25 Jun 2019

މައިކްސް: ހެއާ އެންޑް ބިއުޓީ އަށް މުޅިން އާ ފުރާޅެއް

މައިކްސް: ހެއާ އެންޑް ބިއުޓީ އަށް މުޅިން އާ ފުރާޅެއް

By: Shamila Ibrahim

މަޝްހޫރު ހެއާޑްރެސާ އަދި މޭކަޕްއާޓިސްޓް މީކާއިލް އަހުމަދު (މައިކް) ލައްވާ ނޫނީ އިސްތަށިގަނޑު ސްޓައިލް ކުރަން ބޭނުން ނުވާ މީހުން ބައިވަރެވެ. އެފަދަ މީހުންނަށް މިފަހަރު މިއޮތީ ވަރަށް ވެސް އުފާވެރި ހަބަރެކެވެ.

"މައިކްސް"ގެ ނަމުގައި މައިކްގެ އަމިއްލަ ސެލޫންއެއް ހުޅުމާލޭގައި އިއްޔެ ހުޅުވައިފިއެވެ. މިހާރު ދެން މުނާސަބަތުތަކަށް ދާން މަހެއް ދެމަހެއް ކުރިއްސުރެވެސް އޮޕޮއިންޓްމެންޓްތައް ހައްދާލައިގެން މައިކްގެ ހިދުމަތް ދެން ހަމަ ހިތަކަށް ހޯދަންވީއެވެ.

ޖުމްލަ ހަތް ސްޓާފުންނާއެކު ހުޅުވި މި ސެލޫނުން މޭކަޕް އަދި ބިއުޓީއާ ގުޅުންހުރި ހުރިހާ ހިދުމަތެއް ލިބެއެވެ. މައިކްގެ އިތުރުން އެހެން ހެއާސްޓައިލިސްޓެއްވެސް މި ސެލޫނުގައި އޭނާއާއެކު މަސައްކަތް ކުރެއެވެ. އެހެންވެ މައިކް ހުރީ ހިދުމަތް އަވަސްވެފައި ކަސްޓަމައިޒްވާލެއް ބޮޑުވާނެކަމުގެ ޔަގީންކަން އޭނާގެ ފޭނުންނަށް ދީގެންނެވެ.

ފަނަރަ އަހަރާއި 40 އަހަރާ ދެމެދުގެ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވި މި ސެލޫން ހުޅުވަން އުޅޭކަމުގެ ހިންޓެއް ދިނުމަށް ކުދިކުދި ޕްރޮމޯޓިން ވީޑިއޯތަކެއްވެސް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އެއީ ފޭނުންނަށް މި ހަބަރު ދޭން އޭނާ ބޭނުންކުރި އެއް އުކުޅެވެ.

މި ސެލޫން އަމާޒުކުރެވިފައި ވަނީ އުމުރުން 15 އަހަރާ 40 އަހަރާ ދެމެދުގެ ދެ ޖިންސުގެ މީހުންނަށް-- ފޮޓޯ: ހުސެއިން ވަހީދު / މިހާރު

ޕާޓްނާޝިިޕް ބިޒްނަސްއެއް ގޮތަށް މި ސެލޫން ހިންގިޔަސް، މުޅި މަސައްކަތުގައި އުޅެނީ މައިކްއެވެ. ބިއުޓީ އަދި ހެއާ ރިލޭޓެޑް ހުރިހާ ކަމެއްވެސް ކުރާނީ އޭނާއެވެ. ނުވަތަ އޭނާގެ ސްޕަަވައިޒިންގެ ދަށުންނެވެ.

"އެންމެ ބޮޑު ހެލްޕަކީ މައި ބިޒްނަސް ޕާޓްނަރ (ޕްރެޒެންޓާ) މައުރީން" ސެލޫން ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި އޯޕެނިން އިވެންޓުގެ ޗީފް ގެސްޓަކީވެސް ހަމަ މައުރީނެވެ.

"އަސްލު ވާ ގޮތަކީ މައުރީންއަކީ އެންމެ ފުރަތަމަ ކްލައެންޓުންގެ ތެރެއިން އެކަކު. އޭރުންސުރެ ވަރަށް ގާތް ރައްޓެހިން ގޮތުގައި އުޅެފައި ނައު ވީ ޑިސައިޑެޑް ޓު ޖޮއިން އަވާ ހޭންޑްސް ޓު އޯޕަން އަ ކޮންޕެނީ ޓުގެދާ" މީގެ ކުރިން ނަދާ ސެލޫން އަދި ރޮކްޕޭޕާ ސިޒާގައިވެސް މަސައްކަތް ކުރި މައިކް ކިޔައިދިނެވެ.

މި ސެލޫނުގައި މައިކްގެ އިތުރުން އެހެން ހެއާސްޓައިލިސްޓެއް ވެސް މަސައްކަތް ކުރޭ -- ފޮޓޯ؛ ހުސެއިން ވަހީދު / މިހާރު

މައުރީން އާ ގުޅިގެން ސެލޫން ހިންގިޔަސް، "މައިކްސް" އަކީ މައިކްގެ ބްރޭންޑް ނަމެވެ. އެހެންވެ، މައިކް ހުންނާނީވެސް ފުލްޓައިމްކޮށް މި ސެލޫނުން ހިދުމަތް ދޭން މިކަމަށް ހުސްވެގެންނެވެ.

ހެނދުނު ދިހައަކުން ރޭގަނޑު އަށްގަޑިބަޔާ ހަމައަށް މައިކްގެ މި ސެލޫނުން ހިދުމަތް ލިބެއެވެ. އެކަމަކު ނަމާދު ބްރޭކްގައިވެސް އެޕޮއިންޓްމެންޓްތައް ހެއްދޭނެ ކަމަށް މައިކް ބުންޏެވެ.

މި ސެލޫނާއެކު މި ދާއިރާއިން މައިކް ހާސިލް ކުރަން ބޭނުންވި ހުވަފެން ތަކުގެ ތެރެއިން ހުވަފެނެއްގައި ކުލަ ޖެހުނީއެވެ. އޭނާ ބުނަނީ މިހެންނެވެ.

ހިދުމަތް އަވަސްވެފައި ކަސްޓަމައިޒްވާލެއް ބޮޑުވާނެކަމުގެ ޔަގީންކަން މައިކް ދިން -- ފޮޓޯ: ހުސެއިން ވަހީދު / މިހާރު

"މީހުންނަށް އަސްލު ރަނގަޅު ސާވިސްއެއް ދޭން ބޭނުން ވަނީ. އަންނަ ކޮންމެ މީހަކަށްވެސް ވެލްކަމް ފީލް ވާ ވަރުގެ ސާވިސްއެއް ދޭން މި މަސައްކަތް ކުރަނީ"

މިހާރުގެ ހެއާސްޓައިލް ބަދަލުކޮށްލަން ބޭނުންވިޔަސް ނޫނީ މޭކަޕެއް ކޮށްލަން ވިޔަސް އަވަހަށް "މައިކްސް" ސެލޫނަށް ދާށެވެ. އެއްކަލަ ފޭވަރިޓް މައިކް، އެހުރީ މަރުހަބާ ކިޔަން ތައްޔާރަށެވެ.

Popular