމަކީ ކުރިން ކައިވެނިމައްޗަށް ދާއިރު އޮންނަ ކަމެއް ނޫނެވެ. ކައިވެނި މައްޗަށް އަންނަ އިރު އަންހެން ކުއްޖާގެ ގޭގައި ވެސް ކުޑަވަރެއްގެ ޕާޓީއެއް ތައްޔާރުކޮށްފައި އޮވެ އެވެ.

އަންހެން ކުއްޖާގެ ކަރުގައި، ފިރިހެން މީހާގެ އާއިލާއިން ފައިސާފަތިތަކެއް އަޅުވަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

މިއިން އެއްވެސް ކަމެއްގައި ފިރިހެން ކުއްޖާއަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަންހެން ކުއްޖާ ގޮޮވައިގެން ފިރިހެން ކުއްޖާގެ މަންމަ ގޮސް ހަވާލުކުރަންދެން ޖެހޭނީ ގޭގައި މަޑުކުރާށެވެ.

ސާލިހާގެ ވާހަކަ

ޔޫސުފްގެ އެ ވީޑިއޯ އާއެކު ލ. އަތޮޅުގެ ކައިވެނި މައްޗަށް ދިއުމުގެ ސަގާފަތުގެ ވާހަކަ މިވަނީ ގަދަ ވެފަ އެވެ.

"އެއީ ފޯނުން ނަގާފައި އިން ވީޑިއޯއް. ސައިކަލުގައި ދަމުން އަނެއްބައި ނަގާފައި އެ އިނީ. އޭގެ އަޑުވެސް ވަރަށް ސަކަރާތް، އެހެންވެ 'ކޭ ބޮލާ' ބޮޑުބެރު ކުދިން ލައްވާ އެ ލަވަ ކިޔާފަ ފޯނުން ރިކޯޑުކޮށްގެން ވީޑިއޯ ހެދީ،" ޔޫސުފް ކިޔައިދިނެވެ.

ސާލިހާގެ ނަމުގައި މަޝްހޫރުވެފައިވާ ޔޫސުފް. --

ނިޝާމް އަދި ޔޫސުފްގެ ވެސް ރަށަކީ ލ. ގާދޫ އެވެ. ނަމަވެސް މިހާރު ދިރިއުޅެނީ ފޮނަދޫގަ އެވެ.

"އެ ލަވަ އަކީ މި އަތޮޅު މީހަކު ހަދާފަ އިން ލަވައެއް. ތައުފީގް ކިޔާ ލޯފަން މީހަކު. ވަރަށް މޮޅު މީހެއް އެއީ. އެކަމަކު މީގެކުރިން ނެތް އެ ލަވަ ރިކޯޑުކޮށްފަ އެއް ރަނގަޅު ފެންވަރެއްގަ. ޔޫސުފް އެހެންވެ ބޮޑުބެރު ގްރޫޕްކުދިން ލައްވާ ކިއުއްވާފަ ފޯނުން ރިކޯޑުކޮށްލައިގެން ވީޑީއޯ ހެދީ. މިހާރު އޭގެ ކޮލިޓީ އޯޑިއޯއެއް ވެސް އޮންނާނެ."

ސާލިހާގެ ފޮޓޯއެއް. --

ޔޫސުފާ ހަވާލުކޮށްފައިވާ ޓާސްކުގެ ބޭރުން އެކަން ކުރީ ނިޝާމަކީ އަވަށްޓެރިކުއްޖަކަށް ވީމަ އެވެ. ޔޫސުފަށް ހަވާލުކޮށްފައި އޮތް ޓާސްކަކީ ކައިވެނި ޕާޓީގެ ފޮޓޯތައް ނެގުމެވެ.

ފޮޓޯގްރަފީގައި ޔޫސުފްގެ އަޑުގަދަ އެވެ. އެކަމަކު އެއީ ސާލިހާގެ ނަމުގަ އެވެ. ކެންސަރަށް ފަރުވާކުރަން އިންޑިއާގައި ހުރިއިރު ޕޮކެޓް މަނީގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށްލައިގެން ކެމެރާއެއް ގަނެގެން ފޮޓޯ ނަގަން ފެށިއިރު މިވަރުގެ މަގުބޫލުކަމެއް ލިބިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.

"ޓްރީޓްމަންޓް ނަގަމުން ދިޔައިރު ވީޑިއޯއާ އެއްޗެހި ބަލައިގެން ދަސްކުރީ ފޮޓޯ ނަގާ ހަދަން. އެކަމަކު ފޮޓޯ ނެގޭ ފޯނެއް ލިބުނު ހިސާބުން ފޮޓޯ ނެގުމަކީ އަބަދުވެސް ކުރާހިތްވި ކަމެއް،" ޔޫސުފް ބުންޏެވެ.

ގިނަ ދުވަސްތަކެއް ވާންދެން ޔޫސުފް އޭނާގެ ޕޭޖު ހިންގީ އަމިއްލަ ފޮޓޯއެއް ވެސް ބޭނުންނުކޮށެވެ. އަމިއްލަ މީހާ މަޝްހޫރުވާން ބޭނުންނުވާތީ އެވެ. މުނިކާފަ މަޝްހޫރުވެފައިވާ ނަން "ސާލިހާ" ބޭނުންކުރަން ފެށީ އެހެންވެ އެވެ. ނަމަވެސް އަންހެން ކުއްޖެއްހެން ގިނަ މީހުންނަށް ހީވެ މެސެޖުކޮށް ހަދާތީ އަމިއްލަ ފޮޓޯއެއް ވެސް ބޭނުންކުރަން ފެށީ އެވެ.

ސާލިހާގެ ފޮޓޯއެއް. --

"މީހުންނަށް ހީވަނީ އަންހެން ކުއްޖެކޭ. މެސެޖު ވެސް ކުރޭ ވަރަށް ގިނައިން. އެހެންވެ ފޮޓޯއެއް ލީ،. އެކަމަކު މިހާރު ވެސް ބައެއް މީހުން ސާލިހާ ކިޔާ."

ޔޫސުފް އެންމެ ފުރަތަމަ ފޮޓޯ ނަގަން ފެށީ އޭނާގެ ކޮއްކޮއެއް ގޮވައިގެންނެވެ. ޔޫސުފްގެ ފޮޓޯތައް ތަފާތުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވީ އެވެ. ނަމަވެސް އޭރު ދިރާގުގެ ވަޒީފާގައި އުޅެމުން ފޮޓޯގްރަފީ އަށް މާގިނަ ވަގުތު ނުދިނީ އެވެ. އައިޓީ އަކީ ޔޫސުފްގެ ކެރިއާގެ ގޮތުގައި ކުރިއަށްދާން ނިންމާފަ އޮތް ދާއިރާގެ ގޮތުގައި ކަނޑައަޅާ ފޮޓޯގްރަފީ ދެވަނައަށް ބަދަލުކުރީ އެވެ.

"މިހާރު ވަޒީފާގައެއް ނޫން މިއުޅެނީ. އަމިއްލަ ސްޓޫޑިއޯއެއް ހަދައިގެން ފޮޓޯގްރަފީ އާއި އާޓާއި ޑިޒައިނިން ވެސް ހިމަނައިގެން މި ހިންގަނީ. ފޮޓޯގްރަފީ އަށް ވެސް އިތުރު ވަގުތުދެން އެބަ މިހާރު،"

މިހާރު ވެސް ގިނަ އަދަދެއްގެ ޝޫޓު ލިބޭ ކަމަށް ޔޫސުފް ބުންޏެވެ. އެ ހުރިހާ އެއްޗެއް ނަގަން ބޭނުންވި ނަމަވެސް ވަގުތު ނުދެވޭނެތީ ބައެއް ޝޫޓުތައް ދޫކޮށްލަނީ އެވެ. ޔޫސުފް ބޭނުންވަނީ ގިނަ ފޮޓޯތަކެއް އެއްފަހަރާ ނެގުމުގެ ބަދަލުގައި ވަގުތު ދީގެން އެންމެ ރަނގަޅަށް ފޮޓޯތައް އެޑިޓްކޮށް އޭގެ ވެރިފަރާތަށް ރައްދުކުރާށެވެ.

* ކަވަ ފޮޓޯ: އާޒިމް

ފޮޓޯގްރަފީ ކައިވެނި ހަފްލާ ލ. އަތޮޅު

Popular